ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރަނީ އުސޫލާ އެއްގޮތަށް ކަމަށް އެ ކޯޓުން ބުނޭ -- ފޮޓޯ/މިހާރު
16 މެއި 2019 - 14:37
ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ސިވިލް ކޯޓުން ކުރިއަށް ގެންދަނީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ބުނީ ދީބާޖާ ކުންފުންޏަށް 348 މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުން ބަލަމުންދަނީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ބާތިލް ކޮށްދޭން ކޯޓުގައި އެދިފައި ވާނެ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ 2015 ވަނަ އަހަރު ވެސް އެ ކޯޓަށް ހުށަހެޅި ކަމަށާއި އެކަމަކު ބަދަލު ދިނުމުގެ މައްސަލަ އޭރު އިސްތިއުނާފް މަރުހަލާގައި އޮތުމުން އެ މައްސަލަ އެވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ޖޫން، 2015 ގައި ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ އެފަދަ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް، އިސްތިއުނާފް މަރުހަލާ ނިމުމުން ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރަން ފަށަން ހަމަޖެހިފައިވާ މައްސަލައެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެހެން ގަޒިއްޔާތަކާ ތަފާތުނުވާނެ ގޮތުން ސިވިލް ކޯޓުގެ (ދީބާޖާ އަށް ބަދަލު ނަގައިދިނުމުގެ މައްސަލައިގެ ގަޒިޔާ) އަކީ ވެސް އިސްތިއުނާފް ނިމުމުން އަލުން ހުށަހެޅުމަކާ ނުލައި ކޯޓުން އިސްވެ ތަންފީޒަށް ފަށަން ޖެހި، މިގޮތުން ހުކުމް ތަންފީޒު ކުރުމަށް ފަށާފައިވާ މައްސަލަ އެކެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ހުކުމް ތަންފީޒު ކުރުމުގެ އުސޫލުގެ ދަށުން އެފަދަ މައްސަލަތަކަކީ ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަށް ފޮނުވަންޖެހޭ ބާވަތުގެ މައްސަލައެއް ނޫނެވެ. އަދި އެކަން އެ އުސޫލަށް ބެލުމުން ކޮންމެ މީހަކަށް ވެސް ސާފުވާނެ ކަމަށާއި ދީބާޖާގެ މައްސަލައަކީ ވެސް އެފަދަ މައްސަލައެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
"ހުކުމް ތަންފީޒު ކުރެވޭ ކޮންމެ މައްސަލައެއްގައި ވެސް އަމަލު ކުރަމުން ގެންދަނީ މައުޟޫއީ މައްސަލާގެ ހުކުމް ދެމި އޮތް ނަމަ، އެ ހުކުމް ތަންފީޒުވެ ނިމެންދެން ހުކުމް ތަންފީޒު ކުރުމަށް ކޯޓުން ފިޔަވަޅު ގެންދިއުމުގެ މައްޗަށް އަމަލު ކުރުމެވެ." އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައިވަނީ ދީބާޖާ މައްސަލާގެ ހުކުމް ތަންފީޒު މައްސަލާގެ ފުރަތަމަ އަޑުއެހުން އެ ކޯޓުން ސިއްރުކުރީ ގާނޫނު އަސާސީން ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެކަމަކު އެ މައްސަލާގައި ދެން ހުރި އަޑުއެހުންތައް ހުޅުވާލާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދީބާޖާއަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ހުކުމްކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ދީބާޖާއަށް ބަދަލު ދޭން 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ތާއީދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޓްމީހާ
20 May 2019
ތި ދިބާޖާ ކުންފުނީގެ ވެރިންގެ މައުލޫމާތު ގެނެސްދެން ނޫސްވެރިނަން ނުކެރެނީތަ؟ އެމް.ޑީ.ޕީ ގެ އެތެރެ ކޮއިލު ބޭފުޅެއް ވީމަ ނުކެރިގެން އުޅޭހެން ހީވަނީ.
ބޮޑުމީހާ
17 May 2019
ދީބާޖާ މައްސަލާގައި ހުކުމް ތަންފީޒުކުރަނީ އުސޫލާ އެއްގޮތަށް: ސިވިލް ކޯޓް. ކޯޓްތަކުން ކޮންއިރަކުތަ އުސޫލާ ޚިލާފަށް ކަމެއް ނިންމީ!
ހަބީބާ
17 May 2019
ލިބޭ އެއްޗެއް ބޮޑީ ދެއްތޯ؟
ކޮވެލި
16 May 2019
ޙުކުމް ކުރެވިދާނެ ކޮންމެ ގޮތަކަށް. ތިވަރުގެ ބަދަލެއްދޭން ޖެހޭ ވަރުގެ ކަމެއް ތި ކުންފުނިން ނުކުރޭ. މިހާރު ވާހަކަ ހުރި ގޮތުން ތިބަދަލު ދޭނެހެން ހީވަނީ. ޖީއެމްއާރަށް ދިން. ބިގް ކުންފުންޏަށް ދިން. ދެން ތި ބާޖާ އަށް ވެސް ދޭންވީތާ. ކޮމެންޓް ލިއާ ކުދިން ލިއެލިއެ ތިބޭނެތާ.
އިންސާފުދޮހޮއްކޮ
16 May 2019
ކަންހިނގާ ފައިވާގޮތަށް ބަލާއިރު، އަދި ޝަރުޢީ ކޯޓުތަކުގެ ހުކުމްތަކަށް ރިޢާޔަތްކޮށް އެއްޗެކޭ ބުނާނަމަ ބުނެވޭނީ ތިފައިސާ ވާނީ ދޭށޭ..ކުރާނެކަމެއްނެތް އެތާނީޖެނެރަލް ކިތަންމެ ކޯފާވިޔަސް ތިބަދަލު ނުދީ ވާނެގޮތެއް ދެންނެތް ...ތަންކޮޅެއް ލަސްވީ ދެއްތޯ؟
ނުދައްކާ ވާހަކަ
16 May 2019
ދީބާޖާގެ ތި އެގްރީމަންޓް އަކީ ރައީސް ނަޝީދު ސަރުކާރާއި އެކު ވެވުނު ސައްޙަ އެގްރީމެންޓްއެއް. ވެރިކަން ވެއްޓި ވަހީދު ސަރުކާރުން އެގްރީމަންޓް ބާތިލް ކުރީ އެއްވެސް މައްސަލައެއް ނެތި ނުހައްގުން. މިހާރު ބަދަލު ދޭން ވީމަ ރައީސް ނަޝީދަށް ވެސް ތިޔަ ބުނެވެނީ ވަހީދު ސަރުކާރުން އެގްރީމަންޓް ބާތިލް ކުރީ ރަގަޅަށޭ ބާ؟ ސުޕްރީމް ކޯޓުން ޙުކުމް ކުރީމަ ދެން ދައްކާނެ ވާހަކައެއް ނޯންނާނެ އަވަހަށް ހުކުމް ތަންފީޒު ކުރައްވާ ނޫނީ ވާނީ ޙުކުމަށް ގޮން ޖެއްސެވި ކަމަށް
އަލީގ
16 May 2019
ބަދަލު ދިނުމެއްނޫން މައްސަލައަކީ ބަދަލުގެ ގޮތުގަ ދޭންޖެހޭކަމައްބުނާ އަދަދު މައްސަލައަކީ. ސައްހަ އެގްރީމެންޓެއް ގާނޫނީ ބުރަދަނެއްނެތި ބާތިލުކުރާނަމަ އެލިބޭ ގެއްލުމެއްގެ ބަދަލު ނަގައިދޭންޖެހޭނެ އެކަމަކު އެއީ ލިބޭ ގެއްލުމުގެ ބަދަލު ހަމަ ހިތުހުރި އަދަދެއްނޫން ނޫނީ އެގްރީމެންޓު ދެމިއޮތްނަމަ އެގްރީމެންޓުގެ މުޅި މުއްދަތައްލިބޭނެ ކަމައް އަންދާޒާކުރާ އަދަދެއްވެސްނޫން. އެގްރީމެންޓުއޮތްނަމަ މަސައްކަތެއްވެސް ކުރަންޖެހުނީސްތާ ހަރަދުވެސް ކުރަންޖެހުނީސްތާ.
މުރާސިލް
16 May 2019
ދީބަޖާއަށްވެސް މިސަރުކާރު ހަވާލުވުމާއިއެކު އެހާބޮޑު އަދަދެއް ދިނުމަކީ އަދި ކުއްލިަކައް އުދަގޫ ކަމެއް، ހަމަ އެގޮތައް ޕީއެއް އެމް އިން މިސަރުކާރުގެ އެމްމެނުފޫޒުގަދަ 1 މިނިސްޓަރުގެ ކޮށްކޮ ކުންފުނަޏައް 5 މިލިޔަން ދޭންޖެހޭ ތަނަކަށް 70 މިލިޔަން ދޭން ނިމްމާ އޭގް ދެބައިކުލާއެއްބައި 35 މިލިޔަން ދިނުމަކީވެސް އެމްމެ ރަގަޅުކަމެއްނޫން.
އުދުހޭ
16 May 2019
ކޯޓުގައި މިއައްވުރެ ގިނަދުވަސްވެފައިވާ މައްސަލައެއް އޮތްތޯ ނުވަތަ ނެތްތޯ ނޫސްވެރިއަކު ސުވާލުކޮށްލަދީބަލަ!
ދަގަނޑު އަތް
16 May 2019
ހަލާކުވާ އިރު ވެސް ގޮތް ދޫނުކުރާ ތީ ހިތާމަ ކުރަމެވެ.
ލަމްއާ
16 May 2019
ދީބާޖާގެ ހުކުމް ތަންފީޒުު ނުވެގެން ތިއުޅެނީ. ގެއެއްގެ މައްސަލަގައި ސްޕްރީމް ކޯޓު މަރުހަލާ ނިމިގެން ހުކުމް ތަންފީޒު ނުކޮށްދޭތާ ކިތަންމެ ދުވަހެއް. ސިވިލް ކޯޓަށް ނިކަމެތިންގެ ހުކުމް ތަންފީޒު ނުވެ އެތައް ދުވަހެއް ވާއިރުވެސް ވަރިހަމަ