އައިޖީއެމްއެޗުން ބަޔަކު ހިދުމަތް ހޯދަނީ: އާސަންދަ ބިލްތަކުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވޭ. --ފޮޓޯ/މިހާރު
28 ފެބުރުއަރީ 2019 - 14:45
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އާސަންދަ މެދުވެރިކޮށް ރާއްޖެ އިން ބޭރުން ހޯދާ ސިއްހީ ފަރުވާ އަށް ހޮސްޕިޓަލްތަކުން ބިލްކުރާ އަދަދަށް ވުރެ އެތައް ގުނަ އިތުރަށް ބައެއް ހޮސްޕިޓަލްތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.
"މިހާރު" އަށް ލިބިފައިވާ އެ ރިޕޯޓްގައި، ބޭރުގެ ހޮސްޕިޓަލްތަކުން ނުދޭ ޚިދުމަތްތަކަށް ބިލް ހަދައި ފޮނުވުމުން އާސަންދަ އިން ފައިސާ ދޫކުރުމާއި ހޮސްޕިޓަލްތަކުން ބިލް ކުރުމުގައި ބޭހާއި އެހެނިހެން ޚިދުމަތްތަކުގެ އަގު އެކަށީގެންވާ މިންވަރަކަށް ވުރެ ބޮޑުކޮށްފައިވާ ކަމަށް ތުހުމަތު ކުރެ އެވެ. އާސަންދަ އިން ހޮސްޕިޓަލްތަކަށް އިތުރަށް ދޫކުރާ ފައިސާ އިން އެތަނުގެ އިސްވެރިންނާއި ހޮސްޕިޓަލްތަކުގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން ފައިދާ ނަގަމުންދާ ކަމަށް ހުށަހެޅި މައްސަލަ އޭސީސީން ވަނީ ތަހުގީގު ކޮށްފަ އެވެ.
އެ ތަހުގީގަށް ފަހު، އެކުލަވާލި ރިޕޯޓުގައި އޭސީސީން އެއް ކަމަކަށް ފާހަގަކޮށްފައި ވަނީ، ރާއްޖެ އިން ލިބެން ހުންނަ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާ މައްސަލަ އެވެ. އާސަންދަ އެހީގައި، ބޭރަށް ފޮނުވާ ގޮތަށް އުސޫލްގައި އޮންނަނީ، ރާއްޖެ އިން ލިބެން ނުހުންނަ ޚިދުމަތްތަކަށެވެ.
ރިޕޯޓުގައި ބުނީ ބިލްތަކަށް އިތުރަށް ފައިސާ ދައްކާ ކަމުގެ ތުހުމަތާ ގުޅިގެން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޕްރީލް މަހާ ހަމައަށް އާސަންދަ ބިލްތައް ދިރާސާކުރި ކަމަށެވެ.
އެ މުއްދަތުގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހުނީ 1.4 މިލިއަން ޑޮލަރު (21.5 މިލިއަން ރުފިޔާ) އެވެ. އެކަމަކު، އެ ބިލްތަކަށް އާސަންދަ އިން ދެއްކީ 1،444،086 ޑޮލަރު (22.2 މިލިއަން ރުފިޔާ) އެވެ. އެއީ، ހަތަރު މަސް ދުވަހުގެ އެ ބިލްތަކުން އެކަނި ވެސް ދައުލަތަށް 43،520 ޑޮލަރު (671،078 ރުފިޔާ)ގެ ގެއްލުމެއް ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.
އެ ގެއްލުން ދައުލަތަށް ލިބުނީ، އާސަންދަ އިން ކަނޑައަޅާފައި އޮންނަ އުސޫލާ ޚިލާފަށް ހޮސްޕިޓަލްތަކުން ބިލް ހަދައި ފޮނުވުމުން ފައިސާ ދައްކާފައިވާތީ އެވެ.
އާސަންދަ އިން ބަލާ ބެލުންތަކަށް ފަހު، ހޮސްޕިޓަލްތަކުން ބިލް ހަދަން އޮންނަނީ، އާސަންދަ ކުންފުނިން ޑޮލަރު މާރުކުރަން ހުއްދަ ދޭ ރޭޓުންނެވެ. އެކަމަކު، އެ ރޭޓަށް ބެލުމެއް ނެތި ހޮސްޕިޓަލްތަކުން ބިލް ހަދައި ފޮނުވުމުން އާސަންދަ އިން ފައިސާ ދޫކޮށްފައިވެ އެވެ.
ބައެއް ހޮސްޕިޓަލްތަކަށް އިތުރަށް ފައިސާ ދޫކުރި މިންވަރު ވެސް ރިޕޯޓުގައި ވެ އެވެ.
އޭސީސީން ބުނިގޮތުގައި އިންޑިއާގެ ގަންގާ ހޮސްޕިޓަލުން އާސަންދަ ކުންފުންޏަށް ފޮނުވި ބިލަކަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަކީ 2،039 ޑޮލަރު (31،441 ރުފިޔާ) އެވެ. އެކަމަކު އެ ބިލަށް އާސަންދަ އިން 5،212 ޑޮލަރު (80،369 ރުފިޔާ) ދޫކުރި އެވެ. އެހެންވެ އެ ބިލުން އެކަނި ވެސް 48،928 ރުފިޔާ ދައުލަތަށް ވަނީ ގެއްލިފަ އެވެ.
މީގެއިތުރުން، ލަންކާ ހޮސްޕިޓަލުން ފޮނުވި 328 ޑޮލަރު (5،057 ރުފިޔާ)ގެ ބިލަކަށް އާސަންދަ އިން 1،441 ޑޮލަރު (22،220 ރުފިޔާ) އިތުރަށް ދެއްކި ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައިވެ އެވެ.
"އާސަންދަ ކުންފުނިން ބަލި މީހާ އަށް ދީފައިވާ އޮތޮޒައިޒޭޝަން ލެޓާގައި ޚަރަދު ކުރުމަށް ހުއްދަ ދީފައިވާ އަދަދަށް ވުރެން ބޮޑުކޮށް ބައެއް ހޮސްޕިޓަލްތަކުން ބިލް ކޮށްފައި ހުންނަ ކަމާއި މިގޮތަށް ހުށަހަޅާ ބިލްތަކަށޤ ފައިސާ ދައްކާފައިވާ އިރު އިތުރަށް ކޮށްފައިވާ ޚަރަދަށް ދީފައިވާ ހުއްދަ ބިލާ އެކު އެޓޭޗްކޮށްފައި ނުހުންނަ ކަން ފާހަގަ ކުރެވެ އެވެ،" ރިޕޯޓުގައިވެ އެވެ.
އޭސީސީން ބުނީ ބައެއް ހޮސްޕިޓަލްތަކުން ބިލް ހުށަހަޅާ އިރު ޑޮކްޓަރުންގެ އުޖޫރައިގެ ގޮތުގައި ވެސް ބޮޑެތި އަދަދުތަކެއް ހިމަނާފައި ހުރެ އެވެ. އެކަމަކު ބިލްތަކުގައި އެއްވެސް ތަފްސީލެއް ނުހުންނަ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.
އިންޑިއާގެ ނިމްސް ހޮސްޕިޓަލުގެ ބިލްތަކުން އޭސީސީ އަށް ފާހަގަވި އެއް ކަމަކީ، އެ ހޮސްޕިޓަލުން ބަލި މީހުން ހޯދާ ހަމައެކަނި ޚިދުމަތަކީ ލެބޯޓްރީ ޓެސްޓު ހެދުމެވެ. އެއީ، ރާއްޖެ އިން ކުރެވޭ ޓެސްޓުތަކެއް ކަން އިތުރަށް ބެލި ބެލުމުން ސާފުވި ކަމަށް އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.
އެ މައްސަލަތައް ހުރި ކަމުގައި ވި ނަމަވެސް އޭސީސީން ތަހުގީގު ނިންމާފައި ވަނީ އާސަންދަ ކުންފުނީގެ ނުވަތަ އެންސްޕާގެ އެއްވެސް މުވައްޒަފަކު ނާޖާއިޒު ފައިދާއެއް ހޯދާފައި ނުވަތަ އެހެން ފަރާތަކަށް ހޯދައިދޭން ވެސް މަސައްކަތް ކޮށްފައިވާ ކަން ތަހުގީގަށް ހާޒިރުކުރި މީހުން ދިން މައުލޫމާތުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން، އެ މައްސަލަ ނިންމާފައި އޮތީ، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝްވާނު
02 March 2019
އާސަންދައަށް އެސިސްޓެންޓެއްގެ ވަޒީފާއަށްވަން މީހަކު މެނޭޖަރަކަށްވެ އިސާހިތަކު މުއްސަންޖަކަށްވެ، މާލެއާއި ރަށުގައި ފިހާރަ ހުޅުވައި، ސާދާގަރެއްގެ ދިރިއުޅުން އުޅެން ފެށީމައި ގޯސް ނުވާނެ ކަމެއް ނޯންނާއެވެ. ކިޔެވައިގެން ހުރި އެއްޗެއް ލިޔަން ދަންނަ އެއްޗެއްނެތެވެ. އެކަމުންވެސް މެނޭޖަރަކެވެ. އަންހެނަކު ފެނިއްޖެނަމަ ކައިވެނި ހެޔޮވޭތޯވެސް ބެލުމެއްނެތެވެ. އެކަމުންވެސް އިއްޒަތްތެރި އެކެވެ. ގޯހީ ނޫހުގައި ލިޔުނު ކުއްޖާއާއި މިހާރު ނޫހެވެ. ވަރަށް ވެދުން.
ކަނބިލި
01 March 2019
އާސަންދަ ޚިދުމަތް ފުރަތަމަ ފެށުނު އިރު އަމިއްލަ ހޮސްޕިޓަލުތަކުންނާއި ކްލިނިކްތަކުން ނާޖާއިޒު ފައިދާ ނެގި.އޭޑީކޭ ދޮށުގައި މީހުން ކިޔޫހަދައިގެން ކޮންމެ މީހަކަށް ބޮޑު ބޭސް ކޮތަޅެެއް ދިން.ބައެއް މީހުން 2000 ރުފިޔާގެ ބޭސްނެގި. އަހަރެއްގެ ތެރޭގައި އެހޮސްޕިޓަލުން 66 މިލިޔަން ރުފިޔާ އާސަންދައިން ނެގި. އާސަންދައިން ނާޖާއިޒު ފައިދާ ނެގުމަކީ އާކަމެއްނޫން.
އަޙްމަދީ
01 March 2019
އޭ މިއޭސީސީއޭގެ މީހުންނަކަށް ނޭނގޭތަ ރާއްޖޭން ލިބެން ހުންނަ ހިދުމަތް ލިބެނި ކިހިނެއްކަމާއި އެހިދުމަތް ލިބެންދެން ކިޔުގަ މަޑުކޮށްގެން އެހާ ދުވަހު ތަކުލީފުގަ މަޑުކުރަން ޖެހޭކަން ނޭނގެނީބާ! ރާއްޖޭން ލިބެންހުންނަ ހިދުމަތަށް ބޭރަށް ފޮނުވަނިއްޔޭ ތިމީހުން ނުކިއްޔޭ ރަނގަޅުވާނި!
ކައުސަރު
01 March 2019
ނިކަމެތި ރައްޔިތުންގެ ބޭސްފަރުވާއަށް ދައުލަތުން ދޭ އެހީއިން މުއްޖަހާ ކައިފައި ރީތިކޮށް މޭކަޕްކޮށް، ފައުންޑޭޝަން ކިލޯ ކިރޭވަރަށް މޫނުގައި އުނގުޅާއި، ދަތުގައި ކޮސްމެޓިކްސް ޑައިމަންޑު ޖަހައި، މީރުވަސް ދުވާ ސެންޓުން ފެންވަރައި، އަގު ބޮޑު ޕާސް އާއި ފުންނާބު އުސް ފައިވާނަށް އަރައި، އަގު ބޮޑު ޓައީ އަޅައި، ޖީ 2000 ގެ ގަމީސް ތުރުކޮށް، ފަހުގެ މޮޅުގަޑި އަޅައިގެން އޮފީހަށް ދިޔަޔަސް އަސްލު ރީއްޗެއްނޫނެވެ. މާތް ﷲ ވަނީ ވަކަން ހަރާން ކުރައްވާފައެވެ.
ޝިފާނު
01 March 2019
އާސަންދައިގެ އެމްޑީ ޖެހެނީ ފަސާދައިގައި ބައިވެރިވި އެއްމެންނަށް ފިޔަވަޅު އެޅުމަށް! އެކަން ކުރުމަށް ދެކޮޅު ހަދާނަމަ އެއީ ފަސާދައިގައި ބައިވެރިވުން ކަމުގައި ނޫނީ ނުވާނެއެވެ. ރައްޔިތުންނަށް އިޚްތިރާމް ނުކުރާ ވެރިންނަކީ ހަމައާއި އިންސާފް ޤަބޫލުނުކުރާ އަދި އަދަލުވެރިކަމާއި ބީރައްޓެހި ބަޔަކަށް ނޫނީ ނުވާނެއެވެ. ދައުލަތަށް ގެއްލުންވާ ކުރުމާއި ރައްޔިތުންގެ ތެރެއިން ނިކަމެތީންނަށް ބޭސްފަރުވާ ކުރުމަށް ހުރިފައިސާގައި ޖެހި ހެދުމަކީ ވަރަށް ހުތުރު ކަމެކެވެ.
ޢަސްލަމް
01 March 2019
ޢަޅުގަނޑަކީ އެމްޑީޕީ މީހެއް.. ހަގީގަތަކީ އާސަންދަކީ ހަމަ އެކަނި ޔާމީން ވެރިކަމުގައި އިންސާފުގެ ތެރޭގައި ތަފާތު ކުރުމެއްނެތި ހިންގުނު އޮފީހަކީ..
ޒީނިޔާ99
01 March 2019
މުޅި އޮފީސް ހަލާކު ކުރަނީ އަންހެން އެކްޒެޓިވްއެ. ޥަރަށް ގާބިލް ވެރިން ގިނަ އޮފީހެއް
ހުދާ-
01 March 2019
އަފުސާނާ ނުހިންގަވާނެ ތިޔަފަދަ ޖަރީމާއެެއް. އާސަންދައިގެ ތެރޭގައި އަފުސާނާއަކީ ޖަރިޔާއެއް ފަދަ ކަމަނާއެއް.
ޙިނި
01 March 2019
ބޭރުގައުމު ތަކައް އާސަންދައިން ފައޮސާބަހަނީ...މިކަން ހުއްޓާލުމައް ސަރުކާރައް ގޮވާލަން އަދި އޭޑީކޭ އަން ދައްކާފައިވާ ފައިސާ ތައް އޮޑިޓު ކުރުމައް ގޮވާލަން
ޔާސްމީން
01 March 2019
އާސަންދައިގެ ހުރިހާ މުވައްޒަފުން ތިބީ ނިދާފަތަ؟ އިހައްދުވަހު މިއިވުނީ އޭޑީކޭ އިން ވިޓަމިން ސީ ގުޅައެއް އާސަންދައިގެ ދަށުން ވިއްކާއިރު ހަދާ މަކަރު، މިއަދު އަނެއްކަންތައް. މީދެން ބޮޑު ވަރު. ހޮސްޕިޓަލުތަކުން ބޭނުން ގޮތެއް، ގެއްލުން މިވަނީ ރައްޔިތުންނަށް. އާސަންދަ އުވާލަ ތިކަން ކުރެވޭނެ ރަނގަޅު އިންޝުއަރެންސް ކުންފުންޏަކާ ހަވާލުކުރީއާ މާ ރަނގަޅުވާނެ.
ާްއަލީ
01 March 2019
ޝަކީބާ ޙުސައިން އަދި މުޙައްމަދު ހަމްޒީލްގެ ސަސްޕެންޝަނަށް ކިތައް ދުވަސްތޯ އިތުރު ކުރެއްވީ؟