24 ޑިސެމްބަރ 2018 - 12:18
ޖަކާޓާ (ޑިސެމްބަރު 24) - އަލިފާން ފަރުބަދައެއް ގޮވައިގެން އިންޑޮނީޝި އަށް ހޮނިހިރު ދުވަހުގެ ރޭ އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 281 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނޭޝަނަލް ޑިޒާސްޓާ އެޖެންސީން ބުނީ ސުނާމީގައި 1،000 މީހުންނަށް އަނިޔާވި ކަމަށެވެ.
"މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ،" އެޖެންސީގެ ތަރުޖަމާން ސުޓޮޕޯ ޕުރްވޯ ނުގްރޮހޯ ވިދާޅުވި އެވެ.
ސުންޑާ ސްޓްރައިޓުގެ އައްސޭރި އަށް އެރި ބޮޑު ރާޅުގައި ވަނީ އެތައް އިމާރާތެއް ހަލާކުވެފަ އެވެ. ސުންޑާ ސްޓްރައިޑް އޮންނަނީ ޖަވާ އާއި ސުމަޓްރާއާ ދެމެދުގަ އެވެ. މި ގަނޑުއޮޅި އޮންނަނީ ޖަވާ ކަނޑާ ގުޅިފަ އެވެ.
އިންޑޮނީޝިއާ އަށް އެންމެ ފަހުން ސުނާމީ އަރާފައި ވަނީ ސެޕްޓެމްބަރު މަހު ސުލަވޭސީ އައިލެންޑަށެވެ. އެ ފަހަރުގެ ސުނާމީގައި ވަނީ އެތައް ހާސް ބަޔަކު މަރުވެފަ އެވެ.
އިންޓަނޭޝަނަލް ސުނާމީ އިންފޮމޭޝަން ސެންޓަރުން ބުނީ އަލިފާން ފަރުބަދައެއް ގޮވައިގެން ސުނާމީއެއް އުފެދުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. ބިންހެލުމާ އެކު އުފެދޭ ސުނާމީގައި އިންޒާރު ދޭން ވަގުތު ލިބުނު ނަމަވެސް އަލިފާން ފަރުބަދަ ގޮވައިގެން އުފެދުނު ސުނާމީގައި އިންޒާރު ދޭން އެކަށީގެންވާ ވަގުތެއް ނުލިބެ އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ލަފާ ކުރަނީ ސުނާމީ އުފެދުނީ ކްރަކަޓޮއާ އަލިފާން ފަރުބަދަ ގޮވުމުން ކަނޑު އަޑިއަށް އެރި ލޮޅުމެއްގައި ކަމަށެވެ.
ޑިސެމްބަރު 26، 2004 ގައި އިންޑޮނީޝިއާ އަށް އައި 9.3 ގެ ބާރުގަދަ ބިންހެލުމާ އެކު އެރި ސުނާމީގައި 14 ގައުމަކުން 228،000 މީހުން މަރުވި އެވެ. އިންޑޮނީޝިއާ އިން އެކަނި ވެސް 168،000 މީހުން މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy