ރާއްޖެ-ޔޫއޭއީ ޖޮއިންޓް ކޮމިޓީ އެއް ގާއިމްކުރަނީ

ރާއްޖެއާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އެއްބާރުލުން އިތުރު ކުރަން "ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ"އެއް އުފައްދަން ދެގައުމުން އެއްބަސްވެއްޖެ އެވެ.


ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީއެއް އުފެއްދުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި އެގައުމަށް މިހާރު ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ. ޔޫއޭއީގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އެވެ.

ޔޫއޭއީގެ އަބޫ ދާބީ ގައި ހުންނަ އަބޫ ދާބީ ނެޝަނަލް އެގްޒިބިޝަން ސެންޓަރުގައި އޮތް އެ ރަމިސްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވަޑައިގެންނެވި އެވެ. ރަސްމީ ދަތުރުފުޅެއްގައި ރައީސް އެގައުމަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. ރައީސް، ޔޫއޭއީ އަށް ވަޑައިގެންނެވީ އެ ގައުމުގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑާ އޮފް އާމްޑް ފޯސަސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށެވެ.

ރައީސްގެ ދަތުރުފުޅުގައި "ޒައިދު ސަސްޓެއިނިބިލިޓީ އެވޯޑްސް" އާއި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖޮއިންޓް ކޯޕަރޭޝަން ކޮމިޓީ އުފައްދަން މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެގައުމުގެ ދެމެދު އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް ވެސް ބުންޏެވެ.