ދުނިޔެ / ހޮންކޮންގް

ހޮންގް ކޮންގްގެ މުޝީރުން އެދެނީ ބިލް ފަސްކުރަން

ހޮންގް ކޮންގްގެ ލީޑަރު ކެރީ ލެމް: ޗައިނާއާ އެއްކޮޅު ލެމް ބޭނުންވަނީ ބިލްގެ ކަންކަން ކުރިޔަށް ގެންދަން

14 ޖޫން 2019 - 20:22

ހޮންގް ކޮންގްގައި ބޮޑެތި މުޒާހަރާތަކުގެ ސަބަބު ކަމަށްވި ކުށްވެރިން ބަދަލުކުރުމާ ބެހޭ ބިލްގެ ބަހުސް ފަސްކުރަން، ޗީފް އެކްޒެކްޓިވް ކެރީ ލެމްގެ ބައެއް މުޝީރުން މިއަދު އެދިވަޑައިގެންފި އެވެ. އެކަމަކު ބިލްގެ ކަންކަން ފަސްކޮށްފާނެކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ.

މިދިއަ އާދިއްތަ ދުވަހާއި ބުދަދުވަހު ހޮންގް ކޮންގްގައި ވަނީ މިހާތަނަށް ފެނުނު އެންމެ ބޮޑެތި މުޒާހަރާތައް ބާއްވައިފަ އެވެ. ސަރުކާރުގެ އޮފީސްތަކަށް ދާން އޮންނަ މަގުތައް ބަންދުކޮށްގެން އެތައް ހާސް ބަޔަކު އެއްވި އެއްވުންތައް ރޫޅާލީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 20 ފުލުހުންނާއި އާންމުންގެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.

ފުލުހުން ބުނާ ގޮތުގައި 11 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިނގިރޭސިންގެ އަތްދަށުގައި ސައްތައަކަށް ވުރެ ގިނަ އަހަރު އޮތުމަށް ފަހު 1997 ގައި ޗައިނާއާ ހޮންގް ކޮންގް ހަވާލުކުރިިޔަސް ޗައިނާގައި ލިބިދޭ މިނިވަންކަމަށް ވުރެ ބޮޑު މިނިވަންކަމެއް ހޮންގް ކޮންގްގެ ރައްޔިތުންނަށް އޮވެ އެވެ.

ހޮންގް ކޮންގްގެ ރައްޔިތުންގެ ރުޅުވެރިކަން ބޮޑުވެގެން އުޅެނީ ކުށްވެރިން ބަދަލުކުރުމާ ބެހޭ ގާނޫނަށް ގެންނަން އުޅޭ އިސްލާހެއްގެ ސަބަބުންނެވެ. އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކާ އެކު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުން ހޮންގް ކޮންގް އިން ހަދާފައިވިޔަސް ޗައިނާއާ އެކު އެފަދަ އެއްބަސްވުމެއް ނެތެވެ. ގެންނަން އުޅޭ އިސްލާހުގެ މައިގަނޑު އަމާޒަކީ ބައެއް ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ބިލްގެ ދެވަނަ ކިޔުން މިދިއަ ބުދަދުވަހަށް ތާވަލްކޮށްފައި އޮތަސް މުޒާހަރާގެ ކަންކަން ބޮޑުވެގެން އެކަން ވަނީ ފަސްކޮށްފަ އެވެ. ކަރުނަ ގޭހާއި ރަބަރު އުއްޑަ ޖަހައިގެން މުޒާހަރާގެ ބައިވެރިން ދުރުކުރުމުގެ މަސައްކަތް ފުލުހުން ފެށީ، ސަރުކާރުގެ އޮފީސްތަކަށް އާންމުން ވަދެގަންނަން އުޅުމުންނެވެ.

ޗައިނާއާ އެއްކޮޅު ލެމް ހުންނެވީ މުޒާހަރާގެ ބައިވެރިންގެ އަޑު އައްސަވާ ކަހަލަ ގޮތަކަށެއް ނޫނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިހާރު ކުރިއަށް ދަނީ ހަމަނުޖެހުން އުފެއްދުމުގެ އެއްވުންތަކެކެވެ.

ލެމްގެ އިސް އެއް މުޝީރު ކަމަށްވާ ބާނާޑް ޗެން ވިދާޅުވީ އެހާ "ހޫނު ބައިބައިވުންތަކެއް" އޮތް އިރެއްގައި ބިލްގެ ކަންކަން ކުރިއަށް ގެންދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެންކަމުން ބިލްގެ ބަހުސް ފަސްކުރަން އޭނާ އެދިވަޑައިގަތެވެ.

ހޮންގް ކޮންގް އެގްޒެކްޓިވް ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޗެންގެ ނަޒަރުގައި މިވަގުތު ބިލްގެ ބަހުސް ކުރިއަށް ގެންގޮސް ވޯޓަކަށް އަހައިގެންނުވާނެ އެވެ.

"އެހާ ހޫނު ބައިބައިވުންތަކެއް އޮތުމާ އެކު އެ މައްސަލައާ މެދު ވާހަކަ ދެއްކުމަކީ އެހާ އުނދަގޫ ކަމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ބުދަދުވަހު ހޮންގް ކޮންގްގައި އޮތް މުޒާހަރާގެ ބައިވެރިން

އެގްޒެކްޓިވް ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މުޝީރެއް ކަމަށްވާ ލެމް ޗިންގް-ޗޮއި ވިދާޅުވި ގޮތުގައި ބިލްގެ ކަންކަން ފަސްކޮށްގެން ލެމްއަށް ޕޮއިންޓްތަކެއް ގެއްލުމުގެ ބަދަލުގައި ޕޮއިންޓް އިތުރަށް ލިބިވަޑައިގަންނަވާނީ އެވެ.

އެކަމަކު އެހެން މުޝީރުންގެ ނަޒަރުގައި ބިލްގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ އެވެ.

ލެމް އާއި އޭނާގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވި ގޮތުގައި ކުށްވެރިންގެ ހާއްޔެއްގެ ގޮތުގައި ހޮންގް ކޮންގް ވުން ބިލްގެ ސަބަބުން ހުއްޓޭނެ އެވެ.

އެކަމަކު ހޮންގް ކޮންގްގެ ގިނަ މީހުން ދެކެނީ ގާނޫނަށް ގެންނަ ބަދަލަށް ފަހު ހޮންގް ކޮންގްގައި ތިބޭ ޗައިނާއާ ދެކޮޅު މީހުންގެ ބޮލުގައި ތުހުމަތުތައް އެޅި ޗައިނާއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

ގާނޫނަށް އިސްލާހު ގެންނަނީ ކީއްވެ؟

މިހާރު ގެންނަން އުޅޭ އިސްލާހުތަކުގައި ވާ ގޮތުން ޗައިނާ އާއި ތައިވާން އަދި މަކާއޯގެ ރަސްމީ ފަރާތްތަކުން އެދިއްޖެ ނަމަ ތުހުމަތުކުރެވޭ މީހާ އެތަންތަނާ ހަވާލުކުރަން ޖެހޭނެ އެވެ. މި ބަދަލު ގެންނަން އުޅެނީ މިދިއަ އަހަރުގެ ފެބްރުއަރީ މަހު ހޮންގް ކޮންގްގެ 19 އަހަރުގެ ފިރިހެނަކު އޭނާގެ 20 އަހަރުގެ ލޯބިވެރިޔާ ތައިވާންގައި މަރާލިކަމުގެ ތުހުމަތު އެޅިފައި އޮއްވާ ފިލައިގެން ހޮންގް ކޮންގް އަށް ދިޔުމުންނެވެ. އޭރު ދެ މީހުން ގެންދިޔައީ އެކުގައި ޗުއްޓީ ހޭދަކުރަމުންނެވެ. އަދި ލޯބިވެރިޔާ މަރާލި އިރު އޭނާ އިނީ ބަލިވެ އެވެ.

ފިރިހެންމީހާ ތައިވާނާ ހަވާލުކުރަން ތައިވާނުން އެދުނު ނަމަވެސް ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ހެދިފައި ނެތުމުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

މިހާރު އޮތް ގާނޫނަށް އިސްލާހު ގެނަޔަސް ހޮންގް ކޮންގްގެ ރަސްމީ ފަރާތްތަކުން ބުނީ އެގޮތަށް ހަވާލުކުރާ މީހުންނާ މެދު ގޮތެއް ނިންމާނީ ހޮންގް ކޮންގްގެ ކޯޓުތަކުން ކަމަށެވެ. އަދި އާންމުންގެ ރުހުން ހޯދުމުގެ ގޮތުން ބިލަށް ވަނީ އެހެން ބަދަލުތަކެއް ވެސް ގެނެސްފަ އެވެ. އެއީ މަދުވެގެން ހަތް އަހަރުގެ ހުކުމެއް ނާންނަ އެއްވެސް ކުށެއްގެ ތުހުމަތުގައި މީހުން ޗައިނާއާ ހަވާލުނުކުރުމެވެ. އަދި ސިޔާސީ ގޮތުންނާއި ދީނީ ކަންކަމާ ގުޅުވައިގެން އެއްވެސް މީހަކު ފޮނުވާނުލާނެ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ހޮންގް ކޮންގް އާއި ޗައިނާގެ ދެ ނިޒާމް

އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ. އެކަމަކު ބޭސިކް ލޯގެ މުއްދަތަކީ 50 އަހަރެވެ.

އިނގިިރޭސންގެ އަތްދަށުގައި 1841 އިން ފެށިގެން 1997 އާ ހަމައަށް އޮތް ހޮންގް ކޮންގް ޗައިނާއާ ހަވާލުކުރީ، ޗައިނާގައި އޮންނަ ނިޒާމްތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން، ބޭސިކް ލޯގެ ގޮތުގައި މަޝްހޫރު ކުޑަ ގާނޫނުއަސާސީއަކުން، ކަށަވަރުކޮށްފަ އެވެ. އެކަމަކު ބޭސިކް ލޯގެ މުއްދަތަކީ 50 އަހަރެވެ.

މިހާތަނަށް ވެސް ހޮންގް ކޮންގް ހިންގަމުން އަންނަނީ "އެއް ގައުމެއް، ދެ ނިޒާމެއް"ގެ އުސޫލުތަކުގެ ދަށުންނެވެ. އެގޮތުން ހޮންގް ކޮންގްގައި މިނިވަން ޝަރުއީ ނިޒާމެއް އޮވެ އެވެ. އަމިއްލަ ގާނޫނުތައް ހެދެ އެވެ. އިގުތިސާދީ ނިޒާމް ތަފާތެވެ. އަދި ފައިސާގެ ގޮތުގައި ހޮންގް ކޮންގް ޑޮލަރު ބޭނުންކުރެވެ އެވެ.

ޗައިނާއަށް ބާރު ލިބެނީ ހާރިޖީ ގުޅުންތަކާއި ދިފާއީ ބައިގަ އެވެ. އަދި ޗައިނާ އާއި ހޮންގް ކޮންގްއާ ދެމެދު ދަތުރުކުރަން ވިސާ ނުވަތަ ހުއްދައެއް ބޭނުންވެ އެވެ.

ބޭސިކް ލޯގެ މުއްދަތު 2047 ގައި ހަމަވުމުން ހޮންގް ކޮންގްގެ އެތެރޭގެ މިނިވަންކަމާ މެދު ވާނެ ގޮތެއް ސާފެއް ނޫނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454