ޝައްފާން އޭނާއަށް ލިބިފައިވާ ސެޓްފިކެޓްއަކާ އެކީ ފޮޓޯއަކަށް ހުއްޓިގެން
30 އެޕްރީލް 2019 - 14:29
ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީ، އޮކްސްފޯޑުން ގާނޫނީ ރޮނގުން ކިޔެވުމުގެ ފުރުސަތު ދިވެހި ދެވަނަ ދަރިވަރަކަށް ލިބިއްޖެ އެވެ.
ވަރަށް މަތީ ނަތީޖާ ހޯދައިގެން ނޫނީ ޖާގަ ނުލިބޭ އޮކްސްފޯޑް ޔުނިވަސިޓީން ގާނޫނީ ރޮނގުން ކިޔެވުމުގެ ފުރުސަތު މި ފަހަރު ލިބުނީ އަހުމަދު ޝައްފާން މުހައްމަދު، 23، އަށެވެ. އޭނާ ވާނީ ގާނޫނީ ދާއިރާއިން އޮކްސްފޯޑުގައި މާސްޓާސް ހަދާ ފުރަތަމަ ދިވެހި ދަރިވަރަށެވެ.
އޮކްސްފޯޑުން ގާނޫނީ ރޮނގުން ކިޔަވަން ފެށި ފުރަތަމަ ދަރިވަރަކީ މަޝްހޫރު ވަކީލު، ހުސްނުއްސުއޫދުގެ އަންހެން ދަރިފުޅު އީމާން ހުސްނުއްސުއޫދު، 22، އެވެ. ތިން އަހަރުގެ ކިޔެވުމަށް ފަހު އަންނަ ޖުލައި މަހު އީމާން ގްރެޖުއޭޓް ވާނެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ފަށާ، ސިވިލް ލޯގެ މާސްޓާސް ޑިގްރީގެ ކޯހުން ޝައްފާން ޖާގަ ހޯދީ އެކަމަށް ކުރިމަތިލި 577 ދަރިވަރުންނާ ވާދަކޮށްގެންނެވެ. ކޯހުން ޖާގަ ލިބެނީ އޭގެ ތެރެއިން 90 ދަރިވަރަކަށެވެ.
"ކޯހަށް ކުރިމަތިލި ގިނަ ދަރިވަރުންނަކީ އެކަމުގެ އަސާސީ ޝަރުތު ހަމަވާ ކުދިން. އެހެންވެ، މިފަދަ ފުރުސަތެއް އަޅުގަނޑަށް ލިބުމުން ﷲއަށް ހަމްދު ކުރަން،" ލަންޑަންގެ ކިންގްސް ކޮލެޖުގައި ލޯގެ ފުރަތަމަ ޑިގްރީ ފުރިހަމަކުރި ޝައްފާން ބުންޏެވެ.
ޝައްފާން: އޮކްސްފޯޑް ޔުނިވަސިޓީގައި ހަދާނީ މާސްޓާޒް ޑިގްރީ
ޝައްފާނަށް ވަނީ އޮކްސްފޯޑް ޔުނިވަސިޓީގައި ކިޔަވަން 20،000 ޕައުންޑްގެ އެހީ ފޯރުކޮށްދޭ ސްކޮލަޝިޕެއް ވެސް ލިބިފަ އެވެ. އެ ސްކޮލަޝިޕް ލިބެނީ ކޯހަށް ހޮވާ އަށް ދަރިވަރަކަށެވެ. އިންޓަލެކްޗުއަލް ޕްރޮޕަޓީ ލޯ ނުވަތަ ފިކުރީ މުދަލާ ބެހޭ ގާނޫނުން ހާއްސަވުމަށް އޮކްސްފޯޑުގެ އިތުރުން މަޝްހޫރު ކެމްބްރިޖް ޔުނިވަސިޓީން ވެސް ޝައްފާނަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ ހިޔާރު ކުރީ އޮކްސްފޯޑެވެ.
މީގެ ހަތަރު އަހަރު ކުރިން ޝައްފާން ލަންޑަނަށް ދިޔައީ 2014ގެ އޭލެވެލް އިމްތިހާނުން އެއް ވަނަ ހޯދައިގެން ލިބުނު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ދަށުންނެވެ. އޭނާ ވަނީ އެ ފަހަރު ދުނިޔޭގެ ފެންވަރުގެ ވަނަތައް ވެސް ހޯދައިފަ އެވެ. ކިންގްސް ކޮލެޖް ލަންޑަނުގައި ވެސް ޝައްފާނު ފާހަގަކުރެވުނީ މޮޅު ދަރިވަރެއްގެ ގޮތުގަ އެވެ.
ނަތީޖާއަށް ބަލައި އެ ޔުނިވަސިޓީން ދޭ "ޑިކްސަން ޕޫން ސްކޮލަޝިޕް އެވޯޑް"، ޝައްފާން ކިޔެވި ތިން އަހަރު ވެސް ހޯދި އެވެ. އޭގެ އިތުރުން އޭނާގެ ކޯހުގެ އެކި ބައިތަކާއި މޮޑިއުލްތަކުން އެއް ވަނަ ހޯދާފައިވާއިރު ކޯސް ނިންމާލީ އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.
ޝައްފާން ދެކޭ ގޮތުގައި އޭނާގެ އެންމެ ބޮޑު ކާމިޔާބީ އަކީ ޕްރޮފެސަރު ޓާންޔާ އެޕްލިންގެ އިރުޝާދުގެ ދަށުން އޭނާ މިދިޔަ އަހަރު ލިޔުނު ދިރާސީ މަޒުމޫނު، އޮކްސްފޯޑުގެ ޔުނިވަސިޓީ ޕްރެސްގެ ޖާނަލް އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ ލޯ އެންޑް ޕްރެކްޓިސްގައި މި އަހަރު ޝާއިއުކުރުމެވެ. އެއީ ޝައްފާން އަމިއްލައަށް ފުރިހަމަކުރި ދިރާސާ ހޯދުންތައް ބޭނުންކޮށްގެން، ޕްރޮފެސަރާ އެކު ލިޔުނު މަޒްމޫނެކެވެ.
ޝައްފާން: ތައުލީމީ ހުރިހާ މަރުހަލާއެއްގައި ވެސް އޭނާއަކީ އާދަޔާހިލާފު މޮޅު ދަރިވަރެއް
"ލަންޑަނުގައި ފުރަތަމަ ހޭދަކުރި ތިން އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. ލަންޑަނުގެ މާ ގިނަ ތަންތަނެއް ވެސް ނުފެނޭ. ކްލާސްތަކަށް ތައްޔާރުވުމަށް ލިޔުންތައް ކިޔައި، ލިޔުމަށް ފަހު އަދި ދީނީ ވާޖިބުތައް އަދާކުރުމަށް ފަހު އިތުރު ވަގުތެއް ނުލިބޭ،" އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގުގެ ދަރިފުޅު ބުންޏެވެ.
ކިޔަވާ ނިންމުމަށް ފަހު ހިދުމަތް ކުރަން އެންމެ ބޮޑަށް އޭނާ ބޭނުންވަނީ ރާއްޖޭގަ އެވެ.
ޝައްފާން ބުނިގޮތުގައި ރާއްޖޭގެ ގާނޫނީ ނިޒާމުގައި އިސްލާހުކުރަން ޖެހޭ ކަންކަމާއި ކޮންމެހެން ބޭނުންވާ އެކަމަކު ނުހެދި ހުރި ގާނޫނުތައް ގިނަ އެވެ. އަދި ރާއްޖޭގެ ކޮލެޖް/ޔުނިވަސިޓީތަކުގައި ގާނޫނު ކިޔަވައިދޭ ގޮތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގިނަ ކަން ވެސް އޭނާ ފާހަގަކުރި އެވެ.
"ގާނޫނީ ދިރާސާ ކުރާ މިންވަރު އިތުރު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ވެސް ގިނަ. މި ކަންކަން ކުރުމުގައި ބައިވެރިނުވާ ނަމަ ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީތަކުން ގާނޫނު ކިޔެވުމުގެ ބޭނުމަކީ ކޮބައިތޯ؟" ޝައްފާން ބުންޏެވެ.
"މި ކަންކަމުގައި އަޅުގަނޑު ބައިވެރިވާނަން. މައިގަނޑު ގޮތެއްގައި ހިދުމަތް ކުރާނީ ރާއްޖެއަށް. އެއީ އަޅުގަނޑުގެ ޒިންމާއެއް."
އޮކްސްފޯޑުން ހިންގާ އެކި ކޯސްތަކަށް މީގެ ކުރިން ދިވެހި 10 ދަރިވަރަކު ޝަރުތު ހަމަވި އެވެ. އެކަމަކު އޭގެ ތެރެއިން ކޯސް ފުރިހަމަކުރީ ކިތައް ދަރިވަރުން ކަމެއް ސާފެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަވާރަ
04 May 2019
ދެކުދިންނަށާއި ދެކުދިންގެ އާއިލާއަށް މަރުހަބާ
ޝައުފާ
04 May 2019
ގާތް އެކުވެރިޔެކޭ ބުނަން ފަޚުރުވެރިވޭ.
އާދަމް މަނިކު
04 May 2019
މާޝާﷲ. މަރުހަބާ ޝައްފާން!
މަހުޒޫމް
04 May 2019
އެނބުރި ރާއްޖެއަށް ޚިދުމަތްކުރަން އަންނާނެކަމަށް ބުނުމުން ވަރަށް އުފާވެއްޖެ
އާދަމް ޝަމީމް
04 May 2019
މަރުޚަބާ.. އިތުރު ކާމިޔާބީއަށް އެދެން.
ޯޮކޮބަާ
03 May 2019
ފޮނި ނުކަންޑާ ވެސް ދެވޭނެ ކިޔަވަން. ރާއްޖޭގަ ކިޔެވިޔަސް މޮޅުކުދިން މޮޅު. ޔޫކޭ އައް ނުޖެހޭ ދާކަށް. ސަޅި ދެން، ދެން ތިބި ކުދިންގެ މައިންބަފައިން ދެން އަބަދު މި ދޯ ގޮވާނީ.
ސަކީނާ
04 May 2019
ދަނގަޑޭ 18 އަހަރުގައި ބެންފީކާއަށް ދިޔަނަމަ މިއަދު ފެންނާނީ ވަރަށް ތަފާތު ދަނގަޑޭއެއް. ރާއްޖޭގަ ކުޅުނަސް އޭނަ މޮޅު. އެކަމަކު އޭނާ އެބޭނުން ހިފިނަމަ އިތުރަށް މޮޅުވީސް. އެގޮތަށް ދިވެހިންނަށް ލިބޭ ފުރުޞަތުތަކުގެ ވާހަކަ ދެއްކުމަކީ ފޮނިކެނޑުމެއް ނޫން ކޮއެފުޅާ.
ފޮނިތޮށި
04 May 2019
ރާއްޖޭގެ ޔުނިވަރސިޓީތަކާ އޮކްސްފޯޑް ޔުނިވަރސިޓީފަދަ ޓޮޕް ޔުނިވަރސިޓީތައް ވަރަށް ތަފާތު. ރާއްޖޭގެ ޔުނިވަރސިޓީތަކަށް ރާއްޖޭގެ ކުދިންގެ ޕޮޓެންޝިއަލް ބޭނުމެއް ނުކުރޭ. އޮކްސްފޯޑުގަ ކުދިންގެ ޕޮޓެންޝިއަލް ބޭނުންކުރާނެ. ކުދިންގެ ޤާބިލުކަން އެންމެ ފުރިހަމައަށް އިމްތިހާނުކުރާނެ. ޝައްފާނަށާ އީމާނަށް އިތުރުކާމިޔާބަށް އެދެން.
އެދުރުބެ ގޯނި
02 May 2019
ކިޔަވާގެން އަޔަސް ރާއްޖޭގައި ކުރާނެ ކަމެއް ނެތް!ޖެހޭނީ އެއްތާކު ޑިއުޓީ ރޯސްޓަރު ހަދާލަ ހަދާލަ އިންނަން ކުރިއެރުމެއް ރާއްޖެއްކުނެތް
ކޮބާ..ކޮބާ
02 May 2019
މަރުހަބާ... މުޅި ރާއްޖެއަށް ވެސް ލިބުނު ރީތި ނަމެއް...ފިކުރީ މުދަލުގެ މައްސަލަތައް ރާއްޖޭގައި އެބަހުރި..
މރ ފެންޓަސްޓިކް
02 May 2019
މަރުޙަބާ...
އިމަނާ
02 May 2019
މަރުހަބާ! އަދި ސާބަސް ދެކުދިންނަށާއި ބެލެނިވެރިންނަށް. ތިކުދިންގެ މިހާރު ތިޔަހުރި ވިސްނުމަށްވެސް ތަޢުރީފްކޮށް، އުފާކުރަން.