މިދިޔަ ރިޔާސީ އިންތިހާބުގައި އަމީނިއްޔާ ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓަށް އަންހެނަކު ވޯޓު ލަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
16 ފެބުރުއަރީ 2019 - 18:44
އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް އިސްލާހު ގެނެސް، ޝަކުވާ ހުށަހެޅުމުގެ ފަހު ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފި އެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލުތައް ގެޒެޓްކޮށްފައިވާ ކަމަށެވެ. އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލި އެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، 1،256 ޝަކުވާ ހުށަހަޅާފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނި ގޮތުގައި އާންމުން ހުށަހެޅި ޝަކުވާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުރީ އެޑްރެސް އަދި ދާއިރާ ބަދަލުވުމާ ގުޅޭ ޝަކުވާތަކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 87 ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓުލާނެ އެވެ. އިންތިޚާބުގެ ކެމްޕެއިން ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާ އިރު، ގިނަ އަދަދެއްގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަން ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ.
މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި އޮތް އިރު، އެކަމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy