ފްލެޓާ ގުޅޭ ފޯނު ކޯލްތަކުގެ މައްސަލަ އޮތީ ސަމާލުކަމަށް އައިސްފައި: އޭސީސީ

އެމްޑީޕީގެ ސަރުކާރުގައި ހުޅުވާލި ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލައި ޝަރުތު ހަމަވި މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށް ބުނެ އެމްޑީޕީން ކުރި ފޯނު ކޯލްތަކުގެ މައްސަލަ ސަމާލު ކަަމަށް އައިސްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، ވެށިފަހި މާލެ ފްލެޓްތަކާ ގުޅޭ ފޯނު ކޯލްތަކެއްގެ މައްސަލަ އެ ކޮމިޝަނުގެ ސަމާލު ކަމަށް އައީ މީޑިއާތަކުން ކަމަށެވެ. ކޮމިޝަންގެ މެމްބަރުން މަޝްވަރާ ކުރުމަށް ފަހު، އެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގެ ނަމުގައި ގުޅި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ދަތި ހާލުގައި ދިރިއުޅޭ 4،000 މީހުންގެ ލިސްޓެއް އެ އޮފީހުގައި އެބައޮތެވެ. އެ ޕާޓީގެ ވިސްނުމަކީ އެ އެންމެންނަށް ހުޅުމާލެ އިން ބޯހިޔާވަހިކަން ހޯދައި ދިނުން ކަމަށް ވެސް ބައެއް މީހުން ގާތު ވަނީ ބުނެފަ އެވެ.

ވެށިފަހި ޕްރޮގްރާމް އަލުން ކުރިއަށް ގެންދަން ނިންމި ކަމަށް އިއުލާންކުރި އިރު، އެ މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް އިދާރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ.

އިންތިޚާބާ ގުޅުވައި ވަކި ކަމެއް ނުވަތަ ފައިދާއެއް ހޯދައި ދޭން ބުނުމަކީ ނުވަތަ ހޯދައިދޭން އުޅުމަކީ ވެސް އިންތިޚާބުގެ ގާނޫނުގައިވާ ގޮތުން ރިޝްވަތު ދިނުން ނުވަތަ ދޭން އުޅުން ކަމުގައި ބެލެވޭނެ އެވެ.

އިންތިޚާބުގެ ވޯޓު ކައިރިވެފައި ވަނިކޮށް ފްލެޓް ދޭނެ ކަމަށް ބުނުމަކީ ރިޝްވަތުގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރުމުން، އެމްޑީޕީން ވަނީ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ފްލެޓް ދޭނެ ކަމަށް ބުނެ އެމްޑީޕީން ގުޅާފައެއް ނުވާނެ އެވެ. އެކަމަކު ވެށިފަހި މާލެ ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާތީ ދައުވަތު ދޭން ގުޅި ކަމަށް އެމްޑީޕީން ބުންޏެވެ.

ވެށިފަހި މާލެ ޕްރޮގްރާމް ހިމެނެނީ، އެމްޑީޕީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީން ހުށަހަޅާ އެޖެންޑާ 19 ގެ ވައުދުގެ ތެރޭގަ އެވެ. އެއީ ސަރުކާރުގެ ވައުދުތައް ފުއްދަން އެހީތެރިވެދިނުމުގެ އެޖެންޑާއެއް ކަމަށާއި އޭގައި އެންމެ މުހިއްމު އެއް ވައުދަކީ ބޯހިޔާވަހިކަން ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.