އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ޕާލަމެންޓުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
16 ޖެނުއަރީ 2019 - 11:33
ލަންޑަން (ޖެނުއަރީ 16) - އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމަށް ބޮޑު ވަޒީރު ތެރޭސާ މެއި ހުށަހެޅުއްވި އެއްބަސްވުމަށް ޕާލަމެންޓުގައި ލިބުނު ބޮޑު ނާކާމިޔާބީއާ އެކު ބޮޑު ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތައްޔާރުވެއްޖެ އެވެ.
އީޔޫ އިން ވަކިވުމުގެ އެއްބަސްވުން ޕާލަމެންޓުގައި ނާކާމިޔާބުކޮށްލީ 432-202 ވޯޓުންނެވެ. މިއީ އިނގިރޭސި ވިލާތުގެ ތާރީޚުގައި ވެސް ސަރުކާރުގެ ހުށަހެޅުމަކަށް މިހާ ބޮޑު ތަފާތަކުން ވޯޓެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.
ބްރެކްސިޓް އެއްބަސްވުމާ ގުޅޭ ގޮތުން މެއި މަޝްވަރާކުރާތާ ދެ އަހަރު ވެއްޖެ އެވެ. އެކަމަކު ޕާލަމެންޓުގެ ތެރޭން ދެކޮޅު ހެދުންތައް ކުރިމަތިވެ ބައެއް މެންބަރުން ވަނީ އީޔޫ އިން ވަކިވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އިތުރު ވޯޓަކަށް ދިއުމަށް ވެސް ހުށަހަޅައިފަ އެވެ.
އީޔޫ އިން ވަކިވުމުގެ ޓާމްސް 230 ވޯޓުން ފެއިލްވުމާ ގުޅިގެން ލޭބާ ޕާޓީން ވަނީ އާއްމު އިންތިޚާބަކަށް މަގު ފަހިކުރަން ފަށައިފަ އެވެ. މެއިގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނީ މިއަދު ހަވީރު އެވެ.
އެކަމަކު މެއި ވިދާޅުވެފައި އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވެވަޑައިގެންފި ނަމަ އާ އެއްބަސްވުމެއް އަންނަ ހަފުތާގައި ޕާލަމެންޓަށް ހުށަހަޅާނެ ކަމަށެވެ.
"ހައުސްގެ ބަސް ވަނީ އިއްވާފައި. މި ސަރުކާރުން އެ އަޑު އަހާނެ،" މެއި ވިދާޅުވި އެވެ.
ޕާލަމެންޓުގެ ވޯޓު ނާކާމިޔާބުވުމާ ގުޅިގެން މާޗް 29 ގައި އިނގިރޭސިން އީޔޫ އިން ވަކިވުން ޕްލޭނާ އެއްގޮތަށް ދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy