ޗެލްސީގެ ފޯވާޑް ކޮސްޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
20 އޯގަސްޓް 2016 - 22:07
ލަންޑަން (އޮގަސްޓް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ މޮޅުވިއިރު، ލިވަޕޫލް ބަލިވެއްޖެ އެވެ.
މެންޗެސްޓާ ސިޓީ މޮޅުވީ ސްޓޯކް ސިޓީއާ ވާދަކޮށް 4-1 އިންނެވެ. ވަޓްފޯޑް އަތުން ފަހަތުން އަރައި 2-1 އިން ޗެލްސީ މޮޅުވިއިރު، ބާންލީ އަތުން ލިވަޕޫލް ބަލިވީ 2-0 އިންނެވެ.
ސްޓޯކް ކޮޅަށް ސިޓީގެ ސާޖިއޯ އަގުއޭރޯ އާއި ނޮލީޓޯ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހި އެވެ. ސްޓޯކްގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ބޯޔާން ކާކިޗް އެވެ. މިރޭގެ މެޗުގައި ވެސް ސިޓީ ގޯލު ބެލެހެއްޓީ ވިލީ ކަބަލޭރޯ އެވެ. މިއީ ސިޓީ އަށް ބަދަލުވި ފަހުން ކަބަލޭރޯ ޖެހިޖެހިގެން ލީގު ދެ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.
ވަޓްފޯޑް ދަނޑުގައި އެޓީމުން ވަނީ ފުރަތަމަ ހާފުގައި އެޓިއެން ކަޕޫގެ ލަނޑުން ޗެލްސީ ސިއްސުވާލައިފަ އެވެ. ޗެލްސީ އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި މިޝީ ބަޓްޝުއާޔީ އެވެ. މިއީ އޭނާ ޗެލްސީ އަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ސްޓޯކް ސިޓީ ދެ ކުޅުންތެރިން ކައިރިން މެންޗެސްޓާ ސިޓީގެ ސިލްވާ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ޗެލްސީ މޮޅުކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ. މިއީ ފަހު ވަގުތު ލަނޑު ޖަހައިގެން ކޮސްޓާ ޗެލްސީ މޮޅުކޮށްދިން ދެ ވަނަ މެޗެވެ.
އަލަށް ޕްރޮމޯޓްވި ބާންލީ އިން ލިވަޕޫލް ބަލިކުރީ ފުރަތަމަ ހާފްގައި ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި ޖެހީ ސޭމް ވޯކްސް އެވެ. ހާފް ނިމުމުގެ ކުރިން ދެ ވަަނަ ލަނޑު ޖެހީ މެޗުގެ 37 ވަނަ މިނިޓްގައި އަންދްރޭ ގްރޭ އެވެ. ގްރޭ އަކީ މިދިޔަ ސީޒަނުގައި އިނގިރޭސި ދެ ވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިއާ އެވެ.
މި މެޗުގައި ލިވަޕޫލުން ގިނަ ވަގުތުގައި ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. މި މެޗަކީ ލިވަޕޫލް ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް މެޗެކެވެ. އެހެން ނަމަވެސް ލިވަޕޫލްގެ އެންފީލްޑްގެ މަރާމާތު މަސައްކަތް ނުނިމޭތީ ބާންލީގެ ހޯމް މެޗަށް ބަދަލުކުރީ އެވެ.
މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޓޮޓެންހަމް ވަނީ 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ވެސްޓް ބްރޮމް އަތުން 2-1 އިން އެވަޓަން މޮޅުވިއިރު، ސްވަންސީ ސިޓީގެ މައްޗަށް ހަލް ސިޓީން ކުރިހޯދީ 2-0 އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy