އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވަނީ.-- ފޮޓޯ: އަލީ ނިޒާރު/ ޓްވިޓާ
11 ޑިސެމްބަރ 2018 - 14:01
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރޭ ބައްދަލުކުރެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ ގުޅޭ ގޮތުން ކަމަށާއި އެއްވެސް ހާލެއްގައި ކޯލިޝަން ރޫޅެން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި ބޭއްވެވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާ އެކު، ކޯލިޝަން ދެމެހެއްޓޭނެ ގޮތެއް ހޯއްދެވުމެވެ.
"ބައްދަލުވުމަށް ދިޔަ ހުރިހާ ބޭފުޅުން ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކޯލިޝަން ދެމެހެއްޓުން ވަރަށް މުހިންމޭ. އެކަމަކު ވެސް އިންތިޚާބުގައި މަޖިލިހުގެ މެޖޯރިޓީ ލިބެން ޖެހޭނީ އެމްޑީޕީ އަށް ކަމަށް ހުރިހާ ބޭފުޅުން ވެސް ވިދާޅުވި. ކޯލިޝަން ރޫޅޭކަށް އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ވިދާޅުވިގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ބާރު އަޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.
"އެކަމަކު ރޭގައި ވަކި ގޮތަކަށް ނުނިމޭ. މެމްބަރުންގެ ވިސްނުން އެކަނި ހާމަކުރެއްވީ. ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވޭ ކޯލިޝަން މިގޮތުގައި ކުރިއަށް ގެންދަން. އެކަން ރޭ ވަރަށް ބޮޑަށް ސާފުވި،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކާ އެކު، އެމްޑީޕީން ކުރިން އެއްބަސްވީ މަޖިލިހުގެ އިންތިޚާބުގައި 35 ދާއިރާ އަކަށް ވާދަކުރަން ކަމަށް އެ ޕާޓީތަކުން ބުނެފައި ވީ ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލިހުން ވަނީ ހުރިހާ ދާއިރާ އަކަށް ކުރިމަތިލާން ފާސްކޮށްފަ އެވެ. އެހެންވެ، އެ މައްސަލައިގައި ކޯލިޝަންގެ އެހެން ޕާޓީތަކާއި އެމްޑީޕީއާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވަނީ ކޯލިޝަން ސަރުކާރެއްގައި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2020 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ޕާޓީތަކުގެ ހިއްސާ ބެހުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކޯލިޝަން ޕާޓީތަކުން ވަކިވަކިން ސޮއިކުރި ލިޔުމުގައިވާ ގޮތުން އެމްޑީޕީގައި ސަރުކާރުގެ ހިއްސާ އަކީ 40 ޕަސެންޓެވެ. ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، އަދާލަތު ޕާޓީ އަށް 15 ޕަސެންޓް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭން އެ ލިޔުމުގައި އެއްބަސްވެފައިވެ އެވެ. ނަމަވެސް، އެ ލިޔުމުގައި މައުމޫންގެ ފަރާތްޕުޅުން ސޮއެއް ނުކުރެ އެވެ.
އެ އެއްބަސްވުމަށް އަމަލު ކުރާ ނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީ އަށް ވާދަކުރަން ލިބޭނީ 35 ދާއިރާ އެވެ. ޖުމްހޫރީ ޕާޓީ 22، އަދާލަތު ޕާޓީ 13 އަދި މައުމޫނަށް ލިބޭނީ 17 ދާއިރާ އެވެ. އެގޮތަށް ކުރިއަށް ގެންދަން އެމްޑީޕީން އެއްބަސްވެ ސޮއިކުރީ "18-19" ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި ކުރި މަޝްވަރާގެ އަލީގައި ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވެ އެވެ.
ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައި ވަނީ ކޯލިޝަން ޕާޓީތަކާ އެކު އެ ޕާޓީން އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމަށެވެ.
ހަސަން ވިދާޅުވެފައި ވަނީ ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ހިނގަމުން ދިޔައިރު މި އަހަރުގެ ޖުލައި މަހު އެމްޑީޕީން ހުށަހެޅި ހުށަހެޅުމެއްގައި އެ ޕާޓީން އޭރު ސޮއިކޮށްފައި އޮންނާނެ ކަމަށާއި އެ ހުށަހެޅުމުގައި ސޮއިކުރީ އެވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެއްބަސްވުމެއް ކަމަށް ކޯލިޝަންގެ އެހެން ޕާޓީތަކުން ދުށް ނަމަވެސް، އެއީ އެފަދަ އެއްޗެއް ނޫން ކަމަށް ހަސަން ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސްބެ
11 December 2018
ކީއްވެބާ ސިޔާސީ ބާނި ހުރިގޮތް ބަލައިލަން ނުކެރިގެން މިއުޅެނީ، ހަމަ ގައިމުވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ ކޯލިޝަންގެ ހިއްސާޔާއެކު. އެ ހިއްސާ ސަރުކާރުތެރެއިން އެދަނީ ބަހަމުން. އަދިވެސް ލިބުނުވަރު މަދުވެގެން ކޮންމެ ޕާރޓީއަކުން ވެސް އެދަނީ ރައީސްގެ ބޮލުގަ ކޮށަމުން. ދެން ވެއްޖެނު ޕާރޓީ ތަކަށް ތާއީދު އޮތްވަރު ދެނެގަންނަން. އެކަން އެނގޭނީ މަޖިލިސް އިންތިޚާބުގަ ހުރިހާ ޕާރޓީ ވަކިވަކިން ވާދަކޮއްގެން. ޕާރޓީ ތަކުގެ ހުރި ފަންވަރު ބަލައިލަން.
ޞޮރީ
11 December 2018
ޢަލި ރާޖާ ވެސް އެއްބަސްވުމެހެދި. އެއްބަސް ވުމުގަ ވާގޮތުންނަމަ އެބޭފުޅާ ތާއީދު ކުރައްވާ ބޭފުޅަކަ ރަސްކަން ލިވިއްޖެނަމަ މަހަލް އެބޭފުޅާގެ ރަސްކަމުގެ މިލްކަކަ ވީސް. ރަސްކަންވެސް އެބޭފުޅާއައް ލިބުނު. ލިބުމާ އެކީ އެއްބަސްވުން ބޮލާލާވެސްޖެހި. ޢެބޭފުޅަކީ ގައުމީ ބަތަލު ބޮޑު ތަކުރުފާނު.
ކަނޑުކޮސް
11 December 2018
ވަރަށް ދުރަށް ވިސްނާފަ މިބުނަނީ. ރައީސް ބޭނުންފުޅު ނުވާފަދައިން އަހަރުންވެސް ބޭނުމެއްނޫން ކޯލިޝަން ރޫޅޭކަށް. އެކަމަކު ސިޔާސީ ހަތަރު ފިކުރުގެ ކޯލިޝަނެއް ރިޔާސީ ނިޒާމެއްގައި މިހާތަނަށް އެއްކޮށް އުޅެވިފައެއް ނެތް. ރާއްޖެކަހަލަ ޑިމޮކްރެސީ ފައްކާވަމުންދާ ގައުމެއްގައި ރިޔާސީ ނިޒާމުގެ ތެރޭގައި ވެރިކަން ކުރެވޭނީ އެއް ޕާޓީން. މަލްޓި ޕާޓީ ޑިމޮކްރެސީ ޕްރެކްޓިސް ކުރަމުންދާ ގިނަ ގައުމުތަކަކީ ބަރުލަމާނީ ނިޒާމް އޮންނަ ގައުމުތައް.
ޢިމްސާދު
11 December 2018
ރައިސް ނުޖެހޭ ކޯލިޝަން 4 ލީޑަރުން ރުއްސަން.އެންމެންގެ ހިތްފުރޭ ވަރަށް ކަންކަން ނުވާނެ
ޢަލީމް
11 December 2018
ރައީސް މާދަމާވެސް ދުރުކޮށްފާނެ. ޖޭޕީއަކީ އެހެންޕާޓީއެއްގެ ފަސްބައި އެލިގެން ގޮނޑިހޯދާފަ ދޯކާދޭ ބައެއް.
ސާފުބަސް
11 December 2018
ތި ޤައުމީ މަޖްލީސްގެ ނިންމުން އެކައްޗަކަށް ވެސް ވިޔަކަ ނުދޭނަމެވެ. ދޭތިން އެކައްޗެވެ.އެހެންނާ ކޯލިޝަން އެވެ.ނޫނީ ޤައުމީ މަޖްލީސްގެ ނޮންނުމެވެ.ކޮންމެވެސް އެކައްޗެކެވެ.
ކަހިރަވައް
11 December 2018
ހަޖަމު ކޮށްބަލަ..ރިޔާޒް ރަޝީދު ކުރިން ހޮވީކީ ވެސް އެމްޑީޕީއޭ ކިޔާ ބަޔަކު ނޫނެވެ.
ވައްޓާލަންވީ
11 December 2018
ބަލަ އިބޫ އަށް ވެރިކަން ދިނީ އެމްޑީޕީ އަކުން ނޫނޭ..މޮޔަ ނުވެބަލަ..ހިތިހުރި ގޮތެއް ނުހެދޭނޭ ކަލޯ..ތި ހަދާ މަކަރަށް ދެނެއް ޖާގައެއް ނުދެވޭނެއެވެ.61 ގޮޑި ހަނދާންނައްތާލާށެވެ
ފަޑުއްކަ
11 December 2018
އެބަ ރަގަޅުވޭ..
އަސްތާ
11 December 2018
ތިޔަ ހާލަތުގަ ޖޭޕީ ނެގުނުހާ އެޑްވާންޓޭޖެއް އެތިބަގޭން ބަގަނީ، މިޗެސް ހައްލެއްހޯދަންޖެހޭކަމެއްނުންތޯ؟؟؟؟
ޙުސެން
11 December 2018
ޜައީސްވެސް މިހާރު ތިމަސައްކަތް ކުރަނީ ވެރިކަމަށްޓަކާ. ދެއްކިވާހަކަ ޔާ އިދިކޮޅަށް.