ޚަބަރު / އަލީ ހުސައިން (ނޮވެލްޓީ)

އަލީ ހުސައިން: ފޮތްތައް ނެރުމުގައި ދެ ވަނައެއް ނެތް!

ނޮވެލްޓީ އަލީ ހުސައިން-- ފޮޓޯ:

"ގޮނޑަށް އުކާލާފައި ހުންނަ ލިޔުންތައް ވެސް އެއްކުރައްވާނެ. ފައިސާ ދީގެން ވެސް ކުރީގެ ލިޔުންތައް ހޯއްދަވާނެ. އެހެން މީހުންނަށް ނުލިބޭ ކަހަލަ ލިޔުންތައް ހޯއްދަވާނެ. އެ ލިޔުންތައް ޗާޕްކޮށް ނެރުއްވުން ކަމަކަށް އޮންނާނީ."

އެއީ މިއަދު އަވަހާރަވި، އަދި ޗާޕުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރައްވަމުން ގެންދެވި، ހިދުމަތްތެރިޔާ ނޮވެލްޓީ އަލީ ހުސެއިންއާ ބެހޭ ގޮތުން އަދީބު އަބްދުﷲ ސޯދިގް (ސޯދުބޭ) ވިދާޅުވި ވާހަކަފުޅެވެ.

އަލީ ހުސެއިން އަކީ ރާއްޖޭގައި ޗާޕްގެ މަސައްކަތަށް އެންމެ ބޮޑު ކުރިއެރުމެއް ގެންނެވި، ޒަމާނީ ވަސީލަތްތަކަށް އިންވެސްޓްކުރެއްވި ބޭފުޅެކެވެ. އޭނާގެ އަނެއް ލޯތްބަކީ ތަފާތު ފޮތްތައް، ދިވެހި ބަހުން ހުރި އެހެންވެސް ލިއުންތައް ޗާޕްކުރެއްވުމެވެ.

އަލީ ހުސެއިންގެ ޗާޕް މަސައްކަތް 1960ގެ އަހަރުތަކުގެ ކުރީކޮޅު ފެއްޓެވީ މއ. ބަނަފްސާގޭގައި "ސާދާ ޗާޕްހާނާ" ހުޅުއްވައިގެންނެވެ. އޭރު ޗާޕްކުރެއްވީ ކައިވެނީގެ ސެޓްފިކެޓާއި ވަރީގެ ސެޓްފިކެޓެވެ. އެކަމަކު މިއަދު އޭނާއަކީ އެންމެ ގިނަ ދިވެހި ފޮތް ޗާޕްކޮށް ނެރުއްވި ޕަަބްލިޝަރެވެ. ދިވެހި ލިޔުންތެރިންނާއި ޅެންވެރިންގެ މަސައްކަތްތައް އާއްމުންނާ ހަމައަށް ގެނެސްދެއްވި ހިދުމަތްތެރިޔާ އެވެ.

އަލީ ހުސައިން ލިޔުއްވާފައިވާ ފޮތްތަކާއި ތާރީހީ ބައެއް ލިޔުންތައް އޭނާގެ މޭޒުމަތީގައި--

ސޯދުބެ ވިދާޅުވި ގޮތުގައި އަލީ ހުސައިނަކީ އިހުގެ ލިޔުންތަކަށް އާދަޔާ ހިލާފަށް ލޯބިކުރެއްވި ބޭފުޅެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެހެން މީހުންގެ އަތުގައި ނެތް ލިޔުއްވުންތަކާއި ފޮޓޯ ފަދަ ތަކެތި އޭނާ ގެންގުޅުއްވި ކަމަށް ސޯދުބެ ވިދާޅުވި އެވެ.

"އަލީ ހުސައިން ނެރުއްވާ މަޖައްލާ 'ދިވެހި ޑައިޖެސްޓް'ގައި އެ ލިޔުންތައް ހިމަނައިގެން އެ ނެރުއްވަނީ. އުކާލާފައި ހުންނަ ލިޔުންތައް ވެސް ހޯދާނެ. މީހުންނަށް ފައިސާ ދީގެން ވެސް ހޯދާނެ. ދެން ޗާޕް ކުރައްވައިގެން އެ ނެރުއްވަނީ،" ވަރަށް ކުރިންސުރެ އަލީ ހުސެއިންނާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި ސޯދުބެ ވިދާޅުވި އެވެ.

އަލީ ހުސައިން ފުރަތަމަ ޗާޕްހާނާއެއް ހުޅުއްވިއިރު އެކުގައި މަސައްކަތް ކުރެއްވި، ކޮފީ މުހައްމަދު ރަޝީދު ވިދާޅުވީ އޭނާއަކީ އަބަދުވެސް ޗާޕަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެއް ކަމަށެވެ. ފުރަތަމަ ޗާޕްކުރެއްވީ ވެސް އަތުން އޮޕަރޭޓް ކުރާ މެޝިންތަކެއް ބޭނުންކޮށްގެން ވަރަށް އުނދަގުލުން ކަމަށް، އޭރުގެ ހަނދާންތައް ހިއްސާ ކުރައްވަމުން، ރަޝީދު ވިދާޅުވި އެވެ.

"އިލްމީ، އަދަބީ އުފެއްދުންތައް ނެރުއްވުމުގައި އެއީ ނަމޫނާއެއް. ގެއްލިދާ ފޮތްތައް ހޯދައިގެން ނެރުއްވާ އާއްމު ކުރައްވާނެ ވަރަށް ގިނައިން. 'ރީތި ޅެން' ނަމުގައި އެފަދަ ޅެން ފޮތެއް ވެސް ނެރުއްވި،" ރަޝީދު ވިދާޅުވި އެވެ.

އަލީ ހުސެއިން (ކ) އާއި "ހަވީރު"ގެ ޗެއާމަން ޑރ. ޒާހިރު 2014 ގައި

އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް އުޖޫރަ ދެއްވުމާއި އިތުބާރު ކުރެއްވުމުގައި ވެސް އަލީ ހުސައިންނަކީ ނަމޫނާ ބޭފުޅެއް ކަމަށެވެ.

"އަލީ ހުސައިންގެ މޮޓޯއަކީ އިތުބާރު ގެއްލޭނީ އެންމެ ފަހަރުކޭ. ވަރަށް އިތުބާރު ކުރައްވާނެ. ބުނާ ބަހުގައި އިތުބާރު އޮންނާނެ. އެއީ ދާއިމީކޮށް މަސައްކަތުގައި ދެމިހުންނެވި ނަމޫނާ ބޭފުޅެއް،" ޅެންވެރިއެއްގެ ގޮތުން ވެސް މަޝްހޫރު ރަޝީދު ވިދާޅުވި އެވެ.

ފަހުގެ ބައެއް ލިޔުންތެރިންގެ ކާމިޔާބީގައި ވެސް އަލީ ހުސެއިންގެ ރޯލެއް އޮވެ އެވެ. ވާހަކަ ލިޔުންތެރިޔާ، ބިންމާ އިބްރާހިމް ވަހީދު ވިދާޅުވީ ވީހާވެސް ގިނައިން ފޮތް ނެރުއްވުމަށް އަލީ ހުސައިން ވަރަށް ބާރު އަޅުއްވާނެ ކަމަށެވެ. އަދި ފޮތެއް ލިޔެގެން ދިއުމާ އެކު ވަރަށް އަވަހަށް ފޮތް ޗާޕްކޮށްދީ އެހީތެރިކަން ފޯރުކޮށްދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ފޮތްތައް ފޮތް ހަރުގަނޑުން ފެންނަން ބޭނުންވާނެ. ދިވެހި ބަސް ދެކެ ވަރަށް ލޯބިވާ ބޭފުޅެއް އެއީ. އަދި ހަމަ ގައުމުގައި ހިނގާ ކަންކަމާ ވިސްނަވާ އެކަންކަން ރަނގަޅު ކުރަން ބޭނުންފުޅުވާ ބޭފުޅެއް އެއީ،" ބިންމާ ވިދާޅުވި އެވެ.

ރާއްޖޭގައި ޗާޕުގެ މަސައްކަތް ތަރައްގީކުރުމުގެ ދާއިރާއިން އަލީ ހުސެއިނަށް ސަރުކާރުން ވަނީ ޝަރަފްވެރިކަމުގެ އިނާމް 2003 ގައި ދީފަ އެވެ. އަދި ހިތްވަރު ދިނުމުގެ އިނާމާއި މިނިވަން 25 ގެ އިނާމު ވެސް ލިބިވަޑައިގަތެވެ.

އަލީ ހުސައިންގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިރޭ މަގްރިބް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

7 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 93%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

10 January 2019

ހަމައެކަނި ކުރީގެ ލިޔުމާ ޗާޕް ގެ މަސައްކަތް އެކަންޏެއްނޫން ޢަލީ ޙުސައިން ކުރެއްވީކީ! އިހުގެ މަޝްހޫރު ވާހަކަ ކިޔާމީހުން ގެންދަވައިގެން ގަޑިއަކަށް 10ރ. (1980 ގެ އަހަރުތަކުތެރޭ ބޮޑު އަގެއް) ދެއްވައިގެން ޓޭޕް ރިކޯޑަރ އަކުން ޓޭޕް އަށް ރިކޯޑްވެސް ކުރެއްވި. އޭގެތެރޭގަ މަޝްހޫރު ބޮޑުގޮހޮޑާ ވާހަކައިގަ ތަކުރާރުކޮށްކިޔާ "ނިކުންނަމުން ނިކުންކުންނަމުން ނިކުންނަމުން ނިކުނަމުން ފަދަ ތަންތަންކޮޅު ގަޑި ދެގަޑިއިރު ކިޔަސް ކަމަކަށްނަހައްދަވާ ބަރާބަރަށް އަގުދެއްވި.

The name is already taken The name is available. Register?

ާއަޙްމަދު ޢަލީ

09 January 2019

އަލީ ހުސަައިން އަށް ﷲ ހެޔޮ ރަޙްމަތް ލައްވާށި އާމީން. انا لله وانا اليه راجعون

The name is already taken The name is available. Register?

Mohamed ibrahim

09 January 2019

ދނިޔޭގައި ތިބޭއިރު ތި ވާހަކަތަށް ނުލިޔެނީ ކީއްވެތަ......

The name is already taken The name is available. Register?

ހާމިދު ޝާހިދު

09 January 2019

މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދެމެވެ. އޭނާއަކީ އޭނާގެ ދާއިރާގައި އެންމެ ހިދުމަތްތެރި އެއް ބޭފުޅާއެވެ. އަޅުގަނޑަކަށް ހަމަލޮލުން އެމަނިކުފާނު ދުށުމަށް ކުރި އުންމީދެއް ހާސިލެއް ނުވިއެވެ. އެކަމަކު އެމަނިކުފާނު ނެރުއްވި އެތައް ފޮތެއްގެ ބޭނުން ކިތަންމެހާވެސް ބޮޑަކަށް މިހާރުވެސް ކުރެއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

The name is already taken The name is available. Register?

ޒަންޖަބީލު

09 January 2019

މިއީ ނަމޫނާ ބޭފުޅެއް. ދިވެހިންނަށް މިއަދު ދިމާވެފައިވާ ގިނަ މައްސަލަތަކުގެ އަސްލަކީ ފޮތްކިޔުމާއި ދުރުވުން. ހަމައެކަނި ކިޔަވާ ފޮތްތަކާއި ސެޓްފިކެޓުން ނުފުދޭ.. އިލްމުވެރިންނާއި ފަލްސަފާވެރީންގެ ފިލޯސަފީތަކާއި ވިސްނުންތަކުގެ މައްޗަށް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް ކިޔާނަމަ ސިކުނޑި ހުޅުވި، ފިކުރީ ހަނގުރާމައިގައި ޝިކާރައަކަށް ވުމުގެ ޖާގަ ކުޑަ ވާނެ. މަރުޙޫމަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމީން.

The name is already taken The name is available. Register?

މަރޭމިތުރާ

09 January 2019

[ދިވެހިބަހަށް ކުރެވޭ މަސައްކަތަކީ ގައުމަށްކުރެވޭ ހެޔޮކަމެކޭ! ދިވެހިވަތަނުގެ ކޮންމެދަރިއަކު އެކަމެއް ބަލައިގަންނަން ޖެހޭކަމެކޭ!]................. ދިވެހިބަހަށް އެންމެ ކުޑަމިނުން އެންމެ އަކުރަކަށްނަމަވެސް، ފިއްޔަކަށްނަމަވެސް މަސައްކަތްކޮށްދޭ ފަރާތަކީ އެފަރާތައް އަބަދުވެސް ގައުމު ގޮވަމުންދާނެ! އަލީހުސައިންއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުންއެދި މިހިތުން ދުއާކުރަން. އާމީން.

The name is already taken The name is available. Register?

އައި.އާރު

09 January 2019

އަލީ ހުސައިންގެ މަސައްކަތްތަށް އިތުރަށް ހަރުދަނާކަންމަތީ ކުރިޔަށް ގެންދިއުމުގެ ހެޔޮތަޢުފީޤް ނޮވެލްޓީގެ ހިންގުންތެރިންނަށް ދެއްވާ މަރުޙޫމްގެ ފުރާނަޔަށް ހެޔޮރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454