އިންޑިއާގެ އިންތިޚާބުގައި ވޯޓުލުމަށް 1.5 މިލިއަން އިލެކްޓްރޯނިކް ވޯޓިން މެޝިން ބޭނުން ކުރި. --ފޮޓޯ:އޭއެފްޕީ
21 މެއި 2019 - 13:54
ނިއު ދިއްލީ (މެއި 21) - އިންޑިއާގައި ނިމިގެން ދިޔަ އާއްމު އިންތިޚާބުގައި ވޯޓުލާން ބޭނުން ކުރި އިލެކްޓްރޯނިކް ވޯޓިން މެޝިންސް (އީވީއެމް) ގައި މައްސަލައެއް ނޫޅޭކަން ޔަގީން ކުރުމަށްޓަކައި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ހިނގައްޖެ އެވެ.
ބައެއް ސަރަހައްދުތަކުގައި ބޭނުންކުރި ވޯޓިން މެޝިންތަކުން ވޯޓު އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރީ ބުރާސްފަތި ދުވަހު ވޯޓު ގުނާއިރު ވީހާވެސް ދެފުށް ފެންނަ ގޮތަށް އެކަން ކުރުމަށް ޑިމާންޑް ކުރުމަށެވެ. އަދި ވޯޓު ރެކޯޑްކޮށްފައިވާ މެޝިންތަކަށް އެއްވެސް މީހަކަށް ނުކުޅެވޭނެކަމުގެ ޔަގީންކަން އިލެކްޝަންސުން ހޯދާށެވެ.
އުއްތަރަ ޕްރަދޭޝްގެ ގަޒިޕޫރްގެ ދާއިރާގެ އިދިކޮޅު ބަހުޖަން ސަމަޖް ޕާޓީގެ ކެންޑިޑޭޓަކު ވަނީ ވޯޓު މެޝިންތައް ބަހައްޓާފައި ހުރި ކޮޓަރީގެ ބޭރުގައި ހުރެ އިހުތިޖާޖްކޮށްފަ އެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި އެ މެޝިންތައް ވަނީ އެ ކޮޓަރިން ނެރެގެން ގެންދަން ބަޔަކު މަސައްކަތްކޮށްފަ އެވެ.
ޗަންދުއަލީ ދާއިރާގެ ސަމަޖްވާދީ ޕާޓީގެ ސަޕޯޓަރުން ވަނީ ވޯޓު ގުނާ ސްޓޭޝަންތަކަށް ހޯމަ ދުވަހު (ވޯޓުލުން ނިމުނުތާ އެއް ދުވަސްފަހުން) ވޯޓު މެޝިންތަކެއް ވައްދާ މަންޒަރުގެ މޯބައިލް ފޯނު ވީޑިއޯއެއް އާއްމުކޮށްފަ އެވެ. އެކަމަކު ބައެއް މީހުން ބުނަނީ އެއީ ރިޒާވް މެޝިންތަކެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓް މެޝިންތައް ބަހައްޓާފައި ވަނީ ރައްކާތެރިކަމާ އެކު ކަމަށެވެ.
ވޯޓު މެޝިންތަކާ ގުޅޭ ތުހުމަތުތައް ކޮށްފައި ވަނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކާފައި ވަނިކޮށެވެ. އެކަމަކު އިދިކޮޅު ޕާޓީތަކުން ބުނެފައި ވަނީ އެގްޒިޓް ޕޯލްއަކީ އިތުބާރު ކުރެވޭ އެއްޗެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލޯ
21 May 2019
ގެރިއެއްބުރަކަށިމަތީގައި ވޯޓް މެޝިން އުފުލީ އެހެންނާ އިލެކްޓްރޯނިކް މެޝިނަކާ ކުޅެވިދާނެ އެހެންތަނަކަށް ނުގެންގޮސްވެސް
މިގޭ
21 May 2019
އީސީ ޝަރީފް ކައިރިއަށް ދިޔާމާ ހައްލުވާނެ.