މަޖިލިހުގެ އަމީން އާންމު ނިއުޝާ. --- ފޮޓޯ: މަޖިލިސް
13 އެޕްރީލް 2019 - 18:11
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ 18 ވަނަ ދައުރު ނިމުމާ އެކު، އެ ދައުރުގައި ނުނިމި ހުރި ހުރިހާ ބިލްތަކެއް ބާތިލްވާނެ ކަމަށް މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވެއްޖެ އެވެ.
މީގެ ފަސް އަހަރު ކުރިން 2014 ގައި ރައްޔިތުން އިންތިޚާބު ކުރި 85 މެމްބަރުންގެ ދައުރު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މި މަސް ނިމުމާ އެކު، މެމްބަރުން ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ. އެހެންވެ، މި ދައުރުގައި ނުނިމި ހުރި މަސައްކަތްތައް މި މަސް ނިމުމުގެ ކުރިން ނިންމަން ޖެހެ އެވެ. އެހެން ނޫން ނަމަ ޖެހެނީ ޗުއްޓީ ތެރޭގައި ޖަލްސާތައް ބާއްވާށެވެ. އާ މަޖިލިހާ އެކު، އާ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ ޖޫން މަހު އެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިޚާބުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 87 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 28 ގަ އެވެ.
މަޖިލިހުގެ އަމީން އާންމު "މިހާރު" އަށް ވިދާޅުވީ މަޖިލިހުގައި ގިނަ ބިލްތަކެއް ހުރި އިރު، މިހާރު ހިނގަމުން އަންނަ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ބިލްތަކާ މެދު ވަކި ގޮތެއް ނުނިންމައިފި ނަމަ، އެ ބިލްތައް ބާތިލްވާނެ ކަމަށެވެ. އެއީ މަޖިލިހުގައި އަމަލުކުރަމުން އަންނަ އުސޫލު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާތިލްވާ ބިލްތައް ފާސް ކުރަން ބޭނުން ނަމަ، ސަރުކާރުން ނޫނީ މެމްބަރުން މެދުވެރިކޮށް ބިލްތައް އަލުން ހުށަހަޅަން ޖެހޭނީ. ކުރިން ވެސް އަމަލުކުރާ އުސޫލަކީ އެއީ،" ނިއުޝާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދަނީ. މަޖިލިހުގައި ނުނިމި ގިނަ ބިލްތަކެއް އެބަހުރި. ފޮޓޯ: މަޖިލިސް
މަޖިލިހުގެ މި ދައުރުގައި ނުނިމި ހުރި ބިލްތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގާނޫނީ ހިދުމަތުގެ ބިލާއި ބޭރު މީހުންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި ބިލް ފަދަ ރައްޔިތުންނާ ގުޅުން ހުރި ގިނަ ބިލްތަކެއް ހިމެނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ފާސްކުރި ފާސްކުރުން ބާތިލްކޮށް، އެ މީހުންނަށް އަލުން ފުރުސަތު ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ވެސް އަދި ފާހެއް ނުކުރެ އެވެ.
- ހެއްކާ ބެހޭ ބިލް
- ތައުލީމްގެ ބިލް
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް
- ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލް
- ނައިބު ރައީސްކަން ކުރި މީހުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް
- ކުޑަކުދިންގެ އަދުލުގެ ބިލް
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ. އަދި އެ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި މަޖިލިހުގެ އެކި ކޮމިޓީތަކުން ނިންމާފައިވާ ވަރަށް ގިނަ މައްސަލަތައް ހިމެނެ އެވެ.
މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 65 ގޮނޑި ވަނީ ލިބިފަ އެވެ. މިއީ މަޖިލިހުގެ އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ސިޔާސީ ޕާޓީ އަކުން ހޯދައި މަޖިލިހުގެ ސުޕަ މެޖޯރިޓީގެ ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ.
މިހާރު ހިނގާ މަޖިލިހުގައި ތިއްބެވި ގިނަ މެމްބަރުންނަށް އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުން ހިމެނެ އެވެ.
އެގޮތުން މިފަހަރުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާ އަށް ކުރިމަތިލެއްވި، ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ވަނީ ގޮނޑި ގެއްލިފަ އެވެ. މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރު، ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސެއިންގެ ގޮނޑި ވަނީ ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވީގޮތޭ
14 April 2019
ތިޔަ ނާގާބިލު މަޖްލީހުން ފެއިލްވި ލިސްޓުގައި ރަން އަކުރުން ތެޔޮ ރިޔާޒުވެސް ފާހަގަ ކުރައްވަން ޖެހެއެވެ. މީނާގެ ކޮރަޕްޝަނާއި އެސްޓީއޯގެ މައްސަލަ އަވަހަށް ބެލެންޖެހެއެވެ.
ހަނދުކޭތަ
14 April 2019
ގާސިމްވެސް ވަނީ އަދީބާ ގުޅިގެން ބޮޑެތި ޖަރީމާތައް ހިންގާފަ. އަދީބާ ސުވާލު ކުރަން އެބަޖެހޭ
ހަސަން ނުވަވަނަ
14 April 2019
މާލޭ ފިހާރަތަކުން ބޯފެން ކޮންޓްރޯލްކޮށްފިޔޯ
ޢަލިދީދީއައްޑޫސިޓީ
14 April 2019
12 އަހަރުގެ ކުރީގެ އޮޑިޓް ރިޕޯރޓްތަކެއް، މަޖިލިސްގެ ކޮމެޓީއިން، މިއަދު މަޖިލީހު ތަޅުމަށް އެހެރީ ފޮނުވާފަ. މަޖިލީހުގެ މެންބަރުންނަށް ބިޔަ ބޮޑު މުސާރައާއި އިނާޔަތާއި ދީފަ ރައްޔަތުންގެ ބަޖެޓުން ބޮޑެތިހޭދަކޮށް ހިތުހުރި މިންވަރަކަށް ސަޔާއި ކެއުމާއި ކޮމެޓީ އެލަވެންސް ދިނީމަ އަހަރަކު 6 މަސްދުވަހު ޗުއްޓީހަދާފަ އަނެއް ހަމަހުން ކޮންމެ މަހަކު 12 ދުވަހު ޖަލްސާ ބާއްވާފަ ދެން ކީއްތޯ މިކުރައްވަނީ؟ އެންމެ ފުރަތަމަ އިސްލާހުކުރަންވީ މިތަން. #މަޖިލިސްއިސްލާހުކުރޭ.
މޯޑުސް
14 April 2019
މިހާރު ރައްޔަތުންނަ އެގޭނެ ގާސިމަކީ ކާކުކަން. ވަހުދަތޭ ކިޔާ ހުރިހާ ކަމެއް ކުރީ ތިމާގެ ޖީބަށް ބަރު ނުވެގެން.
ކޯޑިނޭޓަރ
14 April 2019
ކޯޓުތަކުގެ ހިންގުން ކޯޓުގެ ރަޖިސްޓްރަ އާ ޙަވާލު ކުރާ ފަދައިން މަޖްލިސް ހިންގުން މަޖްލިސްގެ އަމީން ޢާއްމާ ޙަވާލުކުރަން ފެނޭ. . މެމްބަރުން އަމީން ޢާއްނު އަންގާ ގޮތަށް މަޖްލިހަށް ޙާޟިރުވެ މަޖްލިސް ގެ ރިޔާސަތުގެ ބެލުމުގެ ދަށުން ހިންގަންވީ. ޖަލްސާ ބާއްވަންޖެހޭ ދުވަހާ ވަގުތާ އަދި އެހެނިހެން އިންތިޒާމު ހަމަޖެއްސުމަކީ މަޖްލިހުގެ އަމީން ޢާއްމުގެ ކަމަކަށް ހަދަންވީ.
ޑރ. ރާމީ މ.ވައިނުޖެހޭގެ
13 April 2019
ދިވެހިރާއްޖޭގެ ތާރީހުގައި ގާސިމް ގެ ނަން ލިޔެވިގެން ދާނީ ދިވެހި ދަރީންގެ ގިނަ ހައްގު ތަކަކަށް ގަސްތުގައި އަރައިގެން މީހެއްގެ ގޮތުގައި.
ނާޑުވާ
13 April 2019
ހަމަ ވިސްނާ ވިސްނާ ވެސް ނުވިސްނުނު. ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް އިރުއިރުކޮޅާ ޗުއްޓީނަގަނީ. ދެން ތިބުނަނީ މަސްއްކަތް ފުބިޖެހިފައޭ. ކޮން މަސައްކަތެއް ނެތިގެންބާ ދެއިރު ދެދަޅަޔައް ޗުއްޓީނަގަނީ.
އަދީލް
13 April 2019
ތިޔައިން އެއްވެސް ބިލެއްގެ މަސައްކަތެއް މިހާރު ތެޅިގަނެގެން ކުރުމުގެ ބޭނުމެއްނެތް! އެޖެންޑާ 19 އިން ދިވެހިރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އިރާދަކުރެއްވިޔާ ކޮށްދޭނެ! އެޖެންޑާ 19 އާއި ސަރުކާރުން މި 5 އަހަރު ނަތީޖާ ނެރޭނެ! ފުރަތަމަ ކުރަންވީ ކަމަކީ އަދުލު އިންސާފުގެ ނިޒާމު މިނިވަންކޮށް، ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްކުރުން! މަހުޖަނުންގެ ކިބައިން މިރާއްޖޭގެ ފަނޑިޔާރުގެ މިނިވަންކުރުން އެންމެ މިހިއްމުކަމަކީ!
މައިދައިތަ
13 April 2019
ގަސިމަކީ ހިންގުންތެރި މީހެއް ނޫން އަންބޮނޑި ބޮޑު ކުރަން އުޅޭނީ
ހިގޮ
13 April 2019
މަޖިލިސް މެމްބަރުންނައް ވީތީ އެމީހުންގެ މައްޗަށް އެއްވެސް ގާނޫނެއް ނޯވޭ އެހެންވެ ޒިންމާދާރު ކަމެއްނެއް ވަރަށް ދެރަ އެކަމަކު ކޮންމެ އިންތިޚާބެއްގަ ހާލަތަކާއި ވިންދެއް އޮވޭ.