ވިޔަފާރި / ޑޮލަރު

ހައްލެއް ނެތް، ޑޮލަރުގެ ކަޅު ބާޒާރު ކުރިއަށް!

މަރުކަޒީ ބޭންކުގެ މަައި އިމާރާތުގެ ކުރިމަތިން މީހަކު ދަނީ: ބޭންކުތަކުގެ ޗެކްތައް ޖަމާކުރުން އަވަސްކުރަން އޮޓޮމެޓިކް ނިޒާމެއް މިހާރު ވަނީ ގާއިމުކޮށްފައި.

ދިވެހިންގެ އާންމު ބޭނުންތަކަށް އެތެރެކުރަން ޖެހޭ އެއްޗިއްސަށް މަހަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭނުންވެ އެވެ. އެކަމަކު ވިޔަފާރިވެރިން ބޭނުންވާ މިންވަރާ ގާތަކަށް ވެސް ބޭންކުތަކުން ޑޮލަރެއް ނުލިބެ އެވެ. ބޭންކްތަކުން ޑޮލަރު މާރުކުރުމުގެ ބަދަލުގައި ޑޮލަރު ހުރި މީހުން އެ އެއްޗެހި އަޅާލަނީ ކަޅު ބާޒާރަށެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ޑޮލަރު ހޯދަން މިހާރު ކުރިމަތިވެފައި ވަނީ މި ފަހުން ދިމާވެފައިނުވާ ވަރުގެ ދަތިތަކެކެވެ. އޭގެ ސަބަބަކީ ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމާއި މަސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީގެ މިންވަރު ވެސް ވަރަށް ބޮޑަށް ދަށަށް ދިއުމެވެ.

ހަމައެކަނި މުދާ އެތެރެކުރަން ބޭނުންވާ ޑޮލަރެއް ނޫނެވެ. ދިވެހިންނަކީ އެހެން ގޮތްގޮތުން ވެސް އެތައް މިލިއަން ޑޮލަރެއް ބޭރު ގައުމުތަކަށް ހޭދަކުރާ ބައެކެވެ. އޭގެ ތެރޭގައި ބޭސްފަރުވާއަށާއި ތައުލީމުގެ އިތުރުން، ބޭރުގައި ދިރިއުޅޭ މީހުންނަށް ފޮނުވަން ޖެހޭ ޑޮލަރު ވެސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެ ހައްޖު މޫސުމަކީ ވެސް އާންމު މިންވަރަށް ވުރެ ގިނައިން ޑޮލަރަށް ޖެހޭ ދުވަސްވަރެކެވެ. އެގޮތުން މި އަހަރުގެ ހައްޖަށް ރާއްޖެ އިން 2000 މީހުން ފުރިއިރު އެ އެންމެންނަށް އެތައް މިލިއަން ޑޮލަރެއް ބޭނުންވެ އެވެ.

ހައްޖަށް ދާ މީހުން ގިނަވީމާ "ހައްޖު ޖަމާއަތްތަކުން ކުރަން ޖެހުނު ހަރަދު ވެސް ބޮޑުވެގެން ދިޔަ. ޑޮލަރު ލިބުން ދަތިވުމުގައި މިފަދަ އެތައް ސަބަބުތަކެއް އެބަހުރި،" ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ ލިލީ އިންޓަނޭޝަނަލް މެނޭޖިން ޑިރެކްޓަރު މައްލާ އަހުމަދު ނާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ކުޑަ އީދާއި ޖުލައި 26ގެ ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އިން ބޭރަށް ދިއުމުން ވެސް ޑޮލަރު މާކެޓަށް ބާރު ބޮޑުވެގެން ދިޔަ ކަމަށެވެ.

"މިއީ ޓޫރިޒަމްގެ އޮފް ސީޒަން ވީމަ ބޭންކުތަކަށް ވެސް ޑޮލަރު ވިއްކާ މިންވަރު މަދުވާނެ. މިނޫން ވެސް ބައިވަރު ސަބަބުތައް އެބަހުރި،" މައްލާ ނާސިރު ވިދާޅުވި އެވެ.

"މިހާރު މިދާ ގޮތުން ޑޮލަރުގެ ތާށިކަން ފިލައިގެނެއް ނުދާނެ ރިސޯޓްތަކުގެ އޮކިއުޕަންސީ ރަނގަޅުވެގެން ނޫނީ: މައްލާ ނާސިރު

އޭނާ ވިދާޅުވީ އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ވިއްކި ނަމަވެސް އެކަށީގެންވާ އަދަދަކަށް ބައެއް ބޭންކުތަކުން ޑޮލަރު ނުވިއްކާ ކަމަށެވެ.

ޑޮލަރު ގަންނަން ބީއެމްއެލް ބާޒާރު ބްރާންޗްގެ ބޭރުގައި މިދިޔަ ހަފުތާގައި ކިޔޫ ހަދައިގެން ފޮޓޯ:ހުސެއިން ޝަޔާހު /މިހާރު

"ބީއެމްއެލް އިން ވިއްކާ މިންވަރަށް އެހެން ބޭންކުތަކުން ޑޮލަރު ނުވިއްކާ. އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް އެބަ ދިމާވޭ،" އޭނާ ވިދާޅުވި އެވެ.

ނާސިރު ވިދާޅުވި ގޮތުގައި ހައްޖާއި އީދު ބަންދަށް ބޭރަށް ދާ މީހުންގެ ދަތުރުތަކާ ދިމާވުމުން ޑޮލަރު ލިބުން މި ދުވަސްވަރު އިންތިހާއަށް ދައްޗެވެ.

"އަޅުގަނޑުމެން ޑޮލަރު ގަންނަން ބޭނުންވާ މިންވަރަށް ނުލިބޭ ބޭންކުތަކުން. އަޅުގަނޑުމެންނަށް ހަފުތާއަކު މަދުވެގެން ހަ ލައްކައެއްހާ ޑޮލަރު އެބަ ބޭނުންވޭ،" ނާސިރު ވިދާޅުވި އެވެ.

"މިހާރު މިދާ ގޮތުން ޑޮލަރުގެ ތާށިކަން ފިލައިގެނެއް ނުދާނެ ރިސޯޓްތަކުގެ އޮކިއުޕަންސީ ރަނގަޅުވެގެން ނޫނީ،" މައްލާ ނާސިރު ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ދާދި ފަހުން ވިދާޅުވީ ހައްޖުވެރިން ފުރާ ދުވަސްވަރާ ދިމާކޮށް ޑޮލަރުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ކަނޑައަޅާފައިވާ އުސޫލްތަކާ އެެއްގޮތަށް އިސްލާމިކް ބޭންކާއި ބީއެމްއެލް އިން ޑޮލަރު ވިއްކަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިހާ ޑިމާންޑް ބޮޑު ދުވަސްވަރެއްގައި ހައްޖު ގްރޫޕްތަކުން ސައުދީ އަށް ދައްކަން ޖެހޭ ޕޭމަންޓްތައް އަޅުގަނޑުމެން ހަމަޖައްސައިދީފައިވާނެ. އެކަމަކު އަޅުގަނޑުމެންނަށް އެ ބޭފުޅުން އެދޭ މިންވަރަކަށް ކޭޝް އިން ނުވިއްކަން. ނަމަވެސް ހައްޖު ގްރޫޕްތަކުން ސައުދީގައި ކުރަން ޖެހޭ ކުދިކުދި ހަރަދުތައް ހަމަޖައްސަން ކޮންމެ ގްރޫޕަކަށް 10،000 ޑޮލަރު ނަގުދު ފައިސާގެ ގޮތުގައި ވިއްކާ ގޮތަށް ހަމަޖައްސާފައިވޭ،" ގަވަރުނަރު ވިދާޅުވި އެވެ.

ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި ދާދި ފަހުން ޑިއުޓީ ދެއްކުމުގެ އުސޫލަށް ގެނައި ބަދަލާއި މާލޭގައި ޖެހިޖެހިގެން ދެ ނައިޓް މާކެޓް ބޭއްވުމުން ވެސް ޑޮލަރުގެ ޑިމާންޑް އިތުރުވި އެވެ.

"ނައިޓް މާކެޓަށް ގިނައިން މި ގެންނަނީ ތާކުންތާކު ނުޖެހޭ ކުނިބުނި ޒާތުގެ މުދާ. ގިނަ ފަހަރަށް އެ ގެންނަ އެތިކޮޅު ހުހެއް ވެސް ނުވޭ. މި ކަހަލަ ބޭކާރު ވިޔަފާރިތަކާ ހެދި ވެސް ޑޮލަރުގެ ޑިމާންޑް އެބަ ބޮޑުވޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.

ހީކުރި ވަރަށް ވުރެ ޓޫރިޒަމް ދަށްވުމަކީ ޑޮލަރުގެ ތާށިކަމަށް އައި ނުރައްކަލެކެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތައް ވެސް ދޯހަޅި އެވެ. މި އަހަރު އިތުރު އާމްދަނީ ހޯދަން ބަޖެޓްގައި ހިމެނި ބޮޑެތި ކަންތައްތަކަށް އަމަލީ ސިފައެއް ނާދެ އެވެ. އޭގެ ބަދަލުގައި ސަރުކާރުން ވަނީ ޑޮލަރުން އެޑްވާންސް ޕޭމަންޓް ދައްކަން ޖެހޭ ގޮތަށް ބޮޑު ދެ މަޝްރޫއެއް ދާދި ފަހުން ވެސް ފަށައިފަ އެވެ. އެގޮތުން އައިޖީއެމްއެޗްގައި 25 ބުރީގެ އިމާރާތާއި ފިނޭންސް މިނިސްޓްރީ ހުންނަ ތަނުގައި ހަދާ 25 ބުރީގެ އާ އިމާރާތް އަޅަން ސަަރުކާރުން ވަނީ ބޮޑު އެޑްވާންސެއް ދައްކައިފަ އެވެ.

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ: ކަޅު ބާޒާރުގައި ޑޮލަރަށް ޑިމާންޑް ބޮޑު

އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ޑޮލަރަށް ޑިމާންޑް ބޮޑުވެފައި ވަނީ ހަމައެކަނި ޓޫރިޒަމް ދަށްވުމާއި މުދާ އެތެރެކުރާ މިންވަރު އެތެރެވުމުގެ ސަބަބުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ގިނަ މަޝްރޫއުތަކެއް ކުދިކުދި އާބާދީ ހިމެނޭ ރަށްރަށުގައި ކުރާ ތަން. އޭގެ ސަބަބުން ޑޮލަރު އިންތިހާއަށް އެބަ ބޭނުންވޭ އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ގެންނަން. މިފަދަ މަޝްރޫއުތައް ހިންގަން ވާނީ ދައުލަތަށް ލިބޭ މިންވަރަކުން. އަދި އެއިން ދައުލަތަށް ވެސް އާމްދަނީއެއް ލިބޭ ގޮތަށް،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ޑޮލަރުގެ ޑިމާންޑް ކުޑަކުރަން އެކަށީގެންވާ ހައްލެއް އަދިވެސް ނުލިބެ އެވެ. އެއްކޮޅުން ވިޔަފާރިވެރިންނާއި އާންމުން ޑޮލަރު ފަހަތުން ދުވަނީ އެވެ. އަނެއްކޮޅުން މިލިއަނުން މިލިއަަނުން ޑޮލަރު ބޭނުންވާ ކަހަލަ މަޝްރޫރުތައް ސަރުކާރުން ކުއްލިކުއްލި އަަށް ފަށަނީ އެވެ. ޑޮލަރު ހުރި ވިޔަފާރިވެރިން ކަޅު ބާޒާރުން ފައިދާ ނަގަނީ އެވެ.

41 ކޮމެންޓް, 77 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 4%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިހޫ

19 September 2016

ކޮންމެވެސް ކޮމާޝަލް ބޭންކަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރު އެޖެންޓެއް މެދުވެރިކޮށް ކަޅުބާޒާރުގައި ވިއްކަން ހަވާލުކުރާކަމަށާއި އަދި އެ އެޖެންޓު އެ ޑޮލަރުތައް އޭނާއަށް ފަންސާސް ލާރީގެ ކޮމިޝަނެއް އިތުރަށް ލައިގެން ވިއްކަމުން ދާކަމަށް މުއުތަބަރު ގޮތަކަށް މައުލޫމާތު ލިބިފައިވޭ. މިއީ އެމްއެމްއޭއިން ބަލާލުން ރަނގަޅު ކަމެއް.

The name is already taken The name is available. Register?

މިސަމް

30 August 2016

މަޖިލީހުން ބޭނުން ގޮތަކަށް ގާނޫން މޮޑިފައި ކުރެވޭ، އެކަމަކު ފޮރިން ކަރަންސީ މިގައުމުގައި ހިފެހެއްޓެނެ ގާނޫން ނެ އް ނެހެދޭ! ކޮބައި މިހާލަތަށް ދިޔަޢިމަ މަޖިލީހުގެ ބޭނުަމަކީ؟ ވިޔަފާރިވެރިންގެ ދަށުވެގެން ގައުމު ނުހިންގޭނެ، އެތަން މިފެންނަނީ!

The name is already taken The name is available. Register?

ލިއަލީ

29 August 2016

ބޭންކް ތަކުންވެސް ކަޅުބާޒާރަށް ޑޮލަރ ދެނީ އެމީހުންނަށް ކަޓް ލިބޭގޮތަށް. ރިސޯރޓް ތަކުންވެސް ހަމަ އެގޮތަށް. ޓިކެޓަށް ވިއްކާ ޑޮލަރކޮޅުވެސް ބޭންކް އާ ގުޅިގެން ވަކިބަޔަކަށް ވަގު ޓިކެޓަށް ވިއްކަނީ. ކަޅި ބާޒާރު އޮތްހާ ދުވަހަކު ޑޮލަރުގެ އަގު ދާނީ މައްޗަށް. ޑޮލަރަކުން އެންމެ ކުޑަވެގެން 1/50ރ ފައިދާ ލިބޭއިރު ކާކުތޯ ބޭންކަށް 15.28 އަށް އަދި ބޭންކުން 15.42 އަށް ވިއްކާނީ؟

The name is already taken The name is available. Register?

ހަސަންބޭ

29 August 2016

ދިވެހި ވިޔަފާރިވެރިންނާއި ރިސޯޓު އޯނަރުންގެ ޑޮލަރ އެކައުންޓުތައް ބޭރު ބޭންކުތަކުގައި ޖަމާކުރާތީ ދިވެހި ބޭންކުގައި ޑޮލަރެއްނުހުރޭ ރީޓެއިލް ކަސްޓަމަރުންނަށް ވިއްކާވަރަކަށް ، ގައުމުން ބޮޑެތި އަދަދުތަކުން އެހެންގައުމުތަކުގެ ބޭންކްތަކަށް ގެންދާ ފައިސާ ދިވެހިބޭންކުގައި ބެހެއްޓޭނެ އުސޫލެއް ކަނަޑައަޅާ އަދި ހަދާ ރެމިޓެންސް ދުނިޔޭގެ އެހެންގައުމުތަކުގައި އޮންނަށް އުސޫލަށް ބަދަލުކުރުމުން ހައްލުތަކެއްލިބޭނެކަމަށްފެނޭ... މިކަން ހައްލުނުވިޔަސް ވެނަޒުއޭލާގެ ގޮތްދޫނުކުރާ ވެރިޔާވެސް ދައްކާވާހަކަށް މިތަނުގެ އެފެންވަރުމީހުންވެސް ދައްކަނީ... ފެއިލްވެއްޖެކަން ގަބޫލުކުރާކަށް ބޭނުމެއްނުވޭ.. ގައުމު ފުންވަޅުގަނޑަކަށް ވެއްޓިގެންދާއިރުވެސް ހަމަގޮތުގައިއެތިބެނީ...

The name is already taken The name is available. Register?

އަހުމަދު

29 August 2016

މަޖްލީހުގެ 70 އެތައް މެމްބަރުން ޗުއްޓީނަގާ އާއިލާ އާއެކު ޗުއްޓީ އަށް ފެންވަރުގެ ގައުމުތަކަށް ދާނަމަ މިހަކަށް އެތައް ހާސް ޑޯލަރެއް ބޭނުންވާނެއެވެ. އަދި ރިސޯޓް އޯނަރުން ޑޮލަރު އަގުބޮޑުކޮށް ވިއްކައިގެން ލިބޭ ފައިސާ އިން މުވައްޒަފުންނަށް މުސާރަ ދޭނަމަ ޑޮލަރުގެ އަގު ކުދަ އެއް ނުވާނެއެވެ.

The name is already taken The name is available. Register?

ގޮރުނުދޯރު

29 August 2016

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވޭނީ،އަވައްޓެރި އެހެން ގައުމުތަކުގަ އޮންނަގޮތައް ހުރިހާ ވިޔަފާރިތަކުގަ ލޯކަލް ކަރަންސީ ބޭނުންކޮއްގެން."އެމް އެމް އޭ" ވަނީ މިކަމައް ހައްލެއް ހޯދައިދިނުމުގައި ނުކުޅެދީފަ..

The name is already taken The name is available. Register?

މަރިޔަމް

29 August 2016

ޑޮލަރު ނުލިބިގެން މިއުޅެނީ ރިސޯޓުތަކުގެ އޮކިއުޕަންސީ ދައްވެގެނެތް ނޫން. އެހެންނަމަ ޓުއަރިޒަމް ޕީކް ސީސަންގައި ބޭންކުން ޑޮލަރު ދޫކުރާނެތާދޯ. މީ ހަމަ ބަޔަކު ރާވައިގެން ވަކި ބައެއްގެ ފައިދާއަށްޓަކާ ކުރާކަމެއް. މިކަން ހައްލުކުރުމުގެ ގާބިލްކަން ސަރުކާރުގައި ނެތުނީމާ ދެން ފާޑު ފާޑުގެ ވާހަކަ ދައްކައިގެން އެހެން ބަޔައްގެ ބޮލަށް އެކަން ޖެހޭތޯ މަސައްކަތްކުރާނެ.

The name is already taken The name is available. Register?

އެމްސް

29 August 2016

ޑޮލަރު ބޭނުންވާ މީހާއަށް ޑޮލަރެއް ނުލިބޭ އެކަމަކު ޑޮލަރު ބޭނުންނުވާ މީހާއަށް ޤަވާޢިދުން ޑޮލަރު އެބަލިބޭ، ދެން އުފެދޭނީ ބްލެކްމާރކެޓް ނޫން ފަހެ ކޯޗެއްތޯ؟

The name is already taken The name is available. Register?

ކާލާ ބާޒާރު

29 August 2016

ތީ ތެދެއް.

The name is already taken The name is available. Register?

ހުރިގޮތް

29 August 2016

އެޑްވާންސްކޮށް ވަރަށް ބޮޑު އަދަދެއްގެ ޑޮލަރުން ޕޭމަންޓް ހަަދަންޖެހޭ ދެ އިމާރާތް އަޅަން ފެށުމަކީ މިހާރު މިއުޅޭ ތާށިކަމުގެ އަސްލެވެ. ޓޫރިޒަމްގެ އޮކިއުޕެންސީ އުއްމީދު ކުރި މިންވަރުގައި ނުހިފެއްޓުނަސް މިހާރު ހުރި މިންވަރުންވެސް ދިވެހިންގެ އާންމު ބޭނުންތަކަށް ފުދޭވަރަށް ޑޮލަރު މި ގައުމަށް ލިބެއެވެ. ނަމަވެސް ޑޮލަރު ބޭނުންވާ ޒާތުގެ އަދި ކުދި އަދި ބޮޑެތި ކަންކަން މި ދަނޑިވަޅުގައި ކުރަމުން ދިޔުމަކީ އިގްތިޞާދީ ނަޒަރުންބަލާއިރު ރަގަޅު ނިންމުން ތަކެއް ނޫނެވެ. ލޯނު ނަގައިގެން ހިންގަމުންދާ މަސްރޫއު ތަކުގެ ސަބަބުން ޑޮލަރުގެ ޑިމާންޑް ދަށްވުމަކީ ކައިރި މުސްތަގުބަލެއްގައި އުއްމީދު ކުރެވޭ ކަމެއްނޫނެވެ. ރަށެއް ފަޅެއް ހަލެއް ގިިރިއެއް ވިއްކާލައިގެން ލިބޭ ޑޮލަރު ކޮޅުން މަދު ދުވަސްކޮޅެއްގެ ވަގުތީ ހައްލެއް އަތުވެދާނެއެވެ. ނަމަވެސް މި ގައުމުގެ ކަންކަން މިދާ މިސްރާބާދޭތެރޭ އިލްމީ ނަޒަރަކުން ފުންކޮށް ވިސްނަން ވެއްޖެއެވެ.

The name is already taken The name is available. Register?

އުދަރެސް

29 August 2016

އަދި ތި ލިސްޓަށް އިތުރުކޮށްލަމާ އެއް ޕްރޮޖެކްޓް. މިމަހުގެ 29 ވަނަ ދުވަހަކީ ބްރިޖްގެ ފުރަތަމަ ޕޭމަންޓު ދައްކަންޖެހޭ ދުވަސް. އެހެންވެ އެހާބޮޑަށް ތާށިވެގެން މިއުޅެނީ.

The name is already taken The name is available. Register?

އުމަރު

29 August 2016

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވޭނީ ޑޮލަރުން އާމްދަނީ ވަންނަ މީހުންގެ ޑޮލަރުތަށް ބެންކަށް ޖަމާކޮށްގެން، ދެން ޑޮލަރަށް އޮތް ބާރު ކުޑަކުރެވޭނީ ސަރުކާރުން ހިންގާ ބޭރުގެ ޕްރޮޖެކްޓްތަށް މަދުކޮށްގެން ދިވެހިންނަށް ޕްރޮޖެކްޓްތަށްދީގެން ދިވެހިން ވަޒީފާއަށް ނެރެގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454