ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: އެމަނިކުފާނު މިރޭ ޔޫއޭއީ އަށް ފުރާވަޑައިގަންނަވާނެ. --ފޮޓޯ/މިހާރު
13 ޖެނުއަރީ 2019 - 10:27
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ އެކު ޚާއްސަ ގުޅުމެއް އުފެދެން ފަށާފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ގައުމަށް މިރޭ ފައްޓަވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްގީ އަށް އެހީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސާއި ސަރުކާރުގެ އިސްބޭފުޅުންތަކެއް މިރޭ ޔޫއޭއީ އަށް ފުރާވަޑައިގަންނަވާނެ އެވެ. ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި އެނާޖީ ސަމިޓްގައި ރައީސް ބައިވެރިވެވަޑައިގަތުމުގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ރަސްމީ ވާހަކަތައް އޮންނާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "މިހާރު" އަށް ވިދާޅުވި އެވެ. އެ ދަތުރުފުޅުގެ ކަންކަން ރާވަމުން އަންނައިރު، ދިވެހި ރައްޔިތުންނާއި ރާއްޖޭގެ ކުރިއެރުމަށް އެ ގައުމުގެ އެހީ އެންމެ ފުޅާކޮށް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން އަބޫދާބީ ފަންޑުން ވެސް ރާއްޖެ އަށް ދީލަތި އެހީތަކެއް ދީފައިވެ އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ފެށުނު ހިސާބުން ޔޫއޭއީއާ އަޅުގަނޑުމެންނާ ދޭތެރޭގައި މިއޮތީ ޚާއްސަ ގުޅުމެއް ފެށިފައި. ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭތަން އެބަ ފެނޭ،" ޝާހިދު ވިދާޅުވި އެވެ.
ރަސްމީ ދަތުރެއްގައި ޝާހިދު، އަބޫދާބީ އަށް ވަޑައިގެން ޝެހިއު އަބްދުﷲ އާ ބައްދަލު ކުރައްވަނީ. --ފޮޓޯ/ފޮރިން މިނިސްޓްރީ
ނޮވެމްބަރު، 17، 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮނުއްވީ ޔޫއޭއީގެ ރައީސްގެ ދަރިކަލުންނެވެ. އޭގެ ފަހުން، މިނިސްޓަރު ޝާހިދު ވެސް ރަސްމީ ދަތުރެއްގައި އެ ގައުމަށް ވަޑައިގަތެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ދާދި ފަހުން ޔޫއޭއީ އަށް ވަޑައިގަތެވެ. އެއީ، ނ. މާފަރު އެއާޕޯޓު އަޅަން އެހީވާ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ އިސްވެރިންގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. މާފަރު އެއާޕޯޓު މަޝްރޫއުގެ ހުރިހާ ހަރަދެއް ކުރަނީ އޭޑީއެފްޑީގެ ހިލޭ އެހީގެ ދަށުންނެވެ.
ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފަ އެވެ. އެއާއެކު ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ވެސް ޔޫއޭއީ ހިމެނެ އެވެ. ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިދިޔަ ޑިސެމްބަރު މަހު ވަޑައިގަތީ އިންޑިއާ އަށެވެ. އަދި ރަސްމީ ދެވަނަ ދަތުރުފުޅުގައި މި ވަޑައިގަންނަވަނީ ޔޫއޭއީ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިދަރިން
14 January 2019
އަބޫ ދާބީ އެއާޕޯޓުގެ އެކުސްޗޭންޖު ތަކުން ދިވެހި ފައިސާ ރުފިޔާ މާރުކުރެވޭ. ގުޅުން ބަދަހިކުރަން ރަނގަޅު.
ވާލުސޮރު
13 January 2019
މި ރައީސްއަށްވާނެ، ޝުކުރިއްޔާ އިބޫ
ދާދޭ
13 January 2019
ދުނިޔޭގެ އެންމެ މުއްސަނދި އެއްގައުމު ކަމިގައިވާ ގަޠަރާ ގުޅުން ގާއިމް ކުރާނީ ކޮންދުވަހަކު؟
އަހައްމަދާ
13 January 2019
ކަމެއްވާއިރަށް ގުޅުން ކަނޑާލީމަ، އަލުން ގުޅުން ގާއިމްކުރަން އެދުމުން އެމީހުންވެސް ވިސްނާ ކަންތައްތަކަށް ވިސްނުމަށްފަހު ދޯ ގުޅުން ގާއިމް ކުރެވޭނީ، ތީކީ އެހާ ފަސޭޙައިން ވާކަންކަމެއް ނޫން ދާދޭ.
ބިރްބޮލްވަޒީރު
13 January 2019
މި މީހުން ނެގީމަ މިވަނީ އެހީއަށް. ޔާމީނު ނެގީމަ ގައުމުގެ ދަރިންގެ ދަރިންގެ ބޮލުގަ އަޅާ ލޯނު. ތާހިރެއްނު.
ޝިރުހާން
13 January 2019
އޭ ބީރްބޮލް. ދަރަންޏާ އެހީއާ ތަފާތު ވާނެ. އެހީއޭ އާއްމުކޮށް ކިޔަނީ ހިލޭ އެހީއަށް. ލޯނު އެހީ ނުވަތަ ލޯނަކީ ސީދާ ދަރަނި. ލޯނެއް ނަގާ ވާހަކައެއް ނާހަން، އެހީ ހޯދާ ވާހަކަ މިއަހަނީ މުޅިންވެސް.
ގައުމީ ލޯބީގާ
13 January 2019
އެވަޑައިގަތީ ލޯނާންޓެއް ހިފައިގެން އެހީ ހޯދަން ވައުދު ވީ އެބަޔަކަށް ލިބޭ އާއްމުދަނީން ފުދުއްތެރި ދިރިއުޅުމަކަށް .ހަރަދު ބޮޑުވުމާ ލޯނު ނެގުމަކީ ރައިސް ކުރައްވާ ހިތްޕުޅުވާ ކަމެއްނޫން މާގިނަ ފައިސާ ވެސް ބޭނުންފުޅުވާ ރައިސެއްނޫނޭ ވިދާޅުވާ އަޑުވެސް އެހިން .ރައިސް ވިދާޅުވި ވައުދު ތައް ހަދުމަފުޅު އެބަހުރިބާވައޭ ހިތައް އަރަނީ .ހިތައް އަރަނީ އިތުރު ފުޅު ހައްދަވާ ރައިސެކޭ މިއީ .
އަހައްމަދާ
13 January 2019
ކޮބާ ހީވޭ ކަމެއްހެން؟ ކުރީފަހަރު ގޮސް ހަމަޖެއްސި އެހީތަކުގެ ވާހަކަ އެބުނީ. މިފަހަރު ގޮސް ރަސްމީކޮށް އެގެންނަނީ އެ އެހީ. މި ސަރުކާރަށް މިކަން މާ ރަނގަޅަށްވެސް ވާނެ.