ކްރިސްޓިއާނޯ ރޮނާލްޑޯ ޕްރެކްޓިހުގައި. --ފޮޓޯ: އޭއެފްޕީ
16 އެޕްރީލް 2019 - 10:51
ޓިއުރިން (އޭޕްރިލް 16) – ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަޔަކްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސްގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އާއި ފޯވާޑް މާރިއޯ މަންޒުކިޗަށް ނުކުޅެވުނު ނަމަވެސް އޮތް ހިތްހަމަޖެހުމަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ސަތޭކަ ޕަސެންޓް ފިޓްވެފައިވުމެވެ.
އިންޓަނޭޝަނަލް ބްރޭކުގައި ޕޯޗުގަލަށް ކުޅެނިކޮށް ރޮނާލްޑޯ އަށް ލިބުނު އަނިޔާއާ ގުޅިގެން ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުރުމަށް ފަހު އޭނާ އެނބުރި އައީ މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގަށެވެ. އެ މެޗު 1-1 އިން އެއްވަރުވީއިރު މެޗުގެ ހަމައެކަނި ގޯލް ޖެހީ ރޮނާލްޑޯ އެވެ. އޭގެ ފަހުން އިޓާލިއަން ލީގުގައި ސްޕާލް އަތުން 2-1 އިން ޔުވެންޓަސް ބަލިވި މެޗުގައި ރޮނާލްޑޯ ލައްވާ ނުކުޅުވީ ވެސް މިރެއަށް ފިޓްކޮށް ބެހެއްޓުމަށެވެ.
"ޝުކުރުވެރިވަން އޭނާ ކުޅެނީ އިދިކޮޅު ޓީމަށް ކަމަށް ނުވެ، އަހަރެމެންގެ ކުޅުންތެރިޔަކަށްވީތީ. ރޮނާލްޑޯގެ ހުރޭ އާދަޔާހިލާފު ކޮލިޓީތަކެއް. ބައެއް ވަގުތުތަކުގައި އޭނާވޭ ހިފަހައްޓާނުލެވޭ ވަރުގެ ކުޅުންތެރިޔަކަށް. އެކަން އޭނާގެ މޫނުމަތިން ފެންނާނެ،" ޔުވެންޓަސްގެ ކޯޗު މެކްސް އެލެގްރީ ބުންޏެވެ.
ކިއެލީނީ އާއި މަންޒުކިޗް ނެތުމުން މިރޭ ރޮނާލްޑޯ އަށް ކެޕްޓަން ބޭންޑް ދީފާނެތޯ އެހުމުން އެލެގްރީ އެހެން ނުވާނެ ކަމަށެވެ. އަދި ޕައޮލޯ ޑީބަލާ ކުޅޭ ނަމަ ކެޕްޓަންކަން ކުރާނީ އޭނާ ކަމަށާއި އެ ނޫނީ ބޭންޑް އަޅާނީ ލިއޮނާޑޯ ބޮނޫޗީ ކަމަށް އެލެގްރީ ބުންޏެވެ.
މިރޭ ރޮނާލްޑޯއާ އެކު އެޓޭކަށް ކުޅުވާނީ ޑީބަލާތޯ ނުވަތަ މިދިޔަ ހަ މެޗުން ހަ ގޯލް ޖަހާފައިވާ ޒުވާން ފޯވާޑް މޮއިސް ކީންތޯ އަދި ނުނިންމަ އެވެ.
"މަންޒުކިޗް ސްކޮޑަށް ނުނެގީ ކަކުލުގައި މައްސަލައެއް އުޅޭތީ. އަހަރެމެން ޖެހޭ ފިޓްކޮށް ތިބި ކުޅުންތެރިން ނަގަން. އަހަރެން އަދި ޖެހޭ އެޓޭކުގައި ފަށާނެ ކުޅުންތެރިޔަކު ނިންމަން. ވެދާނެ ޑީބަލާ ކަމަށް ވެސް ނުވަތަ ކީން ކަމަށް ވެސް ނުވަތަ އެ ނޫން ކުޅުންތެރިޔެއް ކަމަށް ވެސް،" އެލެގްރީ ބުންޏެވެ.
މިރޭގެ މެޗުން ކޮންމެ ނަތީޖާއަކުން މޮޅުވާ ޓީމަކަށް ވެސް ސެމީ ފައިނަލަށް ދެވޭނެ އެވެ. އެކަމަކު 0-0 އިން އެއްވަރުވެއްޖެ ނަމަ ސެމީ އަށް ދާނީ ޔުވެންޓަސް އެވެ. މެޗު 1-1 އިން އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތު ކުޅެން ޖެހޭއިރު އެ ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވިޔަސް ފުރުސަތު އޮންނާނީ އަޔަކްސް އަށެވެ.
ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ އަޔަކްސްގައި މުހާރު އޮތީ ޒުވާން ސްކޮޑެއް ނަމަވެސް އަންނަނީ ވަރަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެތައް ކްލަބެއްގެ ލޯ އަމާޒުވެފައިވާ މަތިއަސް ޑި ލައިޓާއި ފްރެންކީ ޑި ޔޮންގް އަދި ޑޭވިޑް ނެރެސް ފަދަ ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު އެ ޓީމުން ވަނީ ދެ ވަނަ ބުރުން ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިކްރައިޔަފް
16 April 2019
އަޔެކްސް އިން ޖުމްލަ 4 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވޭ.
ދެފުއްކެހެރި ރަދީފް
16 April 2019
މަރުހަބާ ރަދީފް..