ރިޕޯޓް / ވަކީލުން

އާ ބިލާ އެކު ގާނޫނީ ޕްރޮފެޝަން ފުރަތަމަ ފަހަރަށް ގާނޫނީ ބެލެނިވެރިކަމާ ދިމާލަށް

ވަކީލުންތަކެއް: ވަކީލުން ރެގިއުލޭޓް ކުރުމާ ބެހޭ ގާނޫނީ އޮނިގަނޑެއް ހެދުމަށް ގާނޫނީ ޚިދުމަތުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު

ގާނޫނީ ވަކީލުންގެ ޚިދުމަތަކީ ރާއްޖޭގައި ފަންނީ ދާއިރާތަކުގެ އެންމެ ދިގު ތާރީޚެއް އޮތް އަދިި މިހާރު އެންމެ ފުޅާވެފައިވާ އެއް ދާއިރާ އެވެ. މީގެ ބައި ގަރުނު ކުރިން ފެށިގެން ރާއްޖޭގައި ވަކީލުންގެ ޚިދުމަތް އޮތީ ގާނޫނީ ގޮތުން ހުއްދަކޮށްފަ އެވެ. އަދި ޒަމާނަށް އައި ބޮޑު ބަދަލާ އެކު ވަކީލުންގެ ދައުރު ފުޅާވެ، ރާއްޖޭގައި ވަކީލުންގެ އަދަދު ހާހުން މައްޗަށް އަރައިގެން ހިނގައްޖެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ވަކީލުންނަކީ އެ މީހުންނަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ނެތި ރެގިއުލޭޓް ކުރަމުން އަންނަ ފަންނެކެވެ.

ވަކީލުން ކަންކަން ބަލަހައްޓަމުން ގެންދަނީ އެކި ފަހަރު އެކި އިދާތަކުގެ ދަށުންނެވެ. އެކަމާ ބެހޭ އެއްވެސް ގާނޫނެއް ވެސް ނެތެވެ. ބޭނުންކުރަނީ އެއިރެއްގައި އެކަމާ ހަވާލުވެ އޮންނަ މުއައްސަސާއަކުން ހަދާ ގަވާއިދުތަކެވެ. ވަކީލުންގެ ކަންކަން ބަލަހައްޓަން ވަކީލުންތަކެއް ގުޅިގެން ބާ އެސޯސިއޭޝަންގެ ނަމުގައި 2014 ގައި ޖަމިއްޔާއެއް ހެދި އެވެ. އެކަމަކު ގާނޫނީ އޮނިގަނޑެއް ނެތުމުން އެކަން އޭރު ހުއްޓުވީ އެވެ.

އޭގެ ފަހުން 2015 ގައި ނެރުނު ގަރާރަކުން ހަމަޖެއްސި އުސޫލަކާ އެކު، މިހާރު ވަކީލުން ރެގިއުލޭޓް ކުރަނީ ސުޕްރީމް ކޯޓާއި އެ ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

އެކަމަކު ގާނޫނެއްގެ ދަށުން ވަކީލުން ރެގިއުލޭޓް ކުރަން ގާނޫނީ ޚިދުމަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެހެންވެ މިއީ ވަކީލުންނާ ބެހޭ ގާނޫނީ އޮނިގަނޑެއް ހަދަން މަޖިލީހުގައި ބަހުސް ވެސް ކުރެވޭ ފުރަތަމަ ފަހަރެވެ.

ގާނޫނީ ޚިދުމަތުގެ ބިލް ގާނޫނަކަށް ވުމާ އެކު ބާ އެސޯސިއޭޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފެދޭނެ އެވެ. އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގައި ތިބޭނީ ރައީސާއި ނައިބު ރައީސް ހިމެނޭ ގޮތަށް ޖުމްލަ ހަތް މެމްބަރުންނެވެ. ފަސް އަހަރުގެ މުއްދަތަށް އެ ހުރިހާ މެމްބަރުން ވެސް އިންތިހާބުކުރާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި ހިންގާ ކޮމެޓީގެ ބެލުމުގެ ދަށުން އިތުރު ސަބް ކޮމެޓީތަކެއް އޮންނާނެ އެވެ.

އެ ބިލް އޮތް ގޮތުން ބާ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މެމްބަރުކަން ދެ ދައުރަށް ވުރެ ދިގު މުއްދަތަކަށް ނުފުރޭނެ އެވެ. އަދި ދައުރު ހަމަވުމުގެ ކުރިން މެމްބަރަކު ވަކިކުރަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އެ މީހަކު މަގާމުން ދުރުކުރަން ހުށަހެޅުމުގެ ބާރު ވަކީލުންނަށް ލިބެ އެވެ. އެގޮތުން 100 އަށް ވުރެ މަދު ނޫން ވަކީލުން ސޮއިކޮށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ނަގާ ވޯޓަކުން އެ މެމްބަރަކު ވަކިކުރެވެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މި ބިލް ގާނޫނަކަށް ވުމުން ވަކީލުން ކަނޑައަޅާ ސެލްފް ރެގިއުލޭޓަރީ ބޮޑީއެއްގެ ތެރެއަށް އެ މީހުން ފުރަތަމަ ފަހަރަށް ވަދެގެންދާނެ އެވެ.

ވަކީލު ކަމުގެ ހުއްދަ ދިނުމާއި ވަކީލުން ރެގިއުލޭޓް ކުރުމާއި ވަކީލުންގެ ސުލޫކީ ކަންކަން ބެލެހެއްޓުމާއި ގާނޫނީ ދާއިރާގެ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުން ފަދަ، އެހެން އިދާރާތަކުން މިހާރު ކުރަމުން އަންނަ ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބާ އެސޯސިއޭޝަންގެ ދަށަށް ބަދަލުވާނެ އެވެ.

ގާނޫނީ ދާއިރާއިން ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރާ ފަރާތްތަކަށް ވުރެ ރާއްޖޭގައި މަތީ ތައުލީމް ހާސިލްކުރާ މީހުންނަށް ފުރުސަތު ހަނިވާކަމުގެ ތަސައްވުރެއް އަބަދުވެސް އޮވެ އެވެ. ރާއްޖޭގެ ބައެއް ތަންތަނުން ގާނޫނީ ދާއިރާއިން ފޯރުކޮށްދޭ މަތީ ތައުލީމުގެ ފެންވަރާ މެދު ވެސް ސުވާލު އުފައްދަ އެވެ. އެހެންވެ ރާއްޖޭގައި ގާނޫނީ ދާއިރާއިން ދޭ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަކީ ވެސް އެ ބިލްގެ އަނެއް މަގްސަދެވެ.

އެ ބިލް އޮތް ގޮތުން ގާނޫނީ ދާއިރާގައި ރާއްޖޭގައި ހިންގާ ކޯސްތަކުގެ ފެންވަރު ބަލައި، މޮނީޓާ ކުރާނީ ބާ އެސޯސިއޭޝަނުންނެވެ. އެފަދަ ކޯސްތަކުގެ ކަރިކިއުލަމާއި ކޯހުގެ މުއްދަތާއި ބައިވެރިވުމުގެ ޝަރުތުތައް ކަނޑައެޅުން ވެސް އޮންނާނީ ބާ އެސޯސިއޭޝަންގެ ބާރުގެ ދަށުގަ އެވެ. އަދި ރާއްޖެއިން ބޭރު ވެސް ހިމެނޭ ގޮތުން، ގާނޫނީ ދާއިރާއިން މަތީ ތައުލީމް ދޭ ތަންތަނުގެ ތެރެއިން ގަބޫލުކުރާނެ މަރުކަޒުތައް ވެސް ކަނޑައެޅުން ދަނީ އެ އެސޯސިއޭޝަންގެ ދަށަށެވެ.

މި ބިލް ގާނޫނަކަށް ވުމުން ބަދަލު އަންނާނެ އަނެއް ކަމަކީ ވަކީލު ކަމުގެ ހުއްދަ ދިނުމުގެ އުސޫލުތަކެވެ. ބާ އެސޯސިއޭޝަނުން ކަނޑައަޅާ ތަނަކުން ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލް ކުރިޔަސް، ވަކީލު ކަމުގެ ހުއްދަ ލިބުމުގެ ކުރިން ބާ އެސޯސިއޭޝަނުން ކަނޑައަޅާ ބާ އިމްތިހާނެއް ނިންމައި، އަދި އިތުރު ތަމްރީނުތަކެއް އެއް އަހަރު ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެ އެވެ. އުމުރުން 18 ފުރިފައިވާ ކޮންމެ މީހަކަށް ވަކީލުކަން ކުރެވޭ ގޮތަށް މިހާރު އޮތަސް، އެ ބިލުގައި ކަނޑައަޅާފައިވަނީ އެ އުމުރު 21 އަހަރަށް މަތިކުރުމަށެވެ.

މި ބިލަށް މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރިޔަސް، ޚިޔާލު ތަފާތުވާ މަދު މެމްބަރުންގެ ކަންބޮޑުވުމަކީ ސެލްފް ރެގިއުލޭޓްރީ ބޮޑީއެއްގެ ބެލުމުގެ ދަށުގައި ވަކީލުން ތިބޭ ގޮތަށް އޮތުމެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުން މުޅި ބާ އެސޯސިއޭޝަނަކީ ވަކީލުން އިންތިޚާބުކުރާ އެސޯސިއޭޝަނެއްގެ ގޮތުގައި އޮތުމަކީ ކަންބޮޑުވުމެކެވެ. ވަކީލުން އަމިއްލައަށް ވަކީލުންގެ ކަންކަން ރަނގަޅަށް ނުނިންމޭނެ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.

އެކަމަކު ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުން ވަކީލުންގެ މިނިވަންކަން ދަމަހައްޓައި، ނުފޫޒެއް ނެތި މަސައްކަތް ކުރެވޭ ގޮތް ހަދަން ތިބެން ޖެހޭނީ އެ މީހުންގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ބައެކެވެ. ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ބާ އެސޯސިއޭޝަންތައް ނުވަތަ ބާ ކައުންސިލްތައް އެކުލެވިގެންވަނީ އެގޮތަށް ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

"މެޑިކަލް ޕްރޮފެޝަން އާއި ނާސިން އާއި އެކައުންޓެންޓުން. މި މީސްމީހުންނަކީ ވެސް ހަމަ އެ މީހުން އަމިއްލައަށް އެ ޕްރޮފެޝަން ރެގިއުލޭޓް ކުރާ ބައެއް. އެހެންވީމަ މިއީކީ ދުނިޔޭގައި އަލަށް ހިނގާ ކަމެއް ނޫން." އެ ބިލަށް ބަހުސްކުރައްވަމުން ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާ މެމްބަރު އަލީ ހުސައިން މަޖިލީހުގައި ވިދާޅުވި އެވެ.

މަޖިލިސް --- ފޮޓޯ/މިހާރު

މިއަދާ ހަމައަށް ވެސް ވަކީލުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ވަކީލުންގެ މައްޗަށް އަންނަ ކުއްލި ސަސްޕެންޝަންތަކާއި އެޅޭ ފިޔަވަޅުތަކެވެ. ކުރެވޭ ޓްވީޓަކުން ނުވަތަ މީޑިއާގައި ފާޅުކުރާ އަމިއްލަ ޚިޔާލެއްގެ ސަބަބުން ވެސް އެ މައްސަލައެއް ނިމެންދެން ސަސްޕެންޝަނާ ވަކީލުން ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. ބައެއް ވަކީލުންގެ ސަސްޕެންޝަން އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ވެސް ގޮސްފައިވެ އެވެ.

އޭގެ ސަބަބުން ވަކީލުންގެ އާމްދަނީއަށް ހުރަސް އެޅި، އެ މީހުންގެ މުވައްކިލުން ކުރިމަތިލާން ޖެހޭ ދަތިތަކަކީ ވެސް ބޮޑު ޝަކުވާއެކެވެ. އަދި އެ ސަސްޕެންޝަނާ މެދު ހިތްހަމަނުޖެހުނަސް، އެކަމުގައި ކޯޓަށް ދެވޭނެ ގޮތެއް ނޯވެ އެވެ.

އެކަމަކު ގާނޫނީ ޚިދުމަތުގެ ބިލާ އެކު ވަކީލުންގެ މި ކަންބޮޑުވުންތަކަށް ނިމުން އަންނާނެ އެވެ. އެ ބިލް އޮތް ގޮތުން ވަކީލުންގެ މައްސަލަތައް ބެލުމުގައި މަރުހަލާތަކެއް ފުރިހަމަކުރަން ޖެހެ އެވެ. ވަކީލަކާ ބެހޭ ގޮތުން ޝަކުވާއެއް ހުށަހެޅިއްޖެ ނަމަ، އެކަމެއް ބަލަން ސުލޫކީ ކޮމެޓީގެ ޚާއްސަ ޕެނަލެއް އެކުލަވާލާނެ އެވެ. އެ ޕެނަލްގައި މައްސަލަ ބަލަމުންދާއިރު، ޝަކުވާ ރައްދުވާ ވަކީލަށް އެ މަރުހަލާގައި ވެސް ގިނަ ފުރުސަތުތައް ލިބިދެވެ އެވެ. އެގޮތުން ހެކިވެރިންނާ ސުވާލު ކުރުމާއި ޖަވާބުދާރީވުމާއި ދިިފާއުވާން އެހެން ވަކީލުން އައްޔަން ކުރުމުގެ ބާރު ވެސް ލިބެ އެވެ.

ޝަކުވާ ބަލާ ޕެނަލުން މައްސަލަ ބެލުމަށް ފަހު އެކަމުގެ ރިޕޯޓް ފޮނުވާނީ ބާ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށެވެ. ޝަކުވާ ބެލި ޕެނަލްގެ ހޯދުންތަކަށް ފަހު، އެ ޝަކުވާއެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބަލައި، ފިޔަވަޅު އެޅުން އޮންނަނީ ހިންގާ ކޮމެޓީގެ ބާރުގެ ތެރޭގަ އެވެ. ޝަކުވާ ސާބިތުވާ ކަމަށް ހިންގާ ކޮމެޓީއަށް ފެނިއްޖެ ނަމަ، ނަސޭހަތް ދިނުން ނުވަތަ އިންޒާރު ދިނުން ނުވަތަ ޖޫރިމަނާ ކުރުން ނުވަތަ ވަކި މުއްދަތަކަށް ލައިސަންސް ހިފެހެއްޓުން ނުވަތަ ލައިސަންސް އެއްކޮށް ބާތިލް ކުރުމުގެ ބާރު ވެސް ކޮމެޓީއަށް އޮވެ އެވެ.

ހިންގާ ކޮމެޓީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އިތުރު ފުރުސަތުތަކެއް ވަކީލަށް ލިބޭނެ އެވެ. އެގޮތުން އިސްތިއުނާފް ކޮމެޓީގައި އިސްތިއުނާފް ކުރުމާއި އިސްތިއުނާފް ކޮމެޓީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އެންމެ ފަހު ފުރުސަތެއްގެ ގޮތުން އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ލިބެ އެވެ.

އެކަމަކު ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި އިސްތިއުނާފް ކޮމެޓީގެ ނިންމުމަށް ފަހު، އެންމެ ފުރަތަމަ ވެސް ސުޕްރީމް ކޯޓަށް ދާން ޖެހޭ ގޮތަށް އޮތުން އެންމެ ރަނގަޅެއް ނޫނެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ވަކީލުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ ނިޒާމް އެ އެ ބިލުގައި އިތުރަށް ތަފްސީލުކުރަން ޖެހެ އެވެ. މައިގަނޑު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރައްވަނީ ފިޔަވަޅު އެޅުމުގައި ބާ އެސޯސިއޭޝަނާއި ކޯޓުތަކުގެ ދައުރެވެ. އެ ބިލް ގާނޫނަކަށް ވުމުން، މިހާރު ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ބާރެއް ބާ އެސޯސިިއޭޝަންގެ ދަށަށް އެއްކޮށް ބަދަލުވެގެން ދިޔަޔަސް، ވަކީލުންނަކީ ކޯޓުތަކުގައި ތަމްސީލުކުރާ ބައެއް ކަމަށް ވެފައި، އެ މީހުންނަށް އަމަލުކުރެވޭ ގޮތަކުން ކޯޓަކުން ވަކީލަކާ މެދު ފިޔަވަޅު އަޅާ ހާލަތެއް އައިސްދާނެ ކަން ވެސް ގާނޫނީ ބައެއް ބޭފުޅުން ފާހަގަކުރައްވަ އެވެ.

"މި ބިލުގައި ކަނޑައެޅިގެން ނުބުނޭ ދެން ދައުލަތުގެ އެހެން އިދާރާއަކުން މިކަން ކޮށްގެން ނުވާނެއެކޭ. މިކަން ކުރާނީ ބާ އެސޯސިއޭޝަނުން. ތަޖުރިބާއަށް ބަލާއިރު އަޅުގަނޑަށް ހީވަނީ ގާނޫނުގައި އެހެން ބުނުން ވަރަށް މުހިންމު ހެން. އެއީ ޟިމްނީ ގޮތުން ނުވަތަ އިމްޕްލައިޑްކޮށް ދޭހަވެދާނެ ކަމަށް ބަލާފައި ދޫކޮށްލެވޭނެ ކަމެއް ނޫން،" ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި އެވެ.

"ބަޔަކު އަދާ ކުރަމުންދާ މަސްއޫލިއްޔަތެއް އެ މީހުންގެ ބަދަލުގައި އަދާކުރާނެ ބައެއް އުފަން ކުރާއިރު ސާފު ތެދު ބަހުން ބުނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ."

މީގެ އިތުރުން ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމުގައި އަމަލު ކުރަން ޖެހޭ އިޖްރާއާތުތައް ކަނޑައެޅުން ބާ އެސޯސިއޭޝަންގެ އަތް މައްޗަށް ދޫކޮށްލުމުގެ ބަދަލުގައި އެކަންކަން ސީދާ އެ ބިލުގައި ހިމެނުން މުހިންމު ކަމަށް ވެސް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. މިހާރު އޮތް ގޮތަށް އެ ފުރުސަތު ދީފި ނަމަ، ބާ ކައުންސިލްގައި ތިބޭ ބަޔަކަށް ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ލިބޭ ކަން އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.

"ފިޔަވަޅު އެޅުމާ ބެހޭ ހުރިހާ ކަމެއް ގަވާއިދުގެ ތެރެއަށް ދޫކޮށްލައިގެން ނުވާނެ. ޚާއްސަކޮށް އިންތިޚާބުގައި ބައެއްގެ ވޯޓިން ރައިޓަށް ހުރަސް އަޅަން ޓޫލެއްގެ ގޮތުގައި ބޭނުން ކޮށްފާނެ ކަންކަން އެއީ. އެހެންވެ، އެއީކީ ބާ އެސޯސިއޭޝަންގައި ތިބޭ ބަޔަކު ހަދާ ގަވާއިދަކުން ކަނޑައަޅަން ދޫކޮށްލާ ފަދަ ކަމަކަށް ވެގެން ނުވާނެެ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

އެ ބިލް މިހާރު އޮތް ގޮތަށް ގާނޫނަކަށް ވެއްޖެ ނަމަ ވަކީލު ކަމުގެ ހުއްދަ ލިބިފައި މިހާރު ތިބި އެންމެންނަށް އެ ހުއްދަ ހަމަ އެގޮތަށް އޮންނާނެ އެވެ. އެކަމަކު އޭގެ ތެރެއިން ވެސް، ގާނޫނީ ވަކީލު ކަމުގެ ސަނަަދު ނުވަތަ މުހާމީ ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ އިން ޝަރީއާ އެންޑް ލޯ ނުވަތަ ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ލިބިފައިވާ މީހުން ފިޔަވައި އެހެން ވަކީލުންނަށް ޖެހެނީ ގާނޫނީ ދާއިރާއިން އާ ޑިގްރީއެއް ހާސިލްކުރާށެވެ.

މާނައަކީ ހަމައެކަނި ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށްގެން ތިބި ވަކީލުންނަށް މި އުސޫލުގެ ނުރައްކާ އޮތުމެވެ. އެ މީހުންނަށް އޮތް ހަމައެކަނި ގޮތަކީ އެ ބިލް ގާނޫނަކަށް ވާތާ ތިން އަހަރު ތެރޭގައި ގާނޫނީ ދާއިރާއިން އަލުން ޑިގްރީއެއް ހެދުމެވެ. އެގޮތަށް އަމަލު ނުކޮށްފި ނަމަ، ތިން އަހަރު ފަހުން އެ މީހުންގެ ވަކީލު ކަމުގެ ހުއްދަ ބާތިލްވާނެ އެވެ. ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ކިޔަވާފައި އޮތަސް، މިފަދަ ވަކީލުންނަށް މީގެ ނުރައްކާ އެބަ އޮތެވެ.

ވަކީލުކަމުގެ ހުއްދަ ދިނުމާ ބެހޭ ގޮތުން މިހާރު އަމަލު ކުރަމުން އަންނަ ގަވާއިދު އޮތް ގޮތުން ހަމައެކަނި ޝަރީއާ އިން ޑިގްރީ ހާސިލް ކޮށްފައިވާ މީހުންނަށް ވަކީލުކަމުގެ ހުއްދަ ލިބެ އެވެ. އެފަދަ ގިނަ ވަކީލުން މިހާރު ވެސް އުޅެ އެވެ. މިހާރު އަމަލު ކުރާ ގަވާއިދުގެ ދަށުން ވަކީލު ކަމުގެ ހުއްދަ ލިބި، ގާނޫނީ ދާއިރާގައި ހަރަކާތްތެރިވަމުން ދަނިކޮށް ކުއްލި ގޮތަކަށް ވުޖޫދަށް އައި އާ ގާނޫނަކާ އެކު އިތުރު ޝަރުތެއް ފުރިހަމަ ކުރަން ޖެހުމަކީ އެފަދަ ވަކީލުންގެ ކަންބޮޑުވުމެކެވެ.

އަނެއް ކޮޅުން އާ ޑިގްރީއެއް ހާސިލްކުރަން ދީފައި އޮތް ތިން އަހަރުގެ މުއްދަތަކީ ވެސް ބައެއް މީހުންގެ ހިތްހަމަނުޖެހުމެކެވެ. ރާއްޖޭގައި މިހާރު ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެވެނީ އާންމުކޮށް ހަތަރު އަހަރުގެ ކޯހަކުންނެވެ. ބައެއް ތަންތަނުން ހަތަރު އަހަރަށް ވުރެ ކުރު މުއްދަތުގެ ކޯސްތައް ހިންގިޔަސް، ތިން އަހަރަށް ވުރެ ކޯހުގެ މުއްދަތު ދިގެވެ. އެހެންވެ، މިހާރު ބިލް އޮތް ގޮތަށް ފާސްކޮށްފި ނަމަ، ތިން އަހަރު ތެރޭގައި ޑިގްރީ ހާސިލް ނުކުރެވިގެން ވަކީލުންތަކެއް "މަގުމަތިވުމުގެ" ފުރުސަތު ބޮޑެވެ.

ބައެއް ވަކީލުންގެ ޚިޔާލު ތަފާތެވެ. އެފަދަ ވަކީލުންގެ ނަޒަރުގައި ޝަރީއާ އިން އެކަނި ޑިގްރީއެއް އޮވެގެން ގާނޫނީ ވަކީލު ކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އެ ވަކީލުން ވިދާޅުވަނީ ޝަރީއާ އެކަނި ކިޔަވާއިރު، ގާނޫނީ ބައެއް މުހިންމު އުސޫލުތައް ކޯސްތަކުގައި ކިޔަވައި ނުދިނުމެވެ.

ބޭރުގެ އިސްލާމީ ބައެއް ޔުނިވާސިޓީތަކުން ތައުލީމް ހާސިލް ކުރާއިރު ވެސް، ޝަރީއާ އެކަނި ކިޔަވާ ކޯސްތަކަށް ވުރެ ޝަރީއާ އާއި ގާނޫނު ހިމެނޭ ގޮތަށް ކިޔަވާ ކޯސްތަކުގެ މުއްދަތު ދިގު ކަމަށް އެ ވަކީލުން ވިދާޅުވި އެވެ. އޭގެ ސަބަބަކީ ވެސް ޝަރީއާގައި އެކަނި ކިޔަވާއިރު، ކިޔަވައި ނުދޭ ބައެއް އެއްޗެހި ޝަރީއާ އާއި ގާނޫނުގައި ކިޔަވައި ދޭއިރު ކިޔަވައިދޭތީ ކަމަށް އެ ވަކީލުން ވިދާޅުވެ އެވެ.

"ރާއްޖޭގައި ބޮޑަށް މި ޕްރެކްޓިސް ކުރަނީ ގާނޫނުތައް. ގާނޫނު ކިޔަވާއިރު މި ކިޔަވައިދެނީ ގާނޫނީ ޕްރިންސިޕަލްސްތައް. އެހެންވެ، އެއްޗެހި އެބަ އެނގެން ޖެހޭ. އެކަމަކު ޝަރީއާގައި އެ ބައި ނުހުރެދާނެ. ގާނޫނު ކިޔަވާ އިރު ކިޔަވައިދޭ އަސާސީ ބައެއް އެއްޗެހި ވެސް ހުރޭ ޝަރީއާ އެކަނި ކިޔަވާއިރު ކިޔަވައި ނުދޭ ކަންކަން،" އެއް ވަކީލަކު ވިދާޅުވި އެވެ.

"މުހާމީ ސެޓްފިކެޓާއި ވަކީލު ކަމުގެ ސަނަދު ލިބިފައި ތިބި މީހުން އަލުން ޑިގްރީ ހަދަން ނުޖެހޭ ގޮތަށް އެ ބިލުގައި ލިޔެފައި އެ އޮތީ އޭރު އެ ސެޓްފިކެޓްތައް ދޫކުރިއިރު، ލޯގެ ބައިތަކެއް އެ ކޯސްތަކުގައި އޮތީމަ،" އެ ބިލްގެ ޑްރާފްޓިން މަސައްކަތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

ވަކީލުންގެ ޕްރޮފެޝަން ފައިމައްޗަށް ތެދުކޮށް، ޚިދުމަތް ހަރުދަނާ ކުރަން ގާނޫނެއްގެ މުހިންމު ކަން ކިތަންމެހާ ވެސް ބޮޑެވެ. އެކަމަކު އެފަދަ ބޮޑު ބިލެއް ފާސްކުރުމުގައި އަވަސް އަރުވާލުމަށް ވުރެ ބޮޑަށް، ވަކީލުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކުގެ ޚިޔާލު ހޯދުން މުހިންމެވެ. އަދި އެ ބިލާ މެދު މިހާރު ހުރި ކަންބޮޑުވުންތަކަށް ވެސް ހައްލުތަކެއް ލިބެން ޖެހެ އެވެ.

27 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 10%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާބެ

06 December 2018

ބަލަ މި ބިލު ހެދި ހުސްނޫ، ސަމީމް، ރިއްފަތު އަދި ދެން އެމީހުންގެ ބޯއީސް އަމިއްލަ އެދުން ބޮޑު ކަމުން އެމީހުންނަށް މޮޅުވާޏެ ހެން އޮތީ ހަދާފަ. ސުޕުރީމް ކޯޓު ބާރު ކެނޑި އެހެން ސުޕްރީމް ސުއޫދު ބޯއީސް ދަށަށް ދާން ވަކީލުން ބޭނުންތޯ؟

The name is already taken The name is available. Register?

ޔައުގޫބު

06 December 2018

ޝަރިޢާ ކިޔަވާއިރު ޤާނޫންގެ މައްދާތައް ކިޔަވާ މީހުން ނުހިމެނެތޯ؟ އެމީހުންނަށް ބައެއް ކޮލެޖުން ދޫކޮށްފައިޥާ ސެޓްފިކެޓްތަކުގައި ޖަހަފައިވަނީ ޝަރިޢާ އެކަމަކު ޝަރިޢާގެ މާއްދާތަކާއިއެކު ޤާނޫނީ މާއްދަތަށް ކިޔެވި މީހުން އެބަތިބި އެމީހުންގެ ސެޓްފިކެޓް ޝަރިއާ އިނީމާ ޣަރަގުވެގެން ދާގޮތަށް ފަރުމާކުރެވިފައިވާ ޤާނޫނެއްތީ

The name is already taken The name is available. Register?

ހަސަން އ

06 December 2018

ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ ވަކީލުންނަށްވެސް މި ބިލުގެ ދަށުން ރައްކާތެރިކަން ލިބެންވާނެ.

The name is already taken The name is available. Register?

އަހުމަދުއަލީ

06 December 2018

ހަމައެކަނި ޑިޕްލޮމާ ހަދައިގެން ތިބި ވަކީލުންވެސް 3 އަހަރު ތެރޭގައި ޑިގްރީ ފުރިހަމަނުކުރާނަމަ ވަކީލުކަމުގެ ހުއްދަ ބާޠިލުކުރަން ފެނޭ. ސަބަބަކީ އެއް އަހަރު ނުވަތަ ދެ އަހަރު ތެރޭގައި ޤާނޫނުން އެނގެންޖެހޭ މުހިއްމު މާއްދާތައް ކިޔެވިފައި ނޯންނާނެތީ.

The name is already taken The name is available. Register?

ރާސްޓަސް

06 December 2018

ވަރަށް ރަނގަޅު ބިލެއް ތިއީ. ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުންނަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކޮށް، އެބޭފުޅުންނަށް ލިބެންޖެހޭ ރަސްމީ ހައިސިއްޔަތު ލިބުމަކީ ވަރަށް މުހިންމު ކަމެއް.

The name is already taken The name is available. Register?

ރަންބުއްދި

06 December 2018

ތިޔަބިލް މިހާރު މާބޮޑަށްވެސް ލަސްވެއްޖެ.ވަކީލުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކުގެ ޚިޔާލު ހޯދާ ވީހާވެސް އަވަހަކަށް ތިބިލް ފާސްވެގެން ނޫނީ ގާނޫނީ މަސައްކަތް ކުރާފަރާތް ތައް ހިންދަމާ ނުލެވޭނެ.ސިޔާސީފަރާތް ތަކުގެ ނުފޫޒުން ނާއި ދުވާލު 2 ދަޅައަށް ދެގޮތައް ހުކުމްތައް ނެރޭ ކޯޓުތަކުގެ ނުފޫޒުން ގާނޫނީ ވަކީލުން ސަލާމަތް ކޮށް އަދުލް އިންސާފުގެ މަސައްކަތްތައް ހަލުވިކުރުމަށް ތިޔަ ބިލްވަރަށް މުހިއްމު.

The name is already taken The name is available. Register?

ޙާޖީ

06 December 2018

ފިކުރީ ހަނގުރާމައިގައި އިސްލާމް ދީނާއި އިދިކޮޅަށް ކުރެވޭ އެއްޗަކާ ވަރަށް ވައްތަރު. ރީތި ކިތަންމެ ވާހަކަތަކެއް ދެކެވިދާނެ. ތީގެ ރޫހަކީ ވެލެޒިނީ ގާޒީން ކުރިމަތީގައި އެއްކަަލަ ދުވަހަކު ލައިވް ޓީވީ ކުރިމަތީގައި ޖެހި ސަކަރާތްތައް. ހާޖީގެ ދުއާ އަކީ ނުބައި ވިސްނުމުގައި ތިޔަކަން ކުރާ މީހުނަށް ﷲ ހެޔޮ ވިސްނުން ދެއްވުން. އަދި އިސްލާމް ދީނުގެ އަދުއްވުންނާއި ނޭނގި ތިބެ ނަމަވެސް އެއްބައި ނުވުން. އެމީހުން އެއްވެސް ކަމެއްގައި މުސްލިމުން ނަށް ހެވެއް ނޭދޭނެ!

The name is already taken The name is available. Register?

އަލީ ހުސައިން

06 December 2018

ޕްރެކްޓިސްކުރާ ލޯޔަރުން އަދި ލޯފާމްތަކުގެ މީހުން ތިތަނަށް ހޮވުން އެއީ އެންމެ ކައިރި ގޮތް. އެހެންވެއްޖެނަމަ އަލުން މުޅިން އެހެން އަޑެއް އަރާނެ. މިއަށްވުރެ ގޯސްވާނެ. ވަކި ލޯފާމްއެއްގެ ލޯޔަރަށް ނުވަތަ ވަކި ލޯޔަރަކަށް އަމާޒުކޮށް ގެއްލުން ދިނުން އިންތިހާއަށް ބޮޑުވާނެ. ދެން އުފުލަންފަށާ އަޑު އަހަންތިބެމާ.

The name is already taken The name is available. Register?

ޝަރީޢާ އަކީ ޤާނޫނެވެ

06 December 2018

ބާރ އެސޯސިއޭޝަން އުފެއްދުމާއި ދެކޮޅުހަދާނެ އެއްވެސް ވަކީލެއް ނޫޅޭނެ، ނަމަވެސް މިބިލުގައި ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށަށް މުޅި ޕްރޮފެޝަން ގެންގޮސް ، ޕްރޮފެޝަން ހިސޯރުކޮށް ވަކި ވަކީލުންގެ ޙައްޤުތަށް ހިފެހެއްޓުމަށް އޮންނަ އޮތުމާއި ދެކޮޅު

The name is already taken The name is available. Register?

ޢަލީ ހުސަެިން

06 December 2018

ތިޔައީ އިންތި އާއި ހުސްނުސޫދާ އަލީ ހުސައިން މެން އިސްލާމީ ޝަރީއާގެ ބާރު ކަނޑުވާލަން ހިންގާ ސިލްސިލާ ޖަރީމާއެއް.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454