އެކްޝަން ޑައިރެކްޓަރު ނިކްއާ އެކު ކަންގަނާ "މަނިކަރުނިކާ" ގެ ސެޓްގައި.
13 ނޮވެމްބަރ 2018 - 07:41
އަންނަ އަހަރު ރިލީޒްކުރާ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" ގައި ދައްކުވައި ދީފައިވާ އެކްޝަން މަންޒަރުތައް ބަތަލާ ކަންގަނާ ރަނާވަތު ވަރަށް މޮޅަށް ކުޅެފައިވާ ކަމަށް ބުނެ، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒާ ފިލްމުގެ އެކްޝަން ޑައިރެކްޓަރު ނިކް ޕަވަލް އަޅާކިޔައިފި އެވެ.
އޭނާ މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކަންގަނާ މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމާއި ޝައުގުވެރިކަން ފެނިފައި ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. އެގޮތުން ވަރަށް ގިނަ އަދަދަކަށް ބޮޑެތި އެކްޝަން މަންޒަރުތަކެއް ހިމެނޭ "މަނިކަރުނިކާ" ހުރިހާ ސްޓަންޓްތަކެއް ވެސް ކަންގަނާ ހެދީ އަމިއްލަ އަށް ކަމަށް ބުންޏެވެ.
އަންނަ އަހަރުގެ 25 ގައި ރިލީޒްކުރާ ފިލްމުން ކަންގަނާގެ އަސްމަތީ ހަނގުރަމާތަކާއި ކަނޑީގެ ހަނގުރާމައިގެ ކުޅަދާނަކަން ފެނިގެން ދާނެ އެވެ. ފިލްމުގެ ޝޫޓިންގެ ތެރޭގައި އޭނާ އަށް ބޮޑެތި އަނިޔާތަކެއް ވެސް ލިބިފައިވެ އެވެ.
"ރެޒިޑެންޓް އިވިލް: ރެޓްރިބިއުޝަން"، "ދި އަވާޒް" އަދި "ދަ ބޯން އައިޑެންޓިޓީ" ފަދަ ހޮލީވުޑްގެ އެތައް ފިލްމެއްގެ އެކްޝަންތައް ޑިޒައިންކޮށްފައިވާ އަދި ޓޮމް ކްރޫޒާއި ބްރެޑް ޕިޓާއި ރަސަލް ކްރޯ ފަދަ އޭ ލިސްޓް ތަރިންނާ އެކު މަސައްކަތްކޮށްފައިވާ ނިކް ބުނި ގޮތުގައި ކަންގަނާއަކީ ކޮންމެ މަންޒަރެއް ނެގުމުގެ ކުރިން ވަރަށް ގިނައިން ފަރިތަކުރުން ކުރިއަށް ގެންދާ ވަރަށް ހުނަރުވެރި ބަތަލާއެކެވެ.
"ފާހަގަކޮށްލަން ޖެހޭ ކަމަކީ މަނިކަރުނިކާ އިން ފެނިގެންދާ ކަންގަނާގެ ހުރިހާ ސްޓަންޓްތަކަކީ ވެސް ބޮޑީ ޑަބަލްއެއް ބޭނުން ނުކޮށް އޭނާ އަމިއްލަ ހަދާފައިވާ ސްޓަންޓްތަކެއްކަން. އަނެއްކާ އެއީ ވަރަށް ޖެހިލުން ވެސް ކުޑަ ބަތަލާއެެއް." މި މަހު ރިލީޒް ކުރާ ރަޖްނީކާންތުގެ ފިލްމު "2.0" ގެ ވެސް އެކްޝަންތައް ޑިޒައިން ކުރި ނިކް ބުންޏެވެ. "އަހަރެން ބުނާނީ ޓޮމް ކްރޫޒަށް ވުރެ ވެސް މާ ރަނގަޅަށް ކަންގަނާ އެބަހުއްޓޭ އަހަރެން ކިޔައި ދިން ސްޓަންޓްތައް އެކްޒެކެޓިއުޓްކޮށްފައި. އަހަރެން ބުނާނީ ކަންގަނާއަކީ މިހާތަނަށް އަހަންނަށް އެކުގައި މަސައްކަތް ކުރެވުނު ބަތަލާއިންގެ ތެރެއިން ވެސް ވަރަށް ވެސް ތަފާތު އަދި އާދަޔާހިލާތު ބަތަލާއެކޭ."
"މަނިކަރުނިކާ" އަކީ ޖާންސީގެ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ އެކްޝަން/ބައޮގްރަފިކަލް ޑްރާމާއެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ކްރިޝް އާއި ކަންގަނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy