އެންޓި ކޮރަޕްޝަން ކޮމިޝާންގެ ތިން މެމްބަރުން. (ކ-ވ) ކޮމިޝަންގެ މެމްބަރު އައިޝަތު މިންނާ، ނައިބު ރައީސް މުއައްވިޒު ރަޝީދު (މ) އަދި ސަފްވަތު މުހައްމަދު ކޮމިޓީ ބައްދަލުވުމެއްގައި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 މާޗް 2019 - 14:13
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ ނަމުގައި ތައްޔާރު ކުރި ޕެޓިޝަންގައި 1065 މީހަކު ސޮއި ކުރިއިރު، ޕެޓިޝަނުގައިވާ ގޮތުން ގާނޫނުއަސާސީން ބޮޑެތި ބާރުތަކެއް ދީފައިވާ އޭސީސީގެ މެމްބަރުން ވަނީ ރާއްޖޭގައި ހިނގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން އިހުމާލުވެފަ އެވެ.
ނުފޫޒުން އެއްކިބާވެ ޒިންމާ އަދާކުރެއްވި ކަމާ މެދު ސުވާލު އުފައްދައި، ޕެޓިޝަންގައި ވަނީ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އެ މެމްބަރުންގެ މައްޗަށް ކުރެވޭ ކަމަށެވެ. އެހެންވެ، އޭސީސީގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ރައީސަށާއި މަޖިލިހުގެ މެމްބަރުންގެ ކިބައިން ޕެޓިޝަންގައި ވަނީ އެދިފަ އެވެ.
އޭގައިވާ ގޮތުން ޕެޓިޝަންގައި ސޮއިކުރީ މާލެ އާއި އައްޑޫގައި ދިރިއުޅޭ މީހުންނެވެ. އެއީ އެންމެ ހަތް ގަޑިއިރު ތެރޭގައި ކުރި މަސައްކަތުން ހޯދުނު ސޮއި ކަމަށް ޕެޓިޝަންގައިވެ އެވެ.
މިނިވަން މުއައްސަސާތަކުގެ މެމްބަރުން ވަކިކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައި އޮތީ މަޖިލީހަށެވެ.
އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ އިރު އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަ އެކަށީގެންވާ ގޮތުގައި ތަހުގީގު ކުރަން އިހުމާލުވެފައިވާ ކަމަށް ކޮމިޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެ އެވެ.
އެ ތުހުމަތުތައް އޭސީސީން ދޮގުކޮށް، އެކަމުގައި އެހެން މުއައްސަސާތަކުގެ އެއްބާރުލުން ނުލިބުމާއި ތަހުގީގަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތަފްސީލް ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން، ބޭންކުތަކާއި އިދާރާތަކުން މައުލޫމާތު ދޭން ދެކޮޅު ހެދުމުން ގުދަންތަކުން "ހާވައިގެން" މައުލޫމާތު ހޯދަން ޖެހުނު ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީއާ މެދު ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ ކޮމިޝަންގެ ރައީސް، ހަސަން ލުތުފީ މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، މަނީ ލޯންޑަ ކުރީ ލުތުފީ އާއި އިތުރު ބަޔަކު ގުޅިގެންނެވެ.
އޭސީސީގެ އިތުރުން ވެސް މިނިވަން މުއައްސަސާތައް މިދިޔަ ފަސް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތުގައި ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. ނަތީޖާއަކަށް ވީ މުޅި ނިޒާމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބުމެވެ. މުޅި ނިޒާމް ރަނގަޅުކޮށް، މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަަސަނާ
09 July 2019
ޢޯލް އަ ވިޗް ހަންޓް. 28 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިފައިގެންތިބެ 7 މަސްވީއިރު ކުރެވޭ ހާވެސް ކަމަކީ ޔާމީން ފައްޓާފަ ހުރި ޕްރިޖެކްޓް ތައް ރިބަންކަޑާ އެކަމަކު އެއަށް ނެގެޓިވް ފާޑު ކިޔުމާ ޔާމީންފަހަތުން އަވަލައިގެން ދުވުން
މުކައްބަ
07 March 2019
ޝައްކު އުފެދޭ އެއްވެސް ކަމެއްވާނަމަ ތަޙުޤީޤު ކުރެވެންޖެހޭނެ. ސާބިތުވެއްޖެނަމަ އަދަބުވެސް ލިބެންޖެހޭނެ. މޮޅު ދެރައެއް، ދޮން ކަޅެއް، ފަޤީރެއް މުއްސަނޖެއް، މަތީ މަޤާމެއް ދަށް މަޤާމެއް ތަފާތުވެގެންނުވާނެ.
ޢަހްމަ
07 March 2019
100 ދުވަހުގެ ވައުދެއް ފުއްދާ؟ ދެން ގެންނާނީ ޕާޓީ ކުދިންކޮޅެއް އެއޮތީ 0 އަށް ވެފަ. މިހާރުވެސް އުފައްދާފަހުރި ކޮމިޝަނުގެ ރައީސަކީ ފިނޭންސްގަ ހުރެގެން އެތައް ޖަރީމާއެއް ހިންގާފަހުރި މީހެއް، އެވާހަކަ ދައްކާނެ މީހަކު ނުވެއެއްނު
ސުނާނާ
07 March 2019
މިއުޅެނީ އެމްޑީޕީ މެމްބަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ފޮރުވައި ފަސްއަޅަންވެގެން. އޭސީސީ މެމްބަރުން ވަކިކޮށްފައި އެމްޑީޕީއިން ބޭނުންވާ ބަޔަކު އޭސީސީއަށްލާންވެގެން, އޭރުން އެމްޑީޕީ މެމްބަރުންގެ ކޮރަޕްޝަނުގެ މައްސަލަނުބަލައި މައްސަލަ ނެތްބަޔަކަށް ހަދަންވެގެން ކުރާކަމެއްމީ, މި އެމްޑީޕީ އިން އޭސީސީގެ މެމްބަރުން އެއްގޮތަކުން ނެތިއްޔާ އަނެއްގޮތަކުންވެސް ވަކިކުރަން އެބަ ވަރަށް މަސައްކަރްކުރޭ.
އަހަންމަދާ
07 March 2019
އާނ އެހެންވެތާ އެމްއެމްޕީއާރުސީ މައްސަލަވެސް އެހާ ދިގުލައިގެން ރައްޔިތުންނާ ހިސާބަށް ނައިސް އޮތީ. އެއީ ހަމަ އެމީހުންގެ އިހްލާސްތެރިކަމުން.
މުހައްމަދުހ
07 March 2019
މަރުހަބާ މަރުހަބާ ހުރިހާ އެންމެން ކަނޑާލާފަ އާމީހުން ނަގަންވީ.