އެމްޑީޕީން މަޖިލިސް ކެމްޕެއިން ނިންމައިލުމަށް މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު (އަސްލަމް) އެހެން ބައެއް ބޭފުޅުންނާ އެކު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
05 އެޕްރީލް 2019 - 00:34
މި ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ފަޅުނުކޮށް، ހުރިހާ ރަށެއް އެކުލެވޭ ގޮތަށް ރާއްޖެ ތަރައްގީ ކުރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރި ކެމްޕޭން ނިންމާލަން ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ މުޅި ރާއްޖެ އެއްތަނަކަށް ހަދާނީ ދަތުރުފަތުރުގެ ނިޒާމުން ހުރިހާ ރަށެއް ގުޅުވާލައިގެން ކަމަށެވެ. އާބާދީ މަދު ރަށްތައް ތަރައްގީ ކުރަން މި ސަރުކާރަށް އެނގޭ ކަމަށާއި އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ގައުމީ ޕްލޭން އެކުލަވާލާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ކޮންމެ ރަށަކީ ބޮޑު އާބާދީއެއް އޮވެގެން ތަރައްގީވާން ޖެހޭނެ ރަށެއް ނޫން. ސަރުކާރުގެ ސިޔާސަތަށް ގެންނަ ކުޑަ ބަދަލަކާ އެކު ރާއްޖޭގެ ރަށްރަށުގެ އިގްތިސާދު ބަދަލުވެގެންދާ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތު އޮތީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މާލެ އަށް ޖަމާކުރުމަށެވެ. ނަމަވެސް މި ސަރުކާރުން ރާއްޖެ ތަރައްގީ ކުރާނީ ޖަޒީރާ ވަންތަ ގޮތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކަންކަން ކޮށްފައިވާ ގޮތުން މުޅި ރާއްޖޭގެ އާބާދީއަށް ވުރެ މާލޭގެ އާބާދީ ބޮޑުވާން މިސްރާބު ޖަހާފައިވާ ކަމަށެވެ.
"މާލޭގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު 2030 އާ ހަމައަށް ދާންވާ އިރަށް މާލޭގެ އާބާދީ ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ އާބާދީއާ އެއް ހަމައަކަށް އަންނާނެ. މިދާގޮތަށް މި މިސްރާބަށް ދާކަމަށް ވަންޔާ އަތޮޅުތަކުގެ އާބާދީ ޖަހާލާފައި މާލޭގެ އާބާދީ ދާނެ." ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީ އަކީ އަބަދުވެސް ހިސާބު ޖަހައިގެން ކަންކަން ކުރާ ޕާޓީއެކެވެ. މި އިންތިޚާބުގައި ވެސް އެކަން ފެނިގެންދާ ކަމަށާއި އެހެން ޕާޓީތަކުން ދައްކަވަނީ އެކިއެކި ވާހަކަތައް ކަމަށް އަސްލަމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ބޯހިޔާވަހިކަމުގެ ހާލަތު އޮތް ގޮތް މި ސަރުކާރުން ބަލައިފައިވާ ކަމަށާއި މާލޭގެ އާބާދިގެ 50 ޕަސެންޓް މީހުން ތިބީ ބޯހިޔާވަހިކަން ބޭނުންވެފައި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 17،000 އާއިލާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 900 އާއިލާ އަކީ ވަރަށް ހާލުގައި ތިބި ބައެކެވެ. އަދި ބޯހިޔާވަހިކަމަށް ހަރަދު ކުރާނެ އާމްދަނީ ލިބޭނެ 2000 އާއިލާއެއް އެބަ އުޅޭ ކަމަށް ވިދާޅުވި އެވެ. އަދި މަހެއްގެ މައްޗަށް ބޯހިޔާވަހިކަމަށް 6،000ރ. އާއި 10،000ރ. ހަރަދު ކުރެވޭ ވަރުގެ 5،000 އާއިލާއެއް މާލޭގައި އުޅޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންމެ އަގެއްގައި ވެސް ބޯހިޔާވަހިކަން ހޯދޭ ފެންވަރުގެ 4،000 އާއިލާ މާލޭގައި ދިރިއުޅޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ އެކި ގިންތީގެ އެކި މިންވަރަށް ތަނަވަސްކަން ހުރި މީހުންނަށް ބޯހިޔާވަހިކަން ބޭނުންވާކަން. ހަމައެކަނި އެންމެ ނިކަމެތި ރައްޔިތު މީހާއަކަށް ނޫން. މެދު ފަންތީގެ އާމްދަނީ ލިބޭ ރައްޔިތު މީހާއަށް ވެސް ބޯހިޔާވަހިކަން ބޭނުންވޭ. ތަނަވަސް އާއިލާތަކަށް ވެސް ބޯހިޔާވަހިކަން ބޭނުންވޭ،" އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ކަންކަން އެނގި ތިބެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމަށް ވަރަށް ފަހުން ހަވާލުކޮށްފައިވާ އިރު އެކި މޮޑެލްގެ ހައުސިން ޔުނިޓްތައް އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަން އޮތް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ބައެއް ރަށްތަކަކީ ބިން ދޫކުރެވޭނެ ޖާގަ އޮތް ރަށްރަށް ކަމަށެވެ. އެފަދަ ޖާގަ ނެތް ރަށްތައް ހިއްކައިގެން ބިން ދޫކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ބިން ހިއްކެން ނެތް ރަށްރަށުގައި ފްލެޓާއި ރޯހައުސްތައް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ ރަށްތަކުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުން ދެނެގަތުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފް
06 April 2019
ކުއްލިއަކަށް ލޮނުޒިޔާރަތްކޮޅުގެ ވެލިގަނޑު އެއްވަރު ކޮށް އެމްޑީޕީގެ ސިޔާސީ ހަރަކާތެއް ބޭއްވުމަކީ ސަރުކާރުގެ ވަސީލަތް ނަހަމަގޮތުގައި ބޭނުން ކުރުން.
ތަޖުރިބާ
06 April 2019
ދުލުންބުނެލުމަކީ ނުހަނު ފަސޭހަކަމެއް. ކޮށްފަ ދައްކާހިސާބަށް ދިއުމުން މިއެނގެނީ ކުރެވޭޒާތު ކަންތަކާއި ނުކުރެވޭޒާތު ކަންތައްވެސް ހުންނަކަން.
ރެކޯޑު
05 April 2019
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ މާޒީގައި ދައްކާފައިވާ ވާހަކަތައް ނޫސްތަކުގައި ހުންނާނެ. ރޭޑިޔޯ ޓީވީތަކުގައި ހުންނާނެ. އެމްޑީޕީ ސަރުކާރުން މިތައް ރަށުގައި ފެނާއި ނަރުދަމާއާއި ބަނދަރު ހެދި ވާހަކަ ދައްކާފައި އޮންނާނެ. ހަނދާންވާގޮތުގައި 150 ވަރަކަށް ރަށުގައި މިޚިދްމަތް ދިން ވާހަކަ ބުނީ. އެހެންވިއްޔާ މިހާރު ބާކީ މާގިނަ ރަށްތަކެއް ނުހުންނާނެ.
ޝޮކްތެރަޕީ
05 April 2019
އެމްޑީޕީއަ މަޖުލިސް މެޖޯރަޓީ ލިބިއްޖީޔާ ރާއްޖޭގެ ދުވަސް ދިޔައީ
މޮރޭ
05 April 2019
ދެން ރައްޔިތުން ކުރަންވީ ކަމަކީ ފުލެޓްތަކުގެ ކުލި މާފު ނުކުރާ ސަރުކާރަކަށް ވޯޓް ނުދޭންވީ. އެކަމާއި މުޒާހަރާވެސް ބާއްވަނަވީ. މިބޭފުޅުންނަށް ހީވެގެން އުޅެނީ ވެންމަސް ވެނަށް އަބަދު ކާންދީގެން ހެވިލާފައި ތިބެވިދާނެކަމަށް.
ޕަޕެޓްމާސްޓަރ
05 April 2019
މާލެއަށް މީހުން ޖަމާކުރަން ފެށީ ކާކުގެ ހައުސިން މިނިސްޓަރު ކަމުގަ؟ ކާކުތަ މާލޭގަ ހުސްތަންކޮޅެއް އޮތިއްޔާ ޓާޓާއަކަށް ދީގެން ފުލެޓް އަޅަންފެށީ؟ އަދި އަދަށް ދާންދެން އެކަމުން ވީ ފައިދާއެއް ނެތް ބަޔަކަށް. ދެން ވެސް އަތް ޖަހަންވީ؟
ހިސާބު
05 April 2019
ހިސާބު އަކުރު ޖަހާގެން ހަދާހިސާބު ދިމާނުވެ. ނަޝީދު ސަރުކާރުގަ ހައުސިން މިނިސްޓަރަކަށް ހުރެ ޖެހި ހިސާބުން ރައްޔަތުންނަށް އަންގާދިނީ ރާއްޖޭގެ ހުރިހާރަށެއްގަ ފެނާ ނަރުދަމާ ނިމިއްޖެ ކަމަށް. ޢެކަމަކު ރައީސް ސާލިހު ވިދާޅުވަނީ ތަރައްޤީ 100 އަހަރު ފަހަތުގަކަމަށް ފެނާއި ނަރުދަމާ ރައްތަކުގަ އަޅާފަ ނެތްކަމަށް. ތީ ޖަހާ ހިސާބަކީ. ރާއްޖޭގެ ރައްތަކަށް ސިޓީ ކިޔާގެން ޖަޒީރާވަންތަކަން ކަޑާލަން މަސައްކަތްކުރަނީ އެމްޑިޕީން. އެމްޑީޕީން ޤައުމު އަޅުވެތިކުރާނީ.
ވަތަން އިސްކުރަންޖެހޭ
05 April 2019
ކަލޭމެންނަކަ މިރާއްޖޭ ތަރައްގީ ނުކުރެވޭނެ. މި ޤައުމު މިނިވަންކުރުން މާމުހިމްމު.
ތެދުވެރިޔާ
05 April 2019
ކަލެމެން ތިގެންދަނީ މިހާރުވެސް ރައިސް ޔާމިން ފެއްޓެވި ކަންތަ. ނިކަން އާކަމެ ދައްކަބަލަ.
ތެދުވެރިޔާ
05 April 2019
ދައުލަތުން ވައްކަން ކޮއްފަ އެހެން މީހުންނާ ދިމާލަ ވަގައްގޮވީމަ އަންނަނީ ހިނި.