ރިޔާޒް ރަޝީދު، ޖޭޕީއަށް މިރޭ ސޮއިކުރެއްވުމަށް ފަހު އޭނާގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމަށް އަރުވަނީ.---ފޮޓޯ: ޖޭޕީ
29 ނޮވެމްބަރ 2018 - 22:26
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނައިބު ރައީސް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ.
ކުރިން ދިވެހި ގައުމީ ޕާޓީގެ އިތުރުން ޕީޕީއެމްގެ ލީޑަޝިޕްގައި އިސް މަގާމުތައް ފުރުއްވި ޖޭޕީއަށް ސޮއިކުރައްވައި އޭނާގެ ފޯމު ހަވާލުކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ރިޔާޒް، ޖޭޕީއާ ގުޅިވަޑައިގަތުމަކީ ވަރަށް ބޭނުންފުޅު ވެފައި ހުންނެވި ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރިޔާޒަކީ ވަރަށް ހީވާގި އަދި ރާއްޖޭގެ ސިޔާސީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވުމެވެ.
ރިޔާޒް ރަޝީދު، ޖޭޕީއަށް ސޮއިކުރެއްވުމާ އެކު ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދު 20 އަށް ވަނީ އަރައިފަ އެވެ. އެއީ، ޕީޕީއެމް ފިޔަވައި މަޖިލިހުގައި މިހާތަނަށް އެންމެ މެމްބަރުން ގިނަ އެމްޑީޕީ އަށް ވުރެ އެއް މެމްބަރަކު ގިނަ އަދަދެކެވެ. ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުންގެ މިހާރުގެ އަދަދަކީ 19 އެވެ.
ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށް ވިޔަސް މިރެއިން ފެށިގެން އެ ޝަރަފް ލިބިވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށެވެ.
މިހާރު މަޖިލިހުގެ ޖުމްލައަކީ 79 މެމްބަރުންނެވެ. އެއީ ޖުމްހޫރީ ޕާޓީގެ 20 މެމްބަރުންނާއި އެމްޑީޕީގެ 19 މެމްބަރުންނާ އެކު، މަޖިލިހުގައި ސަރުކާރު ކޯލިޝަން ތަމްސީކުރައްވާ ޖުމްލަ މެމްބަރުންގެ އަދަދަކީ 46 އެވެ. އިދިކޮޅު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި 33 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ޕީޕީއެމްގެ 28 އާއި އެމްޑީއޭގެ ހަތަރު މެމްބަރުންނެވެ. އެހެންކަމުން ވަކިވަކި ސިޔާސީ ޕާޓީތަކަށް ބަލާއިރު، މަޖިލިހުގައި އަދިވެސް އެންމެ ގިނަ މެމްބަރުން ތަމްސީލުކުރައްވަނީ ޕީޕީއެމް އެވެ. އޭގެ ފަހުން ދެން މަޖިލިހުގައި އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ އެވެ.
ރިޔާޒް، ޖޭޕީއާ ގުޅިވަޑައިގަތީ ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ކޯލިޝަންގެ ޓިކެޓު ހޯއްދަވަން ކަމަށް ބައެއް މީހުން ހީކޮށްފާނެ ކަމަށާއި އެކަމަކު އެއީ އަމިއްލަ ގޮތުން ކުރިމަތި ލެއްވިޔަސް ރާއްޖޭގެ ގިނަ ދާއިރާތަކުގެ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ރިޔާޒް، ޖޭޕީއަށް ސޮއިިކުރެއްވުމުގެ ހަފްލާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޖޭޕީ
"އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނެތިން މިއަދު [ރިޔާޒް] ގުޅިވަޑައިގަތީ ޓިކެޓެއް ހޯއްދެއްވުމުގެ ބޭނުމުގައޭ. ނޫނީ ވަކި ދާއިރާއަކަށް ކުރިމަތި ލައްވައިގެން އިންތިޚާބުވެ ވަޑައިގަތުމުގެ ބޭނުމުގައޭ. އަދި އަޅުގަނޑު ނުދަންނަވަން ނޫނެކޭ ވެސް،" ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް ވިދާޅުވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި، ރިޔާޒު ވިދާޅުވީ އަން އަހަރުގެ މާޗުގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، މިހާރު ވެސް އޭނާ ތަމްސީލް ކުރައްވާ ވިލުފުށީ ދާއިރާއަށް ވާދަ ކުރައްވައި ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެމްޑީޕީ އާއި އެހެން ޕާޓީތަކުގެ މެމްބަރުންގެ ވޯޓާ އެކު އިންތިޚާބު ކާމިޔާބު ކުރައްވައި ވިލުފުށީ ދާއިރާ ގޮނޑި އަކީ ޖުމްހޫރީ ޕާޓީގެ ގޮނޑިއަކަށް ހައްދަވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއް ފިކުރަށް ވުރެ ގިނަ ފިކުރުގެ މީހުންގެ ވޯޓާ އެކުގައި ކޮންމެ ފަހަރަކު އިންތިޚާބު ވެގެން އަންނަ މީހެއް،" ރިޔާޒް ވިދާޅުވި އެވެ.
ޖޭޕީއާ ގުޅިވަޑައިގަތް ސަބަބާ ގުޅޭ ގޮތުން، ރިޔާޒް ވިދާޅުވިގޮތުގައި އޭނާގެ މަގްސަދަކީ ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތައް ނިންމުމެވެ. އަދި ޖޭޕީއަށް ސޮއިކުރައްވަން ނިންމެވީ ރައްޔިތުންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ނިންމުން ނިންމީ އަޅުގަނޑު ނަފްސަށް މޮޅު އެދިގެނެއް ނޫން. އަޅުގަނޑުގެ ދާއިރާގައި ފަށާފައި ހުރި މަސައްކަތްތަކާއި އަދި އަޅުގަނޑު ދާއިރާގައި ތިބި އެތައް ބައިވަރު ޒުވާނުންނާއި އެތައް ބައިވަރު ބައެއްގެ ވަޒީފާ ތަކާއި މުސްތަގްބަލަށްޓަކައި މި އައީ،" ޖޭޕީއާ ގުޅިވަޑައިގެންނެވި ސަބަބު ހާމަކުރައްވަމުން ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް މިރޭ ޖޭޕީއަށް ސޮއިކުރައްވާއިރު އޭނާގެ އަރިހުގައި އެ ޕާޓީގެ ލީޑަރު ގާސިމް.---ފޮޓޯ: ޖޭޕީ
ރިޔާޒް ވިދާޅުވިގޮތުގައި، އޭނާ ޕީޕީއެމް ދޫކުރެއްވީ ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ ހުރިހާ މެމްބަރުންނާއި ރައީސް އަބްދުﷲ ޔާމީނަށް އެކަން އެންގެވުމަށް ފަހު އެވެ. އަދި ވިދާޅުވީ، ސިޔާސީ ކަމެއްގައި އެއްވެސް ޑީލެއް ހައްދަވާފައި ނުވާނެ ކަމަށެވެ.
ޕީޕީއެމަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެމަނިކުފާނު އަމަލު ކުރެއްވި އަނިޔާވެރި ގޮތުގެ ނަތީޖާ އަކީ "ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި. ކޮށި ދަނޑުވެސް ގެއްލުން،" ކަމަށެވެ.
"ކިހިނެއްތޯ އެ ދަނޑަށް އަރައި ގޮވާން ކުރަން އުޅޭނީ ހުރިހާ އެއްޗެއް ގެއްލުނީމާ؟ އެހެންވީމާ އެ ދަނޑުގައި[ޕީޕީއެމް] ނޫޅެވޭނެކަން ވިސްނައިވަޑައިގެން ދިވެހި ލޮބުވެތި ރައްޔިތުން ކަންތައްތައް ކުރައްވަމުން ގެންދަވާގޮތް އެނގޭ،" ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަވާނީ މިހެން
01 December 2018
ޤައުމު ދެލޯ ކަނުވީމަވާނީ މިހެން
ޖާސިމޫ...
30 November 2018
ޔާމީނަށާއި ފާތުން މެޑަމު އަތުން ލިބެންއޮތް ފައިދާ ނެތިގެން ތިޔަ ދުއްވައިގަތީ. . ތީ ލަދުގެ ކަންފުޅެއްވެސް ނެތް މީހެއް. އަދި ގާސިމްވެސް ތަންކޮޅެއް ވިސްނަންވެއްޖެ.
ހަމަބުއްދި
30 November 2018
އެކަމު ކޯލިޝަނުން ޕާލަމެންޓަށޭ ކިޔާފަ ތިމީހުން އަހަރެމެނަށް ދިއް ނުކުރާތި ،، ވޯޓެއް ނުދޭނަން ..
ޝެލަރީ
30 November 2018
އިއްޒަތްތެރި ރައީސް ގޯހެއްނުހައްދަވާތި މިފަހަރު ނޯ ބަޤާވަތް އެނގޭ.
ރާއްޖެ
30 November 2018
ހަގީގަތަކީ ޕީޕީއެމް ގެ 90 އިންސައްތަ މެންބަރުންނަކީ ޕާޓީއަށް އެއްވެސް ވަރަކަށް ތެދުވެރި ވަފާތްތެރި ބައެއް ނޫން ކަން. އިންތިޚާބުން ބަލިވީ މިކަހަލަ މީހުންނާއި ހެދި.
ފަހަރެއްގަ
30 November 2018
ގާސިމް ހުންނާނެތަ 5 އަހަރު މަޑުން؟ މަށެއް ނުބުނާނަން 1 އަހަރުވެސް ހުންނާނެއޭ. ދެން އިބޫވެސް މިއަށް ވިސްނައިގެން އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއީދު ނުގެއްލޭނެހެން މަސައްކަތްކުރުން ބުއްދިވެރި. އެހެން ނޫނީ ތި ވެރިކަން ދިފާއުކޮށްދޭނެ ބަޔަކު ނުތިބޭނެ ފަހަރެއްގަ އަދާލަތު ނޫނިއްޔާ.
އިހްސާސް
30 November 2018
ސިފައިންނާ ފުލުހުން އިބޫއާ އެކު ތިބިއްޔާ އެމްޑީޕީ އަކަށް ގާސިމަކަށްވެސް މިވެރިކަމެއް ވައްޓާނުލެވޭނެ.
ފަޅުވެރިން
30 November 2018
މަޖްލިސް މެންބަރުން އެކި ފޯވައްސަށް ފަރާތް ފަރާތަށް ދުވުމާއި، ޖުޑިޝަރީ މީހުން އެމީހުން ހިތުހުރި ގޮތަކަށް ޙުކުމްތައް ނެރުމަކީ މިހާރުދެން ސުރުޚީ އެއް ނޫނޭ، އެއީ ރޫޓީން ކަންތައްތަކޭ!! އިއްޔެ ސުރުޚީގައި އޮތީ ޖަލު ޤައިދީއަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރި ވާހަކަ! ޖަލު ޤައިދީންނަށްވެސް ސިޔާސީ ޕާޓީގެ މެންބަރުންނަށް ވެވޭހެއި؟؟
ސުލެއިމާނު
30 November 2018
ކަންތައްދާގޮތުން ކުރީގެ މެޑަމް ފާތުން ޖޭޕީއާގުޅޭނެކަމަށް ބެލެވޭ އޭގެ ދާދި ކުޑދުވަސްކޮޅެއްފަހުން ކުރީގެރައީސް ޔާމީނުވެސް ޖޭޕީއާގުޅިގެހިގައިދާނެކަމަށްބެލެވޭ. ކޮންތަނަކަށްބާ މިއާދެވުނީ
މަސްވެރިން
30 November 2018
ތި އާދެވުނީ އިންޑިއާގެ ބެކްޔާޑަށް.
ތަރަބެ
30 November 2018
ހާދަ އަވަހޭ ފިކުރު ބަދަލުވާލޭ
ކުރީގެ ރައީސު
30 November 2018
އަހަރެން ދުވާލަކު އެކަކު މި ފޮނުވާލީ ސޭޓު ގެ ރުހުން ލިބޭތޯ