15 މެއި 2019 - 08:34
ޝާހްރުކް ހާން ދެން ފިލްމަކުން ފެންނާނެ އިރެއް ނޭނގުނަސް، އެމެރިކާގެ ޓީވީ ހޯސްޓް އަދި ކޮމީޑިއަން ނެޓްފްލިކްސް އިން ގެނެސްދޭ ޑޭވިޑް ލެޓަމޭންގެ ޝޯގެ މެހުމާނެއްގެ ގޮތުގައި އޭނާ ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ މިދިޔަ އަހަރުން ފެށިގެން ނެޓްފްލިކްސް އިން ގެނެސްދޭ "މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރަކްޝަން" ގައި ޝާހްރުކް ފެނިގެންދާ އެޕިސޯޑްގެ ރިކޯޑިން މި މަހުގެ 16 ވަނަ ދުވަހު ނިއު ޔޯކްގައި ކުރިއަށް ދާނެ ކަމަށެވެ.
ބެލެވޭ ގޮތުން އެ އެޕިސޯޑްގައި ޝާހްރުކްގެ ކެރިއަރުގެ އެހާރާއި މިހާރުގެ ގިނަ ވާހަކަތަކެއް ހިއްސާކުރާނެ އެވެ. އަދި އެ އެޕިސޯޑްވެގެން ދާނީ އޭނާގެ ފޭނުން ވަރަށް އިންތިޒާރު ވެސް ކުރާނެ އެޕިސޯޑަކަށެވެ.
"މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރަކްޝަން" ގައި ބައިވެރިވެފައިވާ މަޝްހޫރު މީސްމީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، ނޯބެލް ޕްރައިޒް ހާސިލު ކުރި ޕާކިސްތާނުގެ މަލާލާ ޔޫސުފްޒާއީ، އެކްޓަރު ޖޯޖް ކްލޫނީ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ފިރިމީހާ/ރެޕާ ޖޭ-ޒީ ފަދަ ފަންނާނުން ޝަހުސިއްޔަތުން ހިމެނެ އެވެ.
ޝާހްރުކް އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޒީރޯ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
15 May 2019
ޝާހުރުކަށް ދެން ފިލްމެއް ނުކުޅެވޭނެ. އެކަމަކު ތިކަހަލަ ކަންތައްތަކަށް އޭނަ އަކީ ދުނިޔެއިންވެސް ފާހަގަ ކޮއްލެވޭނެ މީހެއް