ބްރިޖުން ދަތުރުކުރާ މީހުން ހެލްމެޓް އަޅައިގެން: އެކްސިޑެންޓްތައް ހިނގާ މައިގަނޑު ސަބަބާ މެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
24 މާޗް 2019 - 07:34
އަހަރެމެންގެ ތެރޭގައި ހިނގާ އެކި ކަންކަމާ ގުޅިގެން ފިޔަވަޅު އަޅާއިރު އަބަދުވެސް ފާހަގަވާ އެއް ކަމެއް އޮންނާނެ އެވެ. އެއީ އެ ކަމެއް ހިނގަން މެދުވެރިވާ ސަބަބު ނައްތާލުމުގެ ބަދަލުގައި، އެހެން ކޮންމެވެސް ފިޔަވަޅެއް އެޅުމެވެ. މިކަހަލަ ކަންކަމުގެ ލިސްޓެއް ހަދާ ނަމަ ވަރަށް ދިގުވާނެ އެވެ. އެކަމަކު އިހަށް ދުވަހު މަގުމަތިން ޕެލެޓްތައް ނެގުން ވެސް އެއީ އެކަހަލަ ކަމެކެވެ. ޕެލެޓްތަކާ ހެދި ނުރައްކާތެރި ހާދިސާތައް ހިނގާތީ އެ އެއްޗެހި ނެގި އިރު، އެ އެއްޗެހި ބަހައްޓަން ޖެހުނު ސަބަބާ މެދު ނުވިސްނުނީތީ އެ މަސައްކަތް ވީ ބޭކާރެވެ.
ހެލްމެޓް އެޅުމަކީ ރައްކާތެރިކަމުގެ ރަނގަޅު ފިޔަވަޅަކަށް ވިޔަސް މިކަން ކުރަން ޖެހުނު އަސްލު ސަބަބު ވެސް އޮތް ގޮތަށް އޮތީ އެވެ. އެއީ ސިނަމާލޭ ބްރިޖުގައި ދުއްވަން ޖެހޭ ގޮތާ ހިލާފަށް ދުއްވުމާއި މާ ބާރަށް ދުއްވުމެވެ. މިހެން ބުންޏަސް އިސްތިސްނާވާ މަދު ހާދިސާތަކެއް ހުރެދާނެ އެވެ.
ޓްރެފިކް ގާނޫނާއި ގަވައިދަކީ، ކަމެއް ދިމާވުމުން ނޫނީ ފިޔަވަޅު އަޅަން އޮންނަން އެއްޗެއް ކަމަކަށް ނުފެނެ އެވެ. އެހެން ބުނަން ޖެހޭ އެންމެ ފާޅު ހެއްކަކީ ސިނަމާލޭ ބްރިޖަށް ޓްރެފިކް ގާނޫނާއި ގަވައިދުތައް ހާއްސަވެގެން އުޅޭތަން ފެންނާތީ އެވެ. ބްރިޖް ހުޅުވި ދުވަހުން ފެށިގެން އެކަން އޮތީ އެހެންނެވެ.
ބްރިޖުގައި ބާރަށް ދުއްވި ކާރެއް އެކްސިޑެންޓުވެ ފުނޑުފުނޑުވެފަައި
ލިސްޓު ފަށަން ހިނގާށެވެ. ސައިކަލްގައި ލޯގަނޑު ނެތި ބްރިޖުގައި ދުއްވިޔަކަ ނުދިނެވެ. އެކަމަކު އެއީ ރާއްޖޭގައި ދުއްވާ ކޮންމެ ވެހިކަލެއްގައި ވެސް ހުންނަން ޖެހޭ އެއްޗެކެވެ. ބްރިޖުން ފޭބުމަށް ފަހު އެންމެ ލޯގަނޑެއް ނެތި ދުއްވިޔަސް، ފުލުހުން އެކަމާ އަޅާލާނީ ހިތަށްއެރި ފަހަރަކު އެވެ. ސައިކަލްގައި ޑަބަލް ސީޓްކޮށްގެން ދާއިރު، ބެލްޓް ނާޅުވައި ކުޑަކުދިން އުފުލުމަކީ ވެސް މަނާ ކަމެކެވެ. އެކަމަކު ބްރިޖް ނޫން ތަންތަނުގައި، ތުއްތު ކުދިން އަތުގައި އެލުވާލައިގެން ގެންދާހެން ހީވާ ފަހަރު ވެސް އާދެ އެވެ. ބައެއް ސައިކަލްތަކުގައި، ކުރީކޮޅުގެ ނަންބަރު ބޯޑު ސްޓިކާއެއް ގޮތަށް ތަތްކޮށްފައި ހުންނާތީ އެއީ ވެސް ބްރިޖުގައި މައްސަލަޔަކަށް ވާން މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު އެއީ އަބަދުވެސް މަނާ ކަމެކެވެ. އެކަމަކު މިހާރު އަމަލުކުރާ ގޮތުން، މިއީ ވެސް ބްރިޖަށް ހާއްސަ ކަމަކަށް ވެއްޖެ އެވެ. ސައިކަލާއި ޕިކަޕްގައި މުދާ އުފުލުން ފަދަ ކަންކަމުގައި ވެސް ބްރިޖުގައި ވަރަށް ރަނގަޅަށް ގާނޫނު ތަންފީޒުކުރާތީ ފެނެ އެވެ. އެކަމަކު އެހެން މަގުތައް ބަލައިލީމާ، ޕިކަޕްތައް ފުރެންދެން އެއްޗެހި އަރުވާފައި އޭގެ މަތީގައި އިށީނދެ ތިބެގެން ހަމަ ދުއްވާ ނަގަނީ އެވެ. ސައިކަލަކީ ވެސް ކަންމަތީ ފިހާރަތަކަށް މުދާ އުފުލާ ކުދި ޕިކަޕްތަކެކޭ އެއްގޮތެވެ.
އެކަމަކު ބްރިޖުގައި ދުއްވާއިރު އަޅާ ހެލްމެޓްގެ ފެންވަރު ވެސް އެބަ ބަލަ އެވެ. ސާބަހެވެ!
ޓްރެފިކް ގާނޫނާއި ގަވައިދު ތަންފީޒުކުރުން ބްރިޖަށް ހާއްސަ ވެފައި ވާއިރު، އެ ތަނުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ މައިގަނޑު ސަބަބާ މެދު ފިޔަވަޅެއް ނޭޅެ އެވެ. ދަމަކުން ބަޑިއެއް ޖަހާހެން ބައެއް ރޭރޭ ފުލުހުން ނިކުމެ ބްރިޖްގައި ބެރިކޭޑް ޖަހައި، ބާރަށް ދުއްވާ މީހުން ހުއްޓުވިއެއް ކަމަކު އެއީ މައްސަލައިގެ ހައްލެއް ނޫނެވެ. ބާރަށް ދުއްވާ މީހުން އެ ދާ ގޮތަށް ގޮސް ބްރިޖްގެ ފެންސާއި ޑިވައިޑާ ފަޅާލާފައި އެ ދަނީ އެވެ. ހެލްމެޓާއި ދަގަނޑު ދަހަނާގައި ހުއްޓަސް އެއިން ވެހިކަލަކުން ޖެހިއްޖެ ނަމަ ސަލާމަތްވާނީ ކިހިނެއް ހެއްޔެވެ؟
ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ މަސައްކަތް ދައްކުވައިދޭ ތަފާސްހިސާބު: ބާރަށް ދުއްވާ މީހުންނާ މެދު ފިޔަވަޅެއް ނޭޅޭ
ހެލްމެޓް އެޅުން މައްސަލައަކަށް ވަނީއެއް ނޫނެވެ. މައްސަލަ އަކީ ގާނޫނާއި ގަވައިދުން ބައެއް ކަންކަން، ބައެއް ތަންތަނަށް، ބައެއް މީހުންނަށް ތަންފީޒުކުރާތީ އެވެ. ބްރިޖް ހުޅުވާލި އިރު ވެސް ކަށަވަރުކަމާ އެކު އެނގޭ ކަމަކީ އެތަނުގައި އާދަޔާ ހިލާފަށް ބާރަށް ދުއްވާނެކަމެވެ. އެކަމަކު އެކަން ހުއްޓުވަން އިސްކަން ދިނުމުގެ ބަދަލުގައި ފިޔަވަޅު އަޅަން ފެށީ ނިސްބަތުން ބަލާއިރު ކަމަކަށް ނުވާ ކަންކަމުގަ އެވެ. އަދިވެސް އެކަން އެހެން ބާއްވާފައި ބްރިޖަށް އަރާ ވެހިކަލުގެ ނަންބަރު ޕްލޭޓާއި އޭގެ ފޮންޓު ހުރި ގޮތް އެއީ މާ ބޮޑު ކަމަކަށް ހަދައިގެން އުޅޭ ނަމަ ދުވަހަކު ވެސް ނަތީޖާއެއް ނުނެރެވޭނެ އެވެ.
ބްރިޖުގައި އެކަންޏެއް ނޫނެވެ. ރަށުތެރޭގައި ވެސް އަބަދު ރޭހެއްގައި އުޅޭ ބަޔަކު ފެނެ އެވެ. އެހެން މީހުން ތިބެން ޖެހޭނީ އެއިން ސައިކަލެއް، ކާރެއްގެ އަޑު އިވޭ އިރަށް މަގުގެ އެއްފަރާތަކަށް އަރައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ. އައިސް ނުޖެހޭތޯ ހިތާ ހިތުން ދުއާކުރުމުގަ އެވެ. އެކަމަކު ލައިންސަންސް އޮންނަ މީހަކު، ހަނދާން ނެތިގެން ވިޔަސް އަތުގައި ލައިސަންސް ނެތި ދުއްވައިފި ނަމަ އެ މީހަކާ މެދު ބަރާބަރަށް ފިޔަވަޅު އަޅަ އެވެ.
ފުލުހުން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުން ވެސް ފެންނަނީ މި މަންޒަރެއް ނޫން ހެއްޔެވެ؟ ކުރީ ހަފުތާގައި، މާލޭ ސަރަހައްދުގައި ބާރަށް ވެހިކަލް ދުއްވައިގެން ފިޔަވަޅެއް އަޅާފައި ވަނީ އެންމެ ފަހަރަކު އެވެ. އެކަމަކު ޓްރެފިކް ގާނޫނާ ހިލާފަށް އެންމެ ގިނައިން ކުރާ ކަމަކީ ގަވައިދާ ހިލާފަށް ބާރަށް ދުއްވުމެވެ. އެކްސިޑެންޓްތައް ހިނގުމުގެ އެންމެ އާންމު ސަބަބަކީ ވެސް އެއީ އެވެ. އެކަމަކު މަޑުން ދުއްވާ މީހުންނަށް އޮތީ، ބާރަށް ދުއްވާ މީހުން އައިސް ޖެހުނަސް އަނިޔާއެއް ނުވާނެކަން ޔަގީންކޮށްގެން މަގުމައްޗަށް ނިކުތުން ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯރމަލް އަހްމަދް
25 March 2019
ވަރަށް ފުރިހަމަ ލިޔުމެއް. ހެނދުނުގެ ސައި ބޯލަން އިންނަ އިރު މިކަހަލަ އާރޓިކަލްތައް ކިޔާލަން ވަރަށް ސަޅި!
ހެލްމެޓް
25 March 2019
މާލެ ހޮސްޕިޓަލްގަ އޮންނަ ބަލިމީހަކު ކައިރިއައް ޒިޔާރަތް ކުރިއަސް 2އަތް އޮނަނީ ބަންދުވެފަ 2 ހެލްމެޓް.އުފުލަންޖެހެ.. ވޭވް ސައިކަލްގެ މަޑިދަށައް ނުލެވޭ.. ވަގުނަގާފާނެތީ ބާއްވާފަ ނުދެވޭ.. ނަމާދައް އަރާލަންވެސް ހެލްމެޓް ބާއްވާނެ ތަނެއްނެތިގެން އުޅެންމިޖެހެނީ.. މިވަރު އުދަގޫ ދިވެހިރައްޔަތުން ނައް ޖައްސަނީ ކީކުރަބްތޯ..
ގާދިރު
25 March 2019
ހެލްމެޓް އަޅަން ޖެހުމުން ހުޅުމާލެ ވިޔަފާރިތަކައް ވަރައްބޮޑައް ގެއްލުން ވަމުން ދަނީ.. ކުރިން ފިނި ބުރައް މާލެއިން އަންނަ މީހުން ވަރައް މަދުވެ ބުރިޖު ހައިވޭވެސް ފަޅުވެއްޖެ. .ހެލުމެޓް ނާޅަންވެގެން ގިނަމީހުން ދަތުރު ކުރަނީ ޓެކުސީގަ.. ހުރިހާ މޮޅެއް ޓެކުސީ ޑުރައިވަރުން ނައް..ކޮޅަކައް 100 ކޮޅަކައް 100. މިއޮތީވާ ސަރުކާރެއް..
ގޮރުނުދޯރު
25 March 2019
ހެލްމެޓަކީ ބާރައްދުއްވަން ދިން އިތުރު ހިތްވަރެއް.. ގަވާއިދާ އެއްގޮތައް ދުއްވާ މީހުންނައް ޖެއްސި ވަރައްބޮޑު އުދަގުލެއް.. މެންދުރު ގަޑީގަ މާލެއިން ހުޅުމާލެއައް. ޙުޅުމާލެއިން މާލެއައް ހެލްމެޓް އަޅައިގެން ބުރެއްޖެހީމަ މީހާ ހުންނަނީ ހަމަ ބުރާންތިވެފަ. ޢަހަރެން ހިތައްއަރާ ސަރުކާރުން ހުޅުމާލެ ރައްޔަތުން ނައް މިވަރުގެ ވެރިކަމެއް މި ޖެއްސީ ކީއްވެބާވައޭ..
ދަރީ
24 March 2019
ރާއްޖޭގަ ހިނގާ ހުރިހާކަމެއް ބަލަހައްޓަން ފޫޓަކުން ފޫޓަކުން ފުލުހުންނެއް ނުބޭތިއްބޭނެ ދޯ. ބްރިޖްގަ ސްޕީޑް ކެމެރާ އަކީ ރަގަޅު ހައްލެއް. ވެހިކަލްތަކުގެ ސްޕީޑް 50 އަށް ވުރެ މައްޗައް ނޭރޭގޮތަށް މޮޑިފައިކުރުމަކީވެސް ކުރެވިދާނެކަމެއް. މިހާރު ވެސް ރާއްޖޭގަ ހުރޭ ސްޕީޑް ލިމިޓްކޮށްފަ ހުންނަ ވެހިކަލްތައް.
ފެނުކައްކާބޮލި
24 March 2019
ފޫޓަކުން ފޫޓަކުން ތިބޭކަށްވެސް ނުޖެހޭ. އެކަމަކު ކައިރިން ބޫން އަޅާފައި ދާ މީހުންނަކީ ކޮބައިތޯ ބަލައި ހޯދައި ހިފައި ހައްޔަރުކޮށްގެން ނަމަވެސް ހުއްޓުވުމަކީ ފުލުހުންގެ ވާޖިބެއް. ކުރަންޖެހޭނެ ކަމެއް. އަބަދާ އަބަދު ބޮލުން ކަޓުވާލަން ފުލުހުން ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތް. ލޯ އެންފޯސްމަންޓް އޭޖެންސީގެ މަސްއޫލިއްޔަތަކީ ގާނޫނު ހިންގައި ސެކިއުރިޓީ ކަށަވަރުކޮށްދިނުން. ނަމަ ނަމަ ކިޔައިގެން ބޮލުން ކަޓުވާލުމެއް ނޫން.
ދޭސީ
24 March 2019
ހަމަ ތެދެއް. އެޔޮއްބޮޑު ލިންކްރޯޑުގަވެސް ޖަހާލާފަވެސް ނެތް އެންމެބާރައް ދުއްވޭނެ ސްޕީޑް. އަނެއްކާ ކުރީދުވަހުވެސް ސީދާ ޕޮލިސް ޖަހާފައޮތް ވޭނެއް ދިޔައީ ބޫންއަޅާލާފަ.. ގައިމުވެސް 120ކިލޯމީޓާގަ. ސައިރަންއަޅާފައެއްވެސް ނޫން. ހަމަ ހައްލެއް އޮތީ ދުވެލި މަޑުކުރަން މަޖުބޫރު ކޮށްގެން.
ޟީލަ
24 March 2019
މިޔަށްވުރެ ވަކިން ލޯލެސް އެނާކީ ގައުމެއްނޯންނާނެ ހުޅުމާލެ ބީޗުންވެސް އެތިބީ އަމިއްލަ ގެދޮރުހެން ބިމުކުލި ނުދީ ލާރިގަނޑުނަގަން. ވަގުން އެތިބީ ސަސްޕެންޝަނުގަ ފުލްމުސާރަ ލިބޭ ޗުއްޓީގަ. ފޭރުން 100ގަ
ޓްރެފިކްއިސްކުރު
24 March 2019
ސައިކަލުގައި ފަހަތްބަލަން ދެފަރާތުގަ ދެލޯގަނޑު ހުންނަންޖެހޭ. ހަމަ އެގޮތަށް 4 ފުރޮޅުލީ އުޅަނދުގައި ވެސް، އެކިޔާ ރިޔަރވިއު މިރަރ، ހުންނަންޖެހޭ. ބުރިޖުގައި ދުއްވާއިރު، ލޯގަނޑު ހުރީމަ ނިމުނީދޯ؟ ސައިލަކުގެ ފަހަތުގައި އިންނަ އަންހެންކުއްޖާގެ މޫނުބަލަން އެސެޓްކޮށްފަހުންނާނީ. ޓެކްސީ ތަކުގެ އަރިމަތީ 2 ލޯގަނޑު އަބަދުވެސް މަޅާލައިގެން ތިބޭނީ. ދެން އެވެހިކަލް ރޯދްވާދިނަސް ވަނީ ކޮންގޮތަކަށް. ސްޓިކާ އެއްހުރުމަކުން ނުފުދޭނެ. ޓްރެފިކްފުލުހުން ކޮބާ؟؟؟؟
ހެލްމެޓް
24 March 2019
މުހިންމީ ބޯހަމަޖެހޭ މީހުން އުޅުން.
ކޮސްޑް ޗިކް
24 March 2019
ކާކުތަ މިހާބާރަށް ދުވާ ގޮތަށް