އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ބައެއް މީހުން. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 އެޕްރީލް 2019 - 13:29
ކުރިއަށް އޮތް ތަނުގައި ޑެންގީ އާއި ޗިކުންގުންޔާ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެ ކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭގެ އެޕިޑެމިއޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްސަލް "މިހާރު" އަށް ވިދާޅުވީ ޑެންގީ އިތުރުވުމުގެ ފުރުސަތު ބޮޑީ މި ދުވަސްވަރުގެ މޫސުން ހުރި ގޮތުން ކަމަށެވެ. ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފެތުރޭ ވަސީލަތް ކަމަށް ވާ އީޑީސް މަދިރި މަދުކުރަން ވަރަށް ގިނަ ޕްރޮގްރާމްތަކެއް އެޗްޕީއޭ އިން ހިންގަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ޕްރޮގްރާމްތަކަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން އިތުރުވެއްޖެ ނަމަ މަދިރި އާލާވާ މިންވަރު މަދުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި ޑެންގީ ފެތުރުމުގެ ފުރުސަތު ބޮޑު، މޫސުމާ ގުޅިގެން ވެސް. އެކަމަކު މަދިިރި ކޮންޓްރޯލްކުރަން އަޅުގަނޑުމެން ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަ ކުރަން. މަދިރި ކޮންޓްރޯލްކުރަން އެންމެންގެ އެއްބާރުލުން ބޭނުންވޭ،" އަފްސަލް ވިދާޅުވި އެވެ.
ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދުތައް -- ފޮޓޯ: އެޗްޕީއޭ
އެޗްޕީއޭ އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރާ މިންވަރު ގިނަ ވެ އެވެ. މިދިޔަ އަހަރުގެ މޭ މަހު 500 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
މި ދުވަސްވަރުގެ ވާރެއާ ގުޅިގެން މަދިރި އާލާވާ ގޮތަށް ފެން ހިފެހެއްޓިފައި ހުންނަ ތަންތަން އިތުރުވުން އެކަށީގެންވެ އެވެ. އެފަދަ ތަންތަން ގަވާއިދުން ނައްތާލަން މަސައްކަތްކުރަން ޖެހޭނެ ކަމަށް ޑރ. އަފްސަލް ވިދާޅުވި އެވެ.
Field inspection of Male Commercial Harbour by HPA port staff and @WHOSEARO medical entomologist, in collaboration with Maldives Ports Limited#Dengue#Chikungunya #April2019 #DengueandChikungunyaCampaign @MoH_mv @WHOMaldives @Portmv pic.twitter.com/X2A3lc10GX
— HPA Maldives (@HPA_MV) April 23, 2019
އެޗްޕީއޭ އިން އިއްޔެ ކުރި ޓްވީޓެެއް
މި މަހުގެ ދެވަނަ ހަފްތާގައި ޑެންގީއަށް ވުރެ ޗިކުންގުންޔާ ޖެހުނު މީހުން ގިނަ ނަމަވެސް މި ހަފްތާގައި ޑެންގީ ޖެހުނު މީހުން ވަނީ އިތުރުވެފަ އެވެ.
މަދިރި ފެތުރޭ މިންވަރު މަދުކުރުމަށްޓަކައި އެޗްޕީއޭ އިން މި މަހު ފެށި ކެމްޕެއިނުގެ ދަށުން އަތޮޅުތަކަށް ހާއްސަ އެތަށް ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ޑެންގީ އާއި ޗިކުންގުންޔާގެ ކްލިނިކަލް މެނޭޖްމެންޓާ ބެހޭ ޓެލެކޮންފަރެންސެއް 15 އަތޮޅެއްގައި ހިމެނޭ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ކުރިއަށް ގެންގޮސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަނީމާ
25 April 2019
ތިހެން ބުނިމަ ބޮލުން ސަލާމަތް ވީނުން.. ޑެންގޫ އިތުރަށް ފެރުނިއްޔާ ބުނެވޭނެންނު ތިމަންނަމެން ބުނީމެއް ނޫންހޭ.. ޑެންގޫ އިތުރަށް ނުފެރުނިއްޔާ ބުނެވޭނެންނު ތިމަންނަމެން ހުއްޓުވީ އޭ..
އައްޑޫ ބެއްޔާ
25 April 2019
އޯކޭ. ސަޅި ގޮތެއް ބުނެފާނަން؟ ޑެންގީ ފެތުރުމުގެ ބިރު އޮތުމުން ކުދިންކޮޅު ސްކޫލަށް ދާން ނުޖެހޭގޮތް ހަދާލަދީ. އެހެން ނޫނަސް އެއީ އެއްވެސް މަންފާ އެއް ނުކުރާ ސްކޫލް ދުވަސްތަކެއް. ހަމަ ފޮތްދަބަސް ގެންގޮސްފަ ގެއަށް އަންނަކަންއެކަނި.
މަރިޔަމް ފަހީމާ
24 April 2019
ހެލްތުން ކަންކަމުގައި އިސްނެގުމުގައި ވަރަށް ކުރީގައި އުޅޭކަން ފާހަގަވޭ. މީހުން ބަލި ބައްޔަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޓީވީތަކުންނާއި ރޭޑިއޯތަކުން ފޮނުވާ. އަދި ފޯނަށްވެސް އެސް،އެމް،އެސް ލިބޭ. ވަރަށް ފައްކާ ހަމަ ހެލްތު
ޚަބަރުފީތާ
24 April 2019
ފުރުޞަތު އޮތްކަން ޢާއްމުންގެ މީހުންނަށްވެސް އެނގޭ މަދިރި އިންތިހާއަށްގިނަ ހުރިހާ ރަށެއްގަ ކާނުތަކުގަ ފެން ނުހިނދޭ މައްސަމަ ބޮޑު ލޯކަލްމާރުކޭޓުގަ މީދާ އުޅޭއިރުވެސް އެޗްޕީއޭ ހިމޭން ކަމުގަ
ނަސީމް
24 April 2019
އެއްކޮށް މަދިރި ނައްތާނުލެވޭނެބާ. ޢޭރުން ތިކަން ނިމުނީނުން. ރޯދައިގެކުރިން ޑެންގީ އެލާޓްކުރިކަން ވަރަށް ރަގަޅު. ހެލްތުމިނިސްޓްރީ މިހާރު އިހު އޮންނަގޮތަށް ނިދާފަނޯންނަކަން ފާހަގަކުރެވޭ. ހެޔޮބަދަލެއް
ގުލިސްތާން
24 April 2019
ދުރާލާ ތިޔަގޮތަށް އިރުޝާދު ދެއްވާކަން ވަރަށް ރަގަޅު. މީގެ ކުރިން ހޮސްޕިޓަލް ފުރެންދެން މަޑުކޮއްލައިގެން ތިބެނީ.
ރަދީފު ބިން ރަފައިދާ
24 April 2019
ޑެންގީއާދެކޮޅަށް ހަނގުރާމަކިރުމަށް ބަޑިދީފައި ސިފައިން ނެރެންވީ. މީ މީގެ ހައްލަކީ.