އިދިކޮޅު ލީޑަރުން، ރައީސްއާ އެކު: ޕާޓީތަކުން ވަކިވަކިން ހެދި އެއްބަސްވުންތައް އޮތީ ރައީސްއާ އެކު ސޮއި ކޮށްފައި --މިހާރު ފޮޓޯ/މިހާރު
02 ޑިސެމްބަރ 2018 - 14:26
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ހުރިހާ ދާއިރާ އަކަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ފާސްކުރީ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެ ޕާޓީން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަން ހާމަވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އަދި 2020 ގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކޯލިޝަނުން ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން އޭރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިިހާ އެކު އެއްބަސްވެފައިވާކަން އިތުރަށް ހާމަވީ، އަދާލަތު ޕާޓީން ސޮއިކުރި އެއްބަސްވުން އެ ޕާޓީން މިއަދު އާންމު ކުރުމުންނެވެ.
އެކަމަކު، އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް، އިބްރާހިމް މުހައްމަދު ސޯލިހާ އެކު ވެފައިވާ އެއްބަސްވުން އިއްޔެ ލީކް ކުރުމާ ގުޅިގެން ހަސަން ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ ދެމެދު އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އަދި، މި އަހަރުގެ ޖުލައި 12 ވަނަ ދުވަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެ ވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދެކުނަސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކަތަކާއި އެމްޑީޕީގެ ނިންމުމާ ގުޅިގެން މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި އަދާލަތު ޕާޓީން ވަނީ އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެ ޕާޓީން ސޮއިކުރި އެއްބަސްވުން ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
އަދި ތިން ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެއްބަސްވުމުގައި ސޮއިކުރި މަންޒަރު ފެންނަ ވީޑިއޯ ވެސް ވަނީ ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އެމްޑީޕީން ހަސަން ލަތީފާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި ޖުމްހޫރީ ޕާޓީން ޑރ. ހުސއިން ރަޝީދު ހަސަނެވެ.
އެއްބަސްވުން އާންމުކޮށް، އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ "އެމްޑީޕީ، ޖޭޕީ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި އަދާލަތު ޕާޓީން ބޭއްވި މަޝްވަރާތަކުން ނިންމުމުގެ ކަންކަމުގެ މައްޗަށް ބިނާކޮށް، އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީއާ އެކު ސޮއިކުރެވިފައިވާ އެއްބަސްވުން ދެމިއޮތް ކަމަށާއި މި އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރިހަމަ އަށް އަމަލުކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށެވެ.
MDP, JP, Raees MAG adhi AP in beyvvi mashwara thakun nimmunu kankamuge machah binaakoh MDP ge eyruge Riyaasee candidate adhi mihaaru ge RJ @ibusolih AP aaeku soikuravvaafaivaa ehbasvun dhemioyikamashaa mi ehbasvumah RJ furihamayah amalukuravvaane kamuge furihama ithubaaru ebaoyi. pic.twitter.com/7fGN37zbAN
— Adhaalath Party (@AdhaalathOffice) December 2, 2018
އިބްރާހިމް މުހައްމަދު ސޯލިހާ އެކު އަދާލަތުން ވި އެއްބަސްވުން.
ކޯލިޝަން އެއްބަސްވުމުގައި އިބްރާހިމް މުހައްމަދު ސޯލިހާ އެކު ޖުމްހޫރީ ޕާޓީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ޕާޓީ ހިންގުމާ އޭރު ހަވާލުވެ ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަނެވެ.
ކޯލިޝަން ޕާޓީތަކުން ވަކިވަކިން ސޮއިކުރި ލިޔުމުގައިވާ ގޮތުން އެމްޑީޕީގައި ސަރުކާރުގެ ހިއްސާއަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ އަށް 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭން އެ ލިޔުމުގައި އެއްބަސްވެފައިވެ އެވެ. އަދި އެގޮތަށް ހިއްސާ ބަހައިގެން އަންނަ މަޖިލިސް އިންތިޚާބާއި 2020 ގައި ބާއްވާ ކައުންސިލް އިންތިޚާބުގައި ވެސް ވާދަކުރަން އެ އެއްބަސްވުމުގައިވެ އެވެ. އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ސޮއިކުރި ވަކިވަކި އެއްބަސްވުންތަކެއްގައި ކަމަށް ވިޔަސް އޭގައި ވަނީ އެއް ވާހަކަތަކެކެވެ.
އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެ އެވެ.
މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން އެމްޑީޕީން ރޭ ވަނީ ފާސްކޮށްފަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުށަހެޅުއްވުމަކަށް އެމްޑީޕީން އެގޮތަށް ރޭ ފާސް ކުރިޔަސް، ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނިންމާފައިވަނީ އެއްބަސްވުމުގައިވާ ގޮތަށް 13 ދާއިރާއަށް އެ ޕާޓީން ވާދަ ކުރުމަށެވެ. ޖުމްހޫރީ ޕާޓީން ބުނީ، މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާ
03 December 2018
އެއްބަސްވުމާ ޚިލާފުވީ އެއްވެސް ޕާޓީއަކަށް އެބަޔަކަށް ލިބިގެން ނުވާ ބާރެއްގެ ދަށުން ރައްޔިތުންގެ މަސްލަހަތު އޮޮތް ބޮޑު ކަމެއް ނިންމީމަ. އެއްވެސް ޕާޓީއަކުން މަޖްލިސް އިންތިހާބު ބަހާ ފޮތިފޮއްޗެއް ނުކުރެވޭނެ. މަކްލިސް އަކީ 3 ން ބާރުން އެއްބާރު. ސަރުކާރު ހިންގާ އުސޫލަށް މަޖްލިސް ހިންގާކަށް ނުޖެހޭ.
ދެކޭމީހާކިޔާމީހާ
03 December 2018
އަހަރުމެން މޮޔައިންނަށް ހަދަން މިވެރިންމިއުޅެނީ މޮޔައިންކަމުގައި ދެކެނީބާވައެވެ؟ ޙައިރާންވާވަރުގެ ކަމެކެވެ. ތިއުފެދޭމަޖިލީހަށް ތިގޮތަށް ގޮނޑިދިނީމައި، ޤާސިމް ރައިސަކަށްއިނދެ، ފެބުރުވަރީ 7ގައި ރައީސް ނަޝީދުގެވެރިކަންވައްޓާލުމުގެ އަޑީގައި ހިމެނޭ 3 ލީޑަރުން މަޖިލީހުގައި އެއްކޮޅަކަށްޖެހިލީމައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަޒުލުކުރެވޭނެއެވެ. ޤާސިމަށް ވެރިކަންލިބުނީއެވެ. ރައީސް ނަޝީދުގެ ނިންމުން ރަނގަޅެވެ. މިވެރިކަން ދެމެހެއްޓޭނީ އޭރުންނެވެ.
އަބޫޖަހުލު ޕާޓީ
03 December 2018
ބަލަ އެމް.ޑީ.ޕީ ކުޑަކަކޫމަތީގައި އޮވެ މަގުމައްޗަށް ނުކުމެލަން ނުކެރި ފަހުލަވާނުން ފިނޑިވެ ތިއްބާ ހުރިހާ ޕާޓީތައް އެއްވެ ހެދި ކޯލިޝަނަށް ވެރިކަން ލިބުނީމާ އަނެއްކާވެސް އެއްކަލަ މީހުންނަށް ދުނިޔެ ރަންވީ. ބަލަ އެއްބަސް ވުމެއް ނެތިއްޔާ ހަސަން ލަތީފުގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ ކުރެވޭނެ.
އައްޔ
03 December 2018
ޙަސަން ލަތީފް ތިހެން ދެފުއްކެހެރިނުވޭ. ބާރު ހަމަ ލިބޭއިރަށް އިހުލާސްތެރިކަން ތި ގެއްލެނީ. ކޮބާ ކުރިން ޕީޕި އެމް މީހުން ހިުާނާތްތެރި ބައެކޭ ކިޔާފަ ދެއްކި މޮޅު ވާހަކަތައް. ތިވަނީ ހަމަ އެހެންނު. އެހެންވީމަ ޔާންޓެވެސް އެކުރީ ހަމަ ރަނގަޅަށެން
ފުޓްލޫސް
03 December 2018
ވާގޮތަކީ އެއްބަސްވުން ވީއިރު ނެތް މީހުން މިހާރު އައިސް މާގަދަކޮށްގެން އުޅޭތީ ވާގޮތް. އެއްބަސްވީ ކޮންފަދަ ހާލެއްގައި ރާއްޖެ އޮއްވައިކަން ރާއްޖޭން ބޭރުގަ ތިބި މީހުންނަކަށް ނޭގެނެ. ރައްޔިތުންގެ އިހްސާސްތަކެއް ދެނެގަންނާކަށް ނޭނގޭނެ.
ދީމާހު
03 December 2018
މިއީ ނަޝިދުގެ ސްޓައިލް . އަަބަދުވެސް ކަންއޮންނަ އުސޫލާ ޚިލާފަށް ޢަމަލުކޮށް ސަމާލުކަށް ހޯދުން. މީނާގެ ބޭނުމަކީ މަޖްލިސް ކޮންޓްރޯލްކޮށްގެން ބަރުލަމާނީ ނިޒާމުގެނެސް، ގައުމުގެ ސިޔާސީ މަސްރަހު އަބަދުވެސް ހަލަބޮލިކޮށް ބޭއްވުން. މިފަދަ މީހުންގެ ނޭއްގާނީ ޢަމަލުތަކުން ހުރިހާ ގެއްލުމެއް އޮތީ ދިވެހި ރައްޔިތުންނަށް.
ކޯޅޭ
03 December 2018
ކޮބާ ކޮބާ، މިއޮތީ މަހުގެ ބުނިތަނާ އައިސް. ކޯލިޝަން ކޯޅޭޝަން އަކަށްވަނީ.
ޜަންނަމާރިޔާ
03 December 2018
ދިސް އިސް ކޯލްޑް.. ގުނބޯ ހެއްދުން.. ދިވެހިން ނޭ .. ނިކަން ހޭރާށޭ..
ރާވެރިބެ
03 December 2018
މޯލްޑިވްސް ދެފުއްދެގޮތް ޕާޓީ (މޑޕ)
ހިޔަޅު
03 December 2018
އެއީ ސޮއިކުރި އެއްބަސް ވުމުގައި މައިމޫނުގެ ރިޕޯމް މޫވްމެންޓް އަށް 20% ދޭން އެއްބަސް ވެފައި އޮތުމާއެކު މައުމޫނު ވެސް އޭތި ޤަބޫލް ކޮށް, އިބޫ ހޮވަން މަސައްކަތް ކުރީތީ އެ 20% މައުމޫނުގެ ރިފޯމް މޫވްމެންޓް އަށް ދޭން ޖެހެނީ އެވެ. މި ދިވެހި ރާއްޖޭގެ ޤާނޫނު އޮންނީކީ އަނެއް ދިވެހި ރާއްޖޭގެ ޤާނޫނު ތަށް އޮންނަ ގޮތަކަށް ނޫނެ ވެެ.