ތޮއްޑޫގައި ހައްދާފައި ހުރި ދަނޑުތަކެއް ސާފު ކުރަނީ.
11 ޑިސެމްބަރ 2018 - 13:50
ދަނޑުވެރިކަން ކުރުމަށް ރާއްޖެ އިން ބޭރުން އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް އެކްސްޕޯޓް، އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލްގައި ދަނޑުވެރިކަން ކުރުމަށް އެތެރެ ކުރާ ތަކެތީގެ ތެރެއިން ދަނޑުވެރިކަމާ ބެހޭ ސިޔާސަތުތައް ކަނޑައަޅާ ފިޝަރީޒް މިނިސްޓްރީން އާންމުކޮށް ޝާއިއުކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ހުށަހެޅުމަށް މަޖިލީހުގެ ގިނަ މެމްބަރުން ބަހުސް މަރުހަލާގައި ތާއީދު ކުރެއްވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، މި ބިލް ހުށަހެޅުއްވުމުގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ފަށައި، ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ބިލްގެ ބޭނުމަކީ ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ އެންމެހައި ތަކެއްޗާއި ދަނޑުވެރިންގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް އަދި އެކްސްޕޯޓް ކުރުމަށް ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތައް ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހައި ތަކެތިން އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބިލަށް އަމަލު ކުރަން ފަށާނީ، ބިލް ފާސްވެ ރައީސް ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުންނެވެ.
ދަނޑުވެރިކަމަށް އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ.
މީގެއިތުރުން ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ ތެރެއިން ކުރިން ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ވެސް މަޖިލީހަށް ބަލައިގަނެ ވަނީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އަދި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހާއި ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް ވަނީ މަޖިލީހަށް ބަލައިގަނެ ކޮމިޓީ އަށް ފޮނުވައިފަ އެވެ. މި ހުރިހާ ބިލެއް މަޖިލީހަށް ބަލައިގަތީ 56 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
11 December 2018
މިނިސްޓްރީ ގެ ވެބް ސައިޓުން ދަނޑުވެރިކަމާ ބެހޭ މައުލޫމާތު ލިބޭނެ ގޮތް ހަދާ ދީބަލާށެވެ. ބޮޑުން އިސްތިހާރު ވުމަށް ފޮޓޯ ލުމަށް ވުރެ ފައިދާ ވާނެއެވެ.
ލުބޯ
11 December 2018
ސާމާނު ލިސްޓުގަ ބޮންދުން ހިމޭނޭތަ؟ ދަނޑުވެރިކަމަށް އެއްމެގިނައިން ބޭނުން ކުރަނީ ބޮންދުން.
ގުނަރަތިނާ
11 December 2018
ގެރި ގުއި ބަސްތާއެއް އަދި ވެސް ވިއްކާނީ 70 ރިފިޔާ އަށެވެ. ތިވީ ގޮތުން ގަސްކާނާ ވިއްކާ މީހުންގެ ވިޔަފާރި އިތުރަށް ރަގަޅުވީ އެވެ.ނިޔާޒް އިޔާޒް ގްރޫޕަށް ޗާންސް ބޮޑިވީއެވެ.
ސޢތތ
11 December 2018
ގެރި ގުޔަކީ މިހާރުވެސް ޑިއުޓީ ނަގާއެއްޗެއް ނޫން
އަލިފުތާ
11 December 2018
އެކަމަކު ކާބޯތަކެތީގެ އަގަކަށް ބަދަލެއް ހެޔޮބަދަލެއް އަންނާނެކަމަކަށް ނުބެލެވޭ... ދައުލަތުގެ އާމްދަނީއަށް ލިބުނުގެއްލުމެއް ތިޔައީ... ބޭރުމީހުން ޑޮމިނޭޓުކުރަނީ ދަނޑުވެރިކަމާއި އެއިން އުފައްދާތަކެތި ވިއްކުން ... އެމީހުން އަތްމަތީގައި ހުރިހާ ބާރެއްއޮތީ އަގުތައް ކަނޑައެޅުމުގައި... ހުރިހާކަމަކަށް ގާނޫނު އިސްލާހުކޮށްގެން ކަންކަން ރަގަޅުވެގެންދާނީ...
އަލީ ތޮއްޑޫ
11 December 2018
ދެން އެތެރެކުރާ ހުރިހާ އެއްޗެއްވެސް އެތެރެ ކުރާނީ ދަނޑުވެރި ސާމާނުގެ ގޮތުގައި. އަހަރެމެން ދިވެހިންނަކީ ނިކަން ފާޑެއްގެ ބައެއް.
ނޫމާނު
11 December 2018
ވިޔަފާރިވެރިން މިޤައުމު ހަލާކު ކުރަނީ