މިފްކޯގެ ސީއީއޯއަކަށް އައްޔަން ކުރި އިސްމާއިލް ފައުޒީ.
22 ފެބުރުއަރީ 2019 - 14:17
އެސްޓީއޯގެ ދަށުން ހިންގާ، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އިސްމާއިލް ފައުޒީ އިއްޔެ އައްޔަންކޮށްފި އެވެ.
ގއ. ކޮލަމާފުށީ ރޯޝަނީގެ އިސްމާއިލް އަކީ މިފްކޯގައި 22 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ، މިފްކޯގެ ސީއީއޯއަކަށް ހަމަޖެއްސީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
އިސްމާއިލް، މިފްކޯގެ ސީއީއޯއަކަށް ހަމަޖެއްސިއިރު، އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ފާތިމަތު އާޝާން ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފަ އެވެ. އާޝާން އަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބުކޮށް ދިނުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އާޝާން މިފްކޯ އަށް ބަދަލުކުރިއިރު، އެސްޓީއޯގެ ޕްރޮކިއުމެންްޓް ޑިޕާޓްމެންޓުގެ އިސްވެރިއަކަށް ހުންނެވި ޖެނެރަލް މެނޭޖަރު މުހައްމަދު ޝުޖާއު އާއި އެނާޖީ އަދި ސްޓޭޕަލް ފުޑްސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ރަމްޒީ އަބޫބަކުރު ވަނީ ވަޒީފާ އިން އިއްޔެ ވަކިކޮށްފަ އެވެ.
އެސްޓީއޯ އިން ބުނިގޮތުގައި ބައެއް މަގާމުތަކަށް ބަދަލު ގެނައީ އެސްޓީއޯގެ ހިންގުން ހަރުދަނާކުރަން އޮނިގަނޑަށް ގެނައި އިސްލާހުތަކަކާ ގުޅިގެންނެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކީ ކުރިން ވެސް އެ ކުންފުނީގައި މަސައްކަތް ކުރެއްވި ހުސެއިން އަމްރެވެ.
ސަރުކާރުގެ 82 ޕަސެންޓް ހިއްސާ އޮންނަ އެސްޓީއޯ އަށް ލިބޭ ފައިދާ އެއް އަހަރުން އަނެއް އަހަރަށް ދަނީ ދަށަށެވެ. އެއާ އެކު، ކުރީގެ ސަރުކާރުގައި، ސިޔާސީ ކަންކަމުގައި އެސްޓީއޯގެ ދައުރު ބޮޑުކޮށް، ކުންފުންޏަށް ގެއްލުންވަމުންދާ ގޮތަށް އަމަލުކުރި ކަމުގެ ޝަކުވާ ވެސް ބޮޑުވި އެވެ.
އެކަންކަމުން އަރައިގަނެ، އެސްޓީއޯ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފައިދާވާ ކުންފުންޏަށް ހެދުމުގެ ޕްލޭނެއް ގެންގުޅުއްވާ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ. ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އަމިއްލަ ވިޔަފާރިތަކަށް ގޮންޖެހުމަކަށް ނުވާނެ ފަދަ ގޮތަކަށް އެސްޓީއޯގެ ވިޔަފާރިތައް ބައްޓަން ކުރައްވާނެ ކަމަށް ވެސް އަމްރު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަނު
23 February 2019
އެސްޓީއޯގެ މުދާ ޔާމިން ކެމްޕޭން ކުރުމަށް ފޯރުކޮށްދިން މީހުން މަގާމު ބަދަލު ކުރުމަކުން ނުފުދޭ.. އެ ގެއްލުން އެމީހެއްގެ ކިބައިން ހޯދުން މުހިންމު..
ައައިނި
22 February 2019
ބަލަ އާޝާން 26އަހަރު އެސްޓިއޯގައި މަސައްކަތް ކުރި އެވެސް ކިހަބޮޑު ސަރަފެއް މި ސަރުކާރު ގަ haމަ ޒާތީ ވި ކެމްޕޭން ވެސް ކުރާނެ އެހެނޭ ކިޔަފަ ޖެހޭތަ ވަޒީފާ ބަދަލު ކުރަން. މާސިޔާސީ ވެގެން މީހަކު ރަގަޅށް މަސައްކުރާތީ ޖޭވީ
ދާދޭ
23 February 2019
ދައުލަތުގެ މުދާ ބޭނުންކޮށްގެން އެސްޓީއޯގެ މުވައްޒަފުން ނުޖެހޭދޯ މީހަކަށް ކެމްޕޭނު ކުރަން. ކެމްޕޭނު ކުރަން ޖެހޭނީ އަމިއްލައަށް.
ބަލާމީހާ
22 February 2019
އިސްމާއީލް އަކީ ކުންފުނީގެ އެހާރާއި މިހާރު ދަންނަ ވެރިއެއް. 22 އަހަރު ކުންފުނީގައި މަސައްކަތް ކުރެވުމަކީ ޝަރަފެއް. މިހާރު މިއުޅޭ ޒުވާނުންނަށް ނަމޫނާއެއް. މިހާރު މިއުޅޭ ޒުވާނުން ބޭނުންވަނީ ކުއްލިއަކަށް ބޮންތީގައި ހިފަން.
ދޯ ދޯ
22 February 2019
މިފްކޯ އިން ހުރިހާ ކޮރަޕްޓް ކަންތައްތައް ކުރިއިރު އެކައުންޓްސްގައި ހުރީ އިސްމާޢިލް ފައުޒީ. ރަނގަޅު ކުރަން ކޮންކަމެއްބާ ކުރީ؟ ރަނގަޅަށް ވިއްޔާ އޭގެން ބައެއްވެސް ވާނީ ލިބިފައި. ނަޒާހަތްތެރިކަން ހުރިވަރު މިވަރުން އެނގޭނޭ.
އަހުމަދު ވަހީދު
22 February 2019
މަގާމް ތަކައް ބޭފުޅުން އިސްކުރުމުގެ ކުރިން އެބޭފުޅެއްގެ ނަޒާހަތްތެރިކަން ބަލަންޖެހޭ މާޒީން. އިބުރަތް ހާޞިލް ކުރަްވާ
ފަހުދު
22 February 2019
"އާޝާންއަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބުކޮށް ދިނުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ." ބަލަ އެއީ އެބޭފުޅާ ގެ ސިޔާސީ ވިސްނުން. އެހެނޭ ކިޔާފަ އެކަމަބާއަށް ގޯނާކޮށް ފުރައްސާރަކޮށް މަގާމާކުޅެ ވަޒީފާއިން މާޔޫސް ކުރުމަކީ ނާތަހުޒީބު ކަމެއް. ޜޔ އަށް 96000 ރައްޔިތުން ވޯޓުލީ.
ދެން!
22 February 2019
އެމީހެއްގެ ސިޔާސީ ވިސްނުމުގެ ތެރެއަށް އެހެންމީހުންނަށް (އެހެން މުވައްޒަފުނަށް) މަޤާމުގެ ބާރު ބޭނުން ކޮއްގެން ނުފޫޒުފޯރުވުމޯ! އެއީ ވަކި ތަހުޒީބު ކަމެއްތޯ!
ފަހުދުގެ އަމާ
23 February 2019
96000 ވޯޓު ވަގު އެކަން އެނގޭ