ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުވައްމުލަކަށް ވަޑައިގެން، އެ ރަަށު ބަޔަކާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
03 އެޕްރީލް 2019 - 10:50
އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ރައްޔިތުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އާންމު އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފައިސަލް ކެމްޕެއިނަށް އެ އަވަށުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންނާ ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރާއްޖޭގައި ޖަރީމާތަކާއި ސިޔާސީ ބޮޑެތި ނުބައިތައް ހިނގަމުންދާ ކަމަށެވެ.
އޭގެ ފަހުން، ބޭއްވީ އޮޅުވާލާފައިވާ ރިޔާސީ އިންތިޚާބެއް ކަމަށާއި ރައްޔިތުން އިންތިޚާބާ ދޭތެރޭގައި ޝައްކު ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް މަޖިލިހުގައި އިދިކޮޅު ގިނަ މެމްބަރުން ތިއްބަވަންވީ މިފަދަ ކަންކަން ވިޔަ ނުދިނުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ނިންމީ އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެކަމަކު، އިންތިޚާބާ ގުޅޭ ޝަކުވާތައް މިނިވަން މުއައްސަސާތަކަށް ހުށަހަޅައި، އެ ތަންތަނުން ތަހުގީގު ކުރުމަށް ހުރަހެއް ނެތް ކަމަށް ކޯޓުގެ ހުކުމްގައިވެ އެވެ.
ހުޅުމާލޭގައި ރޭ ބޭއްވި ފައިސަލްގެ ކެމްޕެއިން ޖަލްސާގައި، އޭނާގެ ބައްޕަ، އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން މައްސަލަ ނިމިގެން ދިޔަ އިރު، ތަހުގީގެއް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބުނުތޯ ސުވާލު ކުރައްވައިފަ އެވެ. ކޯޓުން ތަހުގީގަށް ފުރުސަތު ދީފައި އޮއްވައި، ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ހުރިހާ ކަރުދާސްތަކެއް ނައްތާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، މި ކަންކަމާ މެދު ފިޔަވަޅު އަޅަން އިދިކޮޅު މެމްބަރުން މަޖިލިހުގައި ތިއްބަވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިފަހަރުގެ އިންތިޚާބަކީ ހުރިހާ ރައްޔިތުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް. މިފަހަރުގެ އިންތިޚާބަކީ ކެންޑިޑޭޓުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް، މަންދޫބުން ފާރަވެރިވާން ޖެހޭ އިންތިޚާބެއް،" އެމަނިކުފާނުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވައި ޔާމީން ވިދާޅުވި އެވެ.
ވެއިތުވެދިޔަ ފަސް އަހަރު ރާއްޖެ އަށް ތަރައްގީ އައިސްފައި އޮތް އިރު، މިސާލެއްގެ ގޮތުގައި އެމަނިކުފާނު ނެންގެވީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. މިއީ، ދިވެހިން ފަހުރުވެރިވާން ޖެހޭ، ދިވެހިންގެ ހޮސްޕިޓަލެއް ކަމަށް ވިދާޅުވެ، އެ ހޮސްޕިޓަލަށް ޔާމީން ތައުރީފް ކުރެއްވި އެވެ.
އެއަށް ފަހު، ހުޅުމާލެ އިން މިސާލު ނަންގަވައި، ޔާމީން ވިދާޅުވީ، އެ އަވަށުގެ ވަށައިގެން ހުރިހާ ސަރަހައްދަކަށް ބެލި ކަމުގައިވިޔަސް، ފެންނަނީ އެމަނިކުފާނު ގެންނެވި ތަރައްގީ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކަށް ހުޅުމާލޭގައި ކުރެވުނު ކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ހުޅުމާލެއަކީ ދިވެހިންނަށް ހިތްފަސޭހަ ތަނަކަށް ބަދަލުވެގެން ދިޔައީ. މާލެއިން ހުރިހާ ޒުވާނުން ހަވީރުވީމަ، އެ ހުސް ވަނީ ހުޅުމާލެ އަށް. ނިދާލަން އެ ދަނީ ގެއަށް،" މާލެ އާއި ހުޅުމާލެ ގުޅުވައިލުމަށް އެމަނިކުފާނުގެ ސަރުކާރުގައި ހެދި ސިނަމާލެ ބްރިޖަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރު ޒިންމާދާރު ކުރެވޭނީ، އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް މަޖިލިހުގެ ތިއްބަވައިގެންނެވެ. އަދި ރާއްޖޭގެ ކަންކަން އަމާންކަމާ އެކީގައި ކުރިއަށް ގެންދިއުމަށާއި ތަރައްގީ ދަމަހައްޓަން ބޭނުން ނަމަ، އެކަން ކުރެއްވުމަށް ޔާމީން އެދިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާއިޝަތު
04 April 2019
ފާރަވެރިވުމަކީ ވަރަށް މުހިއްމު ކަމެއް ޝުކުރިއްޔާ ރައީސް ޔާމީން
އަޙުމަދު.
04 April 2019
މަޖިލިސް އިންތިހާބަށް ފާރަލާން މަގުމަށްޗަށް އަވަހަށް ނިކުންނަވާށެވެ. ތިވަރުގެ ފާރަވެރިއަކު ފެނިއްޖެ ނަމަ ހިތަށް އަންރާފާނެ ފައިސާ ފައިސާ އެފައިސާ މިފައިސާ ޖާއިޒު، މަގޭ ގެއަށް ވެއްދި ހަލާލުނޫން ފައިސާ، އެމްއެމްޕީއާރު ސީން ކަޅާކޮށްލިހާފައިސާ، މިފަހަރުވެސް ވޯޓްކަރުދާހުގައި ޖަހާ ފާހަގަ ވެއްޓިދާނެ، ޖަހާއިރަށް ވެއްޓީދާނެ، ބޮޑެތި ވަގުން ފާރަލާން މޮޅުވާނެ،
ސޮއްބެ
04 April 2019
އާނ... ޥާން ޖެހޭނެ.. ކުރިންހެދިހެން މަކަރު ހަދާފާނެ
ޝައިޚް.
03 April 2019
އަޅެ ބުނެބަލަ، މި ޔާމީނު މިހިރީ ބޯގޮވާފަކަ ނޫންތަ.؟ ރިޔާސީ އިންތިޚާބުގަ ކިހާ ވައްކަމެއްކުރި، އައި.ޑީ ކާރޑް ވަގަށް ހައްދާ އުޅުނުވާހަކަ އަޑުއެހިން، އިލެކްޝަނުން ލިސްޓު ހޯދައިގެން މީހުންގެ ފަހަތުން ފާރަލައިގެން ދުވި، ވަޒީފާދީ، ވަޒީފާއިން ވަކިކުރި، މިހާރު އެހެންމީހަކު ކަމެއް ކުރޭތޯބަލަން ޖެހުނީމަ ތިވަރުތިވަނީ، މިތާނޫޅޭ ތިނޫނީ ވޯޓުންވެސް ވައްކަން ކުރާނެ މީހެއް،
އިލޫ
03 April 2019
ހެޔޮ ނުވާނެ ކަލޭ އަނގަ ނުހުޅުވަބަލަ އިރުކޮޅެއްވާ އިރު ކޮންމެސް ފައިސާ ފޮއްޗެއްގެ ވާހަކަ ކައޭ ދައްކާނެ މަ ފޫހިވޭ ހަބޭހަށް ކަލޭ ދެކެ
ހަގު
03 April 2019
ފާރަވެރިވާން ވެގެން 100 މިލިޔަން ހިފަހައްޓާގެން މި އުޅެނީ.
ސަލީމު އިދުރީސް
03 April 2019
ވިއަފާރިޔެއްނުކޮއް 100 މިލިޔަން ރުފިޔާ ހޯދިގޮތެއް ރައްތުނައް ބުނެދީ! މަނިކުފާނު މިހާތަނައް ކުރިމަސައް 300 އަހަރު ކުރިޔަސް އެވަރު ނުލިބޭނެކަން ރައްތުނައްއެގޭތި، އެފައިސާ ހޯދިގޮތް ބުނެނުދެންޏާ؛ ލާނެއް މީހަކު ދިމާލައްވެސް ބުނެދާނެ މިހިރި ރަތްލާޖެހި ވަގެކޭ
ފާތޭ
03 April 2019
މީނައަށް ތާއީދު ނުކުރާނެ ރަނގަޅު މީހެއް... މީނަ ދައްކާ ވާހަކަ އަޑުއަހާނީ ކާކު؟
ޒައިނަބު
03 April 2019
100 މިލިއަން ތިގެންގުޅޭ އެކައުންޓަށްވެސް ފާރަވެރިވާން ޖެހޭ
ތުނިޔަ
03 April 2019
ފާރަވެރިވާނަން! އެކަމަކު ވައްކަމާ ޚިޔާނާތާއި ދެކޮޅަށް!