އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު.
27 ނޮވެމްބަރ 2018 - 14:59
އޮޑިޓް ރިޕޯޓްތަކުގައި އިސްލާހު ކުރުމަށް ހުށަހަޅާ ކަންކަން އެއް އަހަރުން އަނެއް އަހަރަށް އިސްލާހު ކުރާ ތަން ނުފެންނަ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ، އޮޑިޓް ރިޕޯޓްތަކުގައި އެއް މައްސަލަތަކެއް އަހަރުން އަހަރަށް ހިމަނަންޖެހިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ގިނަ ރިޕޯޓުތަކުގައި އެއް ކަހަލަ މައްސަލަތަކެއް ހުންނަކަން ފާހަގަކުރެވޭ އިރު އެ މައްސަލަތައް ހައްލުކުރާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަންކަން ހައްލު ކުރުމަށް މާލިއްޔަތު ކޮމިޓީއާ އެކު މަސައްކަތް ކޮށްފި ނަމަ، އޮޑިޓް ރިޕޯޓްތަކުގައި އިސްލާހު ކުރަން ހުށަހަޅާ ކަންކަން ހައްލުވެދާނެ ކަމަށް ގަބޫލުކުރަން،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ފަހަރަށް ރިޕޯޓްތަކުގައި ފާހަގަކުރާ ކަންކަން ކުންފުނިތަކަށާއި މިނިސްޓްރީތަކުގެ ސަމާލުކަމަށް އަންނަނީ މިޑީއާތަކުގައި އެ ވާހަކަތައް ޖެހުމުން ކަމަށެވެ. އިސްލާހު ކުރަންޖެހޭ ކަންކަން ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް މިހާރަށް ވުރެ ރަނގަޅަށް މަޝްވަރާކޮށް އެނަލައިޒްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ، އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރާ ކަންކަން އިސްލާހު ކުރުމަށް މާލިއްޔަތު ކޮމިޓީ އަށް ބޭނުންވާ އެހީތެރިކަން އޮޑިޓަ ޖެނެރަލްގެ އޮފީހުން އެންމެ ފުރިހަމަ އަށް ފޯރުކޮށްދޭނެ ކަމަށެވެ. އޮޑިޓަ ޖެނެރަލްގެ އޮފީހުން ވާހަކަދައްކާނީ އޮޑިޓް ރިޕޯޓުން ކަމަށާއި އޮޑިޓްގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން މީޑިއާތަކާ އެ އިދާރާ އިން ވާހަކަ ނުދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮޑިޓަ ޖެނެރަލަށް ފޯނުކޮށްގެން، އަޅުގަނޑަށް ފެންނަ ވާހަކައެއް ނުދެއްކޭނެ. އަޅުގަނޑުމެން ފާހަގަ ކުރާނީ އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ ކަންކަން. މީޑިއާއާ ވަރަށް ދުރުގަ އަޅުގަނޑުމެން މި އުޅުނީ ވޭތުވެދިޔަ އަހަރުތަކުގައި. އެހެން ނަމަވެސް ރިޕޯޓްތަކަށް ބައްލަވައިފިއްޔާ މީޑިއާ އަށް ވެސް އެކަށީގެންވާ މައުލޫމާތު ލިބޭނެ،" ޒިޔަތު ވިދާޅުވި އެވެ.
ކުރިމަގުގައި މާލިއްޔަތު ކޮމިޓީއާ އެކު މަހަކު އެއް ފަހަރު ބައްދަލުކޮށް ސެޝަންތައް ބާއްވާ ކަމުގައިވާ ނަމަ، ރިޕޯޓްތަކުގައި ފާހަގަކުރާ ކަންކަން މިހާރަށް ވުރެ ފުރިހަމަ އަށް ހައްލުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދު
27 November 2018
މާލިއްޔަތު ކޮމެޓީގައި ތިބި މީހުންގެ ހާލަތަކީ ކޮބާއިތޯ ބަލާލަމާ!!!!
ދަތްނެތްކުއްޖާ
27 November 2018
އޮޑިޓް ރިޕޯރޓްގައި ފާހަގަ ކޮއްފައި އިސްލާޙު ކުރަން އެންގުމަށްފަހު އެކަން ނުކުރާ ފަރާތް ތަކާއި މެދު ޤާނޫނީ ގޮތުން ފިޔަވަޅު ނާލާ އޮތުމަކީ އޮޑިޓް އޮފީހުގެ މައްސަލަ އެއް ކަމަށް މަމެން ދެކެން. އެ މައްސަލަތައް ޝަރިއްޔަތައް ހުށަ އަލައިގެންވެސް ކުރިއަށް ގެންދެވޭނެ. ތިހުރިހާ ކަމެއް ނުކޮއް މިހާރު އެހެނޭ މިހެނޭ ތޯއްޗެކޭ ކިޔައިގެނެއް ފަރަކު ޖެއްސޭކަށްނެތް. މިކަލޭގެވެސް އެބަޖެހޭ ތިޔަ ތަނުން ވަކި ކުރަން.
ހޮޅިވާހަކަ
30 June 2019
ތޭ ހުސް ހޮޅިވާހަކަ. އޮޑިޓަރުންނަކީ ތަންތަން ހިނގުވުމަ ޒިންމާ އޮންނަ ބާކިޔަ ނުނާ.