އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ. -- ފޮޓޯ:ނިޝާން އަލީ/މިހާރު
30 ޑިސެމްބަރ 2018 - 12:33
މާލޭގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ޕަމްޕް ސްޓޭޝަންތައް ބަހައްޓާފައިވަނީ ޓެކްނިކަލް މުވައްޒަފުން ދިން ލަފަޔާ ހިލާފަށް ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ، ފެން ހިންދުމުގެ ނެޓްވޯކް ގާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން ކުރީ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. ނަމަވެސް މި އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ މެދު ތެރޭގައި ހަމަވެފައި ވާތީ އެ ކުންފުނިން މިހާރު އެ މަސައްކަތް ނުކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"މި ނެޓްވޯކް އެޅުމުގަ ވެސް ހުރީ އަޅުގަނޑުމެން ދީފައިވާ ލަފަޔާ ހިލާފަށް. ސަރުކާރުން މިކަން ކުރަން ބޭނުންވި ގޮތް ވަރަށް ތަފާތު. އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމުން ބޭނުންވި ގޮތަކަށް ނޫން އެ ނެޓްވޯކް އެޅިފައިވަނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން، ބޭނުންވާ ކަންކަން ކުރުމުގައި އެންމެ ބޮޑަށް ފައިދާވާ ގޮތްތަކަށް ބަލަންޖެހޭ ކަމަށާއި ކަމުގެ ފަންނީ މީހުންދޭ އިރުޝާދުތަކަށް ތަބާވަންޖެހޭ ކަމަށެވެ.
"އާންމުގޮތެއްގައި ފެން ހެދެނީ އަމީނީ މަގާ ވެސްޓްޕާކު ސަރަހައްދުގައި. އަޅުގަނޑުމެންގެ ޓީމުން ލަފާދިނީ ޕަމްޕް ވަޅުތައް ބަހައްޓަންވީ ތަނަކީ އަމީނީ މަގު ނޫނީ ފެން ހެދޭ ހިސާބުގައި ކަމަށް. އެކަމަކު އެބޭފުޅުން އެ ތަންތަނުގައި ސްޓޭޝަން ބަހައްޓަދޭކަށް އެއްބަހެއް ނުވި. އެބޭފުޅުން ބޭނުންވީ މެރިން ޑްރައިވްގައި، ބޮޑުތަކުރުފާނު މަގުގައި ސްޓޭޝަންތައް ބަހައްޓަން،" އާޒިމް ވިދާޅުވި އެވެ.
އެ ހިސާބަށް ފެން ދަނީ ވަރަށް މަދުން ކަމަށާއި ފެންހެދޭ ތަނެއްގައި ޕަމްޕު ބެހެއްޓުމުން ޕްރެޝަރުގައި ފެން ހިންދާލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އޭރުން މިހާރު ފެން ހިނދޭ ވަރަށް ވުރެ މާ އަވަސް މިނުގައި ފެންގަނޑު ހިނދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، މިކަން ހިނގާފައިވާ ގޮތް ބަލައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ފެންބޮޑުވާ ސަރަހައްދުތަކަށް ޕަމްޕް ސްޓޭޝަންތައް ބަދަލު ކުރުމަށް އެދޭނެ ކަމަށް ވިދާޅުވި އެވެ. ނަަމަވެސް އޭނާ ވިދާޅުވީ މިކަމުގައި ގޮތް ނިންމާނީ ސަރުކާރުން ކަމަށެވެ.
މާލޭގެ މަގެއްގައި ފެންބޮޑުވެފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މާލޭ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެވަނަ ފިޔަވަހީގެ ދަށުން 13.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ތިންވަނަ ފިޔަވަހީގެ ދަށުން ފަސް މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި ހަތަރު ވަނަ ފިޔަވަހީގެ ދަށުން 12.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ބޯކޮށް ވާރޭ ވެހި މާލޭގައި ފެން ބޮޑުވެ، ފާޑުކިޔުންތައް އަމާޒުވުމުން މިިދިޔަ އޮކްޓޫބަރު މަހު ހައުސިން މިނިސްޓްރީން ބުނީ ޕަމްޕް ސްޓޭޝަންތައް ގާއިމުކުރި ނަމަވެސް ގިނަ ސްޓޭޝަންތައް ހުރީ ހަލާކުވެފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަގީރު ސޮރު
02 January 2019
ވިލިމާލޭ ފެރީކަރިީގައި އަޅާފަ އޮތް ޑީވޯޓަރ ކުރާ ހޮޅިތައް އެނޫންގޮތަށް އެމްޑަބްލިޔުއެސްސީ އިން އަޅަންވެއްޖެއެއްނު މިހާރު. އެތަނުން މީހަކަށް ހިނގެނީއެއް ނޫން ހޮޅިތަކާހެދި. ހީވަނީ މީ ފައިމަގުގަ އުޅޭ މީހުނަށް ކުރާ ޖެއްސުމެއްހެން.
ވިލްސް
31 December 2018
ބޭބޭ ދެން މާ ހާސަރު ދިގުނުކޮށް ރަނގަޅުކުރަން ޖެހޭ ކަންތައް ރަނގަޅު ކޮށްލާ! ރައްޔިތުން އެދެނީ ރަނގަޅު ކުރުވަން. ގިނަ ވާހަކައިގެ ތެރޭގައި ވަގުތު ދުއްވާލާކަށް ނޫން!!
ޓެބްލެޓް
30 December 2018
ކޮމެންޓްތައް ބަލާލީމަ އެނގޭ ރައިއްޔަތުން ބޭނުންވަނީ މާ ބަހަނާ ދިގުނުކޮށް ނަތީޖާ ދެއްކުން ކަން!
ތެކްނިކަލް
30 December 2018
ފުރަތަމަ ކުންފުނީގަވެސް ޓެކްނިކަލްމީހުން ދޭ ލަފާ ގަބޫލު ނުކުރާ ބައެއް މީ..މިހާރުވެސް ކުންފުނީގަ އިސްކޮށް ގިނައިން ތިބީ!....
މަޖިލިސް
30 December 2018
މީނަ ކަމެއްނުކޮށް އަބަދު އެހެންމީހުންގެ ގޯސްވާހަކަދެއްކުން. އަވަހައް ބަދަލްކުރޭ މީނަ ނޫނީ މިސަރުކާރައް ވާގެއްލުން މާބޮޑުވާނެ.
އަތަ
30 December 2018
އެހާ ވާހަކަ ގިނަނުކޮށް އަނެއްފަހަރު ފެންބޮޑުވުވަނީސް ތިކަން ހައްލުކޮށްބަލަ.
ވާހަކާސަރުކާރު
30 December 2018
ވާހަކަ ދެއްކިޔަސް ހައްލުނުވާނެ މިހާރު ދެން ތިޔޮތީ ރަގަޅު ކުރުމުގެ ފުރުސަތު ލިބިފަ ދެން ނިކަން ހުރިވަރެއްދައްކާލަބަލަ
އިލާ
30 December 2018
އަޅޭ މި އާދަނު މީ ނޫސްތަކުގެ ސުރުޙީތަކުން ހާދަ ޖާގަ ހޯދާހިތްވާ މީހެކޭ! ހަމަ ކޮންމެ ދުވަހަކު ކުރީސަރުކާރުގެ ކޮންމެވެސް "ފަޅޮލެކޭ" އެބަކިޔާ. ނިކަން މާބޮޑަށް ވާހަކަ ގިނަނުކޮށް ޢަމަލު ގިނަކޮށްބަލަ. ބަލަ އާދަނާ.. ކުރީ ސަރުކާރު ފެއިލްވެގެންނޭ ރައްޔިތުން އެމީހުން ބޭލީ. މިހާރު ހުރިހާ ތަނެއްގައިވެސް ތިބޭނީ ގާބިލު މީހުންކަމަށް މިބަލަނީ.. ނިކަން ޕާރފޯމްކޮށް ރިޒަލްޓް ދައްކަދީ..
އެމްޑަބްލިޔު
30 December 2018
އެމްޑަބްލިޔުއެސްސީ އަށް ހުރިހާ ކަމެއް ދިނީމަ ވާނެ ހަ އެތި މި އޮތީ ވެފަ. މިފަދަ ކަން ކަން ބީލަމަށް ލައިގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރަށް ގޮވާލަން.
ވަޙީދު
30 December 2018
ތީ ރާއްޖޭގެ ތިކަން އޮންނަ ގޮތް. ކިޔަވަނީ ގާނޫނު، އުޅޭނީ ހިއުމަން ރިސޯން މެނޭޖަރަކަށް. ބޭހަށް ބޭރުގައުމަކަށް ދާނީ އަންނާނީ ކުނިބުނި ގަނެ ފައިސާކޮޅު ހުސްކޮށްލާފައި. ކޯހެއް ހަދަނީ އެސައިންޓްތަކަކީ އެހެން މީހެއްގެ މަސައްކަތެއް. ކިޔަވައިގެން ސެޓިފިކޭޓް ހޯދާނެ، ވަޒީފާ ހޯދާނީ މެމްބަރެއް މެދުވެރިކޮށް. ބަންޑުން ޖަހަން ޖެހޭ އެތި އޮންނާނީ އުއްޑުން. އުޅޭނީ އިސްލާމްދީނުގައި ކްރިސްމަހާއި ހޮލިއާއި ބޮލިއާއި މިއެއްޗެހި ފާހަގަ ކުރާނީ.
ޒައީ
30 December 2018
ވަރަށް އަސްލު ޙަޤީޤީ ކޮމެންޓެއް..