ދުނިޔެ / ހޮންކޮންގް

ބިލަކާ ދެކޮޅަށް ހޮންގް ކޮންގްގައި ބޮޑެތި މުޒާހަރާތަކެއް

ލެޖިސްލޭޓިވް ކައުންސިލްގެ ބޭރުގައި މުޒާހަރާކުރަނީ: މިއީ ހޮންގް ކޮންގްގައި މިހާތަނަށް ފެނުނު އެންމެ ބޮޑެތި މުޒާހަރާތައް

12 ޖޫން 2019 - 10:34

ކުށުގައި ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ގާނޫނަށް ގެންނަން އުޅޭ ބަދަލުތަކާ ދެކޮޅަށް ހޮންގް ކޮންގްގައި ފަށައިގެން އުޅޭ މުޒާހަރާ ބޮޑުވެ، އެންމެ ފަހުން ބިލަށް ބަހުސްކުރުން ފަސްކޮށްފި އެވެ.

އެތައް ހާސް ބަޔަކު ނުކުމެ ސަރުކާރު އޮފީސްތަކުގެ ވަށައިގެންވާ މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ފުލުހުން ގެންދަނީ ޕެޕާ ސުޕްރޭ ޖަހަމުން، މީހުން ދުރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ފުލުހުން ބުނާ ގޮތުގައި ބާރުގެ ބޭނުން ކުރަން އެ މީހުން ތިބީ ތައްޔާރުވެގެންނެވެ.

ހޮންގް ކޮންގްގެ ލެޖިސްލޭޓިވް ކައުުންސިލް (ލެގްކޯ) އިން ނެރުނު ބަޔާނެއްގައި ބުނީ ބިލްގެ ދެވަނަ ކިޔުން މިހާރު ވަނީ ފަސްކޮށްފައި ކަމަށެވެ.

ޗައިނާ ސަރުކާރާ އެއްކޮޅު މީހުންގެ މެޖޯރިޓީ އޮންނަ ލެގްކޯ އިން ބުނި ގޮތުގައި ބިލްގެ ކިޔުން ދެން އޮންނާނެ ދުވަހެއް މެމްބަރުންނަށް ފަހުން އަންގާނެ އެވެ.

ޗައިނާގެ ދަށަށް 1997 ގައި ހޮންގް ކޮންގް ދިޔަ ނަމަވެސް ޗައިނާގެ އެހެން ހިސާބުތަކަށް ވުރެ އެތަނުގެ މިނިވަންކަން ބޮޑެވެ. އަދި ޝަރުއީ ނިޒާމް ވެސް ފުރިހަމަވެފައި، މީޑިއާގެ މިނިވަންކަން ވެސް އޮވެ އެވެ. މުޒާހަރާކުރުމާއި ހައްގުތަކަށް ވަކާލާތުކުރުމަކީ ވެސް، ކުރިން އިނގިރޭސިންގެ ދަށުގައި އޮތް ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ ހޮންގް ކޮންގްގައި ހުއްދަ ކަންކަމެވެ.

އެކަމަކު ޗައިނާގައި އެއިން އެއްވެސް ކަމެއް ނުކުރެވެ އެވެ. އަދި ޗައިނާގެ ޝަރުއީ ނިޒާމަކީ މިނިވަން ދާއިރާއެއް ނޫނެވެ. އެހެންކަމުން، ތުހުމަތުކުރެވޭ މީހާގެ ހައްގުތައް، ޑިމޮކްރެޓިކް ތަންތަނުގައި ހިމާޔަތްވާ ގޮތަށް، ޗައިނާގައި ހިމާޔަތެއް ނުވެ އެވެ.

މިހާރު ބަހުސްކުރަމުން އަންނަނީ ކުށްވެރިން ބަދަލުކުރުމާ ބެހޭ ގާނޫނަށް ގެންނަން އުޅޭ އިސްލާހުތަކާ ބެހޭ ބިލެކެވެ. ބިލާ ދެކޮޅު މީހުން ބުނާ ގޮތުގައި ޗައިނާގެ ޝަރުއީ ނިޒާމުގައި ބާރުގެ ބޭނުންކޮށްގެން ކުށްކުށަށް މީހުން އެއްބަސްކުރުވުމާއި ހެކި ނެތަސް މީހުން ހައްޔަރުކުރުމުގެ އިތުރުން އަނިޔާކުރުން ވެސް އޮވެ އެވެ.

ހޮންގް ކޮންގް ސަރުކާރުން ބުނާ ގޮތުގައި ހަވާލުކުރާ މީހުންގެ އިންސާނީ ހައްގުތައް ކަށަވަރުކުރެވޭނެ ގޮތްތައް ގާނޫނުގައި ހަމަޖައްސާނެ އެވެ. އަދި އާންމުން ކަންބޮޑުވާ ކަންކަމަށް ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ބިލްގައި ހިމެނޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ހޮންގް ކޮންގްގައި ކުރިއަށް ދާ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން ބޭނުންކޮށްފާނެ ބާރަކަށް ތައްޔާރުވެގެން

އެކަމަކު އެ ޔަގީންކަން ދިނަސް މިހާރު ހޮންގް ކޮންގް އިން ފެންނަނީ ޗައިނާއާ އެތަން ހަވާލުކުރި ފަހުން ކުރި އެންމެ ބޮޑެތި މުޒާހަރާތަކެވެ. މި މުޒާހަރާތަކުގައި ގިނައިން ބައިވެރިވަނީ ޒުވާނުންނާއި ދަރިވަރުންނެވެ.

ބިލާ ދެކޮޅަށް ހޮންގް ކޮންގް ވަރަށް ގިނަ ދާއިރާތަކުން ގެންދަނީ އަޑުއުފުލަމުންނެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ގާނޫނީ ވަކީލުންނާއި ވިޔަފާރިވެރިން ހިމެނެ އެވެ. އެ މީހުން ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް އެތައް ސަތޭކަ ޕެޓިޝަނެއް ހުށައަޅައިފަ އެވެ.

ސަތޭކައަށް ވުރެ ގިނަ ވިޔަފާރިތަކުން ބުނީ މިނިވަންކަމަށް ގޮވާލާ މުޒާހަރާތަކަށް މުވައްޒަފުން ދޫކުރުމުގެ ގޮތުން ތަން ބަންދުކުރާނެ ކަމަށެވެ. އަދި 4،000 އަށް ވުރެ ގިނަ ޓީޗަރުން ބުނާ ގޮތުގައި އެ މީހުން ހަޅުތާލު ވެސް ކުރާނެ އެވެ.

މުޒާހަރާތައް އިންތިޒާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިދިއަ އާދިއްތަ ދުވަހު މިލިއަނަކަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުތެވެ. އެކަމަކު ފުލުހުން ބުނާ އަދަދަކީ 240،000 އެވެ.

ސުލްހަވެރިކަމާ އެކު އެ ބޮޑު މުޒާހަރާ ނިމުނަސް އޭގެ ފަހުން ފުލުހުންނާއި މުޒާހަރާގެ ބައެއް ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގައި، ބައެއް މީހުން ޒަހަމްވި އެވެ.

ހޮންގް ކޮންގްގެ ޗީފް އެގްޒެކްޓިވް ކެރީ ލެމްއަކީ ޗައިނާއާ އެއްކޮޅު ބޭފުޅެކެވެ. އޭނާ ވަނީ މުޒާހަރާތަކާއި ހަޅުތާލުތަކާ މެދު އިންޒާރު ވެސް ދެއްވައިފަ އެވެ. ސްކޫލްތަކާއި ބެލެނިވެރިންނާއި ޔޫނިއަންތަކާއި ވިޔަފާރި ކުންފުނިތަކަށް އޭނާ ގޮވާލެއްވީ އެފަދަ ހައްދުން ނެއްޓޭ ފިޔަވަޅުތަކަކަށް މަރުހަބާ ކިޔާ ނަމަ އެކަމާ މެދު ސީރިއަސްކޮށް ވިސްނުމަށެވެ.

ގާނޫނަށް އިސްލާހު ގެންނަނީ ކީއްވެ؟

މިހާރު ގެންނަން އުޅޭ އިސްލާހުތަކުގައި ވާ ގޮތުން ޗައިނާ އާއި ތައިވާން އަދި މަކާއޯގެ ރަސްމީ ފަރާތްތަކުން އެދިއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ އެތަންތަނާ ހަވާލުކުރަން ޖެހޭނެ އެވެ. މި ބަދަލު ގެންނަން އުޅެނީ މިދިއަ އަހަރުގެ ފެބްރުއަރީ މަހު ހޮންގް ކޮންގްގެ 19 އަހަރުގެ ފިރިހެނަކު އޭނާގެ 20 އަހަރުގެ ލޯބިވެރިޔާ ތައިވާންގައި މަރާލިކަމުގެ ތުހުމަތު އެޅިފައި އޮއްވާ ފިލައިގެން ހޮންގް ކޮންގް އަށް ދިޔުމުންނެވެ. އޭރު ދެ މީހުން ގެންދިޔައީ އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ލޯބިވެރިޔާ މަރާލި އިރު އޭނާ އިނީ ބަލިވެ އެވެ.

ފިރިހެންމީހާ ތައިވާނާ ހަވާލުކުރަން ތައިވާނުން އެދުނު ނަމަވެސް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ހެދިފައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

މިހާރު އޮތް ގާނޫނަށް އިސްލާހު ގެނަޔަސް ހޮންގް ކޮންގްގެ ރަސްމީ ފަރާތްތަކުން ބުނީ އެގޮތަށް ހަވާލުކުރާ މީހުންނާ މެދު ގޮތެއް ނިންމާނީ ހޮންގް ކޮންގްގެ ކޯޓުތަކުން ކަމަށެވެ. އަދި އާންމުންގެ ރުހުން ހޯދުމުގެ ގޮތުން ބިލަށް ވަނީ އެހެން ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެއީ މަދުވެގެން ހަތް އަހަރުގެ ހުކުމެއް ނާންނަ އެއްވެސް ކުށެއްގެ ތުހުމަތުގައި މީހުން ޗައިނާއާ ހަވާލުނުކުރުމެވެ. އަދި ސިޔާސީ ގޮތުންނާއި ދީނީ ކަންކަމާ ގުޅުވައިގެން އެއްވެސް މީހަކު ފޮނުވާނުލާނެ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ހޮންގް ކޮންގް އާއި ޗައިނާގެ ދެ ނިޒާމް

އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ. އެކަމަކު ބޭސިކް ލޯގެ މުއްދަތަކީ 50 އަހަރެވެ.

މިހާތަނަށް ވެސް ހޮންގް ކޮންގް ހިންގަމުން އަންނަނީ "އެއް ގައުމެއް، ދެ ނިޒާމެއް"ގެ އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން ހޮންގް ކޮންގްގައި މިނިވަން ޝަރުއީ ނިޒާމެއް އޮވެ އެވެ. އަމިއްލަ ގާނޫނުތައް ހެދެ އެވެ. އިގުތިސާދީ ނިޒާމް ތަފާތެވެ. އަދި ފައިސާގެ ގޮތުގައި ހޮންގް ކޮންގް ޑޮލަރު ބޭނުންކުރެވެ އެވެ.

ޗައިނާއަށް ބާރު ލިބެނީ ހާރިޖީ ގުޅުންތަކާއި ދިފާއީ ބައިގަ އެވެ. އަދި ޗައިނާ އާއި ހޮންގް ކޮންގްއާ ދެމެދު ދަތުރުކުރަން ވިސާ ނުވަތަ ހުއްދައެއް ބޭނުންވެ އެވެ.

ބޭސިކް ލޯގެ މުއްދަތު 2047 ގައި ހަމަވުމުން ހޮންގް ކޮންގްގެ އެތެރޭގެ މިނިވަންކަމާ މެދު ވާނެ ގޮތެއް ސާފެއް ނޫނެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454