ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް. އޭނާ މިފަހަރު ވާދަކުރައްވަނީ މަނަދޫ ދާއިރާ އަށް
02 އެޕްރީލް 2019 - 14:29
ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި މަނަދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ރިޝްވަތު ދެއްވާ ކަމަށް ބުނެ، ހުށަހެޅި މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާއާ ސުވާލުކޮށް، ބަޔާނެއް ނަގައިފި އެވެ.
މަނަދޫ ދާއިރާގެ ރައްޔިތުންނަށް ހަލީމް ރިޝްވަތު ބައްސަވާ ކަމަށް ބުނެ، އެ މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ މީހެކެވެ. އެ ތުހުމަތާ ގުޅިގެން އޭނާ އިއްޔެ ވަނީ އޭސީސީ އަށް ހާޒިރުވެވަޑައިގެންފަ އެވެ.
އެކަމަކު މި ތަހުގީގާ ބެހޭ ގޮތުން އޭސީސީން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. މި ތުހުމަތާ ގުޅިގެން ހަލީމް ވިދާޅުވީ އޭސީސީ އަށް ހާޒިރު ކުރި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި ދުވަސްވަރު، ބައެއް ހުކުމްތައް ނެރުނު ގޮތާ މެދު ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެއް ބޭފުޅަކީ ވެސް ހަލީމެވެ. ހާއްސަކޮށް، ހަވީރު" ނޫހާއި "ހަވީރު އޮންލައިން"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ހުކުމް ކުރެއްވުމުން ހަލީމަށް އަމާޒުވި ފާޑު ކިއުންތައް ގިނަވި އެވެ.
އެކަމަކު، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ނެގި ބަޔާންތަކުގެ ތެރެއިން ހަލީމްގެ ބަޔާން ސޯޝަލް މީޑިއާގައި ވަނީ ލީކްވެފަ އެވެ. އެ ބަޔާނުގައިވާ ގޮތުން، އެ ހުކުމް އެގޮތަށް ހަލީމް ނެރުއްވީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ލިޔުއްވުމުންނެވެ.
އިންތިޚާބާ ބެހޭ ގާނޫނުގައި ވަނީ އިންތިޚާބު އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ނިޔަލަށް، ތާއީދު ހޯދުމަށް ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާއްމު ފައިދާއަށް އެއްޗެއް ދިނުމާއި ޚިދުމަތެއް ފޯރުކޮށްދިނުމާއި އެ ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުމާއި މިއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުމާއި ކުރަން އުޅުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ ކަމަށެވެ.
އާއްމު އިންތިޚާބާ ގުޅޭ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލަން އޭސީސީން ވަނީ ހާއްސަ ޓީމެއް އެކުލަވާލައިފަ އެވެ. އެ މައްސަލަތަކުގެ ތަހުގީގު އިންތިޚާބުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އިންތިޚާބާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، ހުސެއިން ޝަމީމް (އަނދުން ހުސެއިން) ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީގެ ބަޔާނެއް ވެސް އޭސީސީން ވަނީ ނަގައިފަ އެވެ.
އަލްހާން ހާޒިރުކުރީ، ފައިސާގެ އިނާމު ހުށަހަޅައި، އެ ދާއިރާ އަށް ޚާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމުންނެވެ. އަނދުން ހުސެއިން ހާޒިރު ކުރީ ދާއިރާގެ މީހުންނަށް ސްކޮލަޝިޕްތަކެއް ހުޅުވާލައި ފަސް ކުއްޖަކު އިންޑިއާ އަށް ކިޔަވަން ފޮނުވަން ނިންމެވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް ޔުނިވަރސިޓީ ސުޓޫޑެންޓ
03 April 2019
މިކަމުންވެސް މިއެނގެނީ ޑިކުޓޭޓަރގެ ނަން ބޭނުންކޮށްފިއްޔާ އެއްމެ ވޯޓެއްވެސް ނުލިބޭނެކަން އެނގި އަދި ރައްޔަތުން ބިރުން ފިލާފާނެތީވެ މިހުރިހާ މީހުންތައް ޑިކުޓޭޓަރ ރާއްޖެ ވަގަށް ވިއްކައިފައި ހޯދި ލާރިގަނޑު ހިފައިގެން އަމިއްލަ ކެނޑީޑޭޓުންގެ ނަމުގައި ކުރިމަތި ލައިގެން މިއުޅެނީ.. ހޮވުމާއި އެކު ކޮށްފައިވާ އެގުރީޟެންޓާއި އެއްގޮތަށް ޕީ ޕީ އެމަށް ރުޖޫޢުވާނެކަމަުގެ %100 ޔަގީންކަން މިވަނިލިބިފައި. މަގޭދޮންބެވެސް އެއީ އަމިއްލަ ގޮތުން.ފައިސާއެބަފޮނުވާޑިކުޓޭޓަރ
ހިޔާ
02 April 2019
އިދިކޮޅު ގިނަ މީހުންތަކެއް މިހެން 'އިންޑިޕެންޑެންޓް' ކެންޑިޑޭޓުންނަށް ހެދިގެން މިއުޅެނީ ކީއްވެ؟ އެހާވެސް ޕީޕީއެމްގެ ތާއީދެއް ނެތީތަ ނޫނީ މިކަމުގަވެސް ކޮންމެވެސް މަކަރެއް ހެދެންއޮތީމަތަ އެކަން ކުރަންތަ؟
ޢަހުމަދު ނޫރުލްހައްްްްްްްގު
02 April 2019
ފައިސާ ވެސް ބަހާނެ. ކަލޭމެންނަށް ކީއްކުރެވޭނީ
ހުތާ
02 April 2019
ހަލީމު ކިޔާނެ ކަމެއްނެތެވެ. ފައިސާ ބަހަނީ ސިއްރަކުންނޫނެވެ. ހަމަ ފާޅުގައެވެ. މިކަން ފުލުހުންނަށްވެސް ނޭގޭނެ ކަމަށް ގަބޫލެއް ނުކުރަމެވެ. އޭސީސީ ނިކަން ފާރަވެރިވެބަލާށެވެ.