ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ހަކުރު ބައްޔަށް ޓެސްޓުކުރާ މެޝިންތަކެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން (ވ) ތުލުސްދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު އަހްމަދު ރަޝީދުއަށް ހަވާލުކުރަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ
21 މާޗް 2019 - 22:39
ހަކުރުބަލީގެ ގައުމީ ޕްރޮގްރާމް ކ. ތުލުސްދޫގައި މިއަދު އިފްތިތާހުކޮށްފި އެވެ.
މިއީ ހަކުރުބަލިން އާންމުން ރައްކާތެރިކުރުމަށާއި އެ ބަލީގެ ފަރުވާތައް ހަރުދަނާކުރުމަށް ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް ގުޅިގެން ފެށި ޕްރޮގްރާމެކެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގުޅިގެން 2015 ވަނަ އަހަރު ހެދި ދިރާސާއަކާ ހަވާލާދެއްވައި ހެލްތު މިނިސްޓަރު އަމީން މި ރަސްމިއްޔާތުގައި ވިދާޅުވީ ކޮންމެ 100 ދިވެހިންގެ ތެރެއިން އަށް މީހުންނަކީ ހަކުރުބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން ކަމަށެވެ. އަދި ދިވެހިންގެ އާދަކާދަތައް ހުރި ގޮތުން އެ ބަލި ޖެހުމުގެ ބިރު އޮތް މީހުން ގިނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ
"މި ފަދަ ބަލިތަކަކީ އެ ބަލި ވާރުތަވުމުގެ ފުރުސަތު ނުދިނުމަށް ރައްކާތެރިވާން ކުރެވިދާނެ ކަންތައް ހުރި ބަލިތަކެއް. ނުވަތަ ބަލި ނުޖެހި ގިނަ ދުވަހު ދިރިއުޅުމަށް މަސައްކަތް ކުރެވިދާނެ. މިހެން ކަންތައް ހުރުމުން އަޅުގަނޑުމެންގެ މުޖްތަމައުގެ ތެރޭގައި ސިއްހަތު ރަނގަޅު ކުރަން ކަންތައްތައް އިތުރުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މި ޕްރޮގްރާމުުގެ ދަށުން މި ބައްޔާ ދިވެހިން ދުރުކުރަން މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުން ބޭނުންވާ ކަށިތައް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ވެސް މުސްތަގްބަލުގައި ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ.
މި ޕްރޮގްރާމު ފެށުމުގެ ގޮތުން ތުލުސްދޫގައި ހަކުރުބައްޔަށް ފަރުވާ ހޯދަމުން އަންނަ ކުދިންނަށް ބޭނުންވާ ހަކުރު ޓެސްޓުކުރާ މެޝިނުތަކެއް އެ ރަށު ސިއްހީ މަރުކަޒަށް ހަދިޔާ ކުރި އެވެ. އެ މެޝިނުތަކާ ހަވާލުވީ އެ މަރުކަޒުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު އަހުމަދު ރަޝީދެވެ.
ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ހެލްތު މިނިސްޓްރީ
މީގެ އިތުރުން ހަކުރު ބައްޔާ ގުޅޭ ތަމްރީން ކޭމްޕެއް އެ ރަށުގައި މިރޭ ފަށާނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގައި ކ. އަތޮޅުގެ އެހެން ރަށްތަކުން ނަރުހުންނާއި ޑޮކްޓަރުން ބައިވެރިވާނެ އެވެ. އަދި މި ހަރަކާތުގައި ހަކުރުބައްޔާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ އިތުރުން އެ ބައްޔަށް ސްކްރީންކުރުމާއި، ބަލީގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރާނެ އެވެ. އަދި އެ ކަންތަކަށް އެންމެ އެކަށީގެންވާ ފަރުވާ ވެސް ދަސްކޮށްދޭނެ އެވެ.
ހަކުރުބަލީގެ ފަރުވާތައް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރަން ފެށި މި ޕްރޮގްރާމުގެ ދަށުން "ވަން ސްޓޮޕް ޑައިބީޓީސް ސެންޓަރު" އެއް އައިޖީއެމްއެޗްގައި އަންނަ މަހު ހުޅުވޭނެ އެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ކޮންސަލްޓަންޓް ޑޮކްޓަރު އަލީ ލަތީފް ވިދާޅުވީ ހަކުރުބައްޔަށް ފަރުވާ ހޯދަން ދިމާވާ ބައެއް ގޮންޖެހުންތައް އެ ސެންޓަރު މެދުވެރިކޮށް ހައްލު ކުރާނެ ކަމަށެވެ. ބަލި ހުރި ކަމަށް ޑައިގްނޯޒްވުމަށް ފަހު އިތުރު ފަރުވާއަށް ދާން ގިނަ ދުވަސްވާ ކަން ފާހަގަކޮށް، އެ ސެންޓަރު ހުޅުވުމުން އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ލޮލުގެ ޓެސްޓު ހެދުމާއި ޑައެޓީޝަނަކާ ބައްދަލުކުރުން ހިމެނެ އެވެ.
ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރަން ކ. ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ޑރ. އަލީ ލަތީފް ވާހަކަދައްކަވަނީ -- ފޮޓޯ: ހެލްތު މިނިސްޓަރު
މީގެ އިތުރުން އަތޮޅުތަކުގައި ތިބޭ ހަކުރުބަލި ޖެހިފައި ހުންނަ މީހުންނަަށް ފަސޭހައިން ފަރުވާ ދޭން ޓެލެމެޑިކަލް ކްލިނިކެއް ހުޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭރުން ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ، އެ ރަށެއްގައި ހުރެގެން ލިބޭނެ އެވެ.
މިއީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންކަން ފާހަގަކޮށް، އާއިލީ ގޮތުން ވާރުތަވި ނަމަވެސް ދިރިއުޅުމުގެ އާދަތައް ރަނގަޅަށް ބަހައްޓަން ޖެހޭ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވި އެވެ. އަދި އެ ބައްޔާ ދުރުވާން ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ކަސްރަތުކުރުމުގެ މުހިއްމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްކާތެރިވޭ
22 March 2019
ދިރިއުޅުމުގެ އުޅުންތަކާ ގުޅުންތަކާ ގުޅިފަ ހުންނަ ބައްޔެއްގެ ވާހަކަ ލިޔާއިރު ނުވަތަ އެފަދަ ކަމަކާގުޅޭ ޚަބަރެއް ގެންނައިރު، އެބަލިބަލި ޖެހުމަށް މަގުފަހިވާ ކަންކަމާ ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހިމެނުން މުހިއްމު.ފަލަކޮށް އަބަދު ތިބުމާ، ޖެނެޓިކަލީވެސް ބަލިޖެހޭ އެކަމަކު ފަލަވާފަދަ ކެއުން ބުއިން ބޭނުން ކުރުމާ ކަސްރަތު ނުކުރުމާ ސިނގިރޭޓް ބުއިމާ މިއީ ހަކުރުބައްޔަށް މަގުފަހިވާ ތިމާގެ ކޮންޓްރޯގައިވާ ބައެއް އާދަތައް
ޥަހީދު
22 March 2019
ހަކުރުބަލީ މީހުންނަކީ ވަރަށް ތަކުލީފުގައި މިހާތަނަށް އުޅެމުން އައިބައެއް. އާސަންދައަކުންވެސް އަޅައެއްނުލާ. ތިޖަލްސާޓީވީއިން ބެލިން. ވަރަށް އުފާވި އަޅުގަނޑުމެންނާމެދު ސަތުކަރުންގެ ވިސްނުން އިވުމީމަ. މިނިސްޓަރ އަމީނަށް އަޅުގަނޑު ވަރަށް ތައުރީފްކުރަން. މަނިކިފާން ހެލްތާއި ހަވާލުވިފަހުން ކުރިން އަޅަނުލާ މުހިންމުދާއިރާތަކުގެ ކަންކަން ވަރަށް ޚައްސަކަންދެއްވާތަން އަޅުގަނޑަށް ފެނޭ
މުހީދު
22 March 2019
އުފަވެރިކަމުގެ ކޮޅެއްނެތް. ޢަޅުގަނޑުމެން އިގިލިކޮޅަށް ކަށިޖަހާލަޖަހާލާ ތިބޭތާ ކިތައްމެ ދުވަހެއް. މިނޫނީ އަދި ސަރުކާރަކުން ހަކުރުބަލީގެ މީހުނައި ދިމާލަށް ބަލާލި ދުވަހެއްނާދޭ. ޝުކުރިއްޔާ އަދި ސާބަސް މިނިސްޓަރ އަމީން
.ކީކޭތޯ؟
22 March 2019
.ކޮސްވެދާނެ މިހާރު ހަކުރުބައްޔަކީ ގައުމީ ބައްޔެއްތޯ؟ ބަލި ބަލިވެސް ގައުމީ ވަނީތޯ؟
ފުޒްނާ
22 March 2019
މިނިސްޓަރު ފެނުނު ހެނދުނު ކެންސަރު ބަލީގެ ވެކްސިން އިފްތިތާހުކޮށްދޭން ތާޖުއްދީން ސުކޫލުގައި ހުއްޓާ... މިހާރު އަނެއްކާ ހަވީރު މި އޮތީ ކ.ތުލުސްދޫގައި ހުރި ވާހަކަ ހަކުރު ބަލީގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް.. ސާބަސްދެން ތި ހިތްވަރާއި މުރާލިކަމަށް!
ނަޒްރާނާ
22 March 2019
ކެއުމުގައި އަދި ބުއިމުގައި އެއްވެސް މިންގަނޑެއް ނުގެންގުޅޭ ކަސްރަތެއް ނުކުރާ ދިވެހިން ހަކުރު ބައްޔަށް ހޭލުންތެރި ކުރުވަން ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަންޖެހޭ.. ތި ކަހަލަ ހޭލުންތެރިކަމެއް ލިބިގެން އެންމެ މީހެއްގެ ދިރިއުޅުމަށްވެސް ބަދަލެއް އައިސިއްޔާ ކިތަންމެހާވެސް ރަނގަޅު- ޝުކުރިއްޔާ އަމީން
ހަމީމް
22 March 2019
އަމީންގެ މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ.. ތިއީ މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް ވަޒީރު، ޝައްކެތްވެސް ނެތް
ހަކީމް
22 March 2019
އާސަންދައިން ކީއްވެތަ ޓެސްޓްކުރާ ސްޓްރިޕް ނުދެނީ..ދުވާލަކު އެކިފަހަރު ޓެސްޓްކުރަންޖެހޭ ސްޓްރިޕްސް ވަރަށް އަގުބޮޑު..އަނެއްކާ އެތައްފަހަރަކު އިންސިއުލިނގް ޖަހަންޖެހޭ ހަކުރުޓެސްޓްކޮށް ހަދަންޖެހޭއިރު ގަޔަށްޖަހާ ކަށިއެހާ އަގުބޮޑު..އާސަންދައިން އެވަރުކަމެއްވެސް ނުވޭ..ކީއްވެތަ ހަކުރުބަލި މީހުނަށް އަޅާލާ ބަޔަކުނެތީ..
ކަލްކީން
21 March 2019
ޑީއެސްއެމް ކަންކަން ކުރަނީ ހިތުހުރި ގޮތަކަށް..އެތަނަށް ދައްކައިގެން ކުރިޔަށް ގެންދިއުން ޑޮކްޓަރުން މަނާ ކުރޭ..އެތާންގެ ވެރިން އެމީހުނަށް ފެންނަ ބަޔަކަށް ހިލޭ ލިބޭ އެއްޗެހި ދެނީ..ޓެސްޓްކުރާ ކަރުދާސް އެހާއަގުބޮޑު އިރު ވަކިބަޔަކަށް ބޭނުން ވަރަކަށްދޭ..
އަހަންނަކީ އަހަރެން
21 March 2019
މިސޮރު ހާދަ މަސައްކަތެ އެބަކުރޭ ދޯ