ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާން ނޫސް ކޮންފަރެންސެއްގައި. ކަސްޓަމްސް އިން ސީޖީޓީއަށް ފައިސާ ދައްކަން ޖެހުނު މައްސަލަ އޭސީސީން އަންނަނީ ބަލަމުން. މިހާރު/ ފައިލްފޮޓޯ
16 އެޕްރީލް 2019 - 15:25
ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް ކަސްޓަމްސް އިން 22 މިލިޔަން ރުފިޔާ އަދި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ ހިއްސާ އޮންނަ ބިޒްނަސް އިމޭގް ގްރޫޕް (ބިގް) އަށް ޕީއެސްއެމުން 78 މިލިޔަން ރުފިޔާ ދޭން ޖެހުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އޭގެ ތެރެއިން ޕީއެސްއެމްގެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށާއި ކަސްޓަމްސްގެ މައްސަލައިގެ ތަހުގީގު ފެށުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.
"އެމްބީސީ [ޕީއެސްއެމް]ގެ މައްސަލައިގެ ތަހުގީގު ކުރިން އޮތީ ފަށާފައި. ކަސްޓަމްސްގެ މައްސަލަ އަކީ އަލަށް ހުށަހެޅުނު މައްސަލައެއް. އެ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ކޮމިޝަނުން އަންނަނީ ބަލަމުން،" މުއަައްވިޒް ވިދާޅުވި އެވެ.
ސީޖީޓީން އެތެރެކުރި ސިނގިރޭޓް ޝިޕްމަންޓެއްގެ ޑިއުޓީއަށް ދެއްކި ފައިސާގެ ތެރެއިން 22 މިލިއަން ރުފިޔާ އަކީ އަނބުރާ އެ ކުންފުންޏަށް ދޭން ޖެހޭ އެއްޗެއް ކަމަށް ސިވިލް ކޯޓުގެ ޝަރީއަތުގައި ދައުލަތުން ވަނީ އިއުތިރާފްވެފަ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުން ކޯޓުގައި ބުނަމުން ދިޔައީ އެއީ އަނބުރާ ދައްކަން ޖެހޭނެ ފައިސާއެއް ނޫން ކަމަށާއި، އެ ޝިޕްމަންޓަށް ނަގަން ޖެހޭނީ އާ ޑިއުޓީ ކަމަށެވެ.
ސިނގިރޭޓް ޑިއުޓީ ބޮޑުކުރީ މާޗް 2، 2017 އިން ފެށިގެންނެވެ. ސީޖީޓީގެ ޝިޕްމެންޓް ރާއްޖެ އައީ މާޗު 1، 2017 ގަ އެވެ. އެކަމަކު ބޮންޑެޑް ވެއާހައުސް އިން ނެރެ، ދާއިމީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކްލިއާ ކުރީ، ޑިއުޓީ ބޮޑުވާނެ ކަމަށް ކަނޑައެޅި ވަގުތަށް ވުރެ ފަހުންނެވެ.
ސީޖީޓީން ބޮޑު ޑިއުޓީގެ ގޮތުގައި ދެއްކި 22 މިލިއަަން ރުފިޔާ ހޯދަން ކޯޓަށް ދިޔަސް، ކުރީގެ ސަރުކާރުން ކޯޓުގައި ބުނަމުން އައީ އެއީ ރަނގަޅަށް ނެގި ފައިސާ ކަމަށެވެ. ސަރުކާރުގެ އެ ސްޓޭންޑް ބަދަލުވީ އާ ސަރުކާރުން، އެ މައްސަލާގައި ކޯޓަށް ދާން ފެށި ހިސާބުންނެވެ.
ކޯޓުން މިދިއަ މަހު 6 ގައި ހުކުމްކުރީ ހަ މަސް ދުވަހުގެ ތެރޭގައި ސީޖީޓީއަށް ދައްކާ ނިންމުމަށެވެ.
ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުން އުފެއްދި އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ 5 މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.
ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަންގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ. އެކަމަކު އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއްނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.
އެމްއެންބީސީގެ ދަރަންޏާއި އެހެން ކަންކަމުގެ ޒިންމާ ޕީއެސްއެމުން އުފުލަ އެވެ. އެހެންކަމުން އާ ސަރުކާރާ އެކު ޕީއެސްއެމުން ނިންމި އެންމެ ބޮޑު ނިންމުމަކީ އެ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ ބިގަށް ދެއްކުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނބޯއަލީ
17 April 2019
ކޯޓު ޙުކުމާ އެއްގޮތަށް ފައިސާ ދައްކަން ޖެހޭނެ. އަދި އިސްތިއުނާފު ކުރަންވެސް ޖެހޭނެ. ޤާނޫނީ ގޮތުން ގޮތް ހުސްވެގެން ނޫން ގޮތަކަށް މިފައިސާ ދީގެން ނުވާނެ. އެންމެ ކުޑަމިނުން ޑިސްކައުންޓް އޮޕްޝަން އަކީ ކޮބައިތޯ ބަލާ ކަނޑާލެވޭނެ މިންވަރެއްވެސް ހޯދަންވާނެ. އިބޫ ބޮޑު ތަނުން ފެއިލް ވެއްޖެ. މި ވަރުގެ އެއްޗެއް މެނޭޖް ކޮއް ނުލެވުނީމާ ދެން ކުރާނެ ރައީސް ކަމެއް ނެތް. އިސްތިއުފާ ދީ.
ހުވަދޫ ބޭބެ
17 April 2019
ތިކަންތައް ބެލުމުގެ މާނައެއް އޮތްހެން ހިޔެއްނުވޭ! އެތައް މަސައްކަތަކާ އެތައް ވަގުތެއް ހޭދަކުރުމަށްފަހު ތިޔަ ކޮމިޝަނުން ބުނާނީ އެފައިސާތައް ދިނުމުގައި އިހުމާލެއްނެތޭ ރަނގަޅަށޭ ދީފަ އޮތީ!އޭގަ އެއްވެސް މައްސަލައެއް ނެތޭ!
ސަންދާން
17 April 2019
ބިގަށްދިނީ ޕީއެސްއެމުން ދޭންޖެހޭ ފައިސާއެއްނުން. ޟީގެ އަޑީގައިވަނީ މަސްލަހަތު ހިމެނޭ ސަރުކާރުގެ ބައެއް ވެރިންނާ މިނިސްޓަރުންނާއި ޕީއެސްއެމް ގެ ލީގަލް ހެޑް. ނޫންނަމަ އަވަސް އަރުވާލައިގެން ލޯނުނަގައިގެން މިކަންނުކުރާނެ.
ނެގުނުކަތީބު
17 April 2019
ދަޢުލަތަކީ އަތްދިގު ދަތްތޫނު މީހުން ބުޅާ ވަޅޯ މަސްގަނޑެއް ވީދައި ކާ ބީދައިން ކާތަނެއް! މިއީ ތާއަބަދު ކަންވާގޮތް. އެ ބާރުތަށް ހޯދުމަށްޓަކައި އަބަދު ދައްކާ ވާހަކައަކީ ރައްޔިތުންނާ ގައުމާއި ދީނުގެ ދިފާޢުގައި މަސައްކަތް ކުރާވާހަކަ. ފޮރުވިފައި ވާ ބޮޑު މަންޒަރަކީ އެހެން މަންޒަރެއް. ދެން އަނެއް ކަމަކީ ނުބައިވަނީ ކޯޓުތަކުގެ ފަނޑިޔާރުން، ކޯޓުތަކަށް ވަޑައިގެން ދަޢުލަތުގެ ސްޓޭންޑް ބަދަލުކުރަނީ އަޑިނޭންގޭ ގޮތަކަށް ގުޅިގެން.
މާމަމޭން
17 April 2019
ތިޔަ ސިނގިރޭޓު ކުޅިގަނޑަކީ ބޮޑުތަނުން ހިނގި ޖަރީމާއެއް.. ސޯލިހުބޭގެ މި ނަޒާހަތްތެރިސަރުކާރަކީ އަހަރެންފަދަ އެމްޑީޕީގެ ފިކުރު ލިބަރަލް ފިކުރާ ނުލާހިކު ނުކިއްސަރު ފިކުރެއް.. އެކަމު ސޯލިހުބޭގެންގުޅޭ ހަމަހަމަ ވިސްނުންތަކުން ހިތްހަމަ ޖެހުން ލިބިދޭ..
އިސްމާލި
17 April 2019
މި ލިއުން އެންމެ ފުރިހަމަ އެއް ނޫން. ސީޖީޓީ ގެ ވަކީލުންނަކީ ކޮން ބައެއް ކަމާއި، ވަކީލުންގެ ތެރެއިން ވަކީލެއްގެ މަސްލަހަތާއި، މިހާރު ޕީޖީ އަކަށް ހުރި މީހަކާއި އެ މީހަކާއި ސީޖީޓީގެ ވަކީލުންގެ ޓީމާއި ހުރި/ނެތް ގުޅުމާއި، މިއޮތް ހާ ދުވަހު ދައުލަތުން އިންކާރު ކުރި ކަމެއްގައި 180އަށް އެނބުރި، އެތައް މިލިއަން ރުފިޔާ ސީޖީޓީ އަށް ދޭން އެއްބަސްވި ހިސާބަކީ ކޮބައިކަން ގެނެސްދިން ނަމަ، ރައްޔިތުންނަށް ތަންކޮޅެއް ވާނުވާ އޮޅުން ފިލީސް.
ދަރީ
17 April 2019
ހުކުން ކޮށްފަ އޮތީ ކޯޓުން. ސަރުކާރަކާ ބެހޭކަމެއް ނޫނ1
ބުންބެރު
17 April 2019
ގައުމު ރޮލާކައި ހުސްކޮށްފި.... މިއުޅެނީ ކިރިޔާ 100ދުވަސް ވެގެން
ކަރީޕަހުމީ
17 April 2019
ތިޔަ ޕީއެސްއެމުން މީޑިއާނެޓަށް މަހަކު 4 ލައްކަ ރުފިޔާ ދަށްކާކަމަށް ދަށްކަނީ ޓީވީއްމްގެ ޕުރޮގުރާމްތައް މީޑިއާނެޓުން ދަށްކާދޭތީޔޯ އެކަމަކު މީޑިއާނެޓުން އީއެސްޕީއެން ދަށްކަނީ އީއެސްޕީއެންނަށް މީޑިއާނެޓުން ރުފިޔާ ދަށްކަން ޖެހެނީ މިހިރީ ރަށްޔަޓުންނަށް އޮޅުވާލާވަރު ރަށްޔަތުންގެ ރުފިޔާކޮޅު ހިތުހުރިގޮތަކަށް ތަޅާހުސްކޮއްލަނީ މިޔޮއް 0 ޓޮރޮލަންސެއްދޯ މަނަލެއްނުކުރެވޭނެ އެބަޔަކަށް ދައްކަވަން ހުރިކަމެއް ދަށްކަވާފައި މަރުގެންދަވާނީ
ޙަގީގަތު
16 April 2019
މިހާރު ތިކަންބެލުމުގެ މާނައެއްނެތް. ޢެމްޑީޕީ އިން ބޭނުންވީ މަޖްލީހުގެ އިންތިޚާބަށް ޚަރަދުކުރާނެ ލާރި. އެލިބި ބޭނުންހިފިއްޖެ. ދެން ރައަޔިތުން ލޮލުގަ އަދުންނައަޅުވާ. މިތިބީ ވ. ރަގަޅަށް ބަލަން.