އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސައީދު: އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކޮށްފައިވޭ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
28 މާޗް 2019 - 12:02
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ދެ ވަނަ ފަހަރަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އިން އިތުރުކޮށްފި އެވެ.
އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދު އެންމެ ފުރަތަމަ ސަސްޕެންޑުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއް މަސް ދުވަހަށް ކުރި ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން، މިދިޔަ މަހު ވަނީ ސަސްޕެންޝަން އަނެއްކާ ވެސް އެއް މަހަށް އިތުރުކޮށްފަ އެވެ. އެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އަދި އޭނާގެ ސަސްޕެންޝަން ދެ ވަނަ ފަހަރަށް، އިތުރު އެއް މަހަށް އިތުރުކޮށްފައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައީދު ސަސްޕެންޑުކުރުމުން ވަގުތީ ޕީއެސްއަކަށް ހަމަޖައްސާފައިވަނީ އެތަނުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ވަހީދު އަލީ އެވެ.
ސައީދު ސަސްޕެންޑުކުރީ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސައީދާ ދެކޮޅަށް ހަތަރު މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވެންޓުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ކެމްޕެއިން މަސައްކަތަށް ރަސްމީ ގަޑީގައި ސިވިލް ސާވެންޓުން ދޫކުރުމުގެ އިތުރުން އިންތިޚާބާ ދިމާކޮށް، މިނިސްޓްރީގެ ބައެއް މުވައްޒަފުން، އެ މުވައްޒަފުން ނިސްބަތްވާ ރަށްރަށަށް ދުރާާލައި ފޮނުވާފައިވާކަމުގެ ތުހުމަތާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިވާކަމުގެ ތުހުމަތެވެ.
މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ސައީދު އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހާރު
28 March 2019
ވަރަށް ކުޑަ މައްސަލައަކަށް ނުވާ މައްސަލައެއްގައި މުއައްޒަފެއްގެ ހައްގު ގެއްލޭއިރުވެސް ސިވިލް ސަރވިސް ކޮމިޝަނުން ވާނުވާ ޖަހާތީ ހައިރާންވޭ. ސިވިލް ސަރވިސް ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް. މިނިސްޓަރު މައްސަލައެއް ފޮނުވީމަ، އެގޮތަށް މައްސަލަ ނިންމަން ބޯ ގާނާކަށް ނުޖުހޭނެ
04 ކިލާސް ރޫމް
28 March 2019
ސައީދު އެކަނޑަނީ އޭނާ އިންދި ގޮވާމުގެ މޭވާ އެވެ
ހަލާލު
29 March 2019
އެހެންވިއްޔާ ހިސާބު މުދައްރިސް ކަނޑާނީ ކޮން ގަހެެއްގެ ގޮވާމެއްތޯ
އަންޒަ
28 March 2019
ސައީދަކީ ސަސްޕެންޝަންގައި އަބަދު ހުންނަން ޖެހޭ މީހެއް ނޫން އޭނަ ޖެހެނީ ވަކިކުރަން އޭނަޔަކީ ބާރު އޮތް ދުވަހު މުވައްޒަފުންގެ އޯޓީއާ ދަތުރު އެލަވަންސާ ހިންގުމުގެ އެލަވަންސާ ކަތި ނަޒަރުގެ ފިޔަވަޅުތަކުން ހުރިހާ ވައްތަރެްްގެ ޓީޗަރުންނާ ސްޕަވައިޒަރުންނާ ޕްރިންސިޕަލުންނާ މަސައްކަތު މީހުންގެ ހައްގުތަކަށް އަރައިގަނެ ހައްގުތައް ގެއްލުވާލާފަ ހުރި މީހެއް
ހެއްވާ
29 March 2019
ބަލަ ތިޔަ ބުނާ ލިއުންތަކުގައި ސޮއިކޮށް މި ސްކޫލަށް ފޮނުވީ ފައިނޭންސް އެގްޒެކެޓިވް. އެއީ ސައީދު އެއް ނޫން. ޒާތީ ވިޔަސް ދޮގު ހެދީމަ ސަކަރާތްދޯ
ސީއެސްސީ
28 March 2019
މީ ސަސްޕެންޑު ކުރަން ޖެހޭ މީހެއްނޫން. ވީހާވެސް އަވަހަކަށް ކަނޑާލަންޖެހޭ މީހެއް!
ޙުސާމް
28 March 2019
ސައީދު ގޯސްކަމެއް ކޮށްފަ އޮތިއްޔާ ފިޔަވަޅު އަޅުއްވާ. ޢެކަމަކު މިހާރު ވަގުތީގޮތުން ޕީއެސް ކަން ކުރައްވާ ބޭފުޅާ އަށް ތަނެއް ދޮރެއްނޭނގޭ. ވާނުވާ ނޭނގޭ. ކަންތައްތަށް ނުނިމި ފުނިޖެހިފައި.
ވާނުވާ ޖެހުން
28 March 2019
މިހާރު ސިވިލް ސަރވިސް ކޮމިޝަނުންވެސް ވާނުވާ ޖަހަނީތާ.
އަދާލަތު
28 March 2019
މިހާރު ކެމްޕެއިނުގައި އުޅޭ މީހުންގެ މައްސަލައެއް ނެތްތޯ؟ ސިވިލްގެ މެމްބަރުންވެސް މިތިބީ ނަގޫ ފިތިފައިދޯ
ހަބީބު
28 March 2019
މިއީ ބަލަން ހާދަ ދިގު މުއްދަތެއް ނަގާ މައްސަލައެކޭދޯ. މަށަށް ފެންނަނީ އެފްބީއައިގެ މީހުންގެ އެހީ ހޯދަން މި މައްސަލަ ތަހްގީގު ކުރުމަށް