މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ-- މިހާރު ފޮޓޯ
25 މާޗް 2019 - 07:17
"ވެކްސިނުގެ ސަބަބުން އޯޓިޒަމަށް މަގުފަހިވެ އެވެ. ތުއްތު ކުދިންގެ ގަޔަށް ކަށިހެރުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެކެވެ. ބަލިތަކުން ދިފާއުވާން ވެކްސިން ދިން ނަމަވެސް އެކަމުން އިތުރު ބަލިތައް ޖެހެ އެވެ."
މީސެލްސް ނުވަތަ ހިމަބިހި ނައްތާލުމަށް 2017 ގައި ހިންގި ގައުމީ ކެމްޕޭނުގެ ދަށުން އެމްއާރު ވެކްސިން ދޭން ފެށުމުން އިވުނު އަޑުތަކެވެ. އަނެއްކާވެސް މި އަޑު ގަދަވެފައިވަނީ، ކެންސަރުގެ ބާވަތަކާ ދެކޮޅު ވެކްސިނެއް ތައާރަފްކޮށް، އަންހެން ކުދިންނަށް ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ވެކްސިނާ ދެކޮޅަށް ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނުހިމެނެ އެވެ. އިތުބާރު ހިފޭ ރަނގަޅު އެއްވެސް ދިރާސާއެއްގައި އެއިން އެއްވެސް ކަމެއް ސާބިތުވެފައެއް ނެތެވެ. އެކަމަކު ރާއްޖޭގައި ވެސް ބައެއް މީހުން ވެކްސިނާ ދެކޮޅަށް ވާހަކަ ދައްކަ އެވެ.
ތާޖުއްދީން ސްކޫލުގައި އިއްޔެ އެޗްޕީވީ ވެކްސިން ދެނީ
ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މިންވަރު އިތުރުވަމުން ދާއިރު، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ ސަވައިކަލް ކެންސަރު ގިނަ އެވެ. އެޗްވީޕީ ވައިރަހުގެ ސަބަބުން، ސަވައިކަލް ކެންސަރާއި އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ. އެހެންވެ، މިކަމުން ދިފާއުވާން އެޗްޕީވީ ވެކްސިން ދިނުން ވަރަށް މުހިއްމެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ވެކްސިން ރަސްމީކޮށް އިއްޔެ ދޭން ފެށިއިރު، ވެކްސިން ހާއްސަކޮށްފައިވަނީ އުމުރުން ދިހަ އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.
ހަށި ހެޔޮ، ދުޅަ ހެޔޮ ދިރިއުޅުމަކުން ދަރިން މަހުރޫމް ނުކުރޭ! ވެކްސިން ޖަހާ !
— Dunya Maumoon (@dunyamaumoon) March 23, 2019
ބައެއް ސްކޫލުތަކުގައި މި ވެކްސިން ދޭން ފެށި އިރު ބައެއް މީހުންގެ ސުވާލަކަށް ވެފައި ވަނީ ޖިންސީ ގުޅުމުން އަރާ ވައިރަހަކުން ދިފާއުވާން އެހާ ޅައުމުރެއްގައި ވެކްސިން ދެނީ ކީއްކުރަން ހެއްޔެވެ؟ އެކަމަކު އެ ސުވާލަށް ޖަވާބު ވެސް އެބަ ހުއްޓެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި ޖިންސީ ގޮތުން ހަރަކާތްތެރިވެ އުޅޭ އުމުރަށް އެޅުމުގެ ކުރިން މި ވެކްސިން ދިނުން މުހިއްމެވެ. ވެކްސިނުގެ އެންމެ ރަނގަޅު އަސަރު ކުރަނީ އެ ދޭތާ ނުވަ ވަރަކަށް އަހަރު ފަހުންނެވެ. އެހެންވެ، 10 އަހަރާއި 14 އަހަރާ ދެމެދަކީ އެ ވެކްސިން ދިނުމަށް އެންމެ ރަނގަޅު އުމުރު ފުރާ ކަމަށް ސިއްހީ މާހިރުން ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގައި މި ވެކްސިން ދޭން ފެށީ އަންހެން ކުދިންނަށް ނަމަވެސް، ފިރިހެނުންނަށް ޖެހޭ ކެންސަރުން ސަލާމަތްވުމަށް، ފުރާވަރުގެ ފިރިހެން ކުދިންނަށް ވެސް މި ވެކްސިން ދެ އެވެ.
Are vaccines safe? There are numerous measures taken to ENSURE the safety of vaccines. Not only does the vaccine have to go through a rigorous vetting process at the beginning, vaccines are continuously monitored as long as they are in use. https://t.co/69CA09NMho
— Vaccines #AskMeAnything (@VaccinesMv) March 23, 2019
ނަޒްލާ ވިދާޅުވި ގޮތުގައި އެޗްޕީވީ ވެކްސިން ދޭނީ ދޭއް ނުވަތަ ތިން ޑޯޒެވެ. ފުރަތަމަ ޑޯޒް ދިނުމަށް ފަހު ހަ މަސް ފަހުން ދެވަނަ ޑޯޒް ދޭން ޖެހޭނެ އެވެ. ތިން ޑޯޒް ދެނީ ބޮޑެތި ކުދިންނަށެވެ.
"މި އުމުރުގައި ވެކްސިން ޖެހުމުން، ސެކްޝުއަލީ އެކްސްޕޯސްވުމުގެ ކުރިން އެ ކުދިންނަށް ރައްކާތެރިކަން ލިބޭނެ. އަދި އެހާތަނަށް ދާއިރު އޭގެ އިމިއުނިޓީ ރަނގަޅު. އަޅުގަނޑުމެންގެ ޓާގެޓަކީ ސަވައިކަލް ކެންސަރުން އެ ކުދިން ސަލާމަތް ކުރުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެމްއާރުއެމްގެ ސަބަބުން އޯޓިޒަމަށް މަގުފަހިވާނެ ކަމަށް، ސައިންޓިފިކް އެއްވެސް ހެއްކެއް ނެތި، ބައެއް މީހުން ގަބޫލުކުރި ފަދައިން، އެޗްޕީވީ ވެކްސިން ވެސް މުހިއްމެއް ނޫން ކަމަށް ދެކޭ ބަޔަކު ވެސް އުޅެ އެވެ. އޭގެ ސަބަބުން ކުއްޖާ އިތުރު ބަލިތަކަށް ހުށަހެޅޭނެ ކަމަށް އެ މީހުން ދެކެ އެވެ.
I don’t trust this stuff. Sticking needles into ur children like they are lab rats. ... read everything before you do this, pharmaceutical companies and insurance companies are the biggest crooks. The more needles u stick in ur kids the more money they make. My thoughts. https://t.co/GtfzANqFuQ
— umay mohamed 🎈 (@umaymohamed) March 22, 2019
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިނިއުކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ އަންހެންދަރިފުޅުގެ ކްލާހުން ވެކްސިން ދިނުމަށް ގަބޫލުވީ ދެބައިކުޅަ އެއްބައި ކުދިންގެ ބެލެނިވެރިން ކަމަށެވެ. އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ވެކްސިނާ ބެހޭ ގޮތުން ދެކެވޭ ނުރަނގަޅު ވާހަކަ އާއި ކަންބޮޑުވުންތައް ނައްތާލުމަށް މަސައްކަތް ކުރަން އެބަ ޖެހޭ،" އައިމަން ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި މި ވެކްސިންގެ ސަބަބުން ދަރިމައިވުމަށް ހުރަސް އެޅެ އެވެ. އަދި ޖިންސީ ގުޅުމުން އަރާ ވައިރަހަކުން ރައްކާތެރިވުމަށް، އެ އުމުރުގައި ވެކްސިން ދިނުމުން، ޖިންސީ ގުޅުންތަކަށް ކުއްޖާ ޝައުގުވެރިވާނެ ކަމަށް ވެސް ބުނެ ބައެއް މީހުން ކޮމެންޓްކުރި އެވެ.
މި ތުހުމަތުތަކާ ދެކޮޅަށް ވާހަކަ ދައްކަވަމުން، ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވީ ރައްކާތެރިކަން ލިބެން އޮތް ބައްޔެއް ޖެހުމުން ބައެއް މީހުންނަށް ފަހުން ކުށުގެ އިހުސާސްކުރެވޭ ކަމަށެވެ.
I’ve come across many, when diagnosed with a disease, ask how could it hv been prevented. Some with mixed emotion, including guilt.
— Jamsheed (@ahmedjamsheed) March 24, 2019
Best time to act is when we are healthy. Explore all options & do all possible to prevent illnesses.
"އަަޅުގަނޑާ ބައްދަލުވި ބައެއް ބަލި މީހުން ވަރަށް ދެރަވެ ހުރެގެން ވެސް އެބަ އަހާ ބަލިން ރައްކާތެރިވުމަށް އެޅުނީހީ ކޮން ފިޔަވަޅެއްތޯ،" ޓްވީޓެއްގައި ޖަމްޝީދު ވިދާޅުވި އެވެ.
"ބަލިތަކުން ރައްކާތެރިވާން އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނީ އަޅުގަނޑުމެން ރަނގަޅު ސިއްހަތެއްގައި ތިބޭ އިރު. ލިބެން އޮތް ހުރިހާ ކަމެއް ބަލައި، ބަލިތަކުން ރައްކާތެރިވެވެން އޮތް ކޮންމެ ކަމެއް ކުރަން ޖެހޭ."
ޖަމްޝީދުގެ ވާހަކައަށް ތާއީދު ކުރައްވައި، ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ތިމާގެ ދަރިފުޅަށް ވެކްސިން ނުޖަހައި، އެހެން މީހުންގެ ދަރިން އެކަން ކުރިޔަ ނުދޭން އުޅުން އަދި މާ ގޯސް ކަމަށެވެ. އަދި ތެދު މައުލޫމާތު ހޯދައި އެއަށް އަމަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
HPV is the main cause of cervical cancer and the younger a girl is vaccinated, the lower the chance of contracting the disease. To those saying this is encouraging having sex, lets get one thing straight. Almost every girl and boy who we see as children today will have sex
— Ahmed Tholal🎈 (@Tholman_79) March 24, 2019
ފައިސަލް ވިދާޅުވި ގޮތުގައި "ޔޯލަޔޯލަ ވާހަކަ"އަށް ގިނަ ބަޔަކު ހެއްލެން ފެށީމައި ވާ ގޮތް، ގިނަ ގައުމުތަކުން މިހާރު ވެސް ފެންނަން އެބަހުއްޓެވެ.
ވެކްސިންގެ ސަބަބުން ގިނަ ފައިދާތަކެއް ލިބޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ވެކްސިން ދީގެން، 2017 ވަނަ އަހަރު ރާއްޖޭން ހިމަބިހި ނައްތާލާފައިވާއިރު ކުޑަކުދިން ހެޕަޓައިޓަސް ބީން ސަލާމަތް ކުރެވިފައިވާ ކަމަށެވެ. އަދި 2014 ގައި ދެކުނު އޭޝިއާ ބައްރުން ވާބަލި ނައްތާލާފައިވާއިރު މުޅި ދުނިޔެ އިން ކަށިވިދުރި ނައްތާލެވިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައްޔަކަށް ވެކްސިނެއް ލިބެންއޮއްވާ ވެކްސިން ނުލިބިގެން ބަލިވެފައިހުއްޓާ ފެނުމުން ދެރަވޭ
— Ahmed Faisal (@Faisalnaifaru) March 24, 2019
މީ އަހަރެންނަށް ފެނިފައިވާ ކަންތައްތައ
ކުލާސްކުއްޖަކު ޓެޓަނަސް ޖެހިގެން މަރުވި
ހިސާބު މުދައްރިސް ޕޯލިއޯޖެހިފަހުރޭ
ރައްޓެއްސަކު ފާނަބަސަންދުޖެހި މަރުވި
މަސައްކަތް ކުރަމާ. ކާމިޔާބުދެއްވާނީ ﷲ
އެޗްޕީއޭގެ ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ ވެކްސިނެއްގައި ވެސް އޭގެ ސައިޑްއިފެކްޓުތަކެއް ހުންނާނެ ކަމަށާއި އެގޮތުން ވެކްސިން ދޭތަން ދުޅަވެ، ބައެއް ކުދިން ހުން އައިސް ވަރުބަލިވާ ކަމަށެވެ. އެކަމަކު އެޗްޕީވީ ދެނީ އުމުރުން ތަންކޮޅެއް ބޮޑެތި ކުދިންނަށް ކަމުން، އެ އުމުރުގައި އާއްމުކޮށް ދިމާވާ މައްސަލައަކީ ވެކްސިން ޖަހަން ބައެއް ކުދިން ބިރުގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ކުދިން ބިރުގަނެ، ބޯ އަނބުރައި ގަންނަ ގޮތްވޭ. އެހެންވެ، އަޅުގަނޑުމެން މި ވެކްސިން ދިނުމަށް ފަހު 15 ވަރަކަށް މިނިޓް ވާންދެން ކުއްޖާ މަޑުކޮށްފައި ބައިންދަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްވީޕީ ވެކްސިން ދުނިޔޭގެ 85 ގައުމެއްގައި ދެ އެވެ. އަދި މި ސަރަހައްދުން ބޫޓާނާއި ސްރީ ލަންކާގައި ވެސް މި ވެކްސިން ދޭއިރު މި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އެޗްޕީއޭން ބުންޏެވެ.
ތާޖުއްދީން ސްކޫލުގައި އިއްޔެ އެޗްޕީވީ ވެކްސިން ދެނީ
މިއީ ވަރަށް އަގުބޮޑު ވެކްސިނެއް ނަމަވެސް ރާއްޖޭގައި މިވެކްސިން ދެނީ ހިލެ އެވެ. މިހާރު ވެކްސިން ކެމްޕޭނެއްގެ ގޮތަށް ފަހަރަކު ސްކޫލެއްގައި ވެކްސިން ދީ ނިންމާލާނީ އަންނަ ޖޫން 21ގަ އެވެ. އޭގެ ފަހުން ވެކްސިންގެ ގައުމީ ޝެޑިއުލްގައި މިކަން ހިމަނާނެ އެވެ.
ބަލި ޖެހުމުގެ ކުރިން އެއިން ދިފާއުވާން ވަރަށް ކުރިއްސުރެ ރާއްޖޭގައި އަންނަނީ ވެކްސިން ޖަހަމުންނެވެ. މިހާތަނަށް އައިއިރު އޭގެ ނަތީޖާ ފޮނި ވެސް މެ އެވެ. ނުރައްކާތެރި ބަލިތައް ކަމަށްވާ، ހިމަބިހި ނަންތާލެވިއްޖެ އެވެ. އެންމެ ތުއްތު އިރުއްސުރެ ދެމުން އަންނަ ޑީޕީޓީ ވެކްސިންގެ ސަބަބުން ހޯއްގޮވާ ކެއްސުމާއި ރުބެއްލާ އަދި ކޯފުއްޕި ވަނީ ކޮންޓްރޯލްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެބައޮތް
26 March 2019
ވެކްސިން ނުޖަހަން އުޅޭ މައްސަލަ އެބައޮތެއްނު އެމެރިކާ ޖަރމަނީ ނިއުޒިލެންޑްފަދަ ތަންތަނުގަވެސް. ހަމަ އެކަނި ދިވެހިން ގަމާރުވެގެން ވާ ކަމެއްނޫން އެއީކީ. ކުރިއަށްވުރެ މިހާރު ވެކްސިން ނުޖަހާ މައްސަލަ ބޮޑުވަމުން އަންނަ ކަމަށް ޚަބަރުތަކުގައި ބުނަނީ. އަދި އިހަކަށްދުވަހު އެމެރިކާގެ ސްޓޭޓެއްގައިވެސް މީސްލްސް ފެތުރިގެން ކޮންޓްރޯލްނުކުރެވިގެން އުޅެންޖެހުނު އެ ވިސްނުމުގެ މީހުން ގިނަވެގެން ގޮސް.
ފިރިހެނެއް
26 March 2019
ވެކްސިނަކީ މުއްަނދިން ހިންގާ ބޮޑު ވިޔާފާރިއއް. ވެކްސިން ރިސާޗްކުރަން ފަންޑުކުރަނީ ސަރުކާރު ތަކުންނާއި މިލިޔަނަރުން. ފައިދާ ބަހަނީ ވެކްސިން ހޯދާ މީހާޔަށް ދުނިއުމުރަށް ބައި އެޅޭގޮތަށް. ބައެއް ވެކްސިން އުފައްދާތާ 48 ގަޑި އިރު ތެރޭ އޭޝިޔާ އަދި އެފްރިކާ ގައުމުތަކުގައި ސަރުކާރުތަކާއި ގުޅިގެން މީހުންގަޔަށް ޖަހަން މަޖްބޫރު ކުރުވާ. މެދުވެރިއެއްގެ ރޯލްގައި އޮންނަނީ ޑޗއ .
އަބުދުބޭ23
26 March 2019
ވެކުސިން މަޖުބޫރުކޮށްފަ އިނުމަކީ ސުވާލު އުފެދޭކަމެއް. 100% މުސްލިމް ކިޔާގެން މިއުޅެނީ ދީނުގެ ހުކުމެެއް ތަންފީޒުވެސް ނުކުރެވިގެން. އަޅުގަނޑަށް ގަބޫލުކުރެވޭ މީގެ ފަހަތުގާ ސިއްރު އެޖެންޑާއެއް ވާކަމަށް. (ހެހެ ވެކުސިން އާ މެޑިކަލް ބޭސް އޮޅުވާ ނުލައްޗޭ..)
ާޢަބްދުﷲ
25 March 2019
ސުވާލު އުފެދޭ ވަކި ބަޔަކަށް އަމާޒްކޮށް ދިނީމަ... ބަަޔަކަށް ނޭގުނަސް ހިމަބިހި އެން ރުބެއްލާ ވެކްސިނުން ވަރަށް ގިނަ މީހުންނަށް އޭގެ ނޭދެވޭ އަސަރު ކުރި... ބޮޑެތި ގެއްލުންތަކެއް ލިބުނު...
ބެޔަ
25 March 2019
މޔައްވުރެ ނިސްބަތުން ގަމާރުން ގިނަތަނެއް ނުދެކެން
ކަލަމާރީ
25 March 2019
ކިތަންމެ ހިތްހަމަ ނުޖެހުނަސް ފާމަސޫޓިކަލް އިންޑަސްޓްރީ އަކީ ހަމަ ބޮޑު ވިޔަފާރިއެއް. ފަތްޕިލާވެލީގެ ބޭސްވެރިކަން ނުވަތަ ހަރބަލް މެޑިސިން އަކީ އެންމެ ރަނގަޅު ބޭސް. ކޮންމެ ބައްޔަކާއި އެކު ޝިފާ ލައްވާފައި ވާނެއޭ ކީރިތި ޤުރުއާނުގެ ނެތްތޯ. ވިސްނާ ފިކުރު ކުރޭ.
ޭއީކިއު
25 March 2019
ޥެކްސިން އަކީވެސް ﷲ ދެއްވި ޝިފާއެއް. ޢަޅުގަނޑުމެން ކުޑައިރު ފައިތިލަ ފަލަ މީހުންނާއި ހޯއްގޮވާ ކެއްސާ މީހުން ފެނޭ. މިހާރު ވެކްސިން މެދުވެރިކޮށް ﷲ ވަނީ އެބަލިތަށް ރާއްޖެއިން ނައްތާލައްވާފައި. ޥިސްނާ.
ބެޔަ
25 March 2019
މީނަ ވިސްނަނީ ސިކުނޑިންބާ އޭ ހިތައްއަރާ. ކޮންތާކުން ލިބުނު މައުލޫމާތެއް ތީ ކަލޯ. ބޮޑު ވިޔަފާރިޔަކައް ވުމަކީ މައްސަލައެއްތަ؟ ހީހީ ހަލާކު
ލުއްޓި
26 March 2019
ބިލް ގޭޓްސް މެން މިހާރު އެއްމެ ފުޅާ ދާއިރާއެއްގައި ކުރާ ވިޔާފާރި. އެމީހުން އެފްރިކާ ގައުމުތަކުގައި ވެކްސިންޖަހައިދެނީ ހިލޭ. ނަމަވެސް ފައިދާ ނަގާގޮތް އިނގޭނަމަ ކޮސްވާނެ.
ސައިންސް
25 March 2019
މަދު ބައެއް ފިޔަވައި ބޮޑު ތަނުން މެޖޯރިޓީހެން ޑޮކްޓަރުންނާ ސައިންސްވެރިން މިވަގުތަށް ހޯދިފަ ހުރި ހުރިހާ ދިރާސާތަކަށް ބިނާކޮށް ބުނަނީ ވެކްސިން ޖެހުމޭ ރަނގަޅު ގޮތަކީ. ބޭސްފަރުވާޔާ މެޑިކަލް ސައިންސްގެ ތެރޭ މުޅި އުމުރުހެން ހޭދަކުރާ މީހުންގެ ބަހާ މިފިލްޑްގަ ނުވެސްއުޅޭ މިކަމާ ނުވެސް ގުޅޭ ރޯނުއެދުރުންގެ ބަހުން ކުރެ އަހަރެން ބޮޑަށް ގަބޫލުކުރާނީ ކުރިން ބުނި މީހުންގެ ބަސް. މިއީ މަގޭ ހިޔާލު.
ހިޔާލު
25 March 2019
ފެންނަ ފެނުމަށް ވެކްސިން އަކީ ކުރި އަސރައިގެން ގޮސްފައިވާ ގައިމުތަކުން އުފެއްދުމްށްފަހު އެ ވެކްސިން އެއް ޓެސްޓް ކުރުމަށް ކުރި އަރަމުން އަންނަ ގައުމުތަކަށް ހަދިޔާކޮށްގެން އެގައުމެއްގެ ރައްޔިތުންގަޔަށް ޖަހައިގެން އޭގެ އަޖުމަ ބެލާ ރަގާލުކުރަން ޖެހޭ ކަމެއް ހުރިތޯ ބެލުމަށް ކުދިގައުމުތަކަށް ބޮޑެތިގައުމުތަކުން އެހީގެ ނަމުގައި ދެވޭތަކެތި
އިޙްސާސް
25 March 2019
ތިޔައީ ދީނާ ދެކޮޅުވާ ކަމެއްކަމަށް ބުނެ ކިތަންމެ ބަޔަކު ވެކްސިން ނުޖަހާ އެބައުޅެ. އޫރުގެ ބާވަތެއް ވެކްސިންގަ ހުރެޔޯ. ވެކްސިން ކާޑުގަވެސް ޖަހަނީ ފޭކު ތައްގަނޑު އަދި ވެކްސިން ޖަހާ ތަންތަނުގަ އުޅޭ ބައެއް ގާތް މީހުުނާ ގުޅާލައިގެންވެސް ތައްގަނޑު ޖަހާ. މިއީ ކަންބޮޑުވާންޖެހޭ މައްސަލައެއް. މިމީހުންގެ ނަޒަރުގައި ވެކްސިން ޙަލާލެއް ނޫން. ނިކަން ޝެއިޙަކު މިކަން ސާފުކޮށްލަދެއްވާ..
ސަޕޯޓަރ
25 March 2019
ކޮންތާކުތޯ ތިޔަބުނާ ފޭކް ތަންގަނޑެއް ޖަހަނީ
ތިމަންނަ
25 March 2019
ހިތާމަޔަކީ ގިނަ ދިވެހިންނަކީ އަދިވެސް ހަމަ ގަމާރުން ކަމަށްވާތީ , މި ޒަމާނަކީ ބޭނުން ކޮންމެ މަޢުލޫމާތެއް އިގިލިކުރިން ހޯދެން އޮތް ޒަމާނަކަށް ވާއިރު ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ނުހޯދާ ބަސް އިސްކުރާކަން . ހަމަ އެހެންމެ ކަމާބެހޭ މުއައްސަސާ ތަކުންވެސް ރައްޔަތުންނަށް ފުރިހަމަ މަޢލޫމާތު ނުދެވޭކަން