ޕިއޮންޓެކް (މ) ބޯޅަ ޖަހަން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
30 ޖެނުއަރީ 2019 - 10:27
މިލާން (ޖެނުއަރީ 30) – ނަޕޯލީ 2-0 އިން ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ރޭ ހޯދައިފި އެވެ.
މި މެޗުގައި މިލާނުގެ ދެ ގޯލް ވެސް ޖެހީ ގޮންޒާލޯ ހިގުއައިންގެ ބަދަލުގައި އެ ޓީމަށް ގެނައި ޕޮލެންޑް ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް އެވެ. ޖޫން މަހު ޖެނޯއާއާ ގުޅި 21 މެޗުން 19 ގޯލް ޖެހި ފޯވާޑް މިލާނުން ގަތީ 35 މިލިއަން ޔޫރޯ އަށެވެ.
މިލާނުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗުގެ 11 ވަނަ މިނެޓުގައި ޕިއޮންޓެކް ފުރަތަމަ ގޯލް ޖެހީ ޑިއެގޯ ލަޝާލްޓް ދިން ޕާހަކުންނެވެ. ދެ ވަނަ ގޯލް 27 ވަނަ މިނެޓުގައި ޖެހީ ބްރެޒިލް މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ތަނަވަސްކޮށްފިން ފުރުސަތެއްގަ އެވެ.
މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ޑިފެންސް ލައިނުން ވަނީ ނަޕޯލީ ހުއްޓުވުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ތެރޭފައި ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ކުރި ސޭވްތައް ހިމެނެ އެވެ.
ރޭގެ މެޗާ އެކު މިލާނުގެ ކޯޗު ޖެނާރޫ ގަޓޫސޯ ވަނީ، ނަޕޯލީގެ ކޯޗު އަދި އޭނާ އަށް ކުރިން މިލާނުގައި ކޯޗުކޮށްދިން ކާލޯ އަންޗެލޮޓީގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިފަ އެވެ. މި ދެ ޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުން 3-2 އިން ނަޕޯލީ މޮޅުވިއިރު މީގެ ތިން ދުވަސް ކުރިން ކުޅުނު ދެ ވަނަ މެޗު ނިމުނީ 0-0 އިން އެއްވަރުވެފަ އެވެ.
އިޓާލިއަން ކަޕުގެ ކުއާޓާ ފައިނަލުގައި މިރޭ ފިއޮރެންޓީނާ އާއި ރޯމާގެ އިތުރުން އެޓަލާންޓާ އާއި ޔުވެންޓަސް ބައްދަލުކުރާނެ އެވެ. ފަހު މެޗުގައި މާދަމާރޭ ވާދަކުރާނީ އިންޓަ މިލާނާއި ލާޒިއޯ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
30 January 2019
މިލާންވެސް އަސްލު މަގާމަށް އައުމަށް ވަރަށް މަސައްކަތްކުރޭ.
ރަދީފް
30 January 2019
#ފޯޒާމިލާން
ޕުތަރަދީފްް
30 January 2019
މިލާނަކީ ރަދީފްގެ ކިތައްވަނަ ޓީމުތަ؟