ދުވާލަކު ބިހެއް ކެއުން މުހިންމުކަން ދިރާސާއަކުން ވަނީ ހާމަވެފައި
22 ނޮވެމްބަރ 2018 - 06:53
ކޮލެސްޓްރޯލް ދެކެ ބިރުން ބިސް ނުކާން ތިބި މީހުންނަށް މިއީ ހިތްހަމަޖެހުމެކެވެ. އާ ދިރާސާއަކުން ދައްކަނީ ދުވާލަކު ބިހެއް ކެއުމުން ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށާއި ހިތުގެ ބަލިތަކާ ދުރުކޮށްދޭނެ ކަމަށެވެ.
ހާޓް ޖާނަލްގައި ޝާއިއުކޮށްފައިވާ، އިނގިރޭސި ވިލާތާއި ޗައިނާގެ ސައިންސްވެރިން ގުޅިގެން ކުރި ދިރާސާގައިވާ ގޮތުން ދުވާލަކު ބިހެއް ކާ ނަމަ ހިތުގެ ބަލީގައި މަރުވުމުގެ ފުރުސަތު 18 ޕަސެންޓް ދަށްކޮށްދެ އެވެ.
މި ދިރާސާ އަށް ޗައިނާގައި ކޮށްފައިވާ ގިނަ އަދަދެއްގެ ދިރާސާއިން މައުލޫމާތު އެއްކޮށްފައިވެ އެވެ. މިއީ 2004 އިން 2008 އަށް 416،213 މީހަކު ހިމެނޭ ގޮތުން ކޮށްފައިވާ ދިރާސާތަކުން މައުލޫމާތު ނެގި އެވެ. މިއީ އުމުރުން 30 އަހަރާއި 79 އަހަރާ ދެމެދުގެ މީހުންނެވެ. މިއިން އެއްވެސް މީހަކީ ކެންސަރު، ހިތުގެ ބަލި އަދި ހަކުރު ބަލި ވެސް ހުރި މީހުންނެއް ނޫނެވެ.
މި މީހުން ބިސް ކަނީ ކިހާ ވަރަކަށްތޯ ދިރާސާގައި ބެލި އެވެ. އެގޮތުން، 13.1 ޕަސެންޓް މީހުން ކޮންމެ ދުވަހަކު ބިހެއް ކާ ކަމަށް ބުންޏެވެ. އެއީ އެވްރެޖްކޮށް ހަފުތާއަކު 5.3 ބިހެވެ. އަދި 9.1 ޕަސެންޓް މީހުން ބުނީ ބިސް ކަނީ ވަރަށް މަދުން ކަމަށެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން 83،977 މީހަކަށް ހިތުގެ ބަލިތައް ޖެހުނެވެ. އޭގެ ތެރެއިން 9،985 މީހަކު މަރުވި އެވެ.
މި މައުލޫމާތަށް ބެލުމުން އެނގުނީ އާންމުކޮށް ބިސް ކޭ މީހުންނާއި ނުކާ މީހުންނާ އަޅާބަލާއިރު، ބިސް ކޭ މީހުން ހިތުގެ ބަލީގައި މަރުވުމުގެ ފުރުސަތު 18 ޕަސެންޓް ކުޑަކަމެވެ. އަދި ސްޓްރޯކް ޖެހިގެން މަރުވުމުގެ ފުރުސަތު 28 ޕަސެންޓް ކުޑަވާ ކަމަށް ވެސް ދެއްކި އެވެ.
ބިސް ކެއުމުން ހިތުގެ ބައްޔާ ދުރުވަނީ ކީއްވެގެން ކަމެއް މި ދިރާސާގައި ބަލައިފައެއް ނުވެ އެވެ. އެކަމަކު ދިރާސާގައި ބުނީ ބިސް ކެއުމާ ހިތުގެ ބައްޔާ ދުރުކޮށްދިނުމާ ގުޅުމެއް ހުރިކަން އެނގޭ ކަމަށާއި ބިހުގެ މުހިންމުކަން އެނގިއްޖެ ކަމަށެވެ.
ދިރާސާގައި ބުނީ މިކަމާ ބެހޭ ގޮތުން އަދި އިތުރަށް ބަލައި ހޯދަންޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝާފީ
22 November 2018
"ދިރާސާގައި ބުނީ މިކަމާ ބެހޭ ގޮތުން އަދި އިތުރަށް ބަލައި ހޯދަންޖެހޭ ކަމަށެވެ." މިއިންވެސް އެނގޭ އެއްޗަކީ ސައިންޓިފިކް ދިރާސާތަކަކަކީ އަބަދު އެއްގޮތަކަށް ނުއޮންނަ އަބަދުވެސް ބަދަލުވެ ބަދަލުވެ ހުންނާނެ އެއްޗެއްކަން! ނަމަވެސް މިއުޅޭ އެތީސްޓުންނަށް މިކަންކަން ހަޖަމްކުރަން ވަރަށް އުނދަގޫވާނެ! ބިހުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ އިރު އަނެއްކޮޅުން ކޮލެސްޓްރޯލް މަތިކޮށްދޭ! ކޮލެސްޓްރޯލް މަތީ މީހުންނަށް ބިހުގެ ގޮބޮޅިއަކީ ވަރަށް ބޮޑު ނުރައްކަލެއް!