ފިނޭންސް މިނިސްޓަރު މުނައްވަރު މަޖިލީހުގައި. --- ފޮޓޯ: މަޖިލިސް
13 ނޮވެމްބަރ 2018 - 09:33
އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 29 ބިލިއަން ރުފިޔާގެ ބަޖެޓް، މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވައިލައްވާ ސަރުކާރުން ބޭނުންވާ ގޮތަށް ތައްޔާރު ކޮށްފައިވާ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މި އަހަރުގެ ބަޖެޓަކީ މަންފާ ކުރުވަނިވި އެތައް މަޝްރޫއުތަކެއް ނިމި، އޭގެ ފައިދާ ލިބެން ފަށާފައިވާ ބަޖެޓެއް ކަމަށެވެ.
އެހެންވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ސިނާމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުން މިސާލު ނަންގަވައި އަންނަ އަހަރުގެ ބަޖެޓުން ވެސް ކާމިޔާބީތަކެއް ހާސިލްކޮށް، ދުރު ރާސްތާގެ ލަނޑުދަނޑިތައް ހާސިލް ކުރުމަކީ އަމާޒެއް ކަމުގައި ހެއްދެވުމަށް މުނައްވަރު އެދިވަޑައިގެންނެވި އެވެ. އަދި މެދުކެނޑުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް މުނައްވަރު އެދިވަޑައިގެންނެވި އެވެ.
އަންނަ އަހަރަށް ލަފާކޮށް، 29 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި އިރު، މުނައްވަރު ވިދާޅުވީ އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އަންނަ އަހަރު އިގްތިސާދީ ދުވެލި 6.8 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު އާމްދާނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. މި އަހަރުގެ ނިޔަލަށް 21 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް މިނިސްޓަރު ލަފާ ކުރެއްވި އެވެ. އެހެންވެ، ބަޖެޓު ޑެފިސިޓް 4.5 ބިލިއަން ރުފިޔާ އަށް މި އަހަރު އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރު ބަޖެޓު ޑެފިސިޓްގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 4.1 އިންސައްތަ އެވެ.
ބަޖެޓްގެ ބައެއް ލަފާކުރުންތައް
- މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް.
- ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 23 ބިލިއަން ރުފިޔާ ލިބޭނެ.
- އިގްތިސާދީ ދުވެލި 6.8 އިންސައްތައިގައި ހުންނާނެ.
- ބަޖެޓު ޑެފިސިޓް 3.7 ބިލިއަން ރުފިޔާ އަރާނެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ ބިޔަ މަޝްރޫއުތައް ނިންމައި އެތައް ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވިފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް ނިންމި އިރު، ބައެއް މަޝްރޫއުތައް މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަޖެޓްގެ ބައެއް ތަފްސީލްތައް:
- ވޭތުވެދިޔަ ފަސް އަހަރުގެ ރިކަރަންޓު ހަރަދަކީ 79 ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދަށް ހިނގީ 41 ބިލިއަން ރުފިޔާ
- ރާއްޖޭގެ އުފެއްދުންތެރިކަން 6.4 ޕަސެންޓްގައި ވަނީ ހިފެހެއްޓިފައި.
- ވޭތުވެދިޔަ ފަސް އަހަރު އިގްތިސާދު ވަނީ ކުރި އަރާފައި.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ރިޔާސީ ދައުރެއްގެ ތެރޭގައި އުމްރާނީ ތަރައްގީ އަށް މި ވަރުގެ ބޮޑު ހޭދައެއް ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މެދުކެނޑުމެއް ނެތި، ދިވެހިންނަށް އޭގެ މަންފާ ލިބެމުންދާ އުމްރާނީ ތަރައްގީއަކީ ހަރަދުތަކުގެ ނަތީޖާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ ކަންކަން ހާސިލް ވާނީ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ހަރުދަނާ ކުރެވިގެންނެވެ. ބަޖެޓުގެ އިސްރާފާއި ކޮރަޕްޝަން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ މާލީ ނިޒާމު ހަރުދަނާ ކުރުން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އަދި މާލީ ނިޒާމު ހަރުދަނާ ކުރުމަށް ވޭތުވެދިޔަ ފަސް އަހަރު ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޮކު
13 November 2018
"ވޭތުވެދިޔަ ފަސް އަހަރު އިގްތިސާދު ވަނީ ކުރި އަރާފައި." ޔާމީން ސާބަސް. ތަރައްގީގެ ބާނީ. އިދިކޮޅުމީހުން ބައިކޮޅަށް މިޔޮތީ ގޯލް ޖަހާފައި. ޔާމީން އިގްތިސާދު ހަލާކު ކުރީއޭ ކިޔާފަ މިކިޔަނީ ކީކޭ؟
ހޯރަފުށީ ޗާލުނަޔާ
13 November 2018
ހޯރަފުށީ ދާއިރާއަށް ވަކިން ހާންސަކޮށް ހޯރަފުށްޓަކަށް ތި ބަޖެޓްގައި ނެތް އެއްވެސް ކަމެއް. އެއާރފޯޓަކީ ޔާމީނު ސަރުކާރުގައި ފަސާފައިވާ މަސްރޫއުއެއް.
ދުރު
13 November 2018
މުނައްވަރު ބެސްޓް .... ޥެލްޑަން
ބަކުރު9
13 November 2018
މިއޮއްހުރިހާ ދުވަހު އިސްރާފާއި ކޮރަޕްޝަންގެ ވާހަކަނުދައްކާ ހުރީ ކީއްވެތަ...އެކަމަކުވެސް ރަނގަޅު އެއްވެސް ސަރުކާރަކުން ކޮށްގެންވާނެ ކަންތައްތަކެއްނޫން އެއީ...ތިޔަ ބަޖެޓުން ރާއްޖެތެރެ ތަރައްގީއަށް އިސްކަމެއްދޭނެކަމަށް އުއްމީދުކުރަނީ..ހަމައެކަނި ރާއްޖެއަކީ މާލެއެއްނޫން..