ސައުދީ ފަންޑުގެ ވައިސް ޗެއާމަން، ފިނޭންސް މިނިސްޓަރު އަމީރާ އެކު: އެއާޕޯޓް މަޝްރޫއު އަލުން ފެށުމަށް މިއަދު ވަނީ މަޝްވަރާކޮށްފައި. --ފޮޓޯ/ފިނޭންސް މިނިސްޓްރީ
07 މެއި 2019 - 20:01
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅޭ ގޮތުން، ސައުދީ ފަންޑާ އެކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި، ބައިވެރިވަޑައިގަތީ ސައުދީ ފަންޑުގެ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ބިން ސުލައިމާނެވެ. އެއާޕޯޓް މަޝްރޫއާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކުގެ ތަފްސީލެއް އެ މިނިސްޓްރީން އަދި ނުދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ މުހިއްމު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދިޔަ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.
H.E. Dr. Khaled bin Sulaiman Alkhudairy Vice-Chairman and Managing Director of the Saudi Fund for Development meets Minister of Finance @iameeru to discuss the Velana International Airport Project today. pic.twitter.com/T5p5NCYzUY
— FinanceGovMv (@FinanceGovMv) May 7, 2019
ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސްތައް ހުރި ތަން ތަޅާލާފައި.---ފޮޓޯ: އެމްއޭސީއެލް
އެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ ޓާމިނަލް ހެދުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ މަސައްކަތް ކުރަމުން އައިސް މިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެން ބިންލާދިން ގްރޫޕުން ވަނީ އެ މަސައްކަތް މަޑުޖައްސާލައިފަ އެވެ.
ބިންލާދިން ގްރޫޕަށް ފައިސާ ދިނުން ވެސް ސައޫދީ ސަރުކާރުން ދުވަސްކޮޅަކަށް ހުއްޓާލި އެވެ. ނަމަވެސް ސައޫދީ ސަރުކާރާއި ބިންލާދިން ގުރޫޕާ ދެމެދު އެއްބަސްވުމަކަށް އާދެވި، އެއާޕޯޓް މަޝްރޫއު އަލުން ކުރިއަށް ގެންދިއުމުގެ ވާހަކަތައް ފެށީ މި ސަރުކާރުގަ އެވެ.
××
އެއާޕޯޓުގެ ކުރެހުންތައް ވެސް މި ސަރުކާރުން ބޭނުންވާ ގޮތަށް މިހާރު އަންނަނީ ބަދަލުކުރަމުންނެވެ. އެނގިފައިވާ ގޮތުގައި، މި ސަރުކާރުން ބޭނުން ވަނީ، ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލް ކުރިން ހަދަން އޮތް ވަރަށް ވުރެ ބޮޑުކުރާށެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މެއި، 2016 ގަ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.
އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.
އެއާޕޯޓް ތަރައްގީ ކުރުމަކީ މި ސަރުކާރުގައި ވެސް އެންމެ އިސްކަންދޭ އެއް މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، މަޑުޖެހިފައި އޮތް އެއާޕޯޓް މަސައްކަތް ފެށޭނެ ގޮތް ވެފައި ވާތީ، ޓާމިނަލްގެ ކުރެހުންތަކަށް ގެންނަ ބަދަލާ މެދު ވެސް ލަހެއް ނުވެ ގޮތެއް ކަނޑައެޅޭނެ އެވެ.
ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތާ، ދައުލަތަށް ލިބޭ އާމްދަނީއާ ވަރަށް ބޮޑަށް ގުޅިފައިވާތީ، ވީހާ ވެސް އަވަހަކަށް އެ މަޝްރޫއު ނިންމުން ސަރުކާރަށް ބޭނުންތެރި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ބިންލާދިން ގުރޫޕުގެ ހިއްސާގެ ބޮޑު ބަޔަކީ މިހާރު ސައޫދީ ސަރުކާރު ކަމަށް ވާތީ ވެލާނާ އެއާޕޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުމޯލު
08 May 2019
ވެރިކަމަށް އައުމުގެ ކުރިން ސައުދީއަށް ބެވީ.. ޗައިނާއަށްބެވީ... ނޫންތޯ
ލުތުފަރު
08 May 2019
ނާގާބިލު މީހުން ގިނަވީމަ ވާނެ ހައެތި ތިވީ
ހޮޓްކިންގ
08 May 2019
އޮޅުވާލަން ނޫޅޭށެވެ. އެއާޕޯރޓްގެ މަޝްރޫޢަކީ ޔާމީނުގެ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުން ގެންދިޔަ އެއްމަަސައްކަތެވެ. އެ ސަރުކާރު އޮތް އިރު އެމަސައްކަތް މަޑު ޖެހި ނުވަތަ ހުއްޓުނު އިރެއް ނާދެއެވެ. ނަމަވެސް މިސަރުކާރު އައިފަހުން ސައުދީއާއިއެކު އޮތް ގުޅުން ހީނަރުވިއެވެ. ހުޅަނގުން ލިބޭނެ މޮޅުތައް ބޮޑުކަމަށް ދެކިގެން ކުރި ކަމަކުން އެ ބިޔަ މަޝްރޫޢު ވަނީ ހުއްޓިފައެވެ. އެކަން އެކަންޏެއްނޫނެވެ. ރާއްޖޭގައި ހިނގާ އެއްވެސް މަޝްރޫޢެއް މިހާރަކު ނެތެވެ.
ނެގުނުކަތީބު
08 May 2019
އޭއްޗެކޭ މީއްޗެކޭ ކިޔާފަވެސް ތިކަންނުކޮށް އިންޑިޔާގެ ބަޔަކަށް ދެވޭތޯ ބަލާބަލަ. އޭރުން ތިކަންވާނީ.
ޝަނުން
08 May 2019
ސަރުކާރުތަކެ ކިޔަފަ މިލިބެނީ މައުލޫދު ކިޔާ މަރުމޯލުންތަކެއްހެންވެސް ބަޔެއްފަހަރު އެބަހީވޭ.. ބުއްދީން ދިޔަ ހިކިފަ ތިޔަތިބެނީ..
ނިޒާމު
08 May 2019
ޢއަނެއްކާ ޖީއެމްއާރައް ދޫކޮށްލާ މައްސަލަެއްނޫން 100 ރުފިޔާ ދިނީމަ ހުރި ގުނބޯތައް ވޯޓުދޭނެ ދީފަ ފަހުން އަނެއް ކިޔާނެ ސަކަރާތޭ..
ޖަނާޒާ
08 May 2019
އިބޫ ބުނި ކުރެހުމެއް ނެތޯ. ނެތް އެއްޗިއްސަށް ކިހިނެތް ތަމެން ބަދަލު ގެންނަނީ؟ ކޮންފަދަ ޓެކުނޮލޮޖީއަކުންތޯ ތިފަދަ ކަންކަން ހާސިލުކުރައްވަނީ. އަޅުގަނޑުވެސް ބޭނުން ނެތް އެއްޗެއް ބަދަލުކޮށްލައިގެން އަމިއްލަ ކޮށްލަން. ޕުލީސް. ރައީސޫ ވައި ވޯންޓު ޔޫ ޓެލްމީ. ޓެލް މީ ޕުލީޒް.
ޙިނި
07 May 2019
އަދިވެސް ހަމަ މާލެ ސަރަހައްދުތޯ ތަރައްގީ ކުރަނީ، އަނެއްކާ 20 އަހަރު ފަހުން ހަމަ ތި އެޔާޕޯޓު ތަޅާލާފަ ހަދާނީ
ކައްތުބޭ
07 May 2019
ކުރެހުން ކުރަހަން ދޯ ފުރަތަމަ މަޝްވަރާ ކުރަންވީ. ވަލީއުލްއަމްރު ވިއްޔަ ވިދާޅުވީ ޓާރމިނަލްގެ ކުރެހުމެއްވެސް ނެތޭ!
ޖޖޖޖ
07 May 2019
ތިއީ ރައްޔިތުންގެ މުދާ. ސަރުކާރާ ހަވާލުވާ ކޮންމެ ބަޔަކު ރައްޔިތުންގެ މުދާ މިހަދަނީ ރާޒުވާ ކުޅިބަޔަކަށް. ކުރިން ކޮށްފަ ހުރި ކޮންމެ ކަމެއް ޑަބްލް ކޯސްޓްގަ ކުރށނީ. ގެއްލު މިލިބެނީ ދިވެހި ރައްޔިތުންނަށް. ލޯނު ޑަބަލް އިންޓެރެސްޓް ޑަބްލް. މުއްދަތު ޑަބްލް. ގެއްލުން ޑަބްލް. މި ހަސަދަވެރި ގޮތްގަނޑު ކަނޑުވާލާކަށް އަދިވެސް ނުވޭތަ؟