ކެޔޮދޫ ސްކޫލުން ކުރިއަށް ގެންދާ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ހަރަކާތް-- ފޮޓޯ: ކެޔޮދޫ ސްކޫލް
19 މާޗް 2019 - 08:12
ދަރިވަރުންނާއި ބެލެނިވެރިން ނުކުމެ ގާޑިޔާތަކާއި ގޯނިގޯނީގައި އުފުލަމުން އެ ދަނީ ހުސް ޕްލާސްޓިކެވެ. އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ އެ ޕްލާސްޓިކް ހޮވާ އެއްކުރަމުން އެދަނީ ރާއްޖޭގެ މި ނާޒުކު ތިމާވެށީގެ ހިމާޔަތަށް ފަރުދީ ޒިންމާ އަދާކުރުމަށެވެ. މުޅި ރާއްޖެއަށް އެ ނަމޫނާ ދައްކަމުން ދަނީ ވ. ކެޔޮދޫ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނެވެ.
ގުދުރަތީ ރީތިކަން ވިއްކައިގެން ނަފާ ހޯދާ މި ރާއްޖޭގެ ނަލަކަމަށް ވެސް އޮތް އެންމެ ބޮޑު ބިރަކީ ޕްލާސްޓިކެވެ. މުރަކައިގެ ބަގީޗާތައް ހަޑިކޮށްފި އެވެ. ރީތި ގޮނޑުދޮށްތަކާއި ފިނޮޅުތައް ގޮނޑަކަށް ހަދައިފި އެވެ. އެތައް ދިރޭތަކެއްޗެއްގެ ދިރުންތަކަށް ގެއްލުން ދެނީ އެވެ. އެހެންކަމުން ގުދުރަތީ ރީތިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް ޕްލާސްޓިކާ ދެކޮޅަށް މިވަނީ އެންމެން އެކުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފަ އެވެ.
ކެޔޮދޫ ސްކޫލުގެ ދަރިވަރުން ޕްލާސްޓިކް ހޮވާ ސާފުކުރުމުގެ މަސައްކަތުގައި-- ފޮޓޯ: ކެޔޮދޫ ސްކޫލް
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކެޔޮދޫ ސްކޫލަކީ "ޕްލާސްޓިކް ފްރީ" ސްކޫލެކެވެ. އެއް ފަހަރު ބޭނުންކުރާ އެއްވެސް ޕްލާސްޓިކް އެއްޗެއް އެ ސްކޫލަށް ވެއްދުން މަނަ އެވެ. ބެލެނިވެރިންނާއި ދަރިވަރުން ގެންގުޅެނީ ފޮތި ކޮތަޅާއި ބިއްލޫރި ފުޅި އެވެ. އެވަރުން އަދި ނިންމާލީއެއް ނޫނެވެ.
ކެޔޮދޫ ސްކޫލުން ކުރިއަށް ގެންދާ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ހަރަކާތުގައި ޕްލާސްޓިކް އެއްކުރަނީ-- ފޮޓޯ: ކެޔޮދޫ ސްކޫލް
މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކޮންމެ މަހަކު އެއް ދުވަހު ކެޔޮދޫ ސްކޫލުގެ 180 ދަރިވަރުންނާއި ބެލެނިވެރިން އެ ރަށުގެ ގޭބިސީތަކާއި އެހެނިހެން ތަންތަނުގައި ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް އެއްކުރެ އެވެ. އެކުނިތައް ހަވާލުކުރަނީ އުކާލާ ޕްލާސްޓިކް އެއްކޮށް، އެ އަލުން ބޭނުންކުރެވޭނެ ގޮތް ހަދާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ޕާލޭއަށެވެ.
"އާއްމުކޮށް އަޅުގަނޑުމެންނަށް ލިބެނީ ޕްލާސްޓިކް ފުޅި. އޭގެ އިތުރުން ތެޔޮ. މާޖިރީން ހުސްކުރި ދަޅު ކަހަލަ އެއްޗެތި ވެސް އެއްކުރަން. އެ އެއްޗެހި އެއްކޮށްފައި ޕާލޭއިން ދީފައި ހުންނަ ޖަންބޯ ބޭގަށް އަޅައިގެން މާލެ ފޮނުވަނީ،" އެ ހަރަކާތާ ގުޅޭ ގޮތުން ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވި އެވެ.
އެގޮތަށް އެއްކޮށް މިދިޔަ އަހަރު ވަނީ ހަތަރު ޓަނުގެ ޕްލާސްޓިކް އެ ރަށުން ޕާލޭއާ ހަވާލުކޮށްފަ އެވެ.
ޕްލާސްޓިކާ ދެކޮޅަށް ކެޔޮދޫ ސްކޫލުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބިއްލޫރި ފުޅި ދަރިވަރުންނާ ހަވާލުކުރުން-- ފޮޓޯ: ކެޔޮދޫ ސްކޫލް
ޕާލޭއަށް ރާއްޖެއިން ލިބޭ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ވަނީ ފުޓްބޯޅައިގެ ހާއްސަ ބޫޓާއި މަޝްހޫރު ފުޓްބޯޅަ ކުލަބު ބަޔާން މިއުނިކްގެ ޖޯޒީއެއް ވެސް ހަދައިފަ އެވެ.
ކެޔޮދުއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ އެއް ރަށެވެ. އެރަށުގައި 10 ވަރަކަށް ގެސްޓް ހައުސް ހިންގާއިރު ގިނަ އަދަދެއްގެ ޓޫރިސްޓުން އަބަދުވެސް އެރަށުގައި ތިބެ އެވެ. ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތް ވެފައިވަނީ ޓޫރިސްޓުންގެ ބޮޑު ތަރުހީބެއް ލިބޭ ކަމަކަށެވެ. އަދި އެއީ ތިމާވެއްޓާއި ރައްޓެހި ރަށެއްގެ ގޮތުގައި އެރަށް އިސްތިހާރު ކުރަން ވެސް އޮތް ފުރުސަތަކަށް މިހާރު ވަނީ ވެފަ އެވެ.
އެ ހަރަކާތުގެ ފައިދާ ބޮޑުވެފައިވާތީ ގެސްޓް ހައުސްތަކުން އެކަމަށް ބޮޑު އެއްބާރުލުމެއް ދެ އެވެ. ގްރޭޑް 10އާ ހަމައަށް ކިޔަވައިދޭ ކެޔޮދޫ ސްކޫލުގެ ދަރިވަރުންގެ މެދުގައި ޕްލާސްޓިކް އެއްކުރުން މިހާރު ވަނީ ވާދަވެރި ކަމަކަށް ހަދައިފަ އެވެ. ކޮންމެ މަހަކު ވެސް އެންމެ ގިނައިން ޕްލާސްޓިކް އެއްކުރާ ކްލާހަކަށް ހާއްސަ އިނާމުތަކެއް ދެ އެވެ. އެ އިނާމުތައް ސްޕޮންސާ ކޮށްފައިވަނީ ގެސްޓް ހައުސްތަކުންނެވެ.
ކެޔޮދޫ ސްކޫލުން ކުރިއަށް ގެންދާ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ހަރަކާތް-- ފޮޓޯ: ކެޔޮދޫ ސްކޫލް
"އެންމެ ގިނައިން ޕްލާސްޓިކް އެއްކުރާ ފަސް ކްލާހަކަށް އިނާމު ދެނީ. ޖައްސަޖައްސައިގެން އެއް ވަނަ ހޯދާ ކްލާސްތަކަށް މިރަށުގެ މާކަނާ ގެސްޓް ހައުސްއިން ޑިނާއެއް ނޫނީ ސްނޯކްލިންއެއް ނުވަތަ ޕިކްނިކެއް ދޭ. އެހެންވީމަ ކުދިން ވަރަށް މޯޓިވޭޓްކޮށްގެން މިކަން ކުރަމުން މިދަނީ،" ސްކޫލް ޕްރިންސިޕަލް ވިދާޅުވި އެވެ.
އޭގެ ނަތީޖާ ވަރަށް ވެސް ރަނގަޅެވެ. އެއް ފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް އުކާލާފައި ހުންނަ ތަނެއް މިއަދު އެރަށަކުން ނުފެނެ އެވެ. ރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓަމުން އެދަނީ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ދައްކާ ރީތި ނަމޫނާއިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާވު
21 March 2019
ކެޔޮދޫ މީހުންނަކީ ވަރަށް އެއްބައިވަންތަ ބައެއް.. ކުރިޔަށް ކެޔޮދޫ ބާރަށް ކުރިޔަށް..
މާހިރުލް ތިމާވެށި
19 March 2019
ދަރިވަރުން ޕްލާސްޓިކާ ދެކޮޅުވާއިރު ޕްލާސްޓިކް އެތެރެކުރުން މަނާއެއް ނުކުރެވޭ
އެންވާރަމެންޓަލިސްޓް
19 March 2019
ތިކަމަކީ ވ. އަތޮޅު މަދަރުސާގަ 2017ވަނަ އަހަރުންފެށިގެން ކުރިޔަށް ގެއްދަމުން އަންނަ ކަމެއް.. ވ. އަތޮޅުއްވެސް އެންމެ ފުރަތަމަ ތިކަން ކުރީ ވ. އަތޮޅު މަދަރުސާގަ. މި ހާރުވެސް ފުޅި ރީސައިކަލް ކުރާ ކުދިއްނަށްް އިނާމާ އެއްޗިހިވެސް ދޭ ބައެއް. ކީއްވެތަ ބައެއް ސުކޫލުގެ ވާހަކަތައް ލިޔަނީ. ގަބޫލު ނުކުރެވެއްޔާ ވޭވްސް އޮފް ޗޭންޖް ފޭސްބުކް ޕޭޖް ބަލާބަލަ .. އެކަމް ކުރިންވިއަސް ފަހުންވިއަސް ތިކަން ކުރުމަކީ ވަރަށް ރަނގަޅުކަމެއް
Ali Hammitte
19 March 2019
ޔަޤީން ތާ!
ނަހީ
19 March 2019
ނަމޫނާ ސްކޫލް އެއްކަމަށް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީ އިން ފަހި ގޮތްތަކެއް ހަމަޖައްސައިދޭންޖެހޭ...
ކަރީމުއްދީން ބާޝާ
19 March 2019
ހުރިހާ ރަށަކުންވެސް ހިނގަންވީ މިކުދިންގެ ފިޔަވަޅު މަތިން.
ހަމް
19 March 2019
ރާއްޖޭގެ އެހެން ސްކޫލްތައް ނަމޫނާ އަކަށް ބަލަންވީ ކެޔޮދޫ ސްކޫލް ކަމާ މެދު ޝައްކެއްވެސް ނެތް...
އައުލް
19 March 2019
ކެޔޮދޫ ސްކޫލް އަކީ، ވ.އަތޮޅުގެ އެއްވަނަ ސްކޫލް، ދަރިވަރުން ހޯދާ ނަތީޖާ ތަކުންވެސް އެކަން ފެންނަމުންދޭ....
އަމްޖޭ
19 March 2019
ކެޔޮދޫ އިން ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ސްކޫލަށްދޭން ފެންނަނީ. މީރާއަށް ދައްކާ ގްރީން ޓެކްސް ފައިސާއިން ސީދާ ރަށުގެ ތިމާވެއްޓަށް ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެހެންޖެހޭ
އަޅުގަނޑޫ
19 March 2019
ވަރަށް ތާއީދު ތި ވިދާޅުވި ވާހަކައަށް