މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ (ކ) އާއި ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ. --ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2019 - 11:06
މެންޗެސްޓާ (ފެބްރުއަރީ 23) – ނަތީޖާތައް ދަށްވެ ވަޒީފާ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް އެ ކްލަބުން އިތުބާރުކުރުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގޮވާލައިފި އެވެ.
ގާޑިއޯލާ އަކީ ސާރީ އިޓަލީގެ ނަޕޯލީ އަށް ކޯޗުކޮށްދިން ދުވަސްވަރުން ފެށިގެން އޭނާ އަށް ވަރަށް ތާއީދުކުރާ ކޯޗެކެވެ. އެކަމަކު ނަޕޯލީގައި ކުޅުވި ކުޅުން ޗެލްސީގައި ތަކުރާރުކުރަން ސާރީ އަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލީގު ކަޕް ފައިނަލުގައި މާދަމާރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ފެންވަރު ސާބިތުކޮށްދޭން ސާރީ އަށް ލިބޭނެ ފަހު ފުރުސަތެވެ.
ގާޑިއޯލާ ބުނީ ސިޓީގައި އޭނާ ހޭދަކުރި ފުރަތަމަ ސީޒަނާއި ޗެލްސީން ފެންނަ މަންޒަރުތަކާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ސިޓީން އޭނާއާ މެދު އޭރު ސުވާލު ނުއުފައްދާ ކަމަށާއި އަދި މިވެނި މެޗަކުން ބަލިވެއްޖެއްޔާ އޭނާ ވަކިކުރާނެޔޭ ނޫސްތަކުގައި ނުލިޔާ ކަމަށެވެ.
"އަހަރެން ހައިރާންވި އެންޓޯނިއޯ ކޮންޓޭ ޗެލްސީ އަށް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ޖެހިގެން އައި ސީޒަނުގެ ކުރީކޮޅު މެޗެއް ނޫނީ ދެ މެޗުން ބަލިވީމާ އޭނާ ވަކިކުރަން ގޮވުމުން. އަހަރެން ހިތަށް އެރި، ދެ ތިން މަސް ކުރިން އޭނާ ލީގު ކާމިޔާބުކުރި ނޫންހޭ،" ޗެލްސީގައި އޮތް ކޯޗުން ވަކިކުރުމުގެ ސަގާފަތަށް ފާޑުކިޔަމުން ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ބައެއް ފަހަރު ހާލަތު ގޯސްވެ އެކަމަށް ވަގުތު ބޭނުންވާ ކަމަށާއި ސާރީ އަށް ވެސް ފުރަތަމަ ސީޒަނުގައި ދިމާވަމުން އެ ދަނީ އެފަދަ ގޮތެއް ކަމަށެވެ.
ސިޓީން ވަނީ ޕްރިމިއާ ލީގުގައި މިމަހު ކުރީކޮޅު ޗެލްސީ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. އެކަމަކު ގާޑިއޯލާ ބުނީ އެއީ ޗެލްސީގެ ސީދާ ފެންވަރު އެނގުނު ނަތީޖާއެއް ނޫން ކަމަށެވެ.
"ޗެލްސީއަށް ޕްރެޝަރު އޮތް. ރަނގަޅަށް ކުޅުނު ވެސް މެ. އެކަމަކު އަހަރެމެން ލިބުނު ހަތަރެއް ނުވަތަ ފަސް ފުރުސަތުގެ ބޭނުން އަހަރެމެން ހިފީ،" ގާޑިއޯލާ ބުންޏެވެ. "އެ މެޗު އަހަރެމެން ރިވިއުކުރި އިރު ފެނުނު ޗެލްސީން ވެސް ރަނގަޅު ކަންތައްތަކެއްކޮށްފައި ހުރިތަން."
ލީގު ކަޕުގެ ފައިނަލުގައި ޗެލްސީ އާއި ސިޓީ ކުޅޭ މެޗު އޮންނާނީ މާދަމާރޭ ރާއްޖެ ގަޑިން 9:30 ގައި ވެމްބްލީ ސްޓޭޑިއަމުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީ
23 February 2019
ގާރޑިއޮލާއަކީ މޮޅު ކޯޗެއް. ނަމަވެސް މިހާރު އެއުޅެނީ ޗެލްސީ ބޮޑުންގެ ބޯކާލައިގެން ސާރީ މަޑުކުރުވަން. ސިޓީ އަދި ގާޑިއޯލާއަށް ފައިދާ ކުރާނީ އެގޮތަށްވީމަ. ސާރީގެ ސްޓައިލާ ޗެލްސީއާ ނުގުޅޭތީ، ނަތީޖާވެސް ދަށްވެފައިވާތީ.
ހަނީ
24 February 2019
ގާޑިއޯލާ އެދައްކަނީ ރަނގަޅު ވާހަކައެއް. ކަލޭމެން ޗެލްސީއަށް ގުޅެނީ ކޮން ސްޓައިލެއްގެ ފުޓްބޯޅައެއްތަ؟ ހަމަ ގައިމުވެސް ސަރީ ކުޅުވަން ބޭނުންވާ ފުޓްބޯޅައަކީ ވަރަށް މަދު ކޯޗުންނާއި ކުޅުންތެރިންނަށް ނޫނީ ނުކުރެވޭނެ ކަމެއް. ޗެލްސީޔާ އެސްޓައިލް ނުގުޅެންޏާ ޗެލްސީގެ ތިބީ ޓެކްޓިކަލީ އެހާ މޮޅު ކުޅުންތެރިންނެެއްނޫން.