12 ނޮވެމްބަރ 2018 - 01:33
މެންޗެސްޓާ (ނޮވެމްބަރު 11) - ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް މިރޭ އަލުން ޖެހިލައިފި އެވެ.
މިރޭގެ މެޗަށް ސިޓީ ނުކުތްއިރު އެ ޓީމަށް އެއް ވަނަ ގެއްލުނީ މިއަދު ލިވަޕޫލް ކުޅުނު މެޗުން 2-0 އިން ފުލަމް އަތުން މޮޅުވުމުންނެވެ. ސިިޓީ އަލުން އެއް ވަނަ އަށް ޖެހިލީ 12 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 12 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ މިރޭ ލަނޑެއް ނުޖެހި 0-0 އިން އެވަޓަންއާ އެއްވަރުވި ޗެލްސީ އެވެ. ޗެލްސީ އަށް 12 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަަގައިދިނީ އެ ޓީމުގެ ކެޕްޓަން ޑޭވިޑް ސިލްވާ އެވެ. މިއީ ލީގުގައި ސިލްވާ ޖެހިޖެހިގެން ލަނޑު ޖެހި ތިން ވަނަ މެޗެވެ. އަނިޔާގެ ސަބަބުން ޕައުލް ޕޮގްބާ ނުލައި ކުޅުނު ޔުނައިޓެޑަށް ފުރަތަމަ ހާފުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ދެ ވަނަ ހާފް ފަށައިގެން ތިން ވަނަ މިނިޓްގައި ސިޓީގެ ލީޑުފުޅާކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ.
ޔުނައިޓެޑުން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ރޮމެލޫ ލުކާކޫ ކުޅެން އަރުވައިފަ އެވެ. ލުކާކޫ ކުޅެން އެރިތާ މާގިނަ އިރުތަކެއްނުވެ އޭނާ ވަނީ ޔުނައިޓެޑަށް ޕެނަލްޓީއެއް ހޯދައިދީފަ އެވެ. މެޗުގެ 58 މިނިޓްގައި އެ ޕެނަލްޓި ކާމިޔާބުކުރީ އެންތަނީ މާޝިއަލް އެވެ. މި ލަނޑާ އެކު މާޝިއަލް މި ވަނީ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދީފަ އެވެ. އޭނަ އަކީ ޔުނައިޓެޑް ތާރީހުގައި އެކަން ހާސިލްކުރި ފަސް ވަނަ ކުޅުންތެރިޔާ އެވެ.
ޔުނައިޓެޑުން ލަނޑު ޖެހުމަށް ފަހު ކުޅުން ރަނގަޅުކުރި އެވެ. އަލެކްސިސް ސަންޗޭޒާއި ހުއާން މަޓާ ކުޅެން އެރުވި އެވެ. އެކަމަކު ސިޓީގެ ފަހަތުން ޖޯން ސްޓޯންސް އާއި އައިމެރިކް ލަޕޯޓް ކައިރިން ދެވޭގޮތެއްނުވި އެވެ. ސިޓީ މޮޅުކޮށްދިން ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮވާން އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ގުންޑޮވާން މި ލަނޑު ޖެހީ އޭރިއާ ތެރެއިންނެވެ.
މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ސިޓީ އަށް އަމިއްލަ ދަނޑުގައި ލީގުގައި ޔުނައިޓެޑް އަތުން ހޯދުނު ފުރަތަމަ މޮޅެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ މި ސީޒަނުގައި އަދި މެޗަކުން ބަލިނުވެ އެވެ. ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުނައިޓެޑް ލީގުގެ އަށް ވަނައިގައި އޮތްއިރު، އެ ޓީމު ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ.
މިރޭގެ މެޗަށް ފަހު މޮރީނިއޯ ބުނީ މިއީ ޔުނައިޓެޑްގެ ފަހަތުން ފަރުވާކުޑަކޮށްލައިގެން ހެދުނު ގޯސްތަކުގެ ނަތީޖާ ކަމަށެވެ. އަދި ގާތްގާތުގައި ވަރުގަދަ ދެ މެޗެއް ރަށުންބޭރުގައި ކުޅެން ޖެހުމުން އޭގެ ވަރުބަލިކަން ވެސް ކުޅުންތެރިންގެ ކިބައިން ފެނުނު ކަމަށް ބުންޏެވެ.
ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ސަލާހާއި ޒެރްޑަން ޝަކީރީ އެވެ. އެންމެ ފަހުން ކުޅުނު މެޗުން ޗެމްޕިއަންސް ލީގުގައި ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން ބަލިވުމުން އަލުން ފޯމަކަށް އެޅެން ލިވަޕޫލަށް އޮތީ މި މެޗުން މޮޅުވުން މަޖުބޫރުވެފަ އެވެ.
ޗެލްސީގެ ކޯޗު ސާރީ: އޭނާ ވަނީ ލީގުގައި ބަލިނުވެ 12 މެޗު ހަމަކޮށް ރެކޯޑެއް ގާއިމްކޮށްފައި. -- ފޮޓޯ: އޭއެފްޕީ
ލީގުގައި މިރޭ ޗެލްސީ އަމިއްލަ ދަނޑުގައި އެވަޓަންއާ އެއްވަރުވިއިރު، އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ޗެލްސީގެ މާކޯސް އަލޮންސޯ އާއި ރަނގަޅު ފޯމެއްގައި މި ވަގުތު ހުރި އަލްވާރޯ މޮރާޓާ ފޮނުވާލި ބޯޅަތައް އެވަޓަންގެ ގޯލުގައި ހުރި އިންގްލެންޑް ގައުމީ ޓީމުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
މި ސީޒަނުގައި މިހާތަނަށް ލީގުގައި ބަލިނުވެ އޮތީ ޗެލްސީގެ އިތުރުން ސިޓީ އާއި ލިވަޕޫލް އެވެ. އެކަމަކު މި ތިން ޓީމުގެ ތެރެއިން މި ކާމިޔާބީ މިހާރު ހާއްސަވަނީ ޗެލްސީގެ ކޯޗު އިޓަލީގެ މައުރީޒިއޯ ސާރީ އަށެވެ. އޭނާ އަކީ އަލަށް ޕްރިމިއާ ލީގަށް އައިސް ބަލިނުވެ 12 މެޗު ހަމަކުރި ފުރަތަމަ ކޯޗެވެ.
ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީގެ ކުރިން މި ރެކޯޑް އޮތީ 1994 ވަނަ އަހަރު ނޮޓިންހަމް ފޮރެސްޓްގައި ހުރި ފްރޭންކް ކްލާކް އަތުގަ އެވެ. އޭނާ އަށް ހަމަކުރެވުނީ 11 މެޗެވެ.
މެޗަށް ފަހު ސާރީ ބުނީ އޭނާގެ ޓީމުން ފަހަަކަށް އައިސް ދައްކަނީ މެޗުތަކުން މޮޅުވެވޭ ވަރަށް ވުރެ ދަށް ކުޅުމެއް ކަމަށާއި އެ ގޮތަށް ކުރިއަށް ގޮސްގެން ބޭނުންވާ ކަންތައް ހާސިލްނުވާނެ ކަމަށެވެ.
އާސެނަލް ވަނީ މިރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވުލްވްސްއާ 1-1 އިން އެއްވަރުވެފަ އެވެ. އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވުލްވްސް އިންނެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ އިވާން ކަވަލޭރޯ އެވެ. ދެ ވަނަ ހާފުގައި އާސެނަލަށް އެއްވަރުކޮށްދިނީ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އެވެ. މެޗުގެ ފަހު ވަގުތު ވުލްވްސް މޮޅުކޮށްދޭން ރުބެން ނެވޭސް ޖެހި ބޯޅައެއް އަމާޒުވީ ހުރަސްދަނޑިއަށެވެ.
މިއީ އާސެނަލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އެއްވަރުވި ތިން ވަނަ މެޗެވެ. އާސެނަލް ލީގުގެ ފަސް ވަނައިގައި އޮތީ 12 މެޗުން 24 ޕޮއިންޓާ އެކު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy