ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭޕީޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭޕީ
20 ފެބުރުއަރީ 2019 - 16:42
ނިއު ދިއްލީ (ފެބްރުއަރީ 20) - ކަޝްމީރުގައި ދިން ހަމަލާގެ ތަހުގީގުގައި ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑު ވަޒީރު އިމްރާން ޚާން ހުށަހެޅުއްވި ހުށަހެޅުމަށް އިންޑިއާ އިން ދެކޮޅު ހަދައިފި އެވެ.
"ޕާކިސްތާނުން ބައިނަލްއަގުވާމީ މުޖްތަމައަށް އޮޅުވާލުން ހުއްޓާލަން ގޮވާލަން. އޭގެ ބަދަލުގައި ޕުލްވަމާގައި ދިން ހަމަލާގައި ޒިންމާދާރުކަމާ އެކު އަމަލު ކުރުމަށް ވެސް ގޮވާލަން،" އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "ޖައިޝީ މުހައްމަދު އާއި އެ ޖަމާއަތުގެ ލީޑަރު މަސްއޫދު އަޒްހަރު އުޅެނީ ޕާކިސްތާނުގައިކަން އެންމެންނަށް ވެސް އެނގޭ. މިއީ ޕާކިސްތާނުން ފިޔަވަޅު އެޅުމަށް އެކަށީގެންވާ ހެކި."
ކަޝްމީރުގައި ދިން ހަމަލާގެ ޒިންމާ ވަނީ ޖައިޝީ މުހައްމަދު ޖަމާއަތުން އުފުލައިފަ އެވެ.
ކަޝްމީރުގައި ދިން ހަމަލާގައި ޕާކިސްތާނުގެ އަތެއްވާ ނަމަ އެކަމުގެ ހެކި ދެއްކުމަށް އިމްރާން ޚާން ވަނީ ގޮވާލައްވައިފަ އެވެ.
"ޕާކިސްތާނަށް އިންޑިއާ އިން ތުހުމަތު ކުރަމުން ދަނީ އެއްވެސް ހެއްކެއް ނެތި،" ކަޝްމީރުގައި ދިން ހަމަލާއާ ޕާކިސްތާނުގެ ޖާސޫސީ އިދާރާއާ ގުޅުމެއްވާ ކަމަށް އިންޑިއާ އިން ބުނެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުން އިމްރާން ޚާން ވިދާޅުވި އެވެ.
ކަޝްމީރުގައި ދިން ހަމަލާގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންގެ 42 މީހުން ވަނީ މަރުވެފަ އެވެ. އެއީ ވޭތުވެދިޔަ 20 އަހަރު ތެރޭ ކަޝްމީރުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.
ކަޝްމީރުގައި ދިން ހަމަލާގައި ޕާކިސްތާނުގެ އަތެއްވާ ކަމަށް ތުހުމަތުކޮށްފައި ވަނީ އިންޑިއާގެ ލެފްޓިނެންޓް ޖެނެރަލް ކޭޖޭއެސް ދިލޮސަން އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy