ތުރުކީން ވަނީ ސީރިއާގެ ސަރަހައްދީ ރޮނގު ކައިރީގައި މިދިޔަ މަހު 24 އިން ފެށިގެން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި. --ފޮޓޯ:އޭއެފްޕީ
05 ސެޕްޓެމްބަރ 2016 - 09:50
އަންކާރާ (ސެޕްޓެމްބަރު 5) - ސީރިއާ އާއި ތުރުކީ ގުޅޭ ސަރަހައްދީ ރޮނގުގެ ސަރަހައްދުން އިސްލާމިކް ސްޓޭޓް (އައިއެސް) ފައްސާލެވިއްޖެ ކަމަށް ތުރުކީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދިރިމް ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރު ވިދާޅުވީ ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ހަމަލާތަކުގައި ސަރަހައްދީ ރޮނގު ހިމެނޭ ހިސާބުތައް ސާފުކޮށްލެވުމުން އައިއެސްގެ ހަނގުރާމަ އަށް އެތެރެކުރާ މީހުންނާއި ހަތިޔާރުގެ ސަޕްލައި ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
އަނެއްކޮޅުން ސީރިއާ ސަރުކާރު ސިފައިން ވަނީ ހަލަބު ސިޓީން ކުރިން ގެއްލުނު ސަރަހައްދުތައް އަލުން ހިފައިފަ އެވެ. ސީރިއާ ސަރުކާރުން ބުނެފައި ވަނީ ހަލަބު ސިޓީ އެކުގައި ހިފުމަށް ދެން މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.
ސަރަހައްދީ ރޮނގު ކައިރިން އައިއެސް ފައްސާލެވިއްޖެކަން ޔިލްދިރިމް އިއުލާން ކުރެއްވީ ތުރުކީގެ އަސްކަރީ ކާމިޔާބީތަކާ ގުޅޭ ގޮތުން ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގްރީރެއްގަ އެވެ.
ސީރިއާ އާއި ތުރުކީ ގުޅޭ ސަަރަހައްދީ ރޮނގު އަންގައިދޭ ޗާޓެއް.
"ސީރިއާއާ ގުޅިފައިވާ 91 ކިލޯ މީޓަރުގެ ދިގު ސަރަހައްދީ ރޮނގު، އަޒާޒް އިން ޖަރާބްލުސްއާ ހަމައަށް މި ވަނީ އައިއެސްގެ ކިބައިން ސާފުކޮށްލެވިފައި،" ޔިލްދިރިމް ވިދާޅުވި އެވެ. "ހުރިހާ ޓެރަރިސްޓް ޖަމާއަތްތަކެއް ފައްސާލެވިއްޖެ."
އައިއެސްގެ އިތުރުން ތުރުކީން ގަބޫލް ކުރަނީ ސީރިއާގެ ކުރުދީ ޖަމާއަތެއް ކަމަށްވާ ވައިޕީޖީ އަކީ ވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. މި ޖަމާއަތުން ދަނީ އެމެރިކާގެ ވައިގެ ހަމަލާތަކުގެ އެހީއާ އެކު ސީރިއާގެ އުތުރުގެ ސަރަހައްދުތައް ހިފަމުންނެވެ. ޔިލްދިރިމް ވިދާޅުވީ ސީރިއާގެ އުތުރުގައި އާޓިފިޝަލް ދައުލަތެއް ގާއިމްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ސީރިއާގެ ސަރަހައްދުގެ ތެރޭގައި ތުރުކީން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާތާ ދުވަސްކޮޅެއްވެއްޖެ އެވެ. މިދިޔަ މަހު 24 ގައި ފެށި މި އޮޕަރޭޝަނުގައި ތުރުކީން ވަނީ ގިނަ އަދަދެއްގެ ޓޭންކާއި ބަރު ހަތިޔާރު ބޭނުންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީޕީ
05 September 2016
މި ހުރިހާ ދުވަހުވެސް ތިކަންތައް ކުރެވުނީސް. ތުރުކީން މިހާރު ތިކަން ތިކުރީ ދެސަބަބަކަށް. 1. ކުރުދީން ބާރުގަދަ ވާހެން ހީވީމަ 2. އައިސިސް އަތުގަ މިހާރު އެހާ އަގުހެޔޮކޮށް ވިއްކާނެ ތެލެއް ނެތް.