ލަންކާގައި ހަމަލާ ދިން ކަމަށް އައިއެސް އިން އާއްމު ކުރި ބައެއް މީހުންގެ ފޮޓޯ: އެ ފޮޓޯގެ މެދުގައިވާ މީހާ އަކީ ލަންކާ ފުލުހުން ގަބޫލް ކުރާ ގޮތުގައި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާން ހާޝިމީ. --ފޮޓޯ:އޭއެފްޕީ
24 އެޕްރީލް 2019 - 08:30
ބޭރޫތު (އެޕްރީލް 24) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާ ދިން މީހުންގެ ފޮޓޯ އާއި އެ މީހުންނާ ބެހޭ މައުލޫމާތު އިސްލާމިކް ސްޓޭޓް (އައިއެސް) އިން އާއްމުކޮށްފި އެވެ.
"އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލިޝަނުގެ މެންބަރުންނާއި ކްރިސްޓިއަނުންނަށް އަމާޒުކޮށް ސްރީ ލަންކާގައި އިއްޔެ ނޫން އިހަށް ދުވަހު ހަމަލާ ދިނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން،" އައިއެސްގެ ނިއުސް އެޖެންސީ އައުމާގު މެދުވެރިކޮށް އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އައިއެސް އިން ފަހުން ނެރުނު ބަޔާނެއްގައި ވަނީ ލަންކާގައި ހަމަލާ ދިން ހަތް މީހުންގެ އާއްމު ނަން ހާމަކޮށްފަ އެވެ. ހަމަލާގެ ފަހަތުގައިވާ އަށް މީހުންގެ ފޮޓޯއެއް އައުމާގު ނިއުސް އެޖެންސީން ވަނީ އާއްމުކޮށްފަ އެވެ. އެ އަށް މީހުންގެ ތެރޭން ހަތް މީހުންގެ މޫނު ވަނީ ނިވާކޮށްފަ އެވެ. ތިން މީހަކު ތިބީ ވަޅި ހިފައިގެންނެވެ. މޫނު ދައްކައިގެން ހުރި މީހާ ހުރީ އެސޯޓް ރައިފަލެއް ހިފައިގެންނެވެ. ލަންކާ ފުލުހުން ގަބޫލް ކުރާ ގޮތުގައި އެއީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ގެ ލީޑަރު ޒަހްރާން ހާޝިމީ އެވެ.
އައުމާގުން ފަހުން ވަނީ އައިއެސްގެ ދިދައެއްގެ ކުރިމަތީގައި ތިބި އަށް ހަނގުރާމަވެރިން އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އަށް ކިޔަމަންވާނެ ކަމަށް ބުނާ ވީޑިއޯއެއް ވެސް އާއްމުކޮށްފަ އެވެ.
އައިއެސްގެ ބަޔާނުގައި ބުނެފައި ވަނީ ޝަންގްރިއްލާ، ސިނަމަން އަދި ކިންގްސްބަރީ އަށް ހަމަލާ ދިން ތިން ހަނގުރާމަވެރިންނަކީ އަބޫ އުބައިދާ، އަބޫ ބަރާ އަދި އަބޫ މުޚްތާރު ކަމަށެވެ. ކޮލަމްބޯ އާއި ނިގަމްބޯ އަދި ބަޓިކަލޮއާގެ ތިން ފައްޅި އަށް ހަމަލާ ދިން ކަމަށް ބުނެފައި ވަނީ އަބޫ ހަމްޒާ، އަބޫ ޚާލިދު އަދި އަބޫ މުހައްމަދު ކަމަށެވެ. ހަތް ވަނަ ހަނގުރާމަވެރިޔާ އަބޫ އަބްދުﷲ ވަނީ ކޮލަމްބޯގައި ތިން ފުލުހަކު މަރާލާފައި ކަމަށް ވެސް އައިއެސް އިން ބުނެ އެވެ. ލަންކާ ފުލުހުން ބުނާ ގޮތުގައި އެއީ ހަތަރު ވަނަ ހޮޓަލުގައި ހަމަލާ ދޭން އުޅުނު މީހާ އެވެ. އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލީ ފުލުހުން ކައިރިވާން ފެށުމުންނެވެ.
ލަންކާ ފުލުހުންގެ ބައެއް މަސްދަރުތަކުން ބުނެފައި ވަނީ ސިނަމަން އާއި ޝަންގްރިއްލާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ދެބެއިން ކަމަށެވެ.
ހަމަލާ ދިނީ އައިއެސް އިން ކަމަށް އެ މީހުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައިވާ ކަމަށް ލަންކާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތެވެ. ލަންކާގެ ސްޓޭޓް މިނިސްޓަރަކު ވަނީ އެއީ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި މިދިޔަ މަހު ބަޑިން ދިން ހަމަލާގެ ބަދަލު ހިފަން ދިން ހަމަލާތަކެއް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 321 މީހުން މަރުވެފަ އެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 500 އިން މަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދދދ
26 April 2019
ހުސް ފޭކު.
ލަކުޑީ ހަމީދު
25 April 2019
ތި ފޮޓޮއިން މީހެއް ވަކިވޭތަ؟ ތީ ބޮޑެތި ފޮތި ފޭލި ފޭލި އެއްނު.
ހަސީން
25 April 2019
ފަހުޒަމާނުގާ ޖިހާދެއް ހައްގެއް ބާޠިލެއް ނޭނގޭވަރަށް ދީން އޮޅުވާލާނެކަން ނަބަވީ ހަދީސްފުޅުތަކުން ސާބިތުވޭ. ޑިގުރީ ޝޭޚުން ނިކުމެ އެމީހަކު ބޭނުންވާ ގޮތަށް ފަތުވާ ދިނީމަ ޒުވާނުން މިމަޅީގަ ޖެހެނީ. މިރާއްޖޭގަވެސް މިއީ ބިރުގަންނަވަރަށް ބޮޑުވެފަ އޮތް މައްސަލައެއް.
ނަޖްވާ
25 April 2019
ކޮބާތަ އެ އަންދަލުސް އޭ ކިޔޭގައިން ފާޑުފާޑުގެ ވާހަކަ ދެއްކި ސަހީމު ކޮބާތަ؟ އެ މީހާ އެބަ ތަހްޤީޤަށް ނަމަވެސް ތަނަކަށް ހާޒިރު ކުރަން އެބަ ޖެހޭނު!
ހޮޓްކިންގ
25 April 2019
ސީރިއާއަށް ޖިހާދަށް ދާން ފާޅުގައި މީހުން އެއްކުރަން މާލޭގެ ގޯޅިތަކުގެ މަގުފާރުތަކުގައި ލޯގޯކުރެހި މީހުން އަދިވެސް މި ރާއްޖޭގައި އެތިބަ އުޅެނީ. އެމީހުން ޒުވާން ކުދިންނާއި ކުށްތައްކޮށް ސަލާމަތް ނުވެވޭވަރު ވެފައިވާ މީހުންގެ ބޮލަށް އެރި ޖިހާދު ވީމާ ހުރިހާ ފާފައެއް ފުއްސަވާކަމަށް ދައްކައިގެން އެމީހުންގެ މަރު އެމީހުންނާއި ބައްދަލު ކުރުވަނީވެސް ކުށެއްނެތް މީހުންމެރުމުގައި. ފާފައިގެ މައްޗަށް ފާފަ. އެއީއިސްލާމް ދީނުގެ ކޮންތާކު އެކަން އޮތްގޮތްތޯ.
ދޮށީކޮއި ޢަލީގެ މުޙައްމަދު
24 April 2019
ރޯދޮގު ހަމަ ބަޔަކު ވައްތަކަށް ހެދުން އަޅުވާފަ މީއޭ އެކަން ކުރިމީހުންނަކީ ކިޔާފަ މުސްލިމުންނާ ދިމާކުރަން އުޅެ ވައްތަރު
ައަބޫބަކުރު
24 April 2019
ހައްދުފަހަނަ އަޅާ ބައެއް މުސްލިމުން ދަނީ އެމީހުނައް ރަނގަޅު ތައުލީމާ ވަޒީފާގެ ފުރުސަތު ނެތުމުން. މީގެ ހައްލަކީ އެމީހުނަށް ޒަމާނީ ތައުލީމުދީ ވަޒީފާ ގެ ފުރުސަތު ދިނުން. މިސާލަކަށް ޗައިނާ އިން ވީގާ މުސްލިމުން ތަހުޒީބު ކޮއް އެމީހުންގެ ރަށްތައް ތަރައްގީ ކޮއްދިން ގޮތުން އިބުރަތް ލިބިގަންނަން ޖެހޭ.
ބެޔަ
24 April 2019
ރާއްޖޭގަވެސް މިފަދަ މީހުން އެބަތިބި. އެމީހުން ނާ ޖަދަލު ކޮށް ދިގު މުއްދަތަކައް ޖަލައް ލިޔަސް ކުރާނެ ފައިދާއެއްނެތް. ޗައިނާ އިން މިސާލު ނަގަން ޖެހެނީ. ޖެހެނީ މިމީހުނައް ތައުލީމުދީ ތަހުޒީބު ކުރަން އެއައް ފަހު ވަޒީފާ އައް އަހުލުވެރިކޮއް ވަޒީފާ ގެ ފުރުސަތު ދިނުން.
ށުމި
25 April 2019
ތާއީދު
ޝޮކްތެރަޕީ
24 April 2019
މިކަހަލަ ކަންތަ ކުރުވަނީ އެމެރިކާ އަޑިގައޮވެގެން އުފެއްދި އައިސްމީހުން.
ޏަވިޔަނި
24 April 2019
މިގޮތަށް ހެދުން އަޅާ ކުދިން މާލެއިން ވަރަށް ފެނޭ ..ދޯ