"ބޮޑު ކަމަކަށް" މި ސަރުކާރުން ނުކުރަނީ ވައްކަން: ރައީސް

މި ސަރުކާރުން "ބޮޑު ކަމެއް" ނުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި މި ސަރުކާރުން ނުކުރާ ކަމަކީ ވައްކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ރ. އަތޮޅުގެ ހަތަރު ދާއިރާ އަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް އަލިފުށީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ "ކުޑަ ކަމަކަށް ވެސް ބޮޑު ކަމަކަށް ވެސް މި ސަރުކާރުން ނުކުރާ ކަމަކީ ވައްކަން" ކަމަށެވެ.

"ކިތަންމެ ދުވަހަކު ވެރިކަމުގައި ހުންނަން ޖެހުނަސް ގައިމުވެސް [ވައްކަން] އެއީ ނުކުރާނެ ކަމެއް،" ގިނަ އަދަދެއްގެ އާއްމުން ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ފަސް މަސް ކުރިން ރާއްޖެ އޮތް ހާލަތާ މެދު މިއަދު ވެސް ވިސްނަން ޖެހެ އެވެ. އޭރު ރާއްޖެ އޮތީ އަސާސީ ހައްގުތައް ގެއްލި، އެއްވެސް މިނިވަން ކަމެއް ނެތް ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ. އަދި ކޮރަޕްޝަނާއި ވައްކަން އާދައިގެ ކަމަކަށްވެ ތަރައްގީގެ ނަމުގައި ވެރިންގެ ޖީބުތައް ފުރަމުންދިޔަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ސަރުކާރުން ކަމެއް ނުކުރާ ކަމަށް ދައްކާ ވާހަކަ އަށް ރައްދު ދެއްވި-- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން މި ސަރުކާރު ގެނައީ އެ ހާލަތު ބަދަލު ކުރާށެވެ. ކުރު މުއްދަތުގެ ތެރޭގައި ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންގެ ކިބައިން ގެއްލިފައިވާ ހައްގުތައް ވަނީ ހޯދައި ދެވިފައި. އެ ހައްގުތައް ހިފެހެއްޓުމަށް ފާސްކޮށްފައިވާ ގާނޫނުތައް ވަނީ މަޖިލީހަށް ހުށަހަޅައި ބާތިލް ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބޭރު ދުނިޔޭގައި ބިކަވެފައި ކަމަށާއި ރައްޓެހި ކަމުގެ ގުޅުން އޮތީ އެންމެ ދެ ގައުމާ ކަމަށެވެ. މި ސަރުކާރުން ހާރިޖީ ސިޔާސަތައް ގެނައި ބަދަލާއެކު ދުނިޔޭގެ އާއިލާތެރެ އަށް ވަދެ ރާއްޖެ އަކީ މިއަދު އެންމެނާ އެކު އުޅެން ދަންނަ ގައުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އޭގެ ސަބަބުން، ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އަށް ލިބޭ އެހީ އާއި ވަސީލަތް ވަނީ އިތުރުވެފަ އެވެ.

މި ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔަ ކަންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް، ތައުލީމީ ނިޒާމަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ސްޓޫޑެންޓް ލޯންގެ އިންޓްރެސްޓް ރޭޓާއި މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

މަސްވެރިން ކިރާ މަހަށް ވަގުތުން ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވާ އިރު ފެށޭ ހަފްތާގެ ތެރޭގައި އެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ކުރުމަށް ކުރިން އަންދާޒާ ކުރިވަރަށް ވުރެން ހަފްތާއަކު 6 މިލިއަން ރުފިޔާ އިތުރަށް ދޭން ޖެހޭ ކަމަށާއި ރާއްޖޭގެ މަސްވެރިކަން މިދުވަސް ވަރު ވަރަށް ރަނގަޅު ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވޭނީ ކައުންސިލްތަކަށް ބާރުތައް ދީގެން ކަމަށްވާއިރު ގާނޫނީ ގޮތުންނާއި މާލީ ގޮތުން ބާރުތައް ދޭން ޖެހޭ ކަމަށް އަބަދުވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އެ ބާރުތައް ކައުންސިލްތަކަށް ދެއްވާނެ ކަމަށް މިރޭ ވެސް ވިދާޅުވި އެވެ.

ރ. އަތޮޅަކީ ބޮޑު އަތޮޅެއް ކަމަށްވާ އިރު އަތޮޅުގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަލިފުށީ ޓާފް ދަނޑުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އަތޮޅު އެހެން ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމާއި އެހެނިހެން މަޝްރޫތައް މި އަހަރު ފަށާނެ ކަން ވެސް ރައީސް އިއުލާން ކުރެއްވި އެވެ.