ރަށެއްގައި ކުޑަކުދިންތަކެއް މޫދަށް ފުންމަނީ: ރަށުން ބޭރުގައި ވަޒީފާ އަދާކުރާތީ ބައްޕައިންނަށް ދަރިން ގާތު ނޫޅެވުމާއި ވަރި އަށް ފަހު މައިން އެކަނިމާއެކަނި ދަރިން ބަލަން ޖެހުން ރާއްޖޭގައި އާއްމު. ފައިލް ފޮޓޯ: ހުސެން ވަހީދު/ މިހާރު
10 މެއި 2019 - 09:01
ރާއްޖޭގެ ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކު ތިބީ ބައްޕައާ އެކު ދިރިއުޅުމުގެ އުފަލުން މަހުރޫމްވެފަ އެވެ.
މީގެ ތެރޭގައި، އާއިލާ ރޫޅުމަށް ފަހު ވެސް ބައްޕަގެ ފުރިހަމަ އަޅާލުމާއި ލޯބި ލިބިގެން އުޅޭ ކުދިންނާއި އާމްދަނީ ހޯދަން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި ދުރުގައި އުޅެން މަޖުބޫރުވެފައިވާ ބައްޕައިންގެ ދަރިން ވެސް ހިމެނޭނެ އެވެ. އެކަމަކު ރާއްޖޭގައި ވަރި ވެސް އާއްމެވެ. އަދި ވަރިވުމަށް ފަހު ދަރިންނަށް އަޅާލުމާއި ހަރަދު ނުދިނުމުގެ މައްސަލަތައް ގިނަ އެވެ.
މިދިޔަ ފެބްރުއަރީ މަހު ހެލްތު މިނިސްޓްރީން ނެރުނު ރާއްޖޭގެ ޑިމޮގްރެފިކް ހެލްތު ސާވޭ (ޑީއެޗްއެސް) ދައްކާ ގޮތުން ރާއްޖޭގައި 18 އަހަރުން ދަށުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން ދިރިއުޅެނީ ހަމައެކަނި މަންމަ ގާތުގަ އެވެ. އަދި ހަތް އަހަރު ތެރޭ އެފަދަ ކުދިންގެ އަދަދު ވަނީ އިންތިހާ އަށް (83 ޕަސެންޓް) އިތުރުވެފަ އެވެ.
މީގެ މާނައަކީ، ވަރީގެ ސަބަބުން ނުވަތަ ކުދިންގެ ބައްޕަ ދުރުގައި އުޅޭތީ، ދަރިން ބެލުމުގެ ޒިންމާ އެކަނިމާއެކަނި އުފުލާ އަންހެނުން ގިނަ ކަމެވެ؛ އޭގެ ތެރެއިން، ބައްޕައިންގެ އަޅާލުމެއް ނުލިބި ދަރިން ބޮޑުކުރާ މައިން އުޅެނީ ވަރަށް ނިކަމެތި ހާލުގަ އެވެ.
"ހަރަދު ނުލިބިގެން އުޅޭ ބައެއް އަންހެނުން އެބަ އުޅޭ، މާލޭގައި ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅޭ ތަންތަނުން ތިން ހާސް ރުފިޔާ އަށް ބަންކް ބެޑެއް ކުއްޔަށް ނަގައިގެން ދަރިފުޅު ގޮވައިގެން."
ޑީއެޗްއެސް އިން އެނގިފައިވާ ގޮތުގައި ބައްޕަ ދިރިހުރެ، އެކަމަކު ހަމައެކަނި މަންމައާ އެކު ދިރިއުޅޭ 18 އަހަރުން ދަށުގެ ކުދިންގެ ނިސްބަތް 2009ގައި 19 ޕަސެންޓުގައި ހުރެފައި 2016-2017ގައި ވަނީ 35 ޕަސެންޓަށް އަރައިފަ އެވެ. ފަނަރަ އަހަރުން ދަށުގެ ކުދިންނަށް ބެލިޔަސް އެ ނިސްބަތް ދާދި އެއްވަރެވެ.
އެއާ ހިލާފަށް، މަންމަ ދިރިހުރެ، ހަމައެކަނި ބައްޕައާ އެކު ދިރިއުޅެނީ އެންމެ ދެ ޕަސެންޓް ކުދިންނެވެ.
މަންމަ އާއި ބައްޕައާ ދެ މީހުންނާ އެކު ދިރިއުޅޭ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ވެސް ސާވޭ އިން އެނގެ އެވެ. އެގޮތުން 2009ގައި އެ ނިސްބަތް 71 ޕަސެންޓުގައި ހުރެފައި މިހާރު 56 ޕަސެންޓަށް ވަނީ ތިރިވެފަ އެވެ.
ހަމައެކަނި މަންމައާ އެކު ދިރިއުޅޭ ކުދިން އިތުރުވެފައިވާކަން ބޯހިމެނުމުން ވެސް އެނގިފައިވެ އެވެ. ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން 2006 ވަނަ އަހަރު، 18 އަހަރުން ދަށުގެ ކުދިންގެ ތެރޭގައި، އެ ނިސްބަތަކީ ހަތް ޕަސެންޓެވެ؛ އަދި 2014ގައި 20 ޕަސެންޓެވެ. އޭގެ އިތުރުން، މަންމަ އާއި ބައްޕައާ ދެ މީހުން ގާތު ދިރިއުޅޭ ކުދިންގެ ނިސްބަތް 2006 އިން 2014 އަށް 82 ޕަސެންޓުން 73 ޕަސެންޓަށް ދަށްވި ކަމަށް ވެސް ބޯހިމެނުމުގެ ނަތީޖާ ދައްކަ އެވެ.
"މަންމަ އާއި ބައްޕަ ވަކިވާ ކޮންމެ ކުއްޖަކު ވެސް އެ ބޮޑުވަނީ، އެކަށީގެންވާ ލޯތްބާއި އަޅާލުން ނުލިބޭ ނަމަ، ޓްރޯމާއެއްގެ ތެރޭގައި. އެ ކަމަށް ފަރުވާ ނުލިބި ހުރެއްޖެއްޔާ އެ ކުއްޖާ އަށް މައްސަލަތައް ކުރިމަތިވާނެ."
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވަނީ ހަމައެކަނި މަންމަ ގާތުގައި އުޅޭ ކުދިން އިތުރުވެ، މަންމަ އާއި ބައްޕައާ އެކު ދިރިއުޅޭ ކުދިން މަދުވެފަ އެވެ.
އެކަމަކު ހާލަތު އެންމެ ގޯހީ އަތޮޅުތަކުގަ އެވެ.
ހަމައެކަނި މަންމަ ގާތުގައި އުޅޭ ކުދިން އަތޮޅުތަކުގައި މާލެ އަށް ވުރެ ދެ ގުނަ ގިނަ އެވެ. އަދި 2009އާ އަޅާބަލާ އިރު އަތޮޅުތަކުގައި އެފަދަ ކުދިން ވަނީ ދެ ގުނަ އިތުރު ވެސް ވެފަ އެވެ.
ވަކިވަކި ސަރަހައްދުތަކަށް ބަލާ އިރު، ހަމައެކަނި މަންމައާ އެކު ދިރިއުޅޭ ކުދިން އެންމެ ގިނައީ ނ ރ ބ އަދި ޅ. ހިމެނޭ "މެދު އުތުރު"ގަ އެވެ. އެކަމަކު ކުރިއާ އަޅާބަލާ އިރު އެފަދަ ކުދިން އެންމެ ބޮޑަށް އިތުރުވެފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅުގަ އެވެ. އެފަދަ ކުދިން އެންމެ މަދީ މާލެ ކައިރީ އަތޮޅުތަކުގަ އެވެ.
މަންމަ އާއި ބައްޕައާ އެކު ދިރިއުޅޭ ކުދިންގެ ނިސްބަތް މާލެ އާއި އަތޮޅުތަކުގައި 2009ގައި ހުރީ އެއްވަރެއްގަ އެވެ. އެކަމަކު 2016-2017ގައި، އަތޮޅުތަކުގައި އެފަދަ ކުދިން، މާލެއާ އަޅާބަލާ އިރު 17 ޕަސެންޓް ގިނަ އެވެ. އަދި އަތޮޅުތަކުގައި އެފަދަ ކުދިންގެ އަދަދު 29 ޕަސެންޓް ދަށަށް ދިޔަ އިރު މާލެ އިން ފެނިފައި ވަނީ އެންމެ ފަސް ޕަސެންޓުގެ ދަށްވުމެކެވެ.
މަންމަ އާއި ބައްޕައާ އެކު ދިރިއުޅޭ ކުދިން އެންމެ މަދީ އަދި ކުރިއާ އަޅާބަލާ އިރު އެ އަދަދު އެންމެ ބޮޑަށް ދަށަށް ދިޔައީ ވެސް ނ، ރ، ބ އަދި ޅ ގަ އެވެ.
އޭގެ އިތުރުން، މަންމަ އާއި ބައްޕަ ވެސް ދުނިޔޭގައި ތިބެފައި އެއިން އެކަކާ އެކު ވެސް ދިރިނޫޅޭ ކުދިން މާލޭގައި 38 ޕަސެންޓް ދަށަށް ދިޔަ އިރު އަތޮޅުތަކުގައި އެ އަދަދު ވަނީ 14 ޕަސެންޓް އިތުރުވެފަ އެވެ.
"ވަކިވިޔަސް އަދި އެހެން މީހަކާ ކައިވެނިކުރިޔަސް ކުދިންނަށް ހުރިހާ ކަމެއް ކޮށްދީ، ކުދިންގެ ދިރިއުޅުމުގައި ފުރިހަމައަށް ޝާމިލްވާ ބައްޕައިން އުޅޭ. އެކަމަކު އެކަން ފެންނަނީ ވަރަށް މަދުން. އާއްމު ހާލަތަކީ އެއެއް ނޫން."
މަންމަ އާއި ބައްޕަ ގާތުގައި ދިރިއުޅޭ ކުދިން މަދުވެ، ހަމައެކަނި މަންމައާ އެކު ދިރިއުޅޭ ކުދިން އިތުރުވީ ކީއްވެގެން ކަމެއް ނުވަތަ އެފަދަ ކުދިން އެ ގޮތަށް ދިރިއުޅެނީ ކޮން ހާލަތްތަކަކާ ގުޅިގެން ކަމެއް ދިރާސާކޮށްފައެއް ނެތެވެ. ބޯހިމެނުމުގެ ނަތީޖާ އަށް ބިނާކޮށް ކުޑަކުދިންގެ ހާލަތަށް ވަކިން ބަލައިލައިފައިވާ ރަސްމީ ރިޕޯޓެއްގައި، ލަފާކުރެވޭ ސަބަބުތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލައިފައިވެ އެވެ. އެކަމަކު އެ ރިޕޯޓުގައި ބުނެފައިވަނީ ބޯހިމެނުމުގައި މައުލޫމާތު ނެގީ މިކަމުގެ ހަގީގަތް ޔަގީނަށް ދެނެގަނެވޭނެ ފަދަ ގޮތަކަށް ނޫން ކަމަށެވެ. ޑީއެޗްއެސްގައި ވެސް އެ ގޮތަށް މައުލޫމާތު ހޯދައިފައެއް ނުވެ އެވެ.
އެކަމަކު ރާއްޖޭގައި ކަންކަން ހުރި ގޮތަށް ބަލާ އިރު ލަފާކުރެވޭ މައިގަނޑު ދެ ސަބަބެއް އެބަ އޮތެވެ. އެއީ ވަރި އާއި އާމްދަނީ ހޯދަން ފިރިން ރަށުން ބޭރުގައި ދިރިއުޅެން ޖެހުމެވެ.
ތަފާސްހިސާބުން ފެންނަ، މާލެ އާއި އަތޮޅުތަކުގެ ތަފާތުން ދޭހަވާ ގޮތުގައި މި މައްސަލަ ހިޖުރަކުރުމާ ގުޅެ އެވެ. އަތޮޅުތަކުގެ ފިރިހެނުން އާމްދަނީ ހޯދަން އަނބިދަރިންނާ ދުރުގައި، ހާއްސަކޮށް ރިސޯޓުތަކާއި މާލޭގައި، މަސައްކަތްކުރުމަކީ އާއްމު ކަމެކެވެ. އެކަން ޑީއެޗްއެސްގައި ވެސް، ނޯޓަކުން ފާހަގަކޮށްފައިވެ އެވެ.
"ރަށްރަށުގެ ފިރިހެނުން ގިނައިން ރަށުން ބޭރުގައި މަސައްކަތްކުރަނީ. އެއީ، ކައިވެނި ނުރޫޅި ހުރި ކަމުގައި ވިޔަސް، ދަރިން ކައިރީގައި ބައްޕަ ދިރިނޫޅޭނެ ސަބަބެއް. ރިސޯޓުތަކުގައި އުޅޭ މީހުންނަށް ވެސް ރަށަށް މި ދެވެނީ އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު،" އާބާދީއާ ބެހޭ އދ.ގެ ޖަމްއިއްޔާ ޔޫއެންއެފްޕީއޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ޝާދިޔާ އިބްރާހީމް ފާހަގަކުރެއްވި އެވެ.
މި ކަމުގައި ލަފާކޮށްލަން ފަސޭހަ އަނެއް ސަބަބަކީ ވަރި އެވެ. އެއީ ރާއްޖޭގައި ވަރި ގިނަ ވެފައި އަދި ވަރިވުމަށް ފަހު ދަރިން ބަލަނީ ގިނައިން މައިން ކަމަށް ވާތީ އެވެ.
ދެ ސާވޭގެ ތަފާސްހިސާބު އަޅާކިޔާ އިރު، ދެމެދުގައި ހޭދަވި ހަތް އަހަރު ތެރޭ އައިސްފައިވާ ބަދަލު ވަރަށް ބޮޑުކަން ފާހަގަކުރެވެ އެވެ. ޝާދިޔާ ގަބޫލުކުރައްވާ ގޮތުގައި އެ ކަމުގައި އެ ދަނޑިވަޅު، ބޮޑު ދައުރެއް ކުޅެފައި އޮތުން އެކަށީގެންވެ އެވެ. އެގޮތުން އެއް ސަބަބަކީ ސަރުކާރުން އެކަނިވެރި މައިންނާއި ބަފައިންނަށް އެލަވަންސެއް ދޭން ފެށުމާ އެކު، ވަރިވާން ގިނަ ބަޔަކަށް ހިތްވަރު ލިބުން ކަމަށް އޭނާ ލަފާކުރައްވަ އެވެ. އަދި އެ ދުވަސްވަރުގެ ސިޔާސީ ހަލަބޮލިކަމާ ހެދި ރޫޅިގެންދިޔަ އާއިލާތައް ވެސް ހުރެދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ފުރަތަމަ ޑީއެޗްއެސް 2009ގައި ހެދި އިރު ސިންގަލް ޕޭރެންޓް އެލަވަންސެއް ނުދޭ. އެ އެލަވަންސް ތައާރަފްކުރީ 2010-2011 ހިސާބުގައި. އެހެންވީމާ، ކުރިންސުރެ ވެސް އެކުގައި ނޫޅެވިގެން އުޅުނު، އެކަމަކު މާލީ ފޯރުންތެރިކަން ނެތީމާ ވަރިނުވެވި ތިބި ބައެއް މީހުންނަށް ކައިވެނި ރޫޅާލަން އެހާ ހިސާބުން ހިތްވަރު ލިބުނީ ކަމަށް ވެދާނެ،" ޝާދިޔާ ވިދާޅުވި އެވެ.
"ދެން، ގައުމެއްގައި ހަލަބޮލިކަން އުޅޭ އިރު އެންމެ ބޮޑަށް އަސަރު ފޯރާނީ އާއިލާތަކަށް. އެ ދުވަސްވަރު ވަރަށް ބައިވަރު ބޮޑެތި ކަންތައްތައް ވެގެން ދިޔައީ ސިޔާސީ ގޮތުން ވެސް. އެކި ޕާޓީތަކުގެ ކަންތައްތައް ވެގެން އުޅޭ އިރު ގޭގޭގެ ތެރެއިން ވެސް ވަރަށް ގިނަ މީހުންނަށް އަންނާނެ އުނދަގޫތައް. އާއިލާތައް ރޫޅޭނެ."
ޖަލު ބަންދުގައި ތިބެން ޖެހުމަކީ ވެސް ބައްޕައިންނަށް ދަރިންނާ އެކު ދިރިނޫޅެވޭނެ ނުވަތަ ދަރިންނާ އަޅާނުލެވޭނެ ސަބަބަކަށް ވާނެ އެވެ.
ހަމައެކަނި މަންމައާ އެކު އުޅެން ޖެހުން ނުވަތަ ބައްޕަ ގާތު ނޫޅެވުމުގެ ސަބަބުން ކުދިންނަށް އަސަރު ފޯރާނީ ކިހިނެއްކަމާ މެދު ކަމާ ބެހޭ މާހިރުން ވާހަކަދައްކަވަނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނަވައިގެންނެވެ.
ކުޑަކުދިންގެ ހައްގުތަކާއި އިޖުތިމާއީ ދާއިރާގެ ތަޖުރިބާކާރު އަދި ކުރިން ޖެންޑާ މިނިސްޓަރުގެ ނާއިބުކަން ކުރައްވާފައިވާ ޑރ. މާރިޔާ އަލީ ފާހަގަކުރައްވާ ގޮތުގައި "ކޮންމެ ގޮތެއް ވިޔަސް ކުދިން ބޭނުންވާނީ މައިންބަފައިން އެކުގައި އުޅޭ"ށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މުހިއްމީ ހަމަޖެހުމާއި ލޯތްބާއި އަޅާލުން ލިބޭ ދިރިއުޅުމެއް ކުދިންނަށް ހޯދައިދިނުމެވެ.
އާދައިގެ ހާލަތްތަކުގައި ބައްޕައާ އެކު ދިރިނޫޅެވުން ޑރ. މާރިޔާ ފާހަގަކުރައްވަނީ ކުދިންނަށް ލިބޭ ދެރައެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ މަންމަ ނުވަތަ ބައްޕައާ ދުރުގައި އުޅުމުގެ ނޭދެވޭ އަސަރު، ބޮޑުވެގެން އަމިއްލަ ދިރިއުޅުމަށް ވެސް، ކުރުން އެކަށީގެންވާ ކަމަށެވެ.
"ކޮންމެ ކުއްޖަކަށް ވެސް ބޭނުންވާނެ އަންހެން އަދި ފިރިހެން ރޯލް މޮޑެލްއެއް. މިސާލަކަށް ބައްޕަ ނެތިއްޔާ ނުފެންނާނެ، ފިރިހެނަކު އަނބިމީހާ އާއި އާއިލާ ކައިރީގައި ހުރެގެން އަޅާލުން ދޭ މަންޒަރެއް،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ، މިސާލަކަށް، އަންހެންކުއްޖެއް ވެއްޖެއްޔާ ބޮޑުވެގެން އަންހެލްތީ ރިލޭޝަންޝިޕްސް އަށް ދިޔުން ގާތްވާނެ. އޭނާ އިހްތިޔާރުކުރަނީ އޭނާއާ އަޅާނުލައި އުޅޭ، ނުވަތަ ދުރުގައި ވަޒީފާ އަދާކުރާ ނުވަތަ އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވުން ވެސް އެކަށީގެންވޭ. އެއީ ގަސްދުގައި ނުވަތަ އެނގިގެން ކުރާނެ ކަމެއް ނޫން. އޭނާ އަށް ފެނިފައި ހުންނަނީ އެ ގޮތް ކަމަށް ވާތީ އެއީ ނޯމަލް ކަމެކޭ ހީކުރެވިފައި އޮންނަނީ. ފިރިހެން ކުއްޖެއް ވިޔަސް ބޭނުންވާނެ، ފިރިހެނުންގެ ދައުރަކީ ކޮބައިކަން ނުވަތަ މި ދުނިޔޭގައި ފިރިހެނުން އުޅޭ ގޮތުގެ ރަނގަޅު ނަމޫނާ ފެންނަން."
އެކަމަކު ޑރ. މާރިޔާ ވިދާޅުވީ ބައެއް ފަހަރު ކުއްޖާ އަށް ބޮޑަށް ރަނގަޅީ މަންމަ ނުވަތަ ބައްޕައާ ވަކިން އުޅުން ކަމަށް ވެސް ވެދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމަނުޖެހުންތަކެއްގެ ތެރޭގައި މަންމަ އާއި ބައްޕަ އެކުގައި އުޅުމަށް ވުރެ ކުދިންނަށް ފައިދާހުރި ގޮތަކީ ދެ މީހުން ވަރިވެގެން ވިޔަސް، ކުއްޖާ އަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުމެވެ.
"އެ ހާލަތުގައި ވެއްޖެއްޔާ ވަކިވެފައި ދެން ހޯދަން ޖެހޭނީ ރަނގަޅަށް ދެ މީހުން މުއާމަލާތްކޮށްގެން ދަރިފުޅުގެ ހައްގުގައި އުޅޭނެ ގޮތެއް،" ޑރ. މާރިޔާ ވިދާޅުވި އެވެ.
އެކަމަކު އެ ގޮތް ނުހޯދައި، ވަކިވުމަށް ފަހު ވެސް ހައިޖާނެއްގެ ތެރޭގައި އުޅުން ނުވަތަ ކުއްޖާ އަށް އަޅާނުލުމަކީ ކުދިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މަންމަ އާއި ބައްޕަ ވަކިވާ ކޮންމެ ކުއްޖަކު ވެސް އެ ބޮޑުވަނީ، އެކަށީގެންވާ ލޯތްބާއި އަޅާލުން ނުލިބޭ ނަމަ، ޓްރޯމާއެއްގެ ތެރޭގައި. އެ ކަމަށް ފަރުވާ ނުލިބި ހުރެއްޖެއްޔާ އެ ކުއްޖާ އަށް މައްސަލަތައް ކުރިމަތިވާނެ. ބޮޑުވެގެން އަމިއްލަ ދިރިއުޅުމެއް ފަށާ އިރު ވެސް ދިރިއުޅުމުގެ ތެރެއަށް އެ ޓްރޯމާ ވަންނާނެ،" ޑރ. މާރިޔާ ވިދާޅުވި އެވެ.
ހަމައެކަނި މަންމަ ގާތުގައި އުޅޭ ކުދިން އެހާ ގިނަ އިރު ބައްޕައިން ޒިންމާ އަދާކުރާ މިންވަރާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އޭގެ ތެރެއަށް ވަންނަ އެންމެ ބޮޑު ކަމަކީ ދަރިންގެ ހަރަދު ނުދޭ މައްސަލަ އެވެ.
"ވަކިވިޔަސް އަދި އެހެން މީހަކާ ކައިވެނިކުރިޔަސް ކުދިންނަށް ހުރިހާ ކަމެއް ކޮށްދީ، ކުދިންގެ ދިރިއުޅުމުގައި ފުރިހަމައަށް ޝާމިލްވާ ބައްޕައިން އުޅޭ. އެކަމަކު އެކަން ފެންނަނީ ވަރަށް މަދުން. އާއްމު ހާލަތަކީ އެއެއް ނޫން،" ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައިވާ ޖީހާން މަހުމޫދު ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި މަންމަ ގާތުގައި އުޅޭ ކުދިންގެ ތަފާސްހިސާބު، ބައްޕައިން ދަރިންނަށް ހަރަދު ނުދިނުމުގެ ތަފާސްހިސާބާ ގުޅުވާލީމާ ދޭހަވާ މަންޒަރާ މެދު ކަންބޮޑުވާން ޖެހެ އެވެ. ދަރިންނަށް ހަރަދު ނުދިނުމުގެ 500 މައްސަލަ ކޯޓުތަކުން އަހަރަކު ބަލަ އެވެ.
"ހަރަދު ނުދީގެން ކޯޓު އަމުރު ނެރުނީމަ ވެސް ނުދީ، ގޭ ބަންދުގެ އިންޒާރު ދިނީމާ ގަނޑުކޮށް، ނުވަތަ ބައިބަޔަށް ބަހާލައިގެން މި ދައްކަނީ. އެހެންވީމާ އެފަދަ މީހުންގެ އަދަދުން އެބަ ދޭހަކޮށްދޭ، ވަރިވުމަށް ފަހު ބައްޕައިން އެ މީހުންގެ ދަރިންގެ ދިރިއުޅުމުގައި ޝާމިލް ވަނީ ކިހާ ވަރަކަށްކަން،" ޖީހާން ވިދާޅުވި އެވެ.
"އާއްމުކޮށް މި ފެންނަނީ، ހަރަދު ނުދޭ މީހުން ފިލައިގެން އުޅޭ ތަން. އެ ގޮތަށް އުޅޭ މީހާ ކިހާ ވަރަކަށްބާ ދަރިން ކޮބައިތޯ ބަލައިލާނީ ވެސް؟ ދިރިއުޅުމުގެ އެއް ބާބު ނިންމާލާފައި އާ ބާބެއް ފަށާ އިރު ދަރިން އެއްކޮށް ފޮހެލަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް."
ހަރަދު ނުލިބިގެން އަންހެނުންނާއި ކުޑަކުދިންނަށް ޖެހޭ ދަތި ހާލު އެންމެ ރަނގަޅަށް އެނގޭ އެއް ތަނަކީ ފެމިލީ ލީގަލް ކްލިނިކެވެ. އާއިލީ މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކޮށްދޭ އެ ޖަމްއިއްޔާ އަށް އެންމެ ގިނައިން ލިބެނީ ހަރަދުގެ މައްސަލަތައްކަން ފާހަގަކުރައްވަމުން، ކޯ ޗެއާޕާސަން ޝަފީއާ ރިޒާ ވިދާޅުވީ އެފަދަ މައިންނާއި ދަރިން އުޅެން ޖެހޭ ގޮތް "ގަބޫލުކުރަން ވެސް އުނދަގޫވެދާނެ" ކަމަށެވެ.
"އެއް ގެއިން އަނެއް ގެއިން، އެއް އެނދުން އަނެއް އެނދުން އެ ގޮތަށް އުޅޭ މައިންނާއި ދަރިން އެބަ އުޅޭ"ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހަރަދު ނުލިބިގެން އުޅޭ ބައެއް އަންހެނުން އެބަ އުޅޭ، މާލޭގައި ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅޭ ތަންތަނުން ތިން ހާސް ރުފިޔާ އަށް ބަންކް ބެޑެއް ކުއްޔަށް ނަގައިގެން ދަރިފުޅު ގޮވައިގެން،" ޝަފީއާ ވިދާޅުވި އެވެ.
"ގިނަ އަންހެނުންނަށް އެ މީހުންނަށް ލިބިފައި ހުރި ހުނަރެއް ބޭނުމެއް ނުކުރެވޭ އާމްދަނީ ހޯދާކަށް. އެއީ ދަރިފުޅުގެ ކަންކަން ކުރަން ވަގުތު ދޭން ޖެހޭތީ. އެހެންވީމާ އެ މީހުންގެ ދިރިއުޅުން ބައްޓަންވެފައި ހުންނަނީ ވަޒީފާއެއް އަދާކުރެވޭ ކަހަލަ ގޮތަކަށް ނޫން. ގޭގައި އިނދެގެން ކުރެވޭ، މިސާލަކަށް ޓިއުޝަން ދިނުން ނުވަތަ ފެހުން ކަހަލަ ކަމެއް ވެސް ކުރަން ޖާގަ ނެތިއްޔާ ކިހިނެއް ކުރާނީ؟"
ހަރަދު ނުދިނުމުގެ އަސަރު ކުދިންނަށް އެކި ގޮތްގޮތުން ފޯރާކަން ޝަފީއާ ފާހަގަކުރެއްވި އެވެ.
"ސްކޫލަށް ބޭނުންވާ އަސާސީ އެއްޗެހި ނުލިބިގެން ވެސް އެބަ އުޅެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
"މި ކަހަލަ ހާލަތްތަކުގައި، ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ކާނާ އާއި ބޭނުންވާ ސާފުތާހިރު އަދި ދުޅަހެޔޮ ދިރިއުޅުމެއް ނުލިބޭނެ. އަބަދުވެސް ހާސްކަމެއްގައި އުޅެން ޖެހޭނީ."
"ގާނޫނީ ނިޒާމް އޮތް ގޮތުން ވެސް ކައިވެނި ރޫޅިގެންދާ އިރު، ގިނަ ފަހަރު ދަރިން މި ދަނީ އަންހެންމީހާ އަށް ނުވަތަ އޭނާގެ އާއިލާ އަށް. އަނެއްކޮޅުން މުޖުތަމައުގައި ގަބޫލުކުރެވިފައި އޮންނަނީ ވެސް ވަރިވުމަށް ފަހު ދަރިން ބެލުމަކީ ހަމައެކަނި އަންހެންމީހާގެ ޒިންމާއެކޭ،" ޖީހާން ފާހަގަކުރެއްވި އެވެ.
ވަރި ނުވަތަ އެހެނިހެން ސަބަބުތަކާ ހެދި ވިޔަސް، ބައްޕަގެ ހިއްސާއެއް ނެތި ދަރިން ބަލަން ޖެހުމަކީ އަންހެނުންނަށް ފުރުސަތުތަކާއި ހައްގުތައް ނުލިބޭ ސަބަބަކަށް ވެ އެވެ.
"އަންހެނުންނަށް ޕަބްލިކް ސެކްޓާގައި މަސައްކަތްކުރަން ނުވަތަ ނުކުންނަން އޮތް އެންމެ ބޮޑު އެއް ހުރަހަކީ އެއީ،" ޝާދިޔާ ވިދާޅުވި އެވެ.
"ފިރިހެން މީހާ ލޯބިން އަނބިމީހާ ވެސް ބޭރަށް ވަޒީފާއަކަށް ފޮނުވަން ކިތަންމެ ބޭނުންވިޔަސް، ކުއްޖަކު ލިބުނީމަ ފާޑަކަށް މަޖުބޫރުވަނީ އަންހެންމީހާ އަށް. އެއީ ދަރިން ބެލުމުގެ ޒިންމާ އަންހެންމީހާ އަށް އެކަނި މުޖުތަމައު އިން އަޅުވާފައި އޮންނާތީ. އޭނާ މި ފޮނުވާލެވެނީ އިންފޯމަލް ސެކްޓާ އަށް. އެ ހިސާބުން އޭނާ އަށް މުސްތަގުބަލަށް އޮންނަ އިޖުތިމާއީ ރައްކާތެރިކަމުން ބޭރު މި ވެވެނީ."
ޝާދިޔާ ފާހަގަކުރެއްވި ގޮތުގައި ދަރިން ބެލުމަކީ "އަގުކުރަން ވެއްޖެއްޔާ ވަރަށް އަގު ބޮޑު ކަމަކަށް" ވިޔަސް އުޖޫރައަކާ ނުލައި އެ މަސައްކަތްކުރާ އަންހެނުންނަށް ވަނީ ރައްކާތެރިކަމެއް ނުލިބި، ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފަ އެވެ.
"ރިޓަޔަމެންޓް ޕެންޝަން ސްކީމް ލޯނަކަށް އެޕްލައިކުރިޔަސް އެއަށް ޖެހޭ ގަވާއިދުން އާމްދަނީއެއް ލިބެން. އެކަހަލަ އެއްވެސް ކަމަކަށް ޝަރުތު ހަމައެއް ނުވާނެ. މުއައްސަސާއެއްގައި ވަޒީފާ އަދާކުރީމާ، އުޖޫރަ ލިބޭ ގޮތަށް އަހަރީ ޗުއްޓީ އާއި ސަލާމްގެ ދުވަސްތައް އެބަ ލިބޭ. އެއީ ވެސް އިޖުތިމާއީ ރައްކާތެރިކަން. އެއިން ކަމެއް ވެސް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި ހައުސިން ސްކީމްތައް ވެސް އެބަ ހަދާ ވަކިވަކި ދާއިރާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން. އެހެންވީމާ ގޭތެރޭގައި މަސައްކަތްކުރަން ތިބޭ މީހުންނަށް ކިހާ ބޮޑު ޑިސްއެޑްވާންޓޭޖެއް؟ އެފަދަ ހައްގުތަކުގެ ވެސް އެންމެ ފުލަށް އެ މީހުން އެ ދަނީ."
ބައްޕައާ އެކު ދިރިނޫޅެވޭ އެކި ކުދިންނަށް މެދުވެރިވެފައި ހުންނާނީ އެކި ހާލަތްތަކެވެ. ޑރ. މާރިޔާ ފާހަގަކުރައްވާ ގޮތުގައި ތަފާސްހިސާބުން ފެންނަނީ ކަންބޮޑުވާ އަދަދުތަކެކެވެ. އަދި އެ އަދަދުތަކާ ގުޅޭ އިތުރު ދިރާސާތައް ބޭނުންވެ އެވެ.
"މި ގޮތަށް ވަކިން އުޅުމުގެ ނަތީޖާއަކީ ނުވަތަ އޭގެ އަސަރު ފޯރަނީ ކޮން ގޮތަކަށްތޯ ބެލުން ވެސް އެއީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
https://dhsprogram.com/pubs/pdf/FR237/FR237.pdf
ޑީއެޗްއެސް 2009
http://health.gov.mv/Uploads/Downloads//Publications/Publication(56).pdf
ޑީއެޗްއެސް 2016-17
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިޟް
16 January 2020
މީގަ ދެއަންބައް އިނދެފައި ވަރި ކޮއްފައި ދޮށީ އަނބި ގެ ނުފޫޒުން ދަރިފުޅު ދެކިލަން ވެސް ބައްޕަ އައް ނުދެވި އުޅޭ ކުދިންގެ ވާހަކަ ވެސް ހިމަނާލިނަމަ):
ކަރަމް
12 January 2020
ބައެއް އަންހެނުން އެބައުޅޭ ބައްޕައާއި ދަރިފުޅާ ދުރުކޮށްގެން. ނުފޫޒުން ހަދާނެ ގޮތެއްހަދަނީ. ދަރިފުޅަށް ވިސްނަދެނީ ބައްޕަައަކީ ނުލަފާމީހެއްކަން. މޮޅުމީހާ މޮޅު އިންސާފްނެތް ތަނެއްމީ
ފިރުުޓޭ
15 May 2019
އަނބިމީހާގެ ގެ ހަދާދީ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭ ހިސާބުން އަމިއްލަ ފައިމައްޗަށް ހަމަ ހިންދެމިލެވޭ ހިސާބުން، އެވީ ފިރިމީހާ ގޭން ނެރެ އެއްލާލަން! މީ ވަރަށް ގިނައިން ފެންނަ މަންޒަރެއް! ފިރިމީހާ އެހެން އަންހެނުން ގާތަށް ދަނިއްޔޭ ކިޔާފަ، މީ އެންމެ ގިނައިން ދައްކާ ހުއްޖަތް! އެކަމަކު ކޮންތާކު ޖެހެނީ، އަންހެން ދެން ހިތާ ވަނީ ކޮންމެވެސް މީހެއްގެ ފިރިޔަކާ! މީ އެއްކަލަ ކުދިންގެ ބަފާ، އެހެން އަންހެނުން ގާތަށް ދަނިއްޔޭ ކިޔާ ނެރެ އެއްލާލާ މީހުންގެ ހާލު!
އުފާ؟
14 May 2019
ތިބުނީ ބައްޕައާއެކު ދިރިއުޅުމުގެ ނަސީބު ނެތް ކުދީންނެ؟
ނޫސަންގު
11 May 2019
އިގްތިސާދީ އަދި މާލީ ގޯނާ އަކީ މައިންނާ އަދި ބަފައިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ. އެކަމަކު އެއީ ވާހަކަ ދައްކާ މައްސަލައެއް ނޫން.
ށ.އަތޮޅު މީހާ
11 May 2019
އަހަރެމެން ރަށަކު އަތޮޅަކު ވަޒީފާގެ ފުރުސަތެއް އޮތީކީ ނޫން. 14 ރަށުގަ މީހުން ދިރިއުޅޭއިރު އޮތީ އެންމެ ރިސޯޓެއް. ބަޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގިނަ ބަފައިން އުޅެނީ އަތޮޅުން ބޭރުގަ. ދެން ކިހިނެއް ދަރިންނާއެކު ދިރިއުޅޭނީ.
އުމަރުމަނިކު
11 May 2019
މިމުޖުތަމާއުގައި މިއަދު ފެނަން ހުރި އެންމެ ބޮޑު އެއްހަޤީޤަތަކީ ބައްޕަ އަދި މަންމައާއެކު ވެސް ދިރިއުޅުމުގެ އުފަލެއް ނެތް ކުދިން.. މަންމަ އަދި ބައްޕަ ދެމީހުން ވަޒީފާގައި ، ގޭމް ކުޅުމުގައި އަވަދިނެތި، ރައްޓެހިންނާއެކު ބޭރުގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ތަކުގައި މަޖާކުރުމުވުމުގައި އަވަދިނެތި ، ސިޔާސީ ހަރަކާތަކުގައި ނުވަތަ ރިސޯޓު ނުވަތަ ބޭރުގައުމުތަކުގައި ރައްޓެހިނާއެކު ޗުއްޓީ ހޭދަކުރުމުގައި އަވަދިނެތި. ހަލާލެއް ހަރާމެއް ބެލުމެއް ނެތި ދުނިޔޭގެ އުޅުން.
މަލާކާ
11 May 2019
ބައެއް ބައްޕައިން ހަދާގޮތެއް އެގޭތަ. ނުކުޅަދުންތެރިކަން ހުންނަ ކުއްޖަކުލިބިއްޖެނަމަ އަވަހަށް ފިލާނެ. ވަރަށްދެރަ
މަލާކޭ
02 September 2019
ބައެއް މައިން ހަދާގޮތެއް އެނގޭތަ ؟ ނުކުޅެދުންތެރި ކަން ހުންނަ ކުއްޖަކު ލިބިއްޖެއްޔާ މަރާލާނެ. ވަރަށް ދެރަ.
ދޮމްބޭބެ
10 May 2019
ބައްޕައާާ އެކު އުޅުމުގެ ފުރުސަތުނެތް ކުދިންގެ ނިސްބަތް ރާއްޖޭގަ މަދެކޭ ނުދެންނެވޭނެ. އެކަމް ކޮންމެ ތިން ކުއްޖަކުން އެއްކުއްޖެކޭ ބުނީމަ ތި ރިޕޯޓްގެ ސައްޙަކަމާމެދު ސުވާލު އުފެދޭ. ގަބޫލެއްނުކުރެވޭ ތިވަރުގެ ޢަދަދެއް އުޅޭނެކަމަކަށް.
ރިސޯޓް ބޯޢި
11 May 2019
ރިސޯޓް ބޯއިސްގެ ދަރިންވެސް ހިމެނޭނެ.
ހާމިދު ޝާހިދު
10 May 2019
ބަފާ ކަށަވަރު ނުވާ މައުސޫމް ކުދިންގެ ވާހަކަ މި ރިޕޯޓްގައި ނެތުން ވަރަށް ދެރަ. އެފަދަ ކުދިންގެ އަދަދުވެސް އިންތިހާއަށް ރާއްޖޭގައި ގިނަ. އެފަދަކުދިންނަށް އަދި ކުރިމަތިވާ ދިރިއުޅުމުގެ ޗެލެންޖަސްތަކާއި، ގޯނާވެސް މާ ބޮޑު.