ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

އެމްއާރުއެމްގެ ކެންޑިޑޭޓުން ބަލިވީ ނޭދެވޭ ނުފޫޒާ ހެދި: މައުމޫން

ކުރީގެ ރައީސް މައުމޫންގެ ތާއީދާ އެކު އާންމު އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން އިވެންޓެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ތާއީދާ އެކު ނުކުންނެވި ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ނޭދެވޭ ނުފޫޒާ ހެދި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އާންމު އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި މައުމޫންގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއް ގައި އެމަނިކުފާނު ވިދާޅުވީ، އެ ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ނޫން ކަމަށެވެ.

އިންތިޚާބުގައި މައުމޫނަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ނުކުންނެވީ އަމިއްލަ ގޮތުންނެވެ. އޭގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ވިލިނގިލި ދާއިރާގެ މިހާރުގެ ވެސް މެމްބަރު ސައުދު ހުސައިނާއި ނިލަންދޫ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީ ސަރުކާރުގައި ޔޫތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ނައިބުކަން ކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެކަންޏެވެ.

މައުމޫންގެ ތާއީދާ އެކު ނުކުންނެވި ކެންޑިޑޭޓުންނަކީ ގާބިލް، ތަޖުރިބާ އާއި މައުލޫމާތު ހުރި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅުންތަކެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެ ބޭފުޅުންނަކީ ޝައްކެތް ނެތް ގޮތުގައި މަޖިލިހުގައި ވަރަށް ރަނގަޅަށް ހިދުމަތް ކުރެއްވޭނެ ބޭފުޅުން. އެބޭފުޅުން ނެތުމުން މަޖިލިހުގައި އެ އުނިކަން ފެންނާނެ ކަން ޔަގީން،" މައުމޫން ވިދާޅުވި އެވެ.

ދަރިކަލުން ފާރިސްގެ ކެމްޕެއިން ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ މައުމޫން ވިދާޅުވި ގޮތުގައި، އެ ބޭފުޅުން ކުރެއްވި މަސައްކަތާ އެއްވަރަށް ކާމިޔާބު ލިބުމުގެ ފުރުސަތު ހަނިވީ އެކިއެކި ނުފޫޒު ފޯރުމުންނެވެ. އެކަމަކު، މައުމޫންގެ ވާހަކަފުޅުގައި އެ ކެންޑިޑޭޓުންނަށް ގޮންޖެހުމަކަށް ވި ނޭދެވޭ ނުފޫޒެއް ވިދާޅެއް ނުވެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މި އިންތިޚާބުގައި 86 ދާއިރާ އަށް ކެންޑިޑޭޓުން ކުރިމަތިލެއްވިއިރު، އެ ބޭފުޅުން ހޮވުމަށްޓަކައި ސަރުކާރުން ބޮޑެތި ނުފޫޒުތައް ފޯރުވި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އޭގެ ތެރޭގައި އިންތިޚާބާ ދިމާކޮށް، އެކި ރަށްރަށުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އިއުލާން ކުރުމާއި ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ފަދަ ކަންކަން ހިމެނެ އެވެ. އަދި އެމްޑީޕީ އަށް މަޖިލިހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމަށް ހުއްޓުން އަންނާނެ ކަމަށް ވެސް ސަރުކާރުގެ އެކި އިސްވެރިން އައީ ވިދާޅުވަމުންނެވެ.

މި އިންތިޚާބުގައި އެމްޑީޕީން އެކަނި ވަނީ 65 ގޮނޑި ކާމިޔާބުކޮށް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް ހޯދައިފަ އެވެ. މިއީ އެއް ސިޔާސީ ޕާޓީ އަކަށް މަޖިލިހުގެ މިހާ ގިނަ ދާއިރާތަކެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

"ވަރަށް ގިނަ ފަރާތްތަކެއްގެ ނޭދެވޭ ނުފޫޒު ވަދެގެން ދިޔައީ. އޭގެއިތުރުން އަޅުގަނޑުމެންގެ ޕާޓީއެއް ނެތް ކަން. އެމްއާރުއެމް އަދި ޕާޓީއަކަށް ނުވޭ،" --- މައުމޫން

މައުމޫން މިރޭ ވިދާޅުވި ގޮތުގައި، ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް، އެމްއާރުއެމް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ އެކު އެވެ. އަދި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިންގާ ކޮންމެ ކަމެއްގައި އެމްއާރުއެމުން ތާއީދު ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ނަޒާހަތްތެރި މަޖިލީހެއް އިންތިޚާބު ކުރެވޭނީ ނަޒާހަތްތެރި އިންތިޚާބެއް ބާއްވައިގެން ކަމަށެވެ. އެއާ ހިލާފަށް ކަންތައްތައް ހިނގާ މާހައުލެއްގައި ބާއްވާ އިންތިޚާބެއްގެ ނަތީޖާ އަކީ ތެދު ނަތީޖާ އަކަށް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލިހުގެ އިންތިޚާބުގައި މައުމޫންގެ ތާއީދާ އެކު ވާދަކުރާ ކެންޑިޑޭޓުންނާ ލިޔުން ހަވާލު ކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މައުމޫން، މަޖިލިހުގެ ކުރީގެ ނައިބު ރައީސް ނާޒިމްއާ ލިޔުން ހަވާލު ކުރައްވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިޚާބުގެ ކަންކަން ފުރިހަމަކަމާ އެކު ކުރިއަށް ދާނެ ގޮތެއް އިންތިޒާމު ކުރަން ޖެހޭއިރު، މާހައުލު ވާން ޖެހޭނީ އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭ މާހައުލަކަށް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެނެއް ނޫން ވެގެން ދިޔައީ. ވަރަށް ގިނަ ފަރާތްތަކެއްގެ ނޭދެވޭ ނުފޫޒު ވަދެގެން ދިޔައީ. އޭގެ އިތުރުން އަޅުގަނޑުމެންގެ ޕާޓީއެއް ނެތް ކަން. އެމްއާރުއެމް އަދި ޕާޓީ އަކަށް ނުވޭ،" މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕް އެމަނިކުފާނުގެ ކޮއްކޯފުޅު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައި ވަނީ ޝަރީޢަތައް ނުފޫޒު ފޯރުވައިގެން ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ޕީޕީއެމްގެ ހައްގުވެރިންނަށް ޕާޓީ ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު ވީހާ ވެސް އަވަހަކަށް ފުއްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ވީހާވެސް އަވަހަށް ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި ކުރިއަށް ދެވެން އޮތީ ޕާޓީއެއް އުފައްދައިގެންނެވެ.

"އެއީ ސިޔާސީ މައިދާނުގައި ވަކި ކަމެއް ވީމަ، އެއީ މަސައްކަތް ހުއްޓާލަން ޖެހޭ ކަމެއް ނޫން. ހަނދާން ނައްތާލާފައި، ފިލާވަޅު ލިބިގެންފައި ކުރިއަށް ދާންވީ އަޒުމާއި ހިތްވަރާއެކީގައި. އަޅުގަނޑުމެންގެ ހިތްވަރަކީ އެލެންވީ އެއްޗެއް ނޫން،" ބަލިވި ކެންޑިޑޭޓުންނަށް ހިތްވަރު ދެއްވައި މައުމޫން ވިދާޅުވީ އެވެ.

86 ކޮމެންޓް, 107 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 6%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާ

11 April 2019

ކީއްވެތޯ ވިދާޅުނުވީ އިންތިޚާބުން ބަލިވީ ކޮއްކޯފުޅުގެ ސަބަބުންނޭ. މިހާރު ތިހުރީ ސައިޒުވެފަ. މަނިކުފާނަށްވެސް 100% ވޯޓް ދުވަސްވަރެއްގައި ލިބުނީ މިގޮތަށް ކަންކަން ކޮއްގެން.

The name is already taken The name is available. Register?

ކަންއޮތްގޮތް

10 April 2019

ވާދަވެރިކަމެއް ފެންނަންނެތްއިރު، ސައްތައިން ސައްތަވެސް ނެގެންއޮތްއިރު، ދެއްކުމަށް މަނިކުފާނުކުރެއްވިއެއްކަމަކީ، ކަޑަޖެހުމެވެ. ނުފޫޒުނުފޯރުވިނަމަވެސް ކުރީގައިމިބުނީ ކުރެވެންއޮތްކަންތަކެވެ. އެކަމަކުވެސް ތާއީދުއޮތްކަމާއި ކަންދެއްކުމަށް ނުކުރުއްވަނީ ކޮންކަމެއްތޯއެވެ؟ މަނިކުފާނަށް ތިޔަގޯސްވީ، ބަޔަކުކުރީމައިއެވެ!

The name is already taken The name is available. Register?

ށިންޑި

10 April 2019

މައުމޫނަކީ ބޭނުން ގޮތަކަ މިގައުމު ސައުތު އޭސިޔާގެ ސިންގަޕޫރައް ހަދާލަން ފުރުސަތު ލިބުނުމީހެއް. ކެރެވުނުހާވެސް ކަމެކީ ގަޑުވަރެއް އަޅައިގެން މީހުން އެތަނަ ސަލާންޖަހަން މަޖުބޫރު ކުރުވުން. މައުމޫނާ މައުމޫނެގެ އާއިލާއައް މަވާ ސަލާން.

The name is already taken The name is available. Register?

ނީނނޭ

10 April 2019

ނޭދެވޭ ނުފޫޒުވެސް ބުނދޭން ނުކުރެނު ފިތިފަ އޮތީމަ.

The name is already taken The name is available. Register?

ކޮންނަބޯޓް

10 April 2019

އަޑިއަޑިން އެންމެ ބޮޑަށް މަކަރުން ކަންކަމަށް ނުފޫޒު ފޯރުވައި ހުރިހާ ކަމެއް ގަޑުބަޑު ކުރާ މީހެއް އެބައުޅޭ. އޭނާއާ އެކުވީމަ ވާނީ ތިހެން. އޭނާއަކީ ކުރިމަތީ ވަރަށް ރަގަޅު އެކަމު އަޑި އެހާ ނުބައި މީހެއް. އޭނާ މައުމޫންދެކެ އެކުރާ ނަފްރަތު ނެތިގެން ދިއައީއޭ ހީކުރުމަކީ ހެދޭ ގޯހެއް. އެއީ ދުވަހަކުވެސް މައުމޫނަށް ހެވެއް ނޭދޭނެ މީހެއް، މައުމޫންގެ ވެރިކަން ހަލާކުކުރި މީހާއާއެކު އުޅެމުން ކަންކަމުގެ ވާނުވާ ނޭނގޭންވީ ސަބަބެއް ނެތް. އެއޮތީ ސަބަބު ފެންނަން.

The name is already taken The name is available. Register?

އަޙުމަދު.

10 April 2019

ތިޔަ ފަދައިން ވާހަކަ ދައްކަވާއިރު، ހިތާމަޔަކީ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގަ މަޖިލިސް / ރިޔާސީ އިންތިހާބުގަ ވަކިމީހަކަށް ވޯޓެއްނުދޭނަމޭ ބުނިކަމަށްހަދާ ރާއްޖެތެރޭގެ އެއްރަށުންވެސް ސާޅިސް އެތަށް މީހުނެއްގެނަސް ޖަލައްއަޅާޅި، އަދިމީގެއިތުރުން ވަކިވަކިރަށްރަށުން ހަމަ އެދުވަސްވަރު ގެނަސް ޖަލަށްލި މީހުނާ އެއްރަށުން އަނެއްރަށަށް ބަދަލުކުރި ކާތީބުން ނާ އެކިމީހުންގެ މަތިންހަދާން ކޮށްލައްވަ ބައްލަވާށެވެ. ނުފޫޒެއްނެއްތޯއެވެ؟

The name is already taken The name is available. Register?

ތިލަދުންމަތި

10 April 2019

ކުސްނުތަޅާ އެމްޑީޕީ ޒިންމާދާރު ކުރުމަން އިދިކޮޅުގައި ހުރެބަލަ. ނަޝީދު މޮޑޭނެ ގޮތަކަށް މޮޑެން އޮތް މުއްގަނޑަކަށް މިގައުމު ހެދިގެން ނުވާނެ.

The name is already taken The name is available. Register?

ފިސާރިކަނބަލެއް

10 April 2019

އަހަންނަކަށް ވިސްނާވިސްނާ އެމްއާރުއެމް އަށް އެބުނާ ޕަސެންޓެއް ދޭންވީ އެއްވެސް ސަބަބެއް ނުފެނުނު، މައުމޫނުގެ އެންމެން ޖަލުގަ އޭގެ ކުރިން ކުރީ ސަރުކާރުން މަޖިލިސްތެރޭގަ ޖަރީމާތައް ހިންގީމަ އެކަންތަކާ އެމްޑީޕީން އިން މުޒާހަރާކޮށް އުޅުނީމަ މައުމޫނު ހުރީ ހިނި އައިސް އައިސް އެންމެފަހުން ޖަލުން އެއެންމެން ސަލާމަތް ކުރީ އެމްޑީޕީ މީހުން ނުކުމެ

The name is already taken The name is available. Register?

ޔާނު

10 April 2019

30 އަހަރު ވެރިކަން ކުރީވެސް ނޭދެވޭ ނުފޫޒު ބޭނުންކުރަށްވައިގެން. އަދި ކިރިޔާ އެކަހަލަ އެއްޗެއް އޮންނަކަން ތި އެނގިލެއްވީ، ވަރަށް ކަންތަށް ހުންނާނެ ތިގޮތަށް ދަސްވާން.

The name is already taken The name is available. Register?

ތިލަދުންމަތި

10 April 2019

ނުފޫޒޭ ކިއުއްވާ އިތުރަށް އޮޅުވާލަން ނޫޅުއްވާ! ޙަގީގަތަކީ، އަމިއްލައެދުން ކުރިއަށް ނެރެ ޤައުމަށް ކޮންމެ ގޮތެއްވިޔަސް ކޮއްކޮ ވެރިކަމުން ބޭލުން! އެކަން ކާމިޔާބުވީ އަދީބު ހިންގި ޖަރީމާ ގައި ޔާމީނުވެސް ޖައްސާފައި އޮތީތީ! ޔާމީނު ބޭރުގެ ނޫފޫޒުގައި ނުޖެހި ވަރަށް ތަރަށްގީ ގެނައި! އަނެއްކާ، އެމްޑީޕީ ހުރިހާ ދާއިރާއަކަށް ކުރިމަތި ލާފައި އޮއްވާ އަނެއްތިން ޕާޓީގެ މީހުން ކޮންމެ ދާއިރާއަކަށް ކުރިމަތިލައިގެން ވޯޓްތައް ބެހި، ހުރިހާ މޮޅެއް ރީދޫ މީހުންނަށް ލިބުނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454